ދުނިޔެއަށް އަހަރެން އުފަންވީ ތިޔަ ބިމަށެވެ. ހިތުގައި ގައުމީ ލޯބިޖެހިފައިވަނީވެސް ހަމަ ތިޔަ ބިމަށެވެ. އަހަރެންގެ އާއިލާގެ އެންމެނާ ގިނަ ރައްޓެހިން އެބިމަކަށް ފުރަތަމަ ނޭވާލައި ދުވަހަކުވެސް ނުކެނޑޭނޭ ފަދަ ގުޅުންތަކެއް ބަދަހިވީވެސް ހަމަ ތިޔަ ބިމުގައެވެ. އަހަންނަށް އަދާހިސާބަށް މިނިވަންކަން ލިއްބައިދިނީވެސް ހަމަ ތިޔަ ބިންމަތީގައެވެ. އެހެނެއްކަމަކު ތިޔަ ބިމަށް ކުރާ ލޯބި ހައްގުތޯ އަހަރެންގެ ހިތުގައި ސުވާލު އުފެދުނީ ތިޔަބިން ދޫކުރި ވަގުތުން ފެށިގެންނެވެ.
މީހުން 30 ހޭކިޔައިގެން އެއަހަރުތަކަކުން އެމީހުންގެ ދޫ ސަލާމަތް ނުވެވޭ އެ 30 އަހަރުގެ ތެރެއަށް ނޭވާލީ ކިހިނަކުންކަން މޮޅަށް ދެނެވޮޑިގެންވަނީ ﷲ އެވެ. އާދައިގެ ރަށްފުށު ދިރުއުޅުމަކަށް އުފަންވީއިރު މައެއްގެ އުއްމީދު ކިތަންމެ ފޮނިވިނަމަވެސް ތަންދޮރު އޮޅުންފިލުވާލެވޭ ވަރަށް ކިޔެވޭނޭ ކަމާއިމެދު އެދުވަސް ދުކުނު ކޮންމެ މީހަކު ޝައްކު ކުރާނެއެވެ. އެހެންނަމަވެސް އަމާން އޮމާން ދިރިއުޅުމެއްގައި ދުވަސްތައްވޭތު ކުރަމުން ދިޔައީ ދުނިޔޭގެ މަކަރުވެރި ރޭވުންތަކުން ރައްކާތެރިކޮއްދިން މަންމަގެ ބެލުމުގެ ދަށުގައި ހަމަ ތިޔަ ބިމުގައެވެ. އެހެނަސް...
އަހަރެން ތަންދޮރު އޮޅުން ފިލިއިރު ތިޔަބިން އަހަންނަށް ދެއްކީ އަހަރެން ދެކެން ބޭނުންވި މަންޒަރުތަކެއް ނޫނެވެ. އަޑު އަހަން މަޖުބޫރުވީ އަހަން ހިތްއެދޭ އަޑުތަކެއް ނޫނެވެ. ހިންދިރުވާލައިފައިވެސް ގަބޫލުކުރަންޖެހުނީ ބިމުގެ ހާލަތާއިމެދު ގަބޫލުކުރަން ބޭނުންވި ހަޤީޤަތެއް ނޫނެވެ. އެންމެ ކުޑައިރުއްސުރެ އިސްލާމީ ރިވެތި އަދަބުތަކެއް ތިޔަ ބިމަކުން އަހަރެން ނުދެކެމެވެ. ދީނީ އެއްބައިވަންތަކަން އިހްސާސެއް ނުކުރަމެވެ. ރަނގަޅު ރަހްމަތްތެރިން މަދުންނޫނީ ނުފެނެއެވެ. ފަސްވަގުތުގެ ނަމާދުގެ މުހިއްމުކަމާއި ދީނީ އަޤީދާ އަހަރެންގައިގައި ހަރުލައްވައެއް ނުދެމުއެވެ. ދީނަށް އުޅޭ މީހުނަށް ފުރައްސާރަ ކުރުން ނޫން ކަމެއް ތަޖުރިބާ ނުކުރަމެވެ. ކިރިޔާ ބިމުން މައްޗަށް ބޯ ހިއްލާލެވޭއިރު ޝިޓަކަށް ނުވަތަ ބިޓަކަށް ނުވި ރައްޓެއްސެއް އަހަރެން ނުދެކެމެވެ.
ޒިނޭއާއި ފާހިޝް އަމަލުތަކުގެ ވާހަކަތަކުން އަހަރެންގެ ބޯ ބަރުވިއެވެ. މާރާމާރިޔާއި ގުރޫޕް ފައިޓް ތަކުން އަހަރެންގެ ހިތް ބިރުގަންނަވާލިއެވެ. ސިޔާސީ ހަމަނުޖެހުންތަކުން ކުރިމަގު ބަނަކޮއްލިއެވެ. މިހުރިހާ ކަމެއް މަށަށް ހާސިލް ކޮއްދިނީ ހަމަ ތިޔަ ބިމުންނެވެ. ބަލާން ނުޖެހޭ ބޭނުންނުވާ މަންޒަރުތައް ދައްކައިދީ އުޅެން ރަނގަޅުނޫން ގޮތްގޮތަށް މަގުފަހި ކޮށްދިނީ ހަމަ ތިޔަ ލޯބިވާ ބިމެވެ. ދުނިޔޭގެ އުފަލެއް ހޯދާނޭ ރަނގަޅު ގޮތެއް ދަސްކޮށް ނުދެވުންތާނގައި އާޚިރަތް އެއީ އޮންނަ އެއްޗެއްކަންވެސް އޮޅިފައި އޮތީ ހަމަ ތިޔަ ބިމުގައި ތަންފީޒުކުރެވެމުން ދިޔަ ޤަވާއިދުންނެވެ. ވަކި ބައެއްގެ ހައްޤުތަކަށްޓަކައި ރައްޔިތުންގެ ހައްޤުތައް އަދައްދާންދެންވެސް ނިގުޅައިގަނެވިފައި އޮތީ ހަމަ ތިޔަބިމުގައެވެ. އިސްލާމީ ޝަރީއަތް ކަމުނުގޮސްގެން މަޖުލީސް މާރާމާރީ ހިންގާ ޖަލެއްފަދައިން ހަދާފައިވަނީވެސް ހަމަ ތިޔަ ބިމުގައެވެ. ކަމެއް ރަނގަޅު ނުވުމުން ވިސްނިގެންވެސް ރަނގަޅުމަގާއި ކައިރިޔަށް މީހަކު އައުން މަނާ ކުރަމުން ތިޔަދަނީ ހަމަ ތިޔަ ބިމުގައެވެ. އަހަރެން އެނބުރި ތިޔަ ބިމަށް ދާ އިރު މަށަށް ތިޔަބިން ކިޔާނީ މަރުހަބާތޯއެވެ؟ ނޫނީ ގޮވާނީ އެނބުރި ދާށޭތޯއެވެ؟
ކޮންމެ ގޮތަކަށް ކަންތައް އޮތްކަމުގައިވީނަމަވެސް އަހަންނަކީ ހަމަ ތިޔަ ބިމުގެ އަހުލުވެރިއަކީމެވެ. ކިތަންމެކަމަކުން އަހަރެންގެ ހަޔާތުގައި ތިޔަ ބިމުގެ ސަބަބުން މަޙްރޫމްވީ ކަމުގައިވީނަމަވެސް އަހަރެން އަދިވެސް ތިޔަ ބިންދެކެ ލޯބިވަމެވެ. އިންތިހާއަށް ލޯބިވަމެވެ. އަހަންނަށް ވިސްނެއެވެ. އަހަރެމެންފަދައިން ވީ ބަޔަކު ތިޔަބިން ކޮއްދިންކަންކަން ހަނދާން ނައްތާލައި ތިޔަ ބިމުގައި ފަސާދަކުރީއެވެ. އަހަރެން އެނބުރިދާނީ އަހަންނަށް ނުލިބުނު ތަކެތި ކިޔާ އިތުރަށް ހަލާކުރާކަށް ނޫނެވެ. އެހެނަސް ތިޔަ ބިމަށް ގެއްލިފައިވާ ހައްޤު ހޯދައިދޭންށެވެ. އެއީ އަހަރެންގެ ދަރިފަސްކޮޅަށް އަހަންނަށް ގެއްލުނުފަދަ ހައްޤުތައް ގެއްލުނަ ނުދިޔުމަށް ކުރެވެން އޮތްހާވެސް ކަމެވެ.
އަހަރެން ދަންނަމެވެ. އެހެން ގައުމުތަކުގެ ހާލަތު އަހަރެން ދަންނަމެވެ. އަހަރެންގެ ބިންދެކެ ލޯބިވާންޖެހޭ އެންމެ ބޮޑު އެއް ސަބަބަކީވެސް ހަމަ އެއީއެވެ. އެހެން ގައުމުތަކުން، މުސްލިމުންނަށް މަހްރޫމް ކުރުވާފައިވާ ހައްޤުތައް ކިޔާ ކޮޅުން ނުލާނެއެވެ. އަހަންނަކީ އެމީހުނާ އަޅައިބަލައިފިނަމަ ހުރިހާ ހައްޤެއް ލިބިފައިވާ މީހެކެވެ. އެހެންކަމުން އަހަރެން އަދިވެސް ގައުމުދެކެ ލޯބިވަމެވެ. އެބިންމަތީ ހިންގާ މާރާމާރީއާއި ސިޔަސީކޯޅުމާއި މަސްތުވާތަކެތީގެ މައްސަލަތަކަށް އެހެނަސް ހިތުގެ އެންމެ އަޑީން ނަފުރަތު ކުރަމެވެ. އަހަރެންގެ އުއްމީދަކީ އެފަދަ ހުތުރު އަމަލުތައް ތިޔަ ބިމުން ފޮހެލުމެވެ. އޭ މަގޭ ލޯބިވާ ގައުމެވެ. އަހަރެންވެސް ކަލާއަށް ހިދުމަތްކޮއްދޭން އެބަ ދަމެވެ. ދަތިތައް ކުރިމަތި ވާނޭ ކަމުގެ ފުރިހަމަ ޔަގީން ކަމާއިއެކުގައެވެ. ފަހަށް އޮތް ޖީލަށް ހެޔޮގޮތެއް އެދެނީނަމަ މި ގުރުބާނީ ނުވެއެއް ވާކަށް ނެތެވެ. ﷲ މަގުގައި ޖިހާދުކުރަން އަހަރެންވެސް ތިޔަ ބިމަށް އަދި އެނބުރިދާނަމެވެ. ތިޔަ ބިމުގެ އަހުލުވެރިންނަށް މާތް ﷲ ތެދުމަގު ދައްކަވާށިއެވެ. އާމީން!
Posted on 2010-05-11 02:43:10 |
Report this Comment
Posted on 2010-05-12 01:32:07 |
Report this Comment