
އަހަރެންގެ މަންމަޔާއި ބައްޕަ އަހަރެންނާއި މެދު އެހާ ފަރުވާ ކުޑަކުރަނީ ކީއްވެބާއެވެ؟ އަހަރެން ފެނިއްޖެނަމަ އޮންނަނީ ކޮންމެވެސް ކަމަކާއި މެދު ސުވާލުކުރުމެވެ. ނުވަތަ ޝަކުވާކުރުމެވެ. ލޯތްބާއި އޯގާތެރިކަމާއި އެކު އެއްވެސް ބަހެއް ނުބުނާއެވެ. އެންމެ ލޯބިން ފިލާވަޅު ދަސްކުރަން ދާށޭ ބުނާ އަޑު ޖެހިގެންހުންނަ ގޭގެއަށް އިވޭނެއެވެ. ކައިފިންހޭ އަހާލިއަސް ސިއްސައިގެން ދާވަރު ކޮށްލާނެއެވެ. ކޮޓަރިތެރެ ރީތިކޮށްލާށޭ ބުނާއިރު ހީވާނީ ހޮނު ގުގުރިއެއް ޖަހާހެންނެވެ. މީ ހަމަ އެހެން ކުދިންގެ ވެސް މައިންބަފައިން ކަންތައް ކުރާގޮތްބާއޭ އަހަރެންގެ ހިތަށް އަރައެވެ. ނަމަވެސް ... އާހް!!!
ގޭގާ ހުންނަ ޓީ.ވީ އަކީ ގޭގެ އެންމެ ޚާއްޞަ މެހެމާނެވެ. ކުޑަނަމަވެސް ގެއްލުމެއް އެއަށް ލިބިއްޖެ ނަމަ ދެން އެ ކަންތަކާއި ޖެހުނީއެވެ. އަވަސްވިގޮތަކުން އެއަށް ޝިފާ ހޯދާނެއެވެ. ކިތަންމެ ޚަރަދެއް ކުރަންޖެހުނަސް އެއީ މައްސަލަ އެއްނޫނެވެ. ޓީ.ވީ އަށް ޚާއްސަ ކުރެވިފައިވާ ޖާގައަކީ ގޭ ވަކިން ޚާއްސަ ތަނެކެވެ. ނަމަވެސް އަހަރެންނަށް ވަކިން ޚާއްސަ ތަނެއް ގޭގައި ހަމަޖެހިފައި އޮންނާނެ ނަމައޭ ހިތައްއަރައެވެ. ބައްޕަގެ "ބިޒީ" ތާވަލުން އަހަރެމެންނަށްޓަކައި ވަގުތު ނުވިޔަސް ޓީވީ އަށްޓަކައި ޚާއްސަ ވަގުތު ހުސްކުރައްވައެވެ. ހިނިތުންވުމާއި އެކު ޓީވީ އާއި އެކު ވަގުތު ހޭދަކުރައްވައެވެ. މަންމަގެ ވަރުބަލިކަމާއި ހިތް ނުތަނަވަސްކަމުގެ ވަގުތުގާވެސް ޓީވީއަށް އެދެއްވާ ވަގުތުގައި މަންމަގެ މޫނުމަތިން ފެނިގެންދާނީ އުފާވެރިކަމުގެ ކުލަތަކެވެ. ނަމަވެސް އަހަރެމެންނާއި ބައްދަލުކުރާއިރު މިވަނީ ........ އާހް!
އަހަރެންވެސް މީ ޓީވީ އެއްނަމަ އަހަރެންގެ މައިން ބަފައިންގެ ފަރާތުން މިފަދަ ލޯތްބާއި އަޅާލުން ލިބޭ ފަރާތަކަށް ވީހެވެ. މިއަދު އަހަރެމެންގެ ތެރެއިން ގިނަކުދިންގެ ހާލަތު ގޭގެ ސިޓިންގރޫމުތަކުގައި ހުންނަ ޓީވީ ގަނޑަކަށްވުރެވެސް ނިކަމެއްޗެވެ.
މަންމާއެވެ. ބައްޕާއެވެ. މި ދަރިފުޅުގެ މި ވޭނީ އާހްގެ އަޑު އައްސަވާށެވެ. ތިޔަބޭފުޅުންނަށްވެސް މިހެން ކަންތައްތައް ކުރެވޭނަމަ މިކަމާއިމެދު ވިސްނާލާށެވެ.
Posted on 2010-05-23 00:15:45 |
Report this Comment