ދިނަށަ

  • ޝާއިޢުކުރި ތާރީޚް: 13 07 2010
  • މިލިޔުން ކިޔާފައިވާ އަދަދު: 346

މުރާސިލްގައި ޝާއިއުކުރެވޭ ލިޔުންތަކަކީ އެންމެން ބަލައިގަންނަ ލިޔުންތަކަކަށް ހެއްދެވުމަށް އެހީތެރިވެދެއްވާ!
މިލިޔުމަކީ މުރާސިލްގައި ޖަހަން އެކަޝީގެން ނުވާ ލިޔުމެއްނަމަ އަޅުގަނޑުމެނަށް އަންގަވާ!
މިލިޔުން ރިޕޯޓުކުރެއްވުމަށް

މަޑަވެލީ ރައްޔިތުންގެ އިންޖީނުގެ- ސަރުކާރުގެ ޛައްރެއްގެ މިންވަރުވެސް ނުހިމެނޭ ރައްޔިތުންގެ ހައްގެއް

ސުރުޚީގައި މިހެން މިލިޔެލަނީ އުފަލުންނެވެ. އަޅުގަނޑު ހަނދާންހުންނަނީ ރަށުގައި ކިޔަވަން އުޅުނު ދުވަސްވަރު ފުޅިބައްތީގެ އަލީގައި ކިޔެވި ހަނދާނެވެ. ނުކިޔަވަން އުޛުރެއް ދައްކަން ނޭނގޭކަމަށް ހަދާފައި ފުޅިބައްތީގެ ހުޅުކޮޅުވެސް މަޖަލަކަށް ނިއްވާލަމެވެ. އެދުވަސްވަރުގައި ރަށުގެ ކޮންމެ މަޔަކުއަދި ބަފަޔަކު، އަދި މަޑަވެލީގެ ބިމުގައިވާ ކޮންމެ ވެލިފުކެއްގެ އުއްމީދުކުރަމުން އައީ ރަށުގައި ކޮންމެވެސް ސިފައެއްގައި ކަރަންޓުގެ ޚިދުމަތް ލިބޭނެ ދުވަހަކަށެވެ.

މިފުރުސަތުގައި ރައްޔިތުންނަށް ދަތިހާލުގައި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިން ރުއްދޮށުގެ ޢަބްދުﷲ އިބްރާހީމްގެ (ޢަބްދުﷲ ބެއްޖާ، މާފޮޅޭގެ) ފުރާނައަށް ރަހްމަތްލެއްވުން އެދި ދުޢާކުރަމެވެ. އޭނާއަކީ ރައްޔިތުންނަށް ޚިދުމަތްތަކެއް ފޯރުކޮށްދިން މީހެކެވެ.

މަޑަވެލީގެ ރައްޔިތުން ކަރަންޓުގެ ޚިދުމަތަށް ފާޅުގައި ގިނަ މަސައްކަތްތަކެއް ކުރިއެވެ. މިލިޔުމުގައި މިބަލާލަނީ ރައްޔިތުންގެ އަތުން ޗަންދާ ނެގުނު ހިސާބުން ފެށިގެން ކަރަންޓުގެ ޚިދުމަތް ޔޫޓިލިޓީސް ކުންފުންޏަށް މަޑަވެލީގެ ބަޔަކު ހިބައިން ދިނުމާ ހަމައަށެވެ.

މަޑަވެލީގައި ކަރަންޓުލުމަށް ރައްޔިތުންވި އަގުހުރި ގުރުބާނީގައި އެންމެ ފާހަގަކުރެވެނީ ކޮންމެ ގެއަކުން ޗަންދާއެއްގެ ގޮތުގައި 300 ރުފިޔާ އެކަމުގައި އިސްކޮށް އުޅުނު މީހުންނާއި ޙަވާލުކުރިކުރުމެވެ. މިކަމުގައި ފަގީރެއް މުއްސަންޖެއް ތަފާތެއް ނުވެއެވެ. ރަށުން ބޭރުގައި އަދި ރަށުގައި އުޅޭ މީހަކަށް ތަފާތެއް ނުކުރެއެވެ. ކޮންމެ ގެއަކުން ފައިސާ ލިބުނުކަމުގައިވިޔަސް، އިންޖީނުގެ އެޅުމާއި، އިންޖީނުގޭގެ އެހެނިހެން ޚަރަދު ބަރަދު ހަމަޖެއްސުމަށް ބޭނުންވާ ފައިސާ ހަމަނުވިއެވެ. އިސްކޮށް އުޅުނުމީހުންގެ ލަފާގެ މަތިންނާއި، އެކުވެރިކަމުގެ ރޫހު ރަށުގައި އޮތްވަރުން އަންހެނުންގެ ކޮމިޓީއިން، އެވެރިން ބުރަމަސައްކަތުން އެއްކުރި 13000 ރުފިޔާ ކުރިންދެންނެވި އިސްކޮށް އުޅުނު މީހުންނާއި ޙަވާލުކުރިއެވެ. އުއްމީދަކީ ކަރަންޓުލުމެވެ.

އަޅުގަނޑަކީ އެމަސައްކަތް ދުށް މީހެއް ނޫނެވެ. އަޅުގަނޑަށް އިވުނީ މީހުންވާހަކަ ދައްކާ އަޑެވެ. ފެނުނީ ރައްޔިތުން ކޮޅަށް ޖެހި ބިނާއަކާއި، އަގު ހެޔޮކޮށް ޚިދުމަތެއް ދެމުން އައިތަނެވެ. މިދައްކަނީ އިންޖީނުގެ އެޅިވާހަކައާއި، ޚިދުމަތް ދޭން ފެއްޓި ގޮތުގެ ވާހަކައެވެ. އިންޖީނުގެ އެޅުމުގައި މަސައްކަތްކުރި ހުރިހާއެންމެނަކީ ހިލޭސާބަހަށް މަސައްކަތްކުރި މީހުންނެވެ. ރަށު އޮފީހުގައި މަސައްކަތްކުރާ ހިޔާ ވަހީދު އާއި ހަސަންމަނިކުގެ ނަން މިކަމުގައި އަޅުގަނޑު ފާހަގަ ކުރަމެވެ. މަސައްކަތްކުރާ ގަޑީގައި ކެއުންބުއިމުގެ ކަންތަކަށް އެހީތެރިވެދިނީވެސް މަޑަވެއްޔަށް ހެޔޮއެދޭ ހެޔޮ އަންހެންވެރިން ތަކެކެވެ. އެއިން އެކެއްގެ ނަންނޭގުނަސް އެމީހުނަށް ޝުކުރުވެރިވަމެވެ.

ކޮންމެއަކަސް އިންޖީނުގެ އަޅައިފިއެވެ. އިންޖީނެއް ނެތި ކަރަންޓެއް ނުދެވޭނެއެވެ. މައުލޫމާތު ދޮގު ނޫންނަމަ އެންމެ ފުރަތަމަ މަޑަވެއްޔަށް އިންޖީނެއް ހަދިޔާކުރީ ގައްދޫ ޒާހިރެވެ. އެއީ 65 ވޯޓުގެ އިންޖީނެކެވެ. މިހިސާބުން ރައްޔިތުންގެ މަސައްކަތް ނިމުނީއެއް ނޫނެވެ. ރައްޔިތުންގެ ނަމުގައި އިސްކޮށް ހަރަކާތްތެރިވި ބަޔަކު ރީތި ގޮތުގައި ސަލާންޖަހައިގެން ގާސިމް އިބްރާހީމް އަތުން 100 ކިލޯ ވޯޓުގެ އިންޖީނެއް ހޯދިއެވެ. ކަނޑި (ކޮންމެވެސް މީހެއް) އަތުން ހަމަ 100 ކިލޯ ވޯޓުގެ އިންޖީނެއް ހޯދިއެވެ. ރަައްޔިތުން ބޭނުންވާވަރާއި ކައިރިއަށް ޚިދުމަތް ދޭން ފެއްޓުނީ އަދި ކިރިޔާއެވެ.

ސުވާލު އުފެދިދާނެއެވެ. އިންޖީނުގޭގެ އިދާރީ މުވައްޒަފުންނާއި އެތަނުގެ ޚަރަދު ބަރަދު ހަމަޖެއްސީ ކިހިނަކުން ބާވައެވެ. ކުރުގޮތަކަށް ބުނާނަމަ، އެކަންވެސް ހަމަޖެހުނީ ރައްޔިތުންގެ ފައިސާއިންނެވެ. ތެލާއި، މަރާމާތު ކުރުމަށް ފައިސާ ހޯދީވެސް ހަމަ އިންޖީނުގެއިން ލިބުނު ފައިސާއިންނެވެ.

ވަރަށް ކެރިހުރެ ބުނަމެވެ. މަޑަވެލީގެ ރައްޔިތުންގެ އިންޖީނުގެ އެޅުމާއި، އެކަމުގައި މަޑަވެލީގެ ރައްޔިތުން ދެއްކި ރީތި ނަމޫނާއަކީ މިދިވެހި ރާއްޖެއިން ވަރަށް މަދުންނޫނީ ނުފެންނާނެ ވަރުގެ ރީތި ނަމޫނާއެކެވެ. ސަރުކާރުގެ ޛައްރެއްގެ މިންވަރުގެ ޚަރަދެއް އެކަމުގައި ނެތޭ މިބުނަނީ އެކަމާ އުފާކުރަމުންނެވެ.

އިންޖީނުގެއިން ފުރަތަމަ ކަރަންޓުދެމުން އައީވެސް އަގުހެޔޮކޮށް ރައްޔިތުން ބޭނުންވި އަގަކަށެވެ. ފުރަތަމަ ޔުނިޓުން 30 ޔުނިޓާހަމަ އަށް ނެގީ އެންމެ 5 ރުފިޔާއެވެ. 30 ޔުނިޓުން 60 ޔުނިޓާހަމައަށް ނެގީ އެންމެ 4 ރުފިޔާ 50 ލާރިއެވެ. 60އިން 90 ޔުނިޓާހަމައަށް 4 ރުފިޔާއެވެ. އަދި 90އިން މަތީގެ ކޮންމެ ޔުނިޓަކަށް 3ރުފިޔާ 75 ލާރީގެ ރޭޓުންނެވެ. މިއީ ރަށަށް ލިބުނު ކުރިއެރުމެކެވެ. ރަށުގެ ރައްޔިތުންގެ އުއްމީދެއް ހާސިލުވުމެވެ.

މުރާސިލް ހޯމްޕޭޖް އަށާއި ފީޗަރޑް ބަޔަށް ލިޔުން އެރުވުމުގައި ކިޔުންތެރިން ލިޔުމަށް ދޭ ތަރުހީބަށް ބެލޭނެ އެވެ.

Posted on 2010-07-14 12:58:07 | Report this Comment
ގަމާރު:

މިލިޔުމަށް ބަލާއިރު ލިޔުން ނިމިފައިވާ ކަމަށް ނުފެނެއެވެ. ދެވަނަ ބައެއް އޮންނާނެބާ؟ މަޑަވެލި އިންޖީނުގެ މިހާރު އެއީ ޔޫޓިލިޓިސް ކުންފުންޏެއްގެ ދަށުން ހިނގާތަނެއް ނޫންތޯއެވެ. ތަފްސީލުކޮށް ލިޔާނެނަމަ...

Posted on 2010-07-14 14:50:42 | Report this Comment
މާލި :

ދެން މިހާރު ކޮބާ އިންޖީނުގެ .....................ވާހަކައެއް ނުނިމެއެއްނު .............

Posted on 2010-07-14 15:01:16 | Report this Comment
އަހަރެން:

އަހަރެން ތިޔަ ލިޔުން ދެކުނީ ދިނަށަ ކިޔާ ބްލޮގަކުންނެވެ. އެތަނުގައި ތިޔަ ލިޔުމުގެ ދެވަނަ ބައި ލިޔާނެކަމަށް ބުނެފައިވެއެވެ.

Posted on 2010-07-14 19:38:56 | Report this Comment
ހ.އ.ހ:

އެބުނާހެން އަދި ނުނިމޭ ކަންނޭގެ. ތަންކޮޅެއް ތަފްސީލް ކުރުން އެދެން.

Posted on 2010-07-15 08:33:53 | Report this Comment
ޔަޒީދު އަޙުމަދު:

އަޚުގަނޑު ހިތަށްއަރާ މި ލިއުން ލިއުނު މީހާގެ މަޢުލޫމާތު ހާދަ ކުޑައޭ. މަޑަވެލި ރައްޔިތުން އެކަންޏެއް ނޫން އިނގޭތޯ ރައްޔިތުންގެ މަސައްކަތުން އިނޖީނުތައް އަޅަން މަޖުބޫރުވީ، އަދި އެޅީ. ކަރަންޓަކީ އެއާނުލާ ނޫޅެވޭ ވަރުގެ ޒަރޫރީ އެއްޗަކަށް ވާއިރު، ވިސްނާ ވަޑައިގެން ހިސާބު ހައްދަވާލަ ބައްލަވާ ކިތައް ރަށައްތޯ ކުރީގެ ސަރުކާރުން ކަރަންޓުގެ ޚިދުމަތް ފޯރުކޮށް ދިނީ؟ އިންޖީނެއް ދިނިއްޔާ ދީފައިނީ އިންތިޚާބަކާ ކައިރިކޮށްފަ ނޫންތޯ؟ މައުމޫނުގެ ހަދިޔާއޭކިޔާ އިންޖީނުތަކެއްވެސް ބެހި އެއްބައި ރައްރަށް، މީ މައުމޫނުގެ އަމިއްލަ ލާރިން ގަންނަ އިންޖީނުތައްތޯ؟ ދެން އަނެއްކަމަކީ، ރައްޔިތުންނާ ސަރުކާރާ މީ ދޭއްޗެއް ވެޖިއްޔާ ރައްޔިތުން ކޮންމެ ރަށެއްގަ ވެރިކަމެއްވެސް ކުރަން ވީ ނޫންތޯ؟ އަޅުގަނޑުމެން ބޭނުންވަނީ ވަކި ވެރިކަމެކޭ، ވަކި އޮފީހެކޭ، ވަކި ސްކޫލެކޭ، ވަކި އިންޖީނުގެއެކޭ، އަޅުގަނޑުމެން އަމިއްލަޔަށް ހިންގަފާނަމޭ 200 މީހުން ތިއްބަސް. އަޅުގަނޑު ވަރަށް ތާޢީދު ކުރާކަމެއް ޔޫޓިލިޓީޒް ތަކުން އިންޖީނުގެތައް ހިންގުން. ޔޫޓިލިޓީސްތަކަށް އެއްބައި އިންޖީނުގެތައް ދިއުމުން ވަރަށްވެސް ބޮޑެތި ކުރިއެރުންތަކެއް ފެންނަމުންވެސް އެބަދޭ. ޚާއްސަކޮށް މަޑަވެލި ހިމެނޭ ޔޫޓިލިޓީސް.
ދިނަށަ: މަޑަވެއްޔަކީ އެންމެ އިޖްތިމާޢީ ގުޅުން ރަގަޅު ރަށެކޭ ނުބުނަމެވެ. ނަމަވެސް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމުގައި ރައްޔިތުން ދެއްކެވި ނަމޫނާ އެއީ ރިވެތި މިސާލެކެވެ. ޔޫޓިލިޓީސް ކުންފުޏަކުން އެޚިދުމަތް ދިނުމަކީ ޚުދު އަޅުގަނޑުވެސް ތާއީދުކުރާކަމެކެވެ. އެކަމަކު ގާނޫނީ ހަމަތަކުގެ މަތިން އެކަން ކުރެވޭނަމައެވެ. ޔަޒީދުގެ ގިނަ ސުވާލުތަކަށް މިލިޔުމުގެ ދެވަނަ ބައިން ޖަވާބު ލިބިލައްވާނެއެވެ. ކޮމެންޓްކުރެއްވީތީ ޝުކުރުވެރިވަމެވެ.

Posted on 2010-07-15 09:27:34 | Report this Comment
ދިނަށަ:

ފާޅުކުރައްވާފައިވާ ޚިޔާލުތަކަށް މަރުޙަބާ ކިޔަމެވެ. އެންމެންވެސް އެދިލައްވާފަދައިން މިލިޔުމުގެ ދެވަނަބައި ވަރަށް އަވަހަށް ފެންނާނެއެވެ.

Posted on 2010-07-17 00:59:29 | Report this Comment
ޔާގޫތު:

ތިޔަލިއުން އަޅުގަނދަށް ރަނގަޅު މިހާރަކީ ރައްޔިތުން ކޮއްފައިވާ ބުރަމަސައްކަތް ބަދަލެއްނެތި ފޭރިގަންނަ ޒަމާން މިދާވަރުންވިއްޔާ ފުޅިބައްތި ދިއްލަންޖެހޭނެ

Posted on 2010-07-17 16:28:17 | Report this Comment
ދިނަށަ:

މިލިޔުމުގެ ދެވަނަ ބައި http://www.muraasil.com/details/view/9/7970

Posted on 2010-07-24 01:28:57 | Report this Comment
ޒައީމު:

މަޑަވެލީގެ އަޑު ވަރަށް އިވޭނެ ރޭޑިއޯތަކުން، ސަރުކާރު ބަދަލު ނުވެގެން ކެތްމަދުވެފައި އިންނަ އަންހެނެއް ވަރަށް ފާހަގަވޭ،އޭނަނުދަންނަ އެއްވެސް ކަމެއް ދުނިޔެއަކުނުވޭ،އެކަމަކު ހަމަ އަބަދުވެސް އެއްކޮޅަކަށް ވާހަކަ ދެއްކެނީ،ބައްޔެއްކަމަށްވެސް ވެދާނެ،މަށަށް ފާހަގަވީ ރައްޔިތުން އެހާބުރަ މަސްއްކަތުން އެކަން ކިރިޔާ ކުރެވުނު އިރު މައުމޫނު ވެރިކަމުގައި ހުރެ އެކަން މަނާ ނުކުރެއްވީތީ، މިރަށުމީހުން އެމަނިކުފާނުދެކެ ވަރަށް ލޯބިވާކަމަށް.މިހާރު މޮއިންޖީނުގެއިން ސަރުކާރަށް ހީވާގޮތުން ވަރަށް ފައިދާވާނެ.ނޫނީ ވަރަށް އަވަހަށް މިރަށަށް ރަގަޅު ފެންވަރުގައި ކަރަންޓް ލިބޭނެ ގޮތެއް ސަރުކާރުން ހަމަ ޖައްސަވާ ދެއްވާނެ. ކޮހަސް ތިޔަހާ ކަނޑުކޮސްވާކަށްނުވާނެ، މީ ނަސޭހަތަކީ.

Posted on 2010-07-24 10:45:26 | Report this Comment
ޒައީމު:

މަޑަވެލީގެ އަޑު ވަރަށް އިވޭނެ ރޭޑިއޯތަކުން، ސަރުކާރު ބަދަލު ނުވެގެން ކެތްމަދުވެފައި އިންނަ އަންހެނެއް ވަރަށް ފާހަގަވޭ،އޭނަނުދަންނަ އެއްވެސް ކަމެއް ދުނިޔެއަކުނުވޭ،އެކަމަކު ހަމަ އަބަދުވެސް އެއްކޮޅަކަށް ވާހަކަ ދެއްކެނީ،ބައްޔެއްކަމަށްވެސް ވެދާނެ،މަށަށް ފާހަގަވީ ރައްޔިތުން އެހާބުރަ މަސްއްކަތުން އެކަން ކިރިޔާ ކުރެވުނު އިރު މައުމޫނު ވެރިކަމުގައި ހުރެ އެކަން މަނާ ނުކުރެއްވީތީ، މިރަށުމީހުން އެމަނިކުފާނުދެކެ ވަރަށް ލޯބިވާކަމަށް.މިހާރު މޮއިންޖީނުގެއިން ސަރުކާރަށް ހީވާގޮތުން ވަރަށް ފައިދާވާނެ.ނޫނީ ވަރަށް އަވަހަށް މިރަށަށް ރަގަޅު ފެންވަރުގައި ކަރަންޓް ލިބޭނެ ގޮތެއް ސަރުކާރުން ހަމަ ޖައްސަވާ ދެއްވާނެ. ކޮހަސް ތިޔަހާ ކަނޑުކޮސްވާކަށްނުވާނެ، މީ ނަސޭހަތަކީ.

ނަން:

ވެބްސައިޓް:

ހިޔާލު:

  • - ލިޔުންތަކަށް ހުށަހެޅޭ ކޮމެންޓް ތައް ޝާއިއު ކުރާނީ ލިޔުންތެރިޔާ އެވެ.
  • - މި ގޮޅީގައި ލިޔުއްވާއިރު ކޮމްޕިއުޓަރގެ ރީޖަނަލް / ލެންގުއޭޖް ސެޓިންގްސް އިން ދިވެހި އިޙްތިޔާރު ކުރައްވާކަށް ނުޖެހޭނެ.
  • - އާއްމުކޮށް ބަލައިގަނެވޭ އަޙްލާގީ މިންގަޑަށް ނުފެތޭ ލިޔުންތައް ޝާއިއު އެއް ނުކުރެވޭނެ ވާހަކަ ދަންނަވަން.