ވިސްނާށޭޤައުމު

  • ޝާއިޢުކުރި ތާރީޚް: 08 05 2010
  • މިލިޔުން ކިޔާފައިވާ އަދަދު: 78

މުރާސިލްގައި ޝާއިއުކުރެވޭ ލިޔުންތަކަކީ އެންމެން ބަލައިގަންނަ ލިޔުންތަކަކަށް ހެއްދެވުމަށް އެހީތެރިވެދެއްވާ!
މިލިޔުމަކީ މުރާސިލްގައި ޖަހަން އެކަޝީގެން ނުވާ ލިޔުމެއްނަމަ އަޅުގަނޑުމެނަށް އަންގަވާ!
މިލިޔުން ރިޕޯޓުކުރެއްވުމަށް

ލޯކަލް އިންތިޚާބުތަކުގައި ވޯޓުލުމުގެ ޙައްޤު

ލިޔުނީ : އަލްއުސްތާޒް މުހައްމަދު ނަޝީދު

ލޯކަލް ކައުންސިލުގެ އިންތިޚާބުގެ ބިލު، އިއްޔެ ރައްޔިތުންގެ މަޖިލީހުން ފާސްވިއިރު، އޭގައި އޮތް މާއްދާއަކާ ގުޅޭގޮތުން މެންބަރުންގެ މެދުގައި ޚިޔާލު ތަފާތުވެ، މީޑިއާގައިވެސް، އެ ބަހުސްވަނީ ކޮންމެވެސް ވަރަކަށް ކުރެވެން ފަށާފައެވެ.

ޚިޔާލު ތަފާތުވެފައިވާ މާއްދާއަކީ، ބިލުގެ 4 ވަނަ މާއްދާއެވެ. އެ މާއްދާގައި ބުނަނީ އަންނަނިވިހެންނެވެ.

4. މި ޤާނޫނުގެ ދަށުން ބާއްވާ ކައުންސިލުތަކުގެ އިންތިޚާބުތައް ބާއްވާނީ ހަމައެކަނި އެ ކައުންސިލަކަށް މެންބަރުން އިންތިޚާބުކުރުމަށް ވޯޓުލާ ދާއިރާއެއްގައެވެ. އެ ވޯޓު ނެގުމާއި ގުނުން އޮންނާނީ، އެ ކައުންސިލުގެ ދާއިރާގައެވެ. ވޯޓު ލެވޭނީ، އެމީހަކުގެ ރަޖިސްޓްރީ އޮންނަ ރަށުގައެވެ.

އެ މާއްދާ ބުނާގޮތުން، ލޯކަލް ކައުންސިލުގެ އިންތިޚާބެއްގައި ވޯޓުލުން އޮންނާނީ، އެ ކައުންސިލެއް ނިސްބަތްވާ ދާއިރާގައެވެ. އެ ދާއިރާގެ އިންތިޚާބުގެ ވޯޓުލުން އެހެން ރަށެއްގައެއް ނޯންނާނެއެވެ.

މިސާލަކަށް، ކުޅުދުއްފުށީ ކައުންސިލުގެ އިންތިޚާބުގައި، ވޯޓު ނެގުން އޮންނާނީ ކުޅުދުއްފުށީގައެވެ. އެހެން ރަށެއްގައި ހުރެގެން، އެ ވޯޓުލުމުގައި ބައިވެރިއެއް ނުވެވޭނެއެވެ.

މިހެން ފާސްވުމާވިދިގެން، ބައެއް މެންބަރުން ދެކެވަޑައިގަތީ، އެއީ، ޤާނޫނުއަސާސީން ލިބިދޭ ވޯޓުލުމުގެ ޙައްޤު ހުއްޓުވާލީ ކަމަށެވެ. އެ ޙައްޤަށް ހުރަސްއެޅީ ކަމަށެވެ. އެ ޙައްޤު ހިފެހެއްޓީ ކަމަށެވެ. ބައެއް މެންބަރުން ދެކެވަޑައިގެންނެވި ގޮތުގައި، އެ ޙައްޤު ހިފެހެއްޓިގެނެއް ނުދެއެވެ. ހަނިވެގެނެއްވެސް ނުދެއެވެ.

މި އުފެދުނީ އަނެއް ބަހުސެވެ.

އަޅުގަނޑުގެ ވިސްނުންހުރިގޮތް ބައެއް ނުކުތާތަކުގެ މައްޗަށް ދަންނަވާލާނަމެވެ.

އެކެއް

އޭގެ އެންމެ ފުރިހަމަގޮތަކީ، ކުޅުދުއްފުށީ ރަށު ކައުންސިލުގެ އިންތިޚާބުގައި ވޯޓުލުން އޮންނައިރު، ރާއްޖޭގައި ކަމުގައިވީނަމަވެސް، ރާއްޖޭން ބޭރުގައި ކަމުގައިވީނަމަވެސް، ކުޅުދުއްފުށީ މީހަކު ހުރެއްޖެނަމަ، އޭނާއަށް އެ ވޯޓުލުމުގައި ބައިވެރިވެވޭނެގޮތް ވުމެވެ.

ވޯޓުލުމުގެ ޙައްޤު ބޭނުންކުރެވޭނެ ފުރުޞަތު އޭނާ ހުރި ހިސާބަކަށް ގެންގޮސްދިނުމެވެ.

ޤާނޫނުއަސާސީގެ 26 ވަނަ މާއްދާ ބުނާގޮތުން، އިންތިޚާބުތަކުގައި ވޯޓުދިނުމުގެ ޙައްޤު 18 އަހަރު ފުރިފައިވާ ކޮންމެ ރައްޔިތަކަށްމެ ލިބިގެންވެއެވެ.

އެހެންކަމުން، އޭނާ ކޮންމެ ތަނެއްގައި ހުރެގެން ކަމުގައިވީނަމަވެސް، އެކަން އޭނާއަށް ކުރެވޭނެގޮތްވުން، ނުވަތަ އެ ޙައްޤު ބޭނުންކުރުމުގެ ފުރުޞަތު އޭނާ ހުރިތަނަކަށް ގެންގޮސްދިނުން، އެއީ އޭގެ އެންމެ ފުރިހަމަ ގޮތެވެ.

ބިލު ސަރުކާރުން ހުށަހެޅިއިރުވެސް، އަދި ބިލު ކޮމީޓީން ފުރިހަމަކުރިއިރުވެސް، އަދި، ބިލު ފާސްވިދުވަހު ހުށަހެޅުނު އިޞްލާޙުގައިވެސް، އެ ތަފްޞީލު އުސޫލެއް އެހާ ސާފުކޮށެއް ނެތެވެ. އެއް އިޞްލާޙުގައި އޮތީ މާލޭގައި އިތުރު ފޮށްޓެއް ބަހައްޓާ ވާހަކައެވެ. ދެން އޮތް އިޞްލާޙުގައި އޮތީ، ވީހާވެސް ފުޅާކޮށް ޙައްޤު ލިބިދެވޭނެ އިންތިޒާމު ހަމަޖައްސަންވާނެ ވާހަކައެވެ.

ދޭއް

ކުޅުދުއްފުށީގެ ރަށު ކައުންސިލުގެ އިންތިޚާބު ބާއްވާ ދުވަހު، ކުޅުދުއްފުށީގެ ރަޖިސްޓްރީގައިވާ ކޮންމެ މީހަކަށްމެ ވޯޓުލުމުގެ ޙައްޤު ލިބިދިން ކަމުގައިވީނަމަވެސް، ދައުލަތެއްގެގޮތުގައި، ކުރާ އިންތިޒާމުތަކެއްގެ ތެރެއިން، އެ ޙައްޤު ގެންގޮސްދެވޭނީ ކިހާހިސާބަކަށް ހެއްޔެވެ؟ މިއީ، ކޮށްލުން ރަނގަޅު ސުވާލެކެވެ.

ކުޅުދުއްފުށީ ރައްޔިތަކު، މާލޭގައިވެސް ރާއްޖޭގެ އެހެން ހިސާބެއްގައިވެސް ހުރެދާނެއެވެ. ހަމައެހެންމެ، ރާއްޖޭން ބޭރު ރަށެއްގައިވެސް ހުރެދާނެއެވެ.

އެހެންކަމުން، ރޮނގު ދަމާލާނީ ކިހާހިސާބަކުން ހެއްޔެވެ؟ ކުޅުދުއްފުށީ ރަށު ކައުންސިލުގެ އިންތިޚާބު ބާއްވާ ދުވަހު، މާލޭގައި ދިރިއުޅޭ އެރަށު މީހުންނަށް މާލޭގައި ވޯޓުލެވޭގޮތް މިސާލަކަށް ހަދައިދިނީއެވެ.

އައްޑޫގައި ހުރި، ނުވަތަ އަރިއަތޮޅުގައި ހުރި، ނުވަތަ ރިސޯޓެއްގައި ހުރި، ނުވަތަ ފަޅުރަށެއްގައި ހުރި، ނުވަތަ ސިނާޢީ ރަށެއްގައި ހުރި ކުޅުދުއްފުށީ މީހާއަށް ހަދާނީ ކިހިނެއްހެއްޔެވެ؟

ކުޅުދުއްފުށީ ރައްޔިތަކު، ރާއްޖޭގެ ކޮންމެތަނެއްގައި ހުރިނަމަވެސް، ވޯޓުލެވޭގޮތް ހަދައިދިނީއެވެ. ރާއްޖޭގައި ހުރިހާ ހިސާބެއްގައި ކުޅުދުއްފުށީ ވޯޓު ފޮށްޓެއް ބަހައްޓައިގެންނެވެ.

އެހެންވެއްޖެނަމަ، ސިލޯނާއި އިންޑިޔާއާއި މެލޭޝިޔާއާއި ޗައިނާގައި ދިރިއުޅޭ ކުޅުދުއްފުށީގެ ރަޖިސްޓްރީ އޮތް މީހާއަށް އެ ޙައްޤު ފޯރުކޮށް ނުދޭންވީ ހެއްޔެވެ؟ ނޫނީ އެކަންވެސް ކުރާނީ ހެއްޔެވެ؟ ކުރެވޭނެ ހެއްޔެވެ؟

އެހެންކަމުން، ރޮނގު ދަމާލާނީ ކިހާ ހިސާބަކުން ހެއްޔެވެ؟ މިއީ، ހަމަ ކޮށްލުން ރަނގަޅު ސުވާލެކެވެ.

ކޮންމެ ރަށެއްގެ ކައުންސިލު އިންތިޚާބު އެ ރަށެއްގައި ބާއްވާއިރު، އިތުރު ފޮށްޓެއް މާލޭގައި ބަހައްޓާފައި ނިންމާލިނަމަވެސް، އެހެން ތަންތާނގައި ތިބި އެ ރަށުގެ ރައްޔިތުންނަށް ފުރުޞަތު ނުލިބިއްޖެނަމަ، އެމީހުން މަޙްރޫމް ކުރެވުނީކަމަށްވާނެ ދެއްތޯއެވެ.

ރާއްޖޭގައި ކޮންމެ ތަނެއްގައި، ކުޅުދުއްފުށީ މީހަކު ހުރިނަމަވެސް އޭނާއަށް ވޯޓު ލެވިފައި، ރާއްޖޭން ބޭރުގައި ހުރި ކުޅުދުއްފުށީ މީހާއަށް ވޯޓު ނުލެވެންޏާ، އެ ޙައްޤުން އެ މީހުންވެސް މަޙްރޫމް ކުރެވުނީކަމަށްވާނެ ދެއްތޯއެވެ.

ތިނެއް

އަޅުގަނޑަށް ވިސްނޭގޮތުގައި، ޤާނޫނުއަސާސީގެ 26 ވަނަ މާއްދާގައި ބުނަނީ، ވޯޓުލުމުގެ ޙައްޤު މީހާއަށް ލިބިގެންވާ ވާހަކައެވެ. އެ ޙައްޤު އޭނާ ހުރި ހިސާބަކަށް ގެންގޮސްދޭ ވާހަކައެއް ނޫނެވެ.

އެ ޙައްޤު ބޭނުންކުރަން އޭނާ ބޭނުންކަމަށްވާނަމަ، އެ ޙައްޤަށް ހުރަސް ނޭޅޭނެ ވާހަކައެވެ. ކުޅުދުއްފުށީ މީހަކަށް، ކުޅުދުއްފުށީ ރަށު ކައުންސިލު އިންތިޚާބުގައި ބައިވެރިނުވެވޭގޮތަށް، އޭނާއަށް އެއްވެސް ހުރަހެއް ކުރިމަތި ނުކުރެވޭނެ ވާހަކައެވެ. އެ މަގާމުގައި ހުރި އެހެންމީހަކަށްވެސް ފުރުޞަތު ލިބިދޭގޮތަށް، އޭނާއަށްވެސް ފުރުޞަތު ލިބިދޭންޖެހޭނެ ވާހަކައެވެ.

އަސާސީ ޙައްޤަކީ، ހަމަހަމަގޮތުގައި މީހުންނަށް ލިބެންޖެހޭނެ ޙައްޤެކެވެ. ހަމަހަމަގޮތުގައި ލިބުމުގެ މާނައަކީ، އެއްގޮތް ޙާލަތުގައި ތިބި މީހުންނަށް އެއްގޮތް އުސޫލުން ކަން ވާންޖެހޭނެ ވާހަކައެވެ.

ރަށު އިންތިޚާބު އޮތީ ރަށުގައެވެ. ރަށު މީހުންނަށް، އެ ރަށުގައި ނަގާ ވޯޓުގައި، ބައިވެރިވުމުގެ ފުރުޞަތު ނުހުއްޓުވޭނެ ވާހަކައެވެ. އެ ރަށު އެކަކަށްވެސް ވޯޓުލެވެންޏާ، އެ ރަށު އަނެއް މީހާއަށްވެސް ހަމައެގޮތަށް ވޯޓުލެވެންވާނެ ވާހަކައެވެ.

ބިލު މިފަހަރު ފާސްވިގޮތުން، ވޯޓުލުން އޮންނާނީ، ރަށުގައެވެ. އެ ރަށަށް ގޮސް ވޯޓުލުމަކަށް އެ ބިލަކުން އެއްވެސް ހުރަހެއް ކުރިމައްޗެއް ނުކުރެއެވެ.

އެހެންކަމުން، ކަމެއް އެންމެ ފަސޭހަގޮތަށް ނެތުމާއި، ޤާނޫނުއަސާސީއާ ކަމެއް ޚިލާފުވުމާ ދެމެދުގައި ތަފާތެއްވާކަން ޤަބޫލުކުރަންޖެހެއެވެ.

ހަތަރެއް

ސުވާލަކީ، ރަށު އިންތިޚާބުގެ ވޯޓު ރަށުގައި ބާއްވަނީ ކީއްވެހެއްޔެވެ؟

ރަށު ކައުންސިލު އުފައްދަނީ، ޤާނޫނުއަސާސީގެ 231 ވަނަ މާއްދާ ބުނާގޮތުން އެ ރަށަށް ނިސްބަތްވާ މީހުންގެ މައްޗަށެވެ. އެ ކައުންސިލު އުފައްދަނީ، ރަށާ ގުޅޭގޮތުން ބިލުގައި ބަޔާންކޮށްފައިވާ ކަންކަން ރަށު ރައްޔިތުންގެ ތެރެއިން މަސްއޫލިއްޔަތު ޙަވާލުކުރެވޭ ބަޔަކު މެދުވެރިކޮށް، ރަށުގައި ކުރުމަށެވެ. ރަށަށް، އެކަން ކޮށްދިނުމަށެވެ. ޙަވާލުކުރެވިފައިހުރި މަސްއޫލިއްޔަތުތަކަކީ، މުނިސިޕަލް މަސްއޫލިއްޔަތުތަކެކެވެ. ޚިދްމަތްދިނުމާ ގުޅިފައިހުރި މަސްއޫލިއްޔަތުތަކެވެ. ރަށުގެ ތަރައްޤީއާއި ދިރިއުޅުމުގެ ފެންވަރާ ގުޅިފައިހުރި މަސްއޫލިއްޔަތުތަކެކެވެ.

އެކަންކަމުގެ ހެޔޮ އަސަރު ފެންނާނީ ޤައުމީ ފެންވަރަށްވުރެ ބޮޑަށް، ރަށު ފެންވަރުގައެވެ. އެކަމުގެ ރާހަތްކުރާނީވެސް ރަށު ފެންވަރުގައި އުޅޭ ބަޔަކަށެވެ. ބިލު އަމާޒުވަނީވެސް ރަށަށެވެ. ރަށުގައި ދިރިއުޅޭ ބަޔަކަށެވެ.

އެހެންކަމުން، ރަށު އިންތިޚާބު ރަށުގައި ބޭއްވުމަކީ، ދެން ކަންކުރެވެންހުރި އެހެން ހުރިހާގޮތަކަށް ބަލާއިރު، އަސާސީ މިންގަނޑެއްކަމަށް ބެލިދާނެއެވެ.

ރަށުގެ އިންތިޚާބުގައި ބައިވެރިވުމުގެ ފުރުޞަތު، އެ ރަށު މީހުންގެ ތެރެއިން ރާއްޖެއާއި ރާއްޖޭން ބޭރުގައި އުޅޭ މީހުންނާ ހަމައަށް ގެންގޮސްދިނުމަކީ، ފަސޭހައަކަށް ކޮށްދޭ ކަމެކެވެ. ދައުލަތުގެ ޤާބިލުކަން ހުރިވަރެއްގެމައްޗަށް އޮތްކަމެކެވެ. އެކަން ނުވުމަކީ، ޤާނޫނުއަސާސީ އާ ޚިލާފު ކަމެއްކަމަށް ބުނުމަކީ، އެންމެ ރަނގަޅަށް ބުނެވޭ ވާހަކައެއް ނޫނެވެ.

ފަހެއް

3 ވައްތަރެއްގެ، 3 ފެންވަރެއްގެ އިންތިޚާބު ރާއްޖޭގައި ދެން ބޭއްވޭނެއެވެ. އެއީ، ޤައުމީ ފެންވަރުގައި ބޭއްވޭ އިންތިޚާބުތަކާއި އަތޮޅު ފެންވަރުގައި ބޭއްވޭ އިންތިޚާބުތަކާއި ރަށު ފެންވަރުގައި ބޭއްވޭ އިންތިޚާބުތަކެވެ.

ރައީސުލްޖުމްހޫރިއްޔާއާއި ރައްޔިތުންގެ މަޖިލީހަކީ، ޤައުމީ ފެންވަރުގެ ދެ މުއައްސަސާއެވެ. އެ ދެ މުއައްސަސާގެ އިންތިޚާބަކީ ޤައުމީ ފެންވަރުގައި ބާއްވާ އިންތިޚާބުތަކެކެވެ.

އަތޮޅު ފެންވަރުގެ އިންތިޚާބުތަކަކީ ސަރަޙައްދީ ފެންވަރުގެ އިންތިޚާބެކެވެ. ރަށު އިންތިޚާބަކީ ލޯކަލް ނުވަތަ ރަށު ފެންވަރުގެ އިންތިޚާބެކެވެ.

ރައީސަކު ހޮވާ އިންތިޚާބުގައި، ރާއްޖެ ބެލެނީ އެއް ދާއިރާ ކަމަށެވެ. ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި، ރާއްޖެ ބެހެނީ 77 ދާއިރާއަށެވެ. ރަށު އިންތިޚާބުތަކުގައި، ރާއްޖެ ބެހިގެންދާނީ، ކޮންމެ ރަށެއް އެއީ ދާއިރާއެއް ގޮތަށެވެ. އެއީ، މަދުވެގެން 195 ދާއިރާއެވެ.

މި 3 ބާވަތުގެ އިންތިޚާބުގައި ވޯޓުލުމުގެ އިންތިޒާމުތައް ދައުލަތެއްގެގޮތުގައި ހަމަޖައްސައިދިނުމުގައި، ތަފާތުތަކެއް ހުރުމަކީ، އަދި ހަމައެހެންމެ، އެ ތިން އިންތިޚާބުގައި ތަފާތު އިންތިޒާމުތައް ހަމަޖެހިފައި ހުރުމަކީ، ދައުލަތުގެ ޤާބިލުކަމުގެ މައްޗަށް ބިނާކޮށް ބަލާއިރު، މައްސަލައެއް ކަމަކަށް އަޅުގަނޑަކަށް ނުވިސްނެއެވެ.

ހައެއް

އިތުރު ވޯޓު ފޮށިތައް ބެހެއްޓުމަށްވުރެ ފަސޭހަގޮތެއް އެބައޮތެވެ.

އިނގިރޭސިވިލާތުގެ ލޯކަލް އިންތިޚާބުތަކުގައިވެސް، ވޯޓުލެވެނީ، އިންތިޚާބީ ދާއިރާގައި ހުންނަ ފޮށިފޮށްޓަށެވެ. އެއީ، އެ ދާއިރާގައި ރަޖިސްޓްރީކޮށްފައިވާ މީހުންނަށެވެ. ދާއިރާގެ ރަޖިސްޓްރީގައި ޖެހެނީ، އެ ދާއިރާގައި ދިރިއުޅޭ މީހުންނަށެވެ.

އެހެންނަމަވެސް، ވޯޓުލާދުވަހު ދާއިރާގައި ނުތިބެވޭނެ މީހުންނަށް، އިތުރު ފުރުޞަތުތަކެއް އެ ޤައުމުގައި ހުޅުވާލަދެއެވެ. އެއީ، ޕޯސްޓުން ވޯޓުލެވޭނެ ގޮތާއި، މީހަކު މެދުވެރިކޮށް ވޯޓުލެވޭނެ ގޮތެވެ. ދުރާލާ އެ ދާއިރާއެއްގެ ކަމާބެހޭ ފަރާތްތަކަށް އަންގައިގެން، ކަމާގުޅޭ އުސޫލުތަކެއްގެ ތެރެއިންނެވެ.

ކޮންމެ ރަށެއްގެ އިތުރު ވޯޓު ފޮށިތަކެއް ރާއްޖެއާއި ރާއްޖޭން ބޭރުގައި ބެހެއްޓުމަށްވުރެ، މިގޮތް ރާއްޖެއަށް ތަޢާރުފުކުރުން މާހިތްގައިމުވެފައި، ފަސޭހަ ނޫންތޯއެވެ.

މި މައްސަލައަށް، މަޖިލީހުން އަލުން ވިސްނާނެނަމަ، އެކަން ހުށަހަޅަން، އަޅުގަނޑު ބޭނުމެވެ.

ނިމުން

މި ދަންނަވާލި ނުކުތާތަކަށް ރިޢާޔަތްކޮށް، ބޮޑު މަންޒަރަށް ބަލާއިރު، ރަށު ކައުންސިލުގެ އިންތިޚާބުތަކުގައި ވޯޓުލުމާއި ވޯޓުނެގުން އެ ރަށެއްގައި ބޭއްވުމަކީ، ޤާނޫނުއަސާސީއާ ޚިލާފުކަމެއްކަމަކަށް އަޅުގަނޑު ނުދެކެމެވެ. އަދި އެއީ، އެހެން ރަށެއްގައި ދިރިއުޅޭ، އިންތިޚާބު އޮތް ރަށުގެ މީހާގެ ޙައްޤު ޤާނޫނުއަސާސީއާ ޚިލާފަށް ނިގުޅައިގަތީކަމުގައެއްވެސް، އަޅުގަނޑު ނުދެކެމެވެ.

ކަމެއް ފަސޭހަނޫންގޮތަކަށް އޮތުމާއި، ކަމެއް ޤާނޫނާ ޚިލާފަށް އޮތުމާ ތަފާތެވެ. ކަމެއް ލުއިގޮތަކަށް ކޮށްލެވެން ނެތުމާއި، ކަމެއް ޤާނޫނުއަސާސީއާ ޚިލާފަށް އޮތުމާ ތަފާތެވެ.

މިއީ، އަޅުގަނޑުގެ ޚިޔާލެވެ. ދެން މި މައްސަލަ މަޖިލީހަށް ވަދެއްޖެނަމަ، ވޯޓުފޮށި އެކިތަންތާނގައި ބެހެއްޓުމަށްވުރެވެސް، ފަސޭހައިން، ވޯޓުލެވޭނެގޮތަކަށް، މިކަން ބަދަލުކުރަން، އަޅުގަނޑު ވަކާލާތުކުރާނަމެވެ. ޕޯސްޓު މެދުވެރިކޮށާއި މީހުން މެދުވެރިކޮށް ވޯޓުލާން ފަށަން އަޅުގަނޑު ވަކާލާތު ކުރާނަމެވެ.

މުރާސިލް ހޯމްޕޭޖް އަށާއި ފީޗަރޑް ބަޔަށް ލިޔުން އެރުވުމުގައި ކިޔުންތެރިން ލިޔުމަށް ދޭ ތަރުހީބަށް ބެލޭނެ އެވެ.

Posted on 2010-05-09 15:33:08 | Report this Comment
އަހުމަދު:

ތިމާއަށް އެއްޗެއް ނުވިސްނޭކަން ޤަބޫލްކުރާކަންވެސް ނަސީބެއްނު.

ނަން:

ވެބްސައިޓް:

ހިޔާލު:

  • - ލިޔުންތަކަށް ހުށަހެޅޭ ކޮމެންޓް ތައް ޝާއިއު ކުރާނީ ލިޔުންތެރިޔާ އެވެ.
  • - މި ގޮޅީގައި ލިޔުއްވާއިރު ކޮމްޕިއުޓަރގެ ރީޖަނަލް / ލެންގުއޭޖް ސެޓިންގްސް އިން ދިވެހި އިޙްތިޔާރު ކުރައްވާކަށް ނުޖެހޭނެ.
  • - އާއްމުކޮށް ބަލައިގަނެވޭ އަޙްލާގީ މިންގަޑަށް ނުފެތޭ ލިޔުންތައް ޝާއިއު އެއް ނުކުރެވޭނެ ވާހަކަ ދަންނަވަން.