
ލިޔުނީ ތައްޔިބް ޝަހީމް
ދިވެހިރާއްޖެ މިވަނީ ބަދަލުވެފައެވެ. ވަކި ބަޔަކު ގަބޫލު ކުރިއަސް ނުކުރިއަސް ބަދަލު މިވަނީ އައިސްފައެވެ. ރުހުނަސް ނުރުހުނަސް ހެވެވެ. ބަދަލުގެ ދައުރުތަކުގައި ފުރަތަމަ މީހުންގެ ފިކުރުބަދަލު ވިއެވެ. ދެން ގައުމުގެ ދުސްތޫރެވެ. ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީއެވެ. ހިޔާލު ތަފާތުވުމާއި ހިތްހަމަ ނުޖެހުމުގެ ތެރެއިންނެވެ. އެއްގޮތް ހިޔާލުތަކާއި އެކުވެރިކަމާއި އެކަކު އަނެކަމުގެ ކިބައިން ވާގިލިބިގެންނެވެ. އަސާސީގެ މަހްފޫމް ވަނީ ބަދަލުވެފައެވެ. ގާނޫނު އަސާސީން ކޮންމެ ފަރާތްތަކަށްމެ ލިބިދީފައިވާ ބާރާއި އިހްތިޔާރާއި ހަންޏެއް ނުވެއެވެ. އޭގެ ބަދަލުގައި ފަހުގެ ގާނޫނު އަސާސީގައި އެހުރިހާކަމެއް ފުޅާވެ ތަނަވަހެވެ. ކުރީގަ ރައްޔިތުންނަށް އޮތީ ނޫގާނޫ އަސާސީ އެކެވެ. ރައީސުލް ޖުމްހޫރިއްޔާއަށާއި ވަޒީރުންނަށާއި މަޖިލިސް މެންބަރުންނަށް ރަތް ގާނޫނު އަސާސީއެކެވެ. ބަދަލުގެ ތެރޭގައި ގާނޫނު އަސާސީގެ ކުލަވެސް ބަދަލުވެ މިހާރު ހުރިހާ ދިވެހި ރައްޔިތުންނަށް އޮތީ ފެހި ގާނޫނު އަސާސީއެކެވެ. މިދެންނެވި ހުރިހާ ބަދަލެއްގެ ތެރެއިން އެންމެ ބޮޑު ބަދަލަކީ ދިވެހި ދައުލަތާއި ސަރުކާރުގެ އެންމެ މަތީ މަގާމަށް އައިބަދަލެވެ. މާޒީގެ ދިގުވެރިކަމުގެ ހުންގާނުގައި ހުންނެވި މައުމޫނު އަބްދުލް ގައްޔޫމުގެ ކޮޅުފަހުން ބާލުވައި ބަދަލުގައި މުހައްމަދު ނަޝީދު އަށް ކެޕްޓަންކަން ހަވާލު ކުރުވާފައެވެ. މިހުރިހާކަމެއް ކުރީ ދިވެހި ރައްޔިތުންގެ އަގުލަބިއްޔަތުންނެވެ. ބަދަލުގެ ތެރެއިންނެވެ. ބަޔަކު ހޯހޯ ގޮވަގޮވައި ތިއްބައެވެ. ފިކުރީ ކުޅިވަރުގެ ތެރެއިންނެވެ.
ބޮޑަތި ބަދަލާއި ކުދި ބަދަލު އައުމަށްފަހުގައި އެންމެ ފާހަގަ ކޮށްލެވޭ ބަދަލެއް އައިސްފައިވަނީ ދިވެހި ސިފައިންނަށާއި ފުލުންނަށެވެ. މަސްއޫލިއްޔަތާއި ވާޖިބް އަދާކުރުމަށް ތަނަވަސްކޮށްދީފައިވާ ފުރުޞަތުންނެވެ. އަމިއްލަ ވަންތަކަމެއް ލިބިގެންނެވެ. ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީއަށް އައިބަދަލާއި ވެރިކަމުގެ އެންމެ އިސް މަގާމަށް އައިބަދަލާއެކު ދިވެހި ސިފައިންގެ ހިދުމަތަށާއި ފުލުހުންގެ ހިދުމަތްވަނީ ހެޔޮބަދަލުތަކާއި މިނިވަންކަމާއެކު މަސްއޫލިއްޔަތު އަދާކުރުމަށް ބާރާއި އިހްތިޔާރަށް ދޫކޮށްލެވިފައެވެ. އެބައިމީހުންގެ ވާޖިބަށާއި މަސްއޫލިއްޔަތަށް އައިބަދަލާއެކު ގާނޫނު އަސާސީއަށާއި ރައްޔިތުންގެ ހައްގުތަކަށް ރައްކާތެރިވުމުގައި މިހާރު ޒިންމާދާރު ގޮތަކަށް އަމަލު ކުރަމުންގެންދާކަން އުފަލާ ހިތްހަމަޖެހުމާއެކު ފާހަގަ ކުރަންޖެހެއެވެ. ކުރީގައި ފިތިބާރުވެގެން ތިބި ޕަޕެޓް އުސޫލު މިހާރު ވަނީ މާޒީއަށް ދޫކޮށްލާފައެވެ. ރައްޔިތުންގެ ހައްގުތަކާއި މުދާ ރައްކާތެރިކޮށް ސަލާމަތް ކުރުމަކީ އެމީހުންގެ އެންމެ އިސް އެއްވާޖިބްކަން ހަނދާންކުރެއެވެ. ގާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރުން ރައްޔިތުންނަށްޓަކައި ކުރާ ކޮންމެ ކަމެއްގައި ގާނޫނުން އެއްކިބާނުވެ ހަވާލުކުރާ ކޮންމެޒިންމާއެއް ފަސްނުޖެހި އަދާކުރާ ބަޔަކަށްވެ ރައްޔިތުންގެ ރުހުމާއި ލޯބި ހޯދާ ބަޔަކަށް ވެފައެވެ. ރައްޔިތުންގެ އެކުވެރި ގާތްބަޔަކަށް ވެފައެވެ. ރައްޔިތުންގެ މުދަލާއި ގާނޫނު ހިމާޔަތް ކުރުމަކީ ކޮބައިކަން މިހަރުވަނީ އުގެނި ދަސްކޮށްފައެވެ. މޭރުން ވެއްޖެއެވެ. ގައުމީ މިނިވަން ޝަރަފައިގެން ކެރިގެން ކުރިއަށްދާން ދަސްކޮށްފިއެވެ. ވަތަނަށް ލޯބިން ގުރުބާންވާން ދަސްކޮށްފިއެވެ. ރައްޔިތުންނާއި ރައްޔިތުންގެ މުދަލާއި ފައިސާ އަދި ގާނޫނު ހިމާޔަތް ކުރަން ގާނޫނީ ވާޖިބް އަދާކުރުމަށް ހުރަސްއަޅާނެ އެއްވެސް މީހަކު ފުރުޞަތެއް ދެނެއް ނުދޭނެއެވެ. އެއީ ކުރީގައި ވެރިކަން ކުރިސަރުކާރުގެ މީހަކަށްވިއަސް އަދި މިހާރުގެ ސަރުކާރުގެ މީހަކަވިއަސް މެއެވެ. ޒައީމަކަށް ރައީސަކަސް ލީޑަރަކަށް ވިއަސް މެއެވެ. ބެންކަކަސް ކޯޕަރޭޝަނަކަށް ނުވަތަ ކުންފުންޏަކަށްވިއަސް އޮތޯރިޓީއަކަށް ވިއަސް ދެން ދޮރުތައް ބަންދުކޮށްގެންނެއް ނުތިބެވޭނެއެވެ. މިއީ ހަމައެކަނި ވަކިމީހެއްގެ ވަކިބައެއްގެ ގައުމެއް ނޫނެވެ. މިއީ ދިވެހި ރައްޔިތުންގެ ގައުމެވެ. މަގޭވެސް ގައުމެވެ. ދިވެހި ސިފައިންނާ ފުލުހުންގެވެސް ގައުމެވެ. ރައްޔިތުން އެރައްޔިތުންގެ ގައުމާއި ވަތަން ހިމާޔަތްކޮށް ގަމުގެ ރައުސްމާލާއި ހަޒާނާ ރައްކާތެރިކުރަން މިހާރު ފަސްނުޖެހޭނެއެވެ. ދިވެހި ސިފައިނާއި ފުލުހުން އެބައިމީހުންގެ ގައުމާއި ވަތަނާއި ވަތަނަށް ނިސްބަތްވާ ކޮންމެކަމެއް ކޮންމެ އެއްޗެއް ރައްކާތެރި ކުރަން ދެން ފަހެއް ނުޖެހޭނެއެވެ.
ދިވެހިދައުލަތުގެ އެންމެ މުހިއްމު އެއް ރައުސްމާލަކީ ދިވެހި ރައްޔިތުންނެވެ. އެބައިމީހުންގެ ހައްގުތަކަކީ ހަމައެކަނި މި ދިވެހިޖައްވައް ނޭވާލުމެއް ނޫނެވެ. އެބަމީހުންނަށް މާޒީގައި ލިބިފައިވާ މުދަލާއި ފައިސާ އަދި މުސްތަގުބަލުގައި ލިބޭނެ މުދަލާއި ފައިސާއަކީ ދިރިއުޅުމުގެ އެންމެ މުހިއްމު އެއް އަސާސެވެ. އެންމެ މުހިއްމު ހައްގެވެ. މިދެންނެވި މުހިއްމު އަސާސް ނުވަތަ ހައްގު އިން ބައެއް ގެލިފައިވީނަމަވެސް އެއަނބުރާ ހޯދުމަށް މަސައްކަތް ކޮށްދިނުމަކީ މިދެންނެވި ޒިންމާދާރު ބޮޑު ދެ މުއައްސަސާ އިންވެސް އަދާކުރާނެ އެންމެ އިސް އެއްވާޖިބެވެ. މުދަލާއި ފައިސާ ހިމާޔަން ކުންރަން ނުޖެހޭނަމަ ދެން ހިމާޔަންކުރަން ޖެހޭ ވަކި އެހެން އެއްޗެއް އޮންނާނެ ހެއްޔެވެ. އެހެނީ އިންސާނެއްގެ ދިއުޅުމާއި ދިރިހުރުން ބިނާވާ މައިގަނޑު އަސާސަކީ މުދަލާއި ފައިސާއެވެ. ބަނޑުފުރާ މުއްތި ކުރެވޭނީވެސް މިދެންނެވި ދެ ބަވާތުން ކުރެ ކޮންމެވެސް އެއްބާވަތެއް ހުރެގެންނެވެ. ބައެއްގެ މިނިވަންކަންވެސް ގުޅިފައިވަނީ އެބައެއްގެ ފުދުންތެރިކަމާ ފޮރުން ތެރިކަމާއެކުކަން ޔަގީނެވެ.
Posted on 2009-07-20 09:48:04 |
Report this Comment
Posted on 2009-07-20 10:04:50 |
Report this Comment
Posted on 2009-07-20 15:23:57 |
Report this Comment
Posted on 2009-07-22 00:56:07 |
Report this Comment