ދިރިއުޅުމުގައި ކާމިޔާބު މީހުންނާއި ނާކާމިޔާބު މީހުންގެ ވާހަކައަކީ އަޅުގަނޑުމެންނަށް އަބަދުމެ އިވޭ ވާހަކައެވެ. ދިރިއުޅުމުގައި ކާމިޔާބު މީހުންނަކީ ހިތާމައެއް، ބޮޑުކަމެއް ދިމާވާ ހިނދު އެކަމަށް ހިއްވަރުކޮށް ކުރިމަތިލާ މީހުންނެވެ. ފިނޑިވެ، ދިރިއުޅުމުގެ ބޮޑު، ހަނގުރާމައިގެ މައިދާނުގައި ހަތިޔާރުބަހައްޓައި، ސަފުގެ ފަހަތަށް ދިއުމަކީ ކާމިޔާބު މީހަކު ކަންތައްތައް ކުރާނެގޮތެއް ނޫނެވެ. އެއީ ދިރިއުޅުމުގައި ނާކާމިޔާބު މީހުންގެ އުސޫލެވެ. އަޅުގަނޑުމެން ކޮންމެ މީހަކަށްވެސް ދިރިއުޅުމުގައި ކާމިޔާބު މީހަކަށް ވެވިދާނެއެވެ. އެގޮތުން ދިރިއުޅުމުގައި ކާމިޔާބު މީހަކަށް ވުމަށްޓަކައި އަޅުގަނޑުމެންގެ އަމަލާއި، އުސޫލުތައް ބަހައްޓަންވީގޮތާމެދު ބަލާލަމާތޯއެވެ.
ދިރިއުޅުމުގެ ކޮންމެ ކަމެއްގައިވެސް ކާމިޔާބު އެދޭނަމަ ފުރަތަމަ އަޅުގަނޑު މެން ދަސްކުރަންޖެހޭނީ އަޅުގަނޑުމެން ހައްދަވާ ގެންގުޅުއްވާ އިލާހް، ﷲ ސުބުޙާނަހޫ ވަތަޢާލާ އަށް ފުރިހަމައަށް ބަރޯސާވުމަށެވެ. އަޅުގަނޑުމެން ދެނެގަންނަން ޖެހޭނީ ކޮންމެ ހާލަތެއްގައި ކޮންމެތާކުވިޔަސް، އެކަލާނގެ އަޅުގަނޑުމެން ދޫކޮށް ނުލައްވާނެކަމެވެ. ﷲ އާއި ތިމާއާ ދެމެދު ގާތްގުޅުމެއް ބިނާކުރަން ވާނެއެވެ. އެކަލާނގެއަށް ވަކީލު ކުރަން ވާނެއެވެ. މިގޮތަށް ކަންތައް ވެއްޖެނަމަ ދިރިއުޅުމުގެ ކަންތައްތަކާއި ކުރިމަތިލުމުގެ ރޫހާއި ޖޯޝް އިންސާނާ ހިތުތެރޭ އުފެދި އާލާވާނެއެވެ. މިއީ ދިރިއުޅުން ކާމިޔާބު ކުރަން އަޅަން ޖެހޭ އެންމެ ބޮޑު، އަދި އެންމެ އަސާސީ ފިޔަވަޅެވެ.
އާދޭހެވެ. ﷲ އާ ތިމާއާ ދެމެދު ފުރިހަމަ އީމާންކަމެއް ގާއިމްކުރުމަށްފަހު ދެން ތިމާޖެހޭނީ ތިމާއާ ތިމާގެ އަމިއްލަ ނަފްސާ ދޭތެރޭ އިތުބާރު އުފައްދާށެވެ. އަމިއްލަ ނަފްސާމެދު އެއްވެސް ޝައްކެއްނެތި އިތުބާރު އޮންނަން ވާނެއެވެ. ކަންތައް ތަކުގައި ކާމިޔާބުވުމުގައި އަމިއްލަ ނަފްސަށް ކުރާ އިތުބާރަކީ ވަރަށް ބޮޑު ރޯލެއް އަދާކުރާ އެއްޗެކެވެ.
މަތީގައި ބަޔާންކޮށް ދީފައިވާ ދެކަންތައް ފުރިހަމަ ވެއްޖެނަމަ ދެން ދިރިއުޅުން ގެންދަން ވަރަށް ފަސޭހަވާނެއެވެ. އެގޮތުން ދެން ދިރިއުޅުން ކާމިޔާބު ކުރުމަށްޓަކައި ކުރަންޖެހޭ ކަމަކީ ޢިލްމީގޮތުން ޤާބިލްމީހަކަށްވުމެވެ. ދުނިޔޭގެ މަސްރަހުގައި ހިނގާ ކަންތައްތަކަށް ތިމާގެ ލޯހުޅުވެންޖެހޭނެއެވެ. ކުރިއަރަމުންދާ ޓެކްނޮލޮޖީގެ ބާރުމިނުގައި ހިނގޭތޯ ހިއްވަރުލާ، ތަރައްޤީއާއި ތަހުޒީބުގެ ކުރިއެރުންތަކާ އެއްވަރަށް ފައިހަމަ ކުރެވޭތޯ މަސައްކަތް ކުރަންވާނެއެވެ. ދިރިއުޅުމުގެ ނައު ޖެހޭ ވަޔާއި އޮއިގެ ބާރު މިނުގަ ވަކި މިސްރާބެއް ނެތި ދިއުމަށް ދީލާނުލައި،އެނައުގެ ހުންގާނުގައި ހިފައި، ވަކި މިސަރާބަކަށް އެނައު ގެންދަން މަސައްކަތް ކުރަންވާނެއެވެ. ދުނިޔޭގައި ތިމާއަށް ގެންގުޅެވޭނެ އެންމެބޮޑު އެއް ހަތިޔާރަކީ ޢިލްމެވެ. ވީމާ ތަޢުލީމީ ގޮތުން ރަނގަޅަށް ރޯފިލާފައިވާ މީހަކަށް ވުމަކީ ކާމިޔާބު ޝަޚްޞިއްޔަތަކަށް ވުމަށްބޭނުންވާނެ ރުކުނެކެވެ.
ދެން އަޅުގަނޑުމެން ޖެހޭނީ ޞިއްހީ ގޮތުން ދުޅަހެޔޮ ބަޔަކަށްވާށެވެ. ރަނގަޅު ޞިއްޙަތެއް ނެތިއްޔާ ދިރިއުޅުމުގެ ކަންތައްތަކާއި ކުރިމަތިލާނެ އާރެއް ހިއްވަރެއް އަޅުގަނޑު މެންނަކަށް ނާންނާނެއެވެ. ކާމިޔާބުވުމުގައި ޞިއްޙަތު ވަރަށް މުހިންމުވާނެއެވެ. އެގޮތުން ދުޅަހެޔޮ ޞިއްޙަތެއްގައި ހުރުމަށްޓަކައި ޞިއްޙީ ރަނގަޅު އާދަތައް ދަމަހައްޓަން ޖެހޭނެއެވެ. ސާފްތާހިރުވުމާއި ރަނގަޅުކާނާ ކެއުމާއި ކަސްރަތުކުރުންފަދަ ޞިއްޙީ އާދަތަކަށް ފަރުވާތެރި ވާންވާނެއެވެ.
އާދޭހެވެ. މިދަންނަވާލެވުނީ ދިރިއުޅުން ކާމިޔާބު ކުރުމަށްޓަކައި މައިގަނޑު ގޮތެއްގައި ކުރެވިދާނެ ކަންކަމެވެ. މިކަންތައްތަކުގައި ހިފައިގެން ކުރިއަށް ދާން މަސައްކަތް ކުރުމަކީ ވަރަށް މުހިއްމުކަމެކެވެ. ﷲ ގެ ވާތްގާއި މަދަދަށް އެދި އެކަލާނގެއަށް ބަރޯސާ ވާހާލު، ދިރިއުޅުމުގެ ސަބަބު ތަކުގައި ހިފައިގެން ކުރިއަށް ދާން މަސައްކަތް ކޮށްފިނަމަ ދިރިއުޅުން ކާމިޔާބުވާނެކަމީ ޝައްކެއްއޮތްކަމެއްނޫނެވެ. ވީމާ، މިފަދަ އުސޫލެއްގެ މަތިން އަޅުނގަޑުމެންގެ ދިރިއުޅުން ބިނާކޮށް، ކާމިޔާބު ބަޔަކަށް ވެވޭތޯ އެންމެންވެސް މަސައްކަތް ކުރަމާ ހިނގާށެވެ.
Posted on 2010-06-21 11:25:32 |
Report this Comment
Posted on 2010-06-22 14:34:48 |
Report this Comment