ދިވެހި ޖުމްހޫރިއްޔާގެ ގާނޫނު އަސާސީން އަދުލު އިންސާފު ގާއިމް ކުރުމުގެ ބާރުން ކުރާ އެއްވެސް ކަމަކަށް، އެވެސް މީހަކަށް، އެވެސް އެއްޗެއް ނުބުނެވޭނެކަމަށް ބުނެ މިއަދު އެބާރުންނާއި ގާނޫނު ހެދުމުގެ ބާރުގެ ވަކިބަޔަކާއި، ކުރީގައި ރާއްޖޭގައި ބަންޑާރަ ނައިބުކަން ކޮށްފައިވާ ބޭފުޅުންތަކަކާއި، ބައެއް ގާނޫނީ ވަކީލުން އެކިގޮތްގޮތަށް ގާނޫނު އަސާސީގެ އެކިތަންތާނގައި ހިފާ، ވަކިވަކި ޖުމްލަ މާނަކުރަމުން އެބަދެއެވެ. މިފަރާތްތަކުން ވިދާޅުވަމުން ގެންދަވަނީ ވެރިކަމުގެ ފަރާތުންނާއި، ރައްޔިތުންގެ ތެރެއިން، އަދުލު އިންސާފު ގާއިމްކުރާ ބާރުގެ ނުވަތަ ފަނޑިޔާރަކު ކުރާ އެއްވެސް ކަމެއްގެ މައްޗަށް އެއްވެސް ފާޑު ނުކިޔޭނެކަމަށާއި ފަޑިޔާރުންގެ އަމަލުތަކާމެދު އެއްޗެއްބުނުމަކީ އަދުލު އިންސާފުގެ މައްޗަށް ބާރު ފޯރުވުންކަމަށާއި އެފަދަ ފަރާތްތަކާމެދު ފިޔަވަޅު އެޅޭނެ ކަމަށެވެ.
އަދި ހަމަ އެހެންމެ ކުރީގައި ވެރިކަމުގައި ތިއްބަވައި ފޭލްވެ ވަޑައިގަތް ބޭފުޅުންވެސް ވިދާޅުވަމުން ގެންދަވަނީ ގާނޫނު އަސާސީ އިން ރާއީސަށް ލިބިދީފައިވާ ބާރުގެ ދަށުން ހައްދަވާފައިވާ ރިޔާސީ ކޮމިޝަނަކީ ގައިރުގާނޫނީ ކޮމިޝަނެއްކަމަށާއި އެކޮމިޝަނުން އަންގާ އެންގުންތަކަށް ބޯލަނބަން ނުޖެހޭނެކަމަށާއި އަދި އަމަލު ނުކުރާނެ ކަމަށެވެ. މިމޭރުމުން ވާހަކަފުޅު ދައްކަވަމުން އެކޮމިޝަން އުވާލުމަށް ކޯޓް އަމުރެއް ނެރޭނެކަމަށާއި ކޯޓް އަމުރު ނެރުމުގެ ކުރިން ކޮމިޝަން އުވާލުމަށްވެސް ބައެއް ބޭފުޅުން ގޮވާލާފައިވެއެވެ. އަދި އެފަދަ އަމުރެއް ނެރެދިނުމަށް އެދި ކޯޓަށް ހުށަހަޅާނެ ކަމަށްވެސް އިދިކޮޅު ޑީއާރުޕީގެ ފަރާ ތުން ދަނީ ބުނަމުންނެވެ.
މިފަދަ ތަފާތު ހުށަހެޅުންތައް ހުށަހަޅަމުންގޮސް ސަރުކާރާއި އިދިކޮޅު ނުވަތަ ހިތްހަމަ ނުޖެހޭ ފަރާތްތަކުން މިހާރުގެ ދިވެހިރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ މުހައްމަދު ނަޝީދަކީ ރައީސެއް ނޫންކަމަށް ނިންމަވައި ދެއްވުމަށް ކޯޓް އަމުރަކަށް އެދި ހުށަހެޅުއްވުމުން، އެބޭފުޅުން އެދިލައްވާގޮތަށް ކޯޓް އަމުރު ފަނޑިޔާރު ނެރެދެއްވުމުންވެސް އަދުލު އިންސާފު ނުވަތަ ފަނޑިޔާރުގެ އަމަލާމެދު ބަހެއް ނުކިޔޭނެ ތޯއެވެ. އަދި މިކަމާ މީހަކަށް ނުވަތަ ބަޔަކަށް ކުޑަވެސް ޗުއްޕުވެސް ބުނުމުގެ އިހްތިޔާރެއް ނުވަތަ ހައްގެއް ރައްޔިތުންނަށް ނޯންނާނެ ތޯއެވެ.
މިދެންނެވި ކަހަލަ އަމުރެއް ނެރުއްވި ކޯޓެއް ނުވަތަ ފަނޑިޔާރު އަމަލު ކުރެއްވި ގޮތާމެދު އެއްޗެއް ބުނިމީހަކު ނުވަތަ ބަޔަކާއި މެދު އަދުލު އިންސާފުގެ މައްޗަށް ނުވަތަ ފަނޑިޔާރުގެ މައްޗަށް ބާރުފޯރުވާ އެބާރުގެ ނުވަތަ ފަނޑިޔާރުގެ މައްޗަށް ފާޑުކީ ބައެއްކަމުގައި ހަދައި، އެމީހުން ނުވަތަ ބަޔަކަށް ހުކުމް އިއްވާ އަދަބު ދޭންޖެހޭނެތޯއެވެ. ނުވަތަ އަދުލު އިންސާފުގެ މިނިވަންކަމަކީ އެއީތޯއެވެ.
އެހެންކަމަށްވެއްޖެނަމަ ދިވެހިރާއްޖޭގައި އޮންނާނީ ރިޔާސީ ނިޒާމެއްނޫނެވެ. އަދި ބަރުލަމާނީ ނިޒާމެއްވެސް ނޫނެވެ. ބަރުލަމާނީ ރިޔާސީ އެއްވެސް ނޫނެވެ. އޭރުން ދުނިޔެއަށް އަލަށް އުފަންވި މި ނިޒާމަށް ކިޔަން ރަނގަޅުވާނީ "ދި ކޯޓް ނިޒާމް" އެވެ. ނުވަތަ “THE COURT SYSTEM” އެވެ. މިކަމާމެދު ތިޔަބޭފުޅުން ދެކިލައްވަނީ ކިހިނެއްތޯއެވެ.
Posted on 2009-07-20 02:03:38 |
Report this Comment
Posted on 2009-07-20 08:23:59 |
Report this Comment