
ޝަރަފުއްދީން ޢަލީ ޒަހީރު
http://mikalnews.com
ބޮޑު މުސާރަފުޅަކާއި، އެންމެ މަތީ ސެކިޔުރިޓީއާއި، އެންމެ ދުވަސްވީ ގަނޑުވަރާއި، އަރާމުޚާނާ އާއި، އެންމެ ފައްކާ އޮފީހާއި، ދައުލަތުގެ އެންމެ މަތީ ޢިއްޒަތްދީގެން ރައީސުލްޖުމްހޫރިއްޔާއޭ ކިޔާ މީހަކު މިޤައުމުގައި ގެންގުޅެނީ ކީއްކުރަން ހެއްޔެވެ.
މިހާރު ކަންތައްވަމުން ދާގޮތުން ހީވަނީ ރައީސުލްޖުމްހޫރިއްޔާގެ މަޤާމަކީ، އިނގިރޭސި ރާނީ ފަދައިން ރަމްޒީ މަޤާމެއް ހެންނެވެ. ރައީސް އޮފީހުގެ ގެލެރީގައި، ޝަމްސުއްދީން ރަދުން އާއި، މުޙައްމަދު ފަރީދުލް އައްވަލް އާއި، މުޙައްމަދު އަމީން އާއި، އިބްރާހީމް ނާޞިރާއި، މައުމޫން ޢަބްދުލްޤައްޔޫމާ ޖެހިގެން ހަރުކޮށްފައި ހުންނަންޖެހޭ ފޮޓޯ ލޯގަނޑެއް ހެންނެވެ.
ރައީސުލްޖުމްހޫރިއްޔާއަކަށް، އޭނާގެ ސިޔާސަތުތައް ތަންފީޒުކުރާނެ މުވައްޒަފުން ބަލަހައްޓާ ސިވިލް ސާވިސް ކޮމިޝަނަށް މެންބަރުން އިޚްތިޔާރުކުރުމުގެ ބާރެއް ނެތެވެ. ރަނގަޅެވެ. ކޮމިޝަނަށް މެންބަރުން ޢައްޔަންކުރަނީ ރައީސުލްޖުމްހޫރިއްޔާއެވެ. އެކަމަކު އެއީ ކުރިން ބުނި، ރަމްޒީ ގޮތުންނެވެ. ރައްޔިތުންގެ މަޖިލީހުން އަމިއްލައަށް ނަންތަކެއް ހޯދައިގެން ފާސްކުރުމަށްފަހު ރައީސަށް ފޮނުވުމުން އޭނާ އަށް މިއޮންނަނީ ރަބަރު ތައްގަނޑު ޖަހާލުމެވެ.
ރައީސުލްޖުމްހޫރިއްޔާއަކަށް، އޭނާގެ ސިޔާސަތުތައް ރާވާ ހިންގާނެ ކެބިނެޓް އެކުލަވާލުމުގެ އިޚްތިޔާރެއް ނެތެވެ. ކެބިނެޓްގައިވެސް ތިބެން ޖެހެނީ އިދިކޮޅު ޕާޓީއަށް ވަފާތެރި މީހުންނެވެ. ރައީސަށް ވަފާތެރި، ކަމަށް ޤާބިލު މީހަކު ޢައްޔަންކޮށްފިނަމަ އިޒުރޭލޭ، ޢަރަބިއްޔާއޭ، ހަރުމުދަލޭ ކިޔައިގެން އިތުބާރުނެތްކަމުގެ ވޯޓުން ވަޒީރުކަން ނަގާލާނެއެވެ.
ދެން އޮތީ އަލަށް އުފެދުނު ލޯކަލް ކައުންސިލްތަކުގެ ވާހަކައެވެ. ކައުންސިލް ކެމްޕޭން ދުވަސްވަރު އިދިކޮޅު ފަރާތްތަކުން ގޮވަމުން ދިޔައީ މިސަރުކާރު ޒިންމާދާރުކުރުވުމަށް ލޯކަލް ކައުންސިލްތަކުގެ ގިނަ ގޮނޑި ބޭނުންވާ ވާހަކައެވެ. ވީއިރު، މިއީކީ ލޯކަލް ކައުންސިލްތަކުގެ މެންޑޭޓްތަކުގައި ހިމެނޭކަމެއް ނޫނެވެ.
އަލަށް އުފެދުނު ލޯކަލް ކައުންސިލްތަކުގެ ތެރެއިން އިދިކޮޅު ފަރާތްތަކަށް އަޣުލަބިއްޔަތު ލިބުނު ދާއިރާތަކަށް ހީވީ ތިމަންނަމެނަށްވެސް ސަރުކާރެއް ލިބުނީ ކަމަށެވެ. ނޫނީ ސަރުކާރު ފަޅިފަޅިކޮށް އެއްބައި ލިބުނީ ކަމަށެވެ.
ދިވެހި ދައުލަތަކީ ޔުނިޓަރީ ދައުލަތެކެވެ. މިއީ ފެޑެރަލް ދައުލަތެއް ނޫނެވެ. ލޯކަލް ކައުންސިލްތަކަކީ ލޯކަލް ގަވަރންމަންޓެއް ނޫނެވެ. ކުދި ސަރުކާރެއް ނޫނެވެ. ދިވެހިރާއްޖޭގައި މައިސަރުކާރަކާއި ކުދި ސަރުކާރެއް ނޯންނާނެއެވެ. ދިވެހިރާއްޖޭގައި މިހާރު އޮންނާނީ 11 ނޮވެމްބަރު 2008 ވީ އަންގާރަ ދުވަހު ހުވާކުރި މުޙައްމަދު ނަޝީދު އެކުލަވާލި އެންމެ ސަރުކާރެކެވެ.
ލޯކަލް ކައުންސިލު ތަކަކީ މިދެންނެވި ސަރުކާރުގެ ސިޔާސަތުތަކުގެ ތެރެއިން އެރަށަކާ ގުޅުންހުރި ޢާއްމު ބައެއް މަސައްކަތްތައް ރައްޔިތުންނާ ވީހާވެސް ގާތުން ހިންގުމަށްޓަކައި އެއާބާދީއެއްގެ ތެރެއިން ބަޔަކު އިންތިޚާބުކޮށްގެން އެކުލަވާލާ ބައެކެވެ. ކައުންސިލުން ބޭނުންހާ ގޮތަކަށް ޤަރާރު ފާސްކޮށް، ސަރުކާރާ ޖަދަލުކޮށް، ތިމާމެންގެ ސައިޒަށްވުރެ ހައިބަތު ބޮޑެއް ނުވެވޭނެއެވެ. ރަށުތެރެއިން މަދިރި ހުސްކޮށް، ނަރުދަމާގެ ޚިދުމަތާއި، އެހެނިހެން އަސާސީ ޚިދުމަތްތައް ރައްޔިތުންނާ ގާތުން ދިނުމަށް އިންތިޚާބުކުރެވުނު ބަޔަކު މިހާ އަވަހަށް ސަރުކާރާ ޖަދަލުކުރަން ފެށުމުން، މާދަމާ މާލެ އަތޮޅު ކައުންސިލް އިދާރާ ހުންނާނީ ބަންޑާރަކޮށީ ހުޅަނގު ފެންޑާގައޭ ކިޔައި ޤަރާރު ކަނޑައަޅާތަން ފެނުމަކީ ދުރުކަމެއް ނޫނެވެ!
ކައުންސިލްތަކުގެ އިދާރާތައް އުފެއްދުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިފައިވާ ބާރެކެވެ. ދެން ތިދައްކަނީ ލާމަރުކަޒީ ޤާނޫނުގައި ވެރިކަންކުރާ ރަށް ކަނޑައެޅުމުގެ މާއްދާގެ ވާހަކައެވެ. އެޤާނޫނުގައި އޮތީ، އެއަށް ޢަމަލުކުރަން ފެށުމުން، ވެރިކަންކުރާ ރަށްކަމަށް ބެލެވޭނީ 7 އޮގަސްޓް 2008 ގައި ވެރިކަން ކުރަމުން އައި ރަށްތައް ކަމަށެވެ. މިއީ ޤާނޫނީ ޢާއްމު އުޞޫލާ ޚިލާފު ބައެކެވެ. ޤާނޫނު ހެދޭނީ ކުރިއަށެވެ. ޕްރޮސްޕެކްޓިވް ކޮށެވެ. ފަހަތަށް ސޮއްސާލާ ގޮތަކަށް ނޫނެވެ. ރެޓްރޯސްޕެކްޓިވް ކޮށެއް ނޫނެވެ.
ދިވެހި ދައުލަތުގެ އެންމެ އިސްވެރިޔާގެ ބާރުކަނޑުވާލައި، އޭނާގެ ބާރުތައް ފޮތިފޮތިކޮށް އެކިމީހުން އެކިބައިތައް ނަގައިގަނެ، މިފަދަ ޢަމަލުތައް ތަކުރާރުވަމުންދާނަމަ، ދިވެހި ޤައުމުގެ އިސްތިޤުލާލަށް ބުރޫއެރުމަކީ ވަރަށް ކައިރިކަމެކެވެ.
ނޯޓް: 2008 ވަނަ އަހަރު ރައްޔިތުންގެ އެތައްބައެއްގެ ބުރަމަސައްކަތުން ރާއްޖެއަށް ގެނެވުނު އިސްލާހީ ބަދަލު ދަމަހަށްޓާ މާޒީ އަނބުރާ އިޔާދަވިޔަ ނުދިނުމަށް މަސައްކަތްކޮށް ޚަބަރާ މަޢުލޫމާތު ފެތުރުން http://mikalnews.com އިން. ޒިޔާރަތް ކޮއްލަށްވާ
Posted on 2011-03-01 16:42:18 |
Report this Comment
Posted on 2011-03-01 17:26:04 |
Report this Comment
Posted on 2011-03-01 18:40:49 |
Report this Comment
Posted on 2011-03-01 22:44:37 |
Report this Comment
Posted on 2011-03-01 23:56:00 |
Report this Comment
Posted on 2011-03-02 21:13:03 |
Report this Comment