
ބިންމަތީގައި އެންމެ ފުރަތަމަޔަށް ދިރިއުޅުމެއް ތަމްސީލްކުރީ ޖިންނީންނެވެ.އެއީ އާދަމްގެފާނުގެ އެތައްހާސް އަހަރުކުރީގައެވެ. އާދަމްގެފާނާއި ހައްވާގެފާނު ހެއްދެވީ މަށިންނެވެ. އެދެކަނބަލުން ޒަވާޖުގެ ޝަރަފުވެރި ގުޅުމުން ގުޅެެއްވުމަށްފަހު އެދެކަނބަލުންގެ އުފާވެރި ވަޒަނަކީ ނިޢުމަތްތަކުގެވެރި ސުވަރުގެކަމުގައި ލައްވައި ސުވަރުގޭގައި ވަޒަންވެރިވުމަށް މާތްﷲ އެދެކަނބަލުންނަށް އެންގެވިއެވެ.މާތްﷲ އެދެކަނބަލުންނަށް ސުވަރުގޭގެ ނިޢުމަތްތައް ބޭނުންކުރެއްވުން ހުއްދަކުރައްވައި ، ބޭނުންފުޅުގޮތަކުން ބޭނުންފުޅުވަރަކަށް ސުވަރުގޭގެ ތަނަވަސްކަމުގައި ބޭނުންކުރައްވައި ފަރީކުޅުއްވާހެއްދެވުމަށް އެންގެވިއެވެ، ނަމަވެސް ސުވަރުގޭގަ މިހިރަގަސް އެހެން ނިޢުމަތްތަކުގެ ތެރެއިން އިސްތިސްނާ ކުރައްވައިފިކަމާއި އެގަހާއި އެދެކަނބަލުންކުރެ ބޭފުޅަކު ގާތްނުވުމަށާއި އެގަހުގެ މޭވާއެއްގައި ވިޔަސް މަލެއްގައިވިޔަސް ނުޖެހުމަށް އަދި މިޔާއި ޚިލާފުވެއްޖެނަމަ އެދެކަނބަލުންނަކީ ނިޢުމަތްތަކުން ބޭރުވާ ބައެއްކަމުގައި ވެދާނެކަމަށް އެންގެވިއެވެ. އާދަމްގެފާނުގެ ދެކަނބަލުން އުފާވެރި ދިރިއުޅުމެއްގައި ސުވަރުގޭގައި ދިރިއުޅުވަނިކޮށް ޢަޒާޒީލް (އިބިލީސް) އާދަމްގެފާނުގެ ދެކަނބަލުންގެ މައްޗަށް ހަސަދަވެރިވެ ނަހީކުރެއްވި ގަހުގެ މޮޅުކަމާއި އެގަހުން ނަހީވެވުނު ސިއްރުގައި ހުރިކަންތައްތަކުގެ މައްޗަށް ހެއްލުންތެރިވާހަކަ ތަކެއް ދައްކައި ދޮގުހުވާތަކެއްކޮށް ހައްވާގެފާނުލައްވައި އެގަހުން މޭވާ ބިންނަވައި އާދަމްގެފާނަށް ފަރީކޮޅުއެރުއްވީއެވެ.( އެގަހަކީ ގޮދަން ކަމަށް ބައެއް އިލްމުވެރިން ވިދާޅުވާއިރު ތީނި ނުވަތަ މޭބިސްކަދުރު ކަމުގައިވެސް އިލްމުވެރިން ވިދާޅުވެއެވެ. އަދި އެގަހަކީ ޝަޖަރަތުލްޢިލްމުކަމުގައި ސޫފީ އިލްމުވެރިން ބުރަވެއެވެ) މާތްﷲ ގެ އެންގެވުމާއި ޚިލާފުވުމުގެ ސަބަބުން އެދެކަނބަލުން ސުވަރުގެއިން ބޭރުކުރައްވައި ބިމަށް ފައިބާ ބިމުގައި ކަނޑައެޅިގެންވާ މުއްދަތެއްގެ ނިޔަލަށްދާންދެން ދިރިއުޅުމަށާއި ބިމުގެ ތަކެތީގައި އަޖަލުހަމަވެއްޖައުމަށްދާންދެން ބޭނުން ހިފުން އެދެކަނބަލުންގެ ހައްޟު އެއްކަމުގައި ލައްވައިފިކަމަށް މާތްﷲ އަމުރުފުޅުކުރެއްވިއެވެ. ދެންއާދަމްގެފާނު ފުނުއްވީ ސަރަންދީބުގެ މައްޗަށެވެ، ހައްވާގެފާނު ފުނުއްވީ ޖިއްދާއަށެއެވެ.
އާދަމްގެ ފާނާއި ހައްވާގެ ފާނުގެ ބިމަށް ފުނުއްވުމާއި ގުޅިގެން އެދެކަނަބަލުންގެ މުސްތަޤިއްރު ވަޒަނަކީ ދުނިޔޭގެ ބިންކަމާއި ބިން އިމާރާތްވެގެން އެބިމުގެ އުމުރުހަމަވެއްޖައުމަށް ދާންދެން ބިމުގެ ހަޔާތުގެ މަސްރަހުގައި އަމަލީ ފިލްމުތަކެއް ތަމްސީލުކުރާނީ އާދަމުގެފާނުގެ ދަރިކޮޅުމީހުންކަން އެގިފާޅުވިއެވެ. އާދަމްގެފާނަށް ނަހީކުރެއްވި ގަހުގެ މޭވާ ފަރީކުޅުއްވުމުގެ ސިއްރަކީ އިންސާނީ ޙަޔާތުން ދުނިޔެ އިމާރާތްވުމެވެ. އާދަމްގެފާނުގެ ދަރިންގެ ތެރެއިން ދީނަށް ތެދުވެރިވެ އީމާންކަމުގެ ތެދުމަގުގައި ހިފައި ސީދާވެއްޖެމީހަކީ ސުވަރުގެވެރިންނެވެ. އަދި އާދަމްގެފާނުގެ ދަރިންގެ ތެރެއިން ތެދުމަގު ދައްކަވާ ބޭކަލުންނަށް ދެކޮޅުހަދައި ދީނަށް ފުރަގަސްދީ މާތްރަސްކަލާނގެ އާޔަތްތައް ދޮގުކުރާ ބަޔަކީ ކާފިރުންނެވެ. ކާފަރުންނަކީ ދުނިޔޭގެ ހުތުރުނަމާއި ، ނުބައި އުޅުންތަކުން އެނގިގެންވާނޭ ނުބައިބައެކެވެ. އާޚިރަތުގައި އެބައިމީހުންނަކީ އަބަދައްޓަކައި ނަރަކައިގައި ދެމިތިބެނިވި ، އަބާއްޖަވެރި ބައެކެވެ. ދުވަހަކު އެނަރަކައިން ނެރުއްވުމެއް ނެތް ބައެކެވެ.
އާދަމްގެފާނުގެ ދެކަނބަލުން ހައްދަވައި ސުވަރުގެއަށް ވައްދަވައި އެތާނގެ ދާއިމީ ނިޢުމަތް ދެކިދެނި ތަޢާރަފު ކުރެއްވިކަމީ އަޅުގަނޑުމެންނަށްވާ އިބުރަތްތެރި ފިލާވަޅެކެވެ. މިންނެތް މަސައްކަތްކޮށްގެން ކުރާންވީ އެއްމެ ބޭނުންތެރިކަމަކީ އެސުވަރުގެ ލިބޭތޯ މަސައްކަތްކުރުންކަން ވަންހަނާވެގެންނުވާނެއެވެ. ސަމާވީ ފޮަތްތަކާއި، ނަބީބޭކަލުންގެ ބަސްފުޅުތައް، އަޅުގަނޑުމެންގެ މިޙަޔާތުގެ މަޤުސަދަކީ އެއީކަން ސާފުކޮށްބަޔާންކުރައްވައެވެ. މިހުރިހައި ކަންކަމަކީ ޝައްކެއް ވަސްވާހެއްނެތް ހަރުދަނާ ޔަޤީންއެއް ކަމުގެ އެންމެ ވަރުގަދަ އެއްހެއްކަކީ ސުވަރުގެއަކީ އަޅުގަނޑުމެންގެ ފުރަތަމަ ކާފާފުޅާއި މާމާފުޅު ދެކި ދެނިވަޑައިގެން ހަޤީގަތެއްކަމެވެ. ދާއިމީ އާލަމަލީ އާޚިރަތްދުވަހެވެ. އެއީ ނިމުމެއްނުވާ އަބަދަށް ދާއިމަށް ދެމިވޮޑިގެންވާ ފަނާވުމެއްނެތް ދުނިޔެއެކެވެ. މިކަން ޤަބޫލުނުކުރާ މީހުނަންނަކީ މުސްލިމުންކަމުގައި ނުވާނެއެވެ.
އިންސާނުން އުފެއްދުނީ ރާމާ މަކުނަކުންނޫނެއެވެ، އެކަމަކު ދާވޫދުގެފާނުގެ ޒަމާނުގައި ބަނީ އިސްރާއީލުންގެ ބަޔަކު ރާމާމަކުނުތަކަށް ބަދަލުވިއެވެ. އެދުވަސްވަރަކީ ހޮނިހިރު ދުވަހު މަސްބޭނުން މަނާކުރެވިފައި އޮތްދުވަސްވަރެކެވެ. ހޮނިހިރު ދުވަހު މަސްތައް ތިބެނީ އަރައި ފެންމަތިވެފައެވެ، ހޮނހިރު ދުވަސް ދިޔައިމާ މަސްތައް ގޮނޑުދޮށުން ކަނޑަށް ފައިބަގެންދެއެވެ. ބަނީއިސްރާއީލުންގެ ބަޔެއްގެ ހިތަށް ވަސްވާސްވަދެ ހޮނިހިރު ދުވަހު ގޮނޑުދޮށަށް ވަންނަ މަސް ކޮންމެވެސް ގޮތަކުން ބަންދުކޮށްފަ އެހެން ދުވަހަކުން އެމަސް ހިފުމަކީ އެއްގޮަތަކަށްވެސް މަނާކަމެއްކަމަށް ނުފެނޭކަމަށް ނިންމައިފިއެވެ. އަނެއްބަޔަކު މިކަމާ ވަރަށް ބޮޑަށް ދެކޮޅުހަދައި ބިރުވެތިވެގެން ތިބީއެވެ. މަނާނޫންކަމަށް ދެކުނު މީހުން ހޮނިހިރު ދުވަސް އަންނަންވާއިރަށް ފެންބޮޑުވީމާ މަސްތައް އެޅޭގޮަތަށް ގޮނޑުދޮށުން ވަޅުތައްކޮނެ ތައްޔާރުކޮށްފިއެވެ.ދެން ދިޔަވަރުބޮޑުވީމަ އެއްކަލަ ވަޅުތަކަށް މަސްއެޅިފުރިއްޖެއެވެ. އަނެއްދުވަހު މަސްތައް ނަގައިގެން އެމީހުންގެ އެންމެން ބޭނުންކޮށްފިއެވެ، މިގޮތުގެމަތިން މިކަންކުރަން ފެށުމުން އެމީހުންނަށް އަޒާބެއް ނައުމުން އެއީ ދުވަސް ވަރެއްގައި މަނާވެފައި އޮތަސް މިހާރު މަނާކަމެއް ނޫންކަމަށް އެމީހުން ނިންމައިފިއެވެ. މިކަމާ ދެކޮޅުހަދާ ބިރުވެތިވެގެން ތިބިމީހުން އެކަން ކުރާމީހުންނާއި މުޅިންވަކިވެ ސަރަހައްދުވެސް ވަކިކޮށްލައިފިއެވެ.މިރަށުގައި ހަތްދިހާސް މީހުންއުޅުނެއެވެ، ރަގަނޅުގޮތުގައި މަސްބޭނުމާއި ދެކޮޅުހަދައި އެމީހުންނާއި ވަކިވެގަތީ ބާރަހާސް މީހުންނެވެ. މިބުނި ނުސިޔާނުގޮތުގައި ހޮނިހިރު ދުވަހުގެ ހުރުމަތްކެނޑި މީހުން ދުވަސްކޮޅަކަށް ތިބެއްޖެއެވެ.ދާވޫދުގެފާނު ނަސޭހަތްދެއްވައި އެކަން މަނާކުރައްވައި ހެއްދެވިއެވެ.އެންމެ ފަހުން އެބައިމީހުންނަށް ލަޢުނަތްދެއްވެވިއެވެ. އެއްދުވަހަކު އީމާންތެރި ޖަމާޢަތުގެ މީހުން ރަށުން ބޭރަށް ނުކުމެއުޅެނިކޮށް ހޮނިހިރު ދުވަހުގެ ހުރުމަތްކެނޑިމީހުންގެ އެކަކުވެސް ރަށުންބޭރަށް ނުކުމެ އުޅޭތީ ނުފެންނެގިން މިކަމާއިމެދު ހައިރާންވެގެން ޚަބަރުބަލާލިއިރު ހޮނިހިރު ދުވަހު ސިކާރަކުރި އެންމެންތިބީ ސިފަބަދަލުވެފައެވެ،އެއްބަޔަކު ވެފައިތިބީ ރާމާމަކުނަށެވެ އަނެއްބަޔަކު ވެފައިތިބީ އޫރަށެވެ. ވާހަކަދައްކައެއް ނޫޅެއެވެ، ވައްތަރެއްގެ އަޑަކުން ގޮވަނީއެވެ. ތިންދުވަހުގެ ތެރޭގައި އެއެންމެން ފަނާވެނިމިއްޖެއެވެ. އެމީހުންގެ ދަރިކޮޅުވެސް ދުނިޔޭގައިވާ ކަމަކަށް ނުބުނެވެއެވެ
މިލިޔުމަށް ތިޔަބޭފުޅުންގެ ފާޑުކިޔުންތައް އަޅުގނޑާއި ހިއްސާކުރެއްވުން އެދެން. މިލިޔުމަށް ފުނުވާ ކޮމެންޓްތައް ކިތައްމެ ދުވަހެއްވިޔަސް ޝާޢިޢުކުރާނެ ވާހަކަ ދަންނަވަން .
Posted on 2010-06-30 02:26:03 |
Report this Comment
Posted on 2010-08-02 12:32:36 |
Report this Comment