ވިސްނާށޭޤައުމު

  • ޝާއިޢުކުރި ތާރީޚް: 10 05 2010
  • މިލިޔުން ކިޔާފައިވާ އަދަދު: 433

މުރާސިލްގައި ޝާއިއުކުރެވޭ ލިޔުންތަކަކީ އެންމެން ބަލައިގަންނަ ލިޔުންތަކަކަށް ހެއްދެވުމަށް އެހީތެރިވެދެއްވާ!
މިލިޔުމަކީ މުރާސިލްގައި ޖަހަން އެކަޝީގެން ނުވާ ލިޔުމެއްނަމަ އަޅުގަނޑުމެނަށް އަންގަވާ!
މިލިޔުން ރިޕޯޓުކުރެއްވުމަށް

ސަރުގޭޓްމަދަރ އަދި އެޑޮޕްޓު ބޭބީ

ލިޔުއްވީ: ފަޟީލަތުއްޝައިޚް މުޙައްމަދު ޢިޔާޟު ޢަބްދުއްލަޠީފު

މިހާރަކަށް އައިސް ދަރިން ލިބުމުގައި މައްސަލަތަކާއި ދިމާވެފައިވާ އަންހެނުންގެ ޙައްލެއްގެ ގޮތުގައި ބައެއް މީހުން ބުނެ އުޅޭ ސަރުގޭޓް މަދަރ އާއި އެޑޮޕްޓު ކުރުމުގެ މައްސަލާގައި އިސްލާމްދީނުގައި ކަންއޮތީ ކިހިނަކުންތޯ ބަލައިލުމަކީ މުހިއްމުކަމެކެވެ. އެގޮތުން ކުރެވުނު ދިރާސާ ތިރީގައި މިވަނީ އެވެ.



ސަރުގޭޓް މަދަރ ނުވަތަ އެހެން އަންހެނެއްގެ ރަޙިމްގެ ތެރެއަށް ފިރިމީހާގެ މަންޏާއި އަނބިމީހާގެ ބިސްލައިގެން އަށަގަންނަވާ ދަރިފުޅުގެ މައްސަލާގައި ބުނަމެވެ. ތިޔަ މައްސަލަ އަކީ ފަހުން އުފެދިގެން އުޅޭ މައްސަލައެކެވެ. ތިޔަ މައްސަލަ ދުނިޔެއަށް ފާޅުވީވެސް ދާދި ފަހުންނެވެ. އެހެންކަމުން، ކުރީގެ ޢިލްމުވެރިން ތިޔަ މައްސަލާގައި ބަޙުޘް ކުރައްވާފައެއް ނުވެއެވެ. ވުމާއިއެކު މިމައްސަލާގައި ވާހަކަ ދައްކަވާފައިވަނީ ފަހުގެ ޢިލްމުވެރިންނެވެ.

މާތް ﷲ ކީރިތި ގުރްއާނުގައި މުއިމިނުންެގެ ޞިފަތައް ބަޔާން ކުރައްވަމުން ވަޙީ ކުރައްވާފައިވެއެވެ. ( وَالَّذِينَ هُمْ لِفُرُوجِهِمْ حَافِظُونَ (5) إِلَّا عَلَىٰ أَزْوَاجِهِمْ أَوْ مَا مَلَكَتْ أَيْمَانُهُمْ فَإِنَّهُمْ غَيْرُ مَلُومِينَ ) (6)
މާނައަކީ: "އަދި އެބައިމީހުންނީ، އމީހުންގެ ފަރްޖުތައް ރައްކާތެރިކުރާމީހުންނެވެ. އެބައިމީހުންގެ އަނބިންނާއި ފިރީން، ނުވަތަ އެބައިމީހުންނަށް މިލްކުވެގެންވާ އަޅުންގެ މައްޗަށް މެނުވީއެވެ. ފަހެ ކަމަކަށަވަރުން އެބައިމީހުންނީ، އެބައިމީހުންނާއިމެދު، މަލާމާތް ލިބިގެން ނުވާ މީހުންނެވެ".

މިއާޔަތުގައި ﷲ ތަޢާލާ މިވަނީ އަނބިމީހާ އާއި އަޅުއަންހެނުންގެ ފަރުޖުތައް މެނުވީ އެހެން ހުރިހާ ތަނެއް ޙަރާމް ކުރައްވާފައެވެ.

އިންސާނުންގެ ނަސަބާއި ދަރިފަސްކޮޅު ރައްކާތެރި ކުރުމަށް މާތް ﷲ ވަނީ އަންގަވާފައެވެ. ސުވާލުގައިވާ ފަދައިން އެހެން އަންހެނެއްގެ ރަޙިމްގެ ތެރެއަށް ފިރިމީހާގެ މަންޏާއި އަނބިމީހާގެ ބިސް ލައިފިކަމަށް ވަނީ ނަމަ އިންސާނުންގެ ނަސަބުގެއްލި، ދަރިފަސްކޮޅު އޮޅޭ ގޮތް މެދުވެރިވެދާ ހުއްޓެވެ. ސަބަބަކީ ކުއްޖާ ދުނިޔެއަށް ގެނައުމަށްޓަކައި ބިސްދިން އަންހެންމީހާ އާއި އެމީހެއްގެ ރަޙިމްގައި ކުއްޖާ އަށަގެންނެވި އަންހެންމީހާ އާއި ދެމީހުން ވެސް އެމީހެއްގެ ދަރިއެއް ކަމަށް ދަޢުވާ ކުރާނެއެވެ. މިތަނުން އަޞްލު މަންމައަކީ ކޮބައި ކަމެއް ނެޭގޭނެއެވެ. އެހެންކަމުން ނަސަބު ގެއްލިދާފަދަ ކަމަކަށް މިކަން މެދުވެރިވެގެން ދެއެވެ.

އަންހެނާގެ ރަޙިމްއަކީ އޭނާއާއި ގުޅިފައިވާ އެއްޗެކެވެ. އެހެންކަމުން އޭނަގެ ހަށިގަޑުގެ އެއްވެސް ތަންކޮޅެއްގެ ބޭނުން ކުރެވޭނީ ޝަރްޢީ ހަމަތަކުގެ މަތިން ކައިވެނި ކުރެވިގެންނެވެ. އެހެންކަމުން އެހެންމީހަކަށް އަނބިމީހާގެ ރަޙިމް ކުއްޔަށް ދިނުމަކީ އިސްލާމްދީން ހުއްދަ ކުރާކަމެއް ނޫނެވެ.

އެހެންކަމުން ސުވާލުކުރި ފަރާތަށް ދަންނަވަމެވެ. މިމައްސަލައަކީ އިސްލާމްދީނުގައި ހުއްދަ ކަމެއް ނޫނެވެ. ދަރިންނަކީ މާތް ﷲ އިރާދަ ކުރެއްވިފަރާތަކަށް ދެއްވާ ނިޢުމަތެކެވެ. ﷲ އިރާދަ ކުރެއްވި އަޅަކަށް ހަމައެކަނި ފިރިހެން ކުދިން ދެއްވައެވެ. އަދި އިރާދަ ކުރެއްވި އަޅަކަށް ހަމައެކަނި އަންހެން ކުދިން ދެއްވައެވެ. އަދި އިރާދަ ކުރެއްވި އަޅަކަށް ދެޖިންސުގެ ކުދިން ދެއްވައެވެ. އަދި އިރާދަ ކުރެއްވި އަޅަކު ދަރިން ނުލިބޭ މީހެއްގެ ގޮތުގައި ލައްވަ އެވެ. މިކަންވަނީ ކީރިތި ޤްރުއާނުގެ ޝޫރާ ސޫރަތުގައި ބަޔާން ކުރައްވާފައެވެ. މާތްﷲ ވަޙީ ކުރައްވަނީ: (لِّلَّهِ مُلْكُ السَّمَاوَاتِ وَالْأَرْضِ ۚ يَخْلُقُ مَا يَشَاءُ ۚ يَهَبُ لِمَن يَشَاءُ إِنَاثًا وَيَهَبُ لِمَن يَشَاءُ الذُّكُورَ (49) أَوْ يُزَوِّجُهُمْ ذُكْرَانًا وَإِنَاثًا ۖ وَيَجْعَلُ مَن يَشَاءُ عَقِيمًا ۚ إِنَّهُ عَلِيمٌ قَدِيرٌ (50)) .
މާނައީ: "އުޑުތަކާއި، ބިމުގެ ވެރިކަން ވަނީ ﷲ އަށެވެ. އެކަލާނގެ އިރާދަކުރައްވާ އެއްޗެއް އެކަލާނގެ ހައްދަވަތެވެ. އެކަލާނގެ އިރާދަކުރައްވާ މީހަކަށް އަންހެންދަރީން ދެއްވަތެވެ. އަދި އެކަލާނގެ އިރާދަކުރައްވާ މީހަކަށް ފިރިހެންދަރީން ދެއްވަތެވެ. ނުވަތަ އެބައިމީހުންނަށް ފިރިހެންރީންނާއި އަންހެންދަރީން ދެއްވަތެވެ. އަދި އެކަލާނގެ އިރާދަކުރައްވާ މީހަކު، ދަރިމައިނުވާ މީހަކު ކަމުގައި ލައްވަތެވެ. ހަމަކަށަވަރުން، އެކަލާނގެއީ، މޮޅަށްދެނެވޮޑިގެންވާ، ކުޅަދުންވަންތަ ރަސްކަލާނގެއެވެ." (ޝޫރާ:49 އަދި 50)

އަޅުގަޑުމެންގެ މައްޗަށް ވާޖިބުވެގެންވަނީ ކަމަކަށް ބޭނުންވެއްޖެ ނަމަ، ﷲ ގެ ޙަޟްރަތުގައި ދުޢާ ދެންނެވުމެވެ. ދުޢާކޮށްފިނަމަ ތިންގޮތުން އެއްގޮތް މެދުވެރި ކޮށް ދެއްވާނެ ކަމުގެ ޔަގީންކަން ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ވަނީ ދެއްވާފައެވެ. އެއީ ދުޢާ އިޖާބަ ކުރެއްވުން، ނުވަތަ އެޔަށްވުރެ ރަގަޅު ގޮތެއް މެދުވެރި ކުރެއްވުން، ނުވަތަ އޭނާ އަށް ދިމާވާން އޮތް ބޮޑު މުޞީބާތަކުން ސަލާމަތް ކުރެއްވުން. އެހެންކަމުން، މާޔޫސްވުމެއް ނެތި އެދޭ ކޮންމެ ކަމަކަށް މާތް ﷲ ގެ ޙަޟްރަތުގައި ދަންނަވާށެވެ. ޝަރްޢީ ހަމަތަކުގެ މަތިން އަސްބާބު ތަކުގައި ވެސް ހިފާށެވެ. (މަސައްކަތް ކުރާށެވެ).


އެޑޮޕްޓު ކުރުން

އެޑޮޕްޓު ކުރުން، ނުވަތަ އެހެންމީހެއްގެ ދަރިއެއް ތިމާގެ ދަރިއެއް ކަމުގައި ހެދުން، މީސްތަކުންގެ ތެރޭގައި ދެގޮތަކަށް ބޭނުންކުރެވެއެވެ.

އެއްގޮތަކީ: ކުއްޖާގެ ނަސަބު ބަދަލުނުކޮށް، ކުއްޖާ އަށް އަޅައިލާ އޯގާތެރިކަމާއި އެކު ހެޔޮގޮތުގައި ކުއްޖާ ތަރްބިއްޔަތު ކުރުމެވެ.

ދެވަނަ ގޮތަކީ: ކުއްޖާގެ ނަސަބު ބަދަލުކޮށް، އެކުއްޖާ އަށް އަޅައިލާ އޯގާތެރިކަމާއި އެކު ހެޔޮގޮތުގައި ތަރްބިއްޔަތުކޮށް، އެޑޮޕްޓު ކުރިމީހާގެ ޢާއިލާގެ މެމްބަރެއްގެ ގޮތުގައި ހެދުމެވެ.

ޝައްކެތްނެތް ގޮތުގައި ދެވަނަ ގޮތަކީ އިސްލާމްދީން ފެށިގެން އައިތާ ކައިރީގައި ހުއްދަ ގޮތެކެވެ. އެގޮތުން ޒައިދު ބިން ޙާރިޘާ ގެ ނަން ޒައިދު ބިން މުޙައްމަދު އަށް ބަދަލުކޮށް ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- އަށް ނިސްބަތް ކުރެވުނެވެ. އަދި ސާލިމް އޭ ކިޔުނު ބޭފުޅަކު ޙުޛައިފާ ބިން އަލްޔަމާނީ އަށް ނިސްބަތް ކުރެވުނެވެ. އެހެންނަމަވެސް، ތަބައްނީ ނުވަތަ އެޑޮޕްޓު ކުރުމުގެ ޙުކުމް ޝަރީޢަތުގައި ބާޠިލް ކުރެއްވުމާއި ހަމައިން، ކޮންމެ ކުއްޖަކު ވެސް އެކުއްޖެއްގެ އަޞްލު ބައްޕަ އަށް ނިސްބަތް ކުރެވުނެވެ. އެގޮތުން ޒައިދު ބިން މުހައްމަދު ގެ ނަން ޒައިދު ބިން ޙާރިޘާ އަށް ބަދަލު ކުރެއްވިއެވެ.

އެޑޮޕްޓު ކުރުމުގެ ޙުކުމް ބާޠިލް ކުރެއްވިކަން އަންގަވައި ކީރިތި ގުރްއާނުގެ އަލްއަޙްޒާބް ސޫރަތުގެ 5 ވަނަ އާޔަތު ގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (ادْعُوهُمْ لِآبَائِهِمْ هُوَ أَقْسَطُ عِنْدَ اللَّهِ فَإِنْ لَمْ تَعْلَمُوا آبَاءَهُمْ فَإِخْوَانُكُمْ فِي الدِّينِ وَمَوَالِيكُمْ وَلَيْسَ عَلَيْكُمْ جُنَاحٌ فِيمَا أَخْطَأْتُمْ بِهِ وَلَكِنْ مَا تَعَمَّدَتْ قُلُوبُكُمْ وَكَانَ اللَّهُ غَفُوراً رَحِيماً) މާނައަކީ: އެކުދީންގެ ޙަގީގީ ބަފައިންނަށް ތިޔަބައިމީހުން އެކުދިން ނިސްބަތްކުރާށެވެ. އެގޮތް މާތް ﷲގެ ޙަޟްރަތުގައި މާއިންސާފުވެރިކަން ބޮޑެވެ. ފަހެ، އެކުދިންގެ ބަފައިން ތިޔަބައިމީހުންނަށް ނޭނގޭނަމަ، އެކުދިންނީ ދީނަށް ނިސްބަތްވާގޮތަށް ތިޔަބައިމީހުންގެ އަޚުންނެވެ. އަދި، ތިޔަބައިމީހުންނަށް ނޭނގި ކުށުން ކުރެވުނުކަމަކަށް އެއްވެސް ފާފައެއް ތިޔަބައިމީހުންނަކަށް ނުވެއެވެ. އެކަމަކު ފާފައެއް ކަމުގައި ހިމެނޭނީ ތިޔަބައިމީހުންގެ ހިތްތަކުން އެކަންތަކަށް ގަޞްދުކުރިކަންކަމެވެ. އަދި މާތް ﷲ އީ ފާފަ ފުއްސަވާ ރަޙީމްވަންތަ އިލާހެވެ".

ޔަތީމު އަދި ފަގީރު، އަޅާލާނެ މީހަކު ނެތިފައި ތިބި ކުޑަކުދިން އެމީހެއްގެ އަމިއްލަ ދަރިއެއް ފަދައިން ތަރްބިއްޔަތުކޮށް މުޖްތަމަޢު ގެ ތެރެއަށް ނެރެދިނުމަކީ އިސްލާމް ދީން އެކަމަކަށް ވަރަށް ބޮޑަށް ބާރު އަޅާ ކަންތަކެވެ. ޚާއްޞަގޮތެއްގައި ހަނގުރާމައިގެ ތެރޭގައި ޢާއިލާ ގެއްލިގޮސްފައިވާ ކުދީން، ނުވަތަ ޙާދިޘާ އެއް މެދުވެރިވެގެން ޢާއިލާ ގެއްލިފައިވާ ކުދިން، ނުވަތަ އެނޫންވެސް ގޮތަކުން އަޅާލާނެ މީހަކު ނެތިފައިވާ ތުއްތު ކުދިންނެވެ. އެހެންނަމަވެސް، ކުއްޖާގެ ނަސަބު ބަދަލުކުރުމެއްނެތި އެވެ. އެހެންކަމުން އެކުއްޖާ ބަލާބޮޑު ކުރި މީހެއްގެ މަޙްރަމަކަށް (ކައިވެނި ޙަރާމްވާ މީހަކަށް) އެކުއްޖާ ނުވާނެއެވެ. އަދި އެމީހެއްގެ މުދަލުން ވެސް އެކުއްޖާ އަކަށް ވާރުތަ އެއް ނުކުރާނެއެވެ. ނަމަވެސް މީގެ މާނައަކީ އެކުއްޖާ ބޮޑުވެގެން އޭނާ ބަލާ ބޮޑު ކުރި މީހުންނަށް ޒިޔާރަތްކޮށް، އިޙްތިރާމްކޮށް، އަޅައިލާ ހެދުން މަނާކުރުމުގެ ވާހަކަ އެއް ނޫނެވެ. އިސްލާމް ދީނުގައި އަންގަވާފައިވަނީ ތިމާއަށް ހެޔޮކަމެއް ކޮށްދީފި މީހަކަށް އިޙްސާންތެރިވުމަށެވެ. މާތް ﷲ އައްރަޙްމާން ސޫރަތުގެ 60 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. (هَلْ جَزَاءُ الإِحْسَانِ إِلَّا الإِحْسَانُ) މާނައަކީ: "ހެޔޮކަމުގެ ޖަޒާއަކީ ހެޔޮކޮށް ހިތުން ކަމުގައި ނޫނީ ވާނެހޭ؟". ކީރިތި ރަސޫލާ- ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރެއްވިއެވެ. (مَنْ صَنَعَ إِلَيْكُمْ مَعْرُوفًا فَكَافِئُوهُ فَإِنْ لَمْ تَجِدُوا مَا تُكَافِئُونَهُ فَادْعُوا لَهُ حَتَّى تَرَوْا أَنَّكُمْ قَدْ كَافَأْتُمُوهُ) މާނައަކީ: "ތިޔަބައިމީހުންނަށް ހެޔޮކޮށް ކަމެއް ކޮށްދީފި މީހަކަށް އެކަމުގެ އުޖޫރާ ދޭހުށިކަމެވެ. އުޖޫރައިގެ ގޮތުގައި ދޭނެއެއްޗެއް އަތުގައި ނެތްކަމަށް ވަނީ ނަމަ އެމީހަކަށް ހެޔޮކޮށް ހިތިއްޖެ ކަމަށް ތިޔަބައިމީހުންނަށް ގަބޫލުުކުރެވެއްޖައުމަށް ދާންދެން އެމީހަކަށްޓަކައި ހެޔޮ ދުޢާ ކޮށްދޭށެވެ".

އެޑޮޕްޓު ކުރުމާއި ޔަތީމުން ބެލެހެއްޓުމާއި ދެމެދުގައިވާ ތަފާތު:

އެޑޮޕްޓު ކުރުމަކީ ޔަތީމު ކުއްޖަކު ނުވަތަ އެނޫންވެސް ކުއްޖަކު ތިމާގެ އަމިއްލަ ދަރިއެއް ކަމުގައި ހެދުމެވެ. އަދި އެކުއްޖެއްގެ ނަސަބު ބަދަލުކޮށް، އޭނާގެ ޢާއިލާގެ މެމްބަރެއްގެ ގޮތުގައި ހެދުމެވެ. އެގޮތުން އެޑޮޕްޓު ކުރި މީހާގެ ޢާއިލާގެ ހުރިހާ މެމްބަރުންނަކީ އެކުއްޖާގެ ވެސް ޢާއިލީ މީހުންނެވެ. މިކަމަކީ ޖާހިލިއްޔަ ޒަމާނުއްސުރެ ފެށިގެން އޮންނަކަމެކެވެ. އިސްލާމް ދީނުގެ ކުރީކޮޅުގައި ވެސް މިކަން އޮތީ ހުއްދަ ކުރައްވާފައެވެ. ނަމަވެސް ފަހުން އެޙުކުމް މަންސޫޚު ކުރެއްވީ އެވެ.

ޔަތީމުން ބެލެހެއްޓުމަކީ އެކުއްޖާ ތިމާގެ ގޭގައި ބަހައްޓައިގެން، އެކުއްޖާ އަށް ކަމޭހިތާ ހެޔޮގޮތުގައި ކަންތައް ކޮށް ދިނުމެވެ. ޔަތީމުންނަށް ކަމޭ ހިތުމަކީ އިސްލާމް ދީނުގައި ވަރަށް ބޮޑަށް ބާރު އަޅުއްވާފައިވާ ކަމެކެވެ. ސޫރަތުލް ބަގަރާ ގެ 220 ވަނަ އާޔަތު ގައި ވަޙީ ކުރައްވާފައިވެއެވެ. ( وَيَسْأَلُونَكَ عَنِ الْيَتَامَىٰ ۖ قُلْ إِصْلَاحٌ لَّهُمْ خَيْرٌ ۖ وَإِن تُخَالِطُوهُمْ فَإِخْوَانُكُمْ ۚ وَاللَّهُ يَعْلَمُ الْمُفْسِدَ مِنَ الْمُصْلِحِ ۚ وَلَوْ شَاءَ اللَّهُ لَأَعْنَتَكُمْ ۚ إِنَّ اللَّهَ عَزِيزٌ حَكِيمٌ) މާނައަކީ: " އަދި ޔަތީމުންނާއި ބެހޭގޮތުން، ކަލޭގެފާނާއި ސުވާލު ކުރެއްވޭނެތެވެ. ވިދާޅުވާށެވެ. ޔަތީމުންގެ ކަންތައް، އެއުރެންނަށްޓަކައި، އިޞްލާހުކޮށް، ބަލަހައްޓަި، ހިންގައިދިނުމަކީ ވަރަށް ބޮޑު ހެޔޮކަމެކެވެ. އަދި ތިޔަބައިމީހުން، އެއުރެންނާއިއެކު، ވިޔަފާރީގެ މުޢާމަލާތުގައި ޙިއްސާދާރުވެ، އެއުރެންގެ މުދަލާއި، ތިޔަބައިމީހުންގެ މުދަލާއި އެއްކޮށްލައިފިނަމަ އެއުރެންނަކީ ތިޔަބައިމީހުންގެ އަޚުންނެވެ. އަދި ދަންނާށެވެ. ފަސާދަކުރާމީހާއާއި، ޞުލްޙަމަޞްލަޙަތްތެރިކަން ހިފަހައްޓާމީހާ، ﷲ ފުރިހަމައަށް ދެކެދެނެވޮޑިގަންނަވަތެވެ. އަދި ވިސްނާށެވެ. ﷲ އިރާދަކުރައްވައިފިނަމަ، ތިޔަބައިމީހުން ދަތިއުނދަގުލުގެ ތެރެއަށް ވެއްޓޭނެގޮތް މެދުވެރި ކުރައްވައިފީހެވެ. ހަމަކަށަވަރުން، ﷲ އަކީ، ގަދަކީރިތިވަންތަ، ޙަކީމްވަންތަ އިލާހެވެ".

ޔަތީމުންނަށް ކަމޭހިތުމަކީ ސުވަރުގޭގައި ކީރިތި ރަސޫލާގެ އަރިހުގައި ވުމުގެ ފުރުޞަތު ލިއްބައިދޭ ކަމެކެވެ. ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރެއްވިއެވެ. "ތިމަންކަލޭގެފާނާއި ޔަތީމުން ބަލަހައްޓާމީހާ ސުވަރުގޭގައި ވާހުށީ މިހާ ކައިރީގައެވެ. މިހެން ޙަދީޘް ކުރައްވާ ޝަހާދަތް އިނގިއްޔާއި މެދު އިނގިލިން އިޝާރާތް ކުރެއްވިއެވެ".

ޔަތީމުން ބެލެހެއްޓުމުގައި ވެސް ސަމާލުވާން ޖެހޭ ކަމެއް އެބައޮތެވެ. އެއީ، އެކުދިން ބާލިޣް ވުމުން އެކުދިން ބަލަހައްޓަމުން އަންނަ އަންހެންމީހާ އެކުދިންގެ ކުރިމަތީގައި ބުރުގާ އަޅާ ނިވާ ކުރަން ޖެހޭ ކަމެވެ. މީގެ މާނައަކީ އެކުދިން ދުރުކޮށްލުމެއް ނޫނެވެ. ނަމަވެސް، ކަިއިރި ކުރުމާއި ދުރުކުރުން އޮންނަންވާނީ އިސްލާމްދީން ހުއްދަ ކުރާ މިންގަޑުގެ ތެރޭގައެވެ. ކާމިޔާބާއި ފަލާޙް ލިބޭހުށީ އޭރުންނެވެ.

މުރާސިލް ހޯމްޕޭޖް އަށާއި ފީޗަރޑް ބަޔަށް ލިޔުން އެރުވުމުގައި ކިޔުންތެރިން ލިޔުމަށް ދޭ ތަރުހީބަށް ބެލޭނެ އެވެ.

ނަން:

ވެބްސައިޓް:

ހިޔާލު:

  • - ލިޔުންތަކަށް ހުށަހެޅޭ ކޮމެންޓް ތައް ޝާއިއު ކުރާނީ ލިޔުންތެރިޔާ އެވެ.
  • - މި ގޮޅީގައި ލިޔުއްވާއިރު ކޮމްޕިއުޓަރގެ ރީޖަނަލް / ލެންގުއޭޖް ސެޓިންގްސް އިން ދިވެހި އިޙްތިޔާރު ކުރައްވާކަށް ނުޖެހޭނެ.
  • - އާއްމުކޮށް ބަލައިގަނެވޭ އަޙްލާގީ މިންގަޑަށް ނުފެތޭ ލިޔުންތައް ޝާއިއު އެއް ނުކުރެވޭނެ ވާހަކަ ދަންނަވަން.