
މޯރިސް ސިމްޕްސަން، ލޯގަނޑުން މޫނު ބަލާލާ ކޮންމެ ފަހަރަކު ހިތާހިތުން ބުނެލައެވެ "އަހަރެންގެ ސިފައަކީ ފަހަރެއްގައި ދުނިޔޭގައިވާ ރީތި ފިރިހެނުން ސިފަތަކަށް ވުރެ ރިވެތި ސިފަ ލިބިގެންވާ މީހެކެވެ" އެއަށް ފަހު އަމިއްލަ އަށް ހިނިތުން ވެލައެވެ. އަމިއްލަ ނަފްސަށް އޮތް ބޮޑު އިތުބާރެއްގެ ސަބަބުންނެވެ.
އެއީ އޭނަ އަބަދުވެސް ބުނަމުންދާ ވާހަކައެވެ. އޭނަ ގެ އަމިއްލަ ނަފްސަށް ފަހުރުވެރިވާ ވާހަކައެވެ. ކުޑައިރުން ފެށިގެން މޫނުގެ އެއްފަޅީގައި ބޮޑުވަމުންދާ ޓިއުމަރެއް ސަބަބުން މޫނުގެ ސިފަ ގެއްލި، މޮޓޯ ސައިކަލްގެ ހެލްމެޓް ނޭޅޭ ދަރަޖައަށް ދިޔައިރުވެސް މޯރިސްގެ އެއްވެސް ޝަކުވާއެއްނެތެވެ.
މޯރިސް ދުނިޔެއަށް ނޭވާލީ ނިއުރޯފިބްރޯމަޓޮސިސް (ޖެނެޓިކް ބަދަލުތައް އަންނަ ފަދަ) ބަލި މީހެއްގެ ގޮތުގައެވެ. އޭގެ ސަބަބުން ބައެއް ނާރުތަކާއި މަސްތައް އިތުރައް ހެދިބޮޑުވެ، މޫނުގެ އެއްފަޅިއަށް ޖަމާވަމުން ޓިއުމަރަކަށް ބަދަލުވަމުން ދިޔައެވެ. އެންމެ ކުޑައިރުވެސް މޫނުގެ އެއްފަޅީގައި މަޑުމަޑުން މަސްތަކާއި ނާރުތައް ޖަމާވަމުން އެއްޗެއް ހެދި ބޮޑުވާ ކަމުގެ އަލާމަތްތައް ފެންނަމުން ދިޔައެވެ. އަދި އެކަމުގެ ސަބަބުން އެއް ލޮލުގެ ފެނުން ގެއްލި، ލޯ އިންނަންވާ ދަރަޖައިން ތިރިއަށް ސޮހެމުންދާ ކަމުގެ ނިޝާންތައްވެސް ފެންނަމުންދިޔައެވެ.
މި ކަންތައްތައް ރަނގަޅު ކުރުމަށް ވޭނުން ފުރިގެންވާ އެތައް އޮޕަރޭޝަނެއް ކުރަން ޖެހުނެވެ. ހަތް އޮޕަރޭޝަން ކުރުމުންވެސް (ޓިއުމަރ) ބޮޑުވުން ހުއްޓޭ ގޮތެއް ނުވިއެވެ. އެހެންވިޔަސް މޯރިސް އަކީ ހިތްވަރު ގަދަ އިންސާނެކެވެ. އޭނަގެ ހިތްވަރު އެލޭނެ ފަދަ އެއްވެސް އެއްޗެއް އެއްގޮތަކަށްވެސް ހިތަކަށް ނާރުވައެވެ. އަމިއްލަ ނަފްސު 'ޑައުން' ކޮށް ނުލުން އެއީ ދުވަހަކުވެސް ނުކުރާނެކަމެއް ކަމަށް ނިންމިއެވެ.
"އަހަރެންގެ މައިންބަފައިން އަބަދުވެސް ބުނަމުން ދިޔަ، އަހަރެން ، އަހަރެންގެ ގޮތުގައި އަމިއްލަ ނަފްސަށް ބަލައިގަނެ، އުފާވެރި މީހެއްގެ ގޮތުގައި ދިރިއުޅޭށޭ.." އުޓާ ގެ އޮގްޑެން އަށް އުފަން މޮރިސް ކިޔާދިނެވެ.
"އަހަރެން މި ސިފަ ދެކެ ލޯބިވޭ.. މި ސިފައިގަ ހުރުމުން ގެއްލުނު އެއްވެސް އެއްޗެއްނެތް، މަންމަ އާއި ބައްޕަ އަހަރެން ބަލާބޮޑުކުރީ ވަރަށް ލޯބިން.. އެހެން މީހުން ކިޔާނެ އެއްޗަކަށް ބަލާނެ ގޮތަކަށް އަހަރެންގެ ޝައުގުވެރިކަމެއް ނެތް،..އަހަންނަށް ވަރަށް ބޮޑު ނިއުމަތެއް ހުރީ ލިބިފަ، އެއީ އަހަރެން ގެ އުފާވެރި އާއިލާ ގެ ލޯތްބާއި އަޅާލުން.."
"އުމުރުން 15 އަހަރުވީއިރު، މި ވޭންދެނިވި އޮޕަރޭޝަންތަކުން އަހަރެން ހުރީ ވަރުބަލިކޮށްލާފަ، ދެން ހިތަށް އެރީ މަންމަމެން އެބުނީ ރަނގަޅު ވާހަކައެކޭ، އަހަރެން އަހަރެންގެ ގޮތުގައި ދިރިއުޅޭށޭ....."
އޭގެ ފަހުން މޮރިސް އައީ ދިރިއުޅުމުގައި ތަފާތު މަސައްކަތްތައް ކުރަމުންނެވެ. ފުރިހަމަ ސިއްހަތެއްގައި ދިރިއުޅޭ އެހެން މީހުންވެސް ކުރާ ފަދަ މަސައްކަތްތަކަށް އޭނާ ކުރިމަތިލިއެވެ. މިގޮތުން ބާސްކެޓް ބޯޅަ ކޯޗެއްގެ ގޮތުގަ އާއި ރެސްޓޯރެންޓް މެނޭޖަރެއްގެ ވަޒިފާ އަދާކުރިއެވެ. އަދި މީގެ އިތުރުން މޯރިސްގެ ހިވާގި ކަމާއި، އަވައްޓެރިންނާ އޮންނަ ގާތް ގުޅުމުގެ ސަބަބުން އެ ސަރަހައްދުގެ އިހުތިރާމާއި އެންމެން ދަންނަ ޝަހުސިއްޔަތަކަށް މޯރިސްވިއެވެ.
އެހެން އުޅުމުގެ ތެރޭގައި ޓާރާ ވިލިއަމްސް ކިޔާ އަންހެނަކާ ދިމާވެ ޒަވާޖީ ހަޔާތެއް ފެށިއެވެ. މި ދެމަފިރިންނަށް ދެ ކުދިން ލިބުނެވެ. އެއީ 13 އަހަރުގެ ޝެއިލާ އާއި 11 އަހަރުގެ ކްރިސްޓޮފަރ އެވެ. ނަމަވެސް މިގުޅުން އެހާ ގިނަ ދުވަސްތަކެއް ނުވަނީސް، ދެމަފިރިންގެ ގުޅުން ގޯސްވެ، މޯރިސް އާއި ޓާރާ ވަކިވާން ޖެހުނެވެ. ނަމަވެސް ކުދިން އަދިވެސް އުޅެމުންދަނީ މޯރިސްގެ ކައިރީގައެވެ.
އޭގެ ފަހުން 2000 ވަނަ އަހަރުގައި މޯރިސްގެ ހަގީގީ ދިރިއުޅުމުގެ 'ސްވީޓްހާޓް' އާ ދިމަވިއެވެ. އެއީ މިހާރުގެ އަނބިމީހާ ޗެރިޓީއެވެ. މޮރިސްގެ މޫނުގައިވާ ބޮޑު ޓިއުމަރުން އައިބުވެފައިވިޔަސް ޗެރިޓީ ގެ ލޯބީގެ ދުނިޔޭގައި މޯރިސް އަކީ އެންމެ ރީތި ފިރިހެނާއެވެ. މޯރިސްގެ ބޭރުފުށުގެ ސިފައަކުން ޗެރިޓީގެ ލޯތްބަށް ދުވަހަކުވެސް ބަދަލެއް ނާންނާނެކަމަށާއި، މޯރިސް ދެކެ ލޯބި ވީ އަދި ކައިވެނި ކުރަން ބޭނުންވީވެސް މޯރިސްގެ މިހާރުގެ ހުރިހާ ސިފައެއް ލޮލުން ބޮލުން ގަބޫލުކޮށްގެންކަށް ޗެރިޓީ ވަނީ އެކި ފަހަރުމަތިން ރަހުމަތްތެރިންނަށް ކިޔާދީފައެވެ.
"ފުރަތަމަ މޯރިސް ފެނުނު ދުވަހުކު ކުޑަ ޝޮކެއް ލިބުނު، އެއީ އޭނަގެ މޫނުގެ ސިފަ ފެނުމުން...،" ފާސްފުޑް ރެސްޓޯރެންޓެއްގެ ސްޕަވައިޒަރެއްގެ ވަޒީފާ އަދާކުރަމުންދާ އުމުރުން 30 އަހަރުގެ ޗެރިޓީ އަށް ފުރަތަމަ މޯރިސް ފެނުނު ދުވަހުގެ ހަނދާންތައް ކިޔަދިނެވެ.
"އެކަމަކު އޭނައަކީ އަހަރެން ހީކުރި ކަހަލަ (އެ ސިފައިގެ ސަބަބުން) ހިތްވަރު އެލިފަ ހުރި މީހެއްނޫން،..އެއީ ޖޯޝުން ފުރިފައިވާ ފުރިހަމަ ފިރިހެނެއް..، އޭނަ އުޅޭގޮތްތައް އަހަންނަށް ވަރަށް ގަޔާ ވެވުނު،...އެއީ ވަރަށް މަޖާ މިޒާޖެއްގެ، އެންމެންނާ ގުޅިގެން އުޅޭ ބަރާބަރު މީހެއް...، ހަގީގީ މޯރިސް އެނގުމުން ކޮންމެ މީހަކުވެސް ވަރަށް ބޭނުންވާ އޭނައާއި އެންމެ ކައިރީގައި ހުންނަން...، އޭނާ އެކީގައި ސަކަރާތްޖެހުމާއި މަޖަލުގައި ބައިވެރިވުމަށް...."
މޯރިސް އާއި ޗެރިޓީ ކައިވެނި ކުރީ 2002 ވަނަ އަހަރުގައެވެ. އެ ދެމަފިރިންނަށް މިހާރު 3 ކުދިން ތިބެއެވެ. އެއީ 6 އަހަރުގެ މޯރިސް ޖޫނިއަރ، 3 އަހަރުގެ ޖޭލަން އަދި މީގެ 5 މަސްކުރިން އުފަންވި ކުޑަކުޑަ އެންޑްރޫ އެވެ.
މޯރިސްގެ އުފާވެރި އާއިލާ އާއި އޭނަގެ މަސައްކަތުގެ ކާމިޔާބުގެ ސަބަބުން އަބަދު އުފާވެފައިހުންނަ މޯރިސްގެ ބައްޔަށް ފަރުވާ ކުރުމަށް ނުވަތަ ޑޮކްޓަރަށް ދެއްކުމަށް ހޮސްޕިޓަލަށް ދަނީ ވަރަށް މަދު ފަހަރަކުއެވެ.
"އަހަންނަށް ވިސްނޭގޮތުގައި އަހަރެންމީ ހަމަ އެންމެ ބަރާބަރު މީހެއް....، އަހަރެންގެ އަންހެނުންނާއި ދަރިން އަހަރެންދެކެ ވަރަށް ލޯބިވޭ..، މިއަށްވުރެ އިތުރަށް އަހަރެން ދުނިޔޭގައި ބޭނުންވާނެ އެއްޗެއް އޮންނާނެތަ؟.. އަހަރެންނަށް މިވަރުން ފުދި އިތުރުވާވަރުވެސް ވޭ..."
"އެކަމަކުވެސް މި ޓިއުމަރު ހައްތަހާ ބޮޑުވަމުން ދިއުމުގެ ސަބަބުން މޮޓޯސައިކަލްގެ ހެލްމެޓްވެސް ނޭޅުވޭ..." މޯރިސް ކަންބޮޑުވާ ކަންތައް ކިޔާދިނެވެ.
"މަށަށް އިހްސާސް ކުރެވެނީ ޓަރނަރ އެންޑް ހޫކްސް (މޫނުގައި ބޮޑު ހަންގަޑެއް އޮންނަ ކުއްތާއެއް އުޅޭ ފިލްމެއް) ގެ ކުއްތާ، އޭގެ މޫނު ހަލުވާލާފަ، އުޅޭ މަންޒަރު..." ހިނިގަނޑެއް ޖަހާލުމަށްފަހު މޯރިސް ބުންޏެވެ.
2010 ވަނަ އަހަރުގެ ޖެނުއަރީ މަހުގައި މޯރިސްގެ ނަސީބު އޭނަ އަތުގައި ހިފިއެވެ. ކާކުކަން ނޭންގޭ ވިޔަފާރިވެރިއަކު މޯރިސްއަށް ގުޅިއެވެ. އަދި އޭނަގެ ޓިއުމަރ ނެގުމުގެ އޮޕަރޭޝަނަށް ހަރަދުވާ އެތައްލައްކަ ޑޮލަރުގެ ބިލުގައި ހިފުމަށް ތައްޔަރަށް ހުރިކަމަށް ބުންޏެވެ.
"އޭނަ ބުނީ މޯރިސް އަކީ ވަރަށް ބަރާބަރު، އެންމެންގެ އެކުވެރިއެކޭ...އެފަދަ މީހަކަށް އެހީވާން ވަރަށް ބޭނުމޭ...އެ ވިޔަފާރިވެރިޔާއަށް މޯރިސް ފެނުނުކަމަށްވަނީ މި ސަރަހައްދުގައި މަސައްކަތްކުރަން އުޅެނިކޮށް..." އެކަމާ އުފަލުން ފޮޅިފައިހުރި ޗެރިޓީ ކިޔާދިނެވެ.
އެ އޯގާތެރި ދީލަތި އެހީ އެދެމަފިރިން ހެޔޮހިތުން ގަބޫލުކުރިއެވެ. އަދި މިއަހަރުގެ (2010) ޖެނުއަރީގައި އޮޕަރޭޝަން ކުރުމަށް އުޓާއަށް ދިޔައެވެ.
ހަންޓްސްމަން ކެންސަރ ސެންޓަރުގެ ތިއޭޓަރުން ސްކޭންކޮށް، ބެލިބެލުމުން ޑޮކްޓަރުން ދިނީ ބިރުވެރި ހަބަރެކެވެ. މޮރިސްގެ ދިރިހުރުމާއި މަރާ ގުޅިފައިވާ ހަބަރެކެވެ. އޭނާގެ ޓިއުމަރުގެ ސަބަބުން ބޮލުގެ ނާށިގަނޑާއި އެތެރޭގެ ޓިޝޫތައް ދުރުވެ، ނާށިގަނޑު ފަޅަފަޅައިގެން ދާން ކައިރިވެފައިވާ ވުމުން ވީހާވެސް އަވަހަށް އޮޕަރޭޝަނެއް ކުރުމަށެވެ. މިހާރުވެސް އާދެވުނުލެއް ލަސްކަމަށްވެސް ޑޮކްޓަރުން ވިދާޅުވިއެވެ. ވަގުތުން އިމަޖެންސީ އޮޕަރޭޝަނެއް މޯރިސް ކުރަން ޖެހުނެވެ.
އޭގެ ފަހުން 2010 ގެ ޖޫންގައި މޯރިސްގެ ދެވަނަ އޮޕަރޭޝަނެއް ކުރިއެވެ. މި އޮޕަރޭޝަނުގައި މޯރިސްގެ މޫނުން އެލިފައި ހުރި މަސްތަކާއި ހަންގަނޑުގެ %95 ނެގިއެވެ. އަދި ޕޮޒިޝަން ގެއްލިފައިވާ ދަތްދޮޅިއާއި އަނގަ އަދި ލޯވެސް އަލުން ޕޮޒިޝަން ކުރެވުނެވެ.
މޯރިސްގެ 5 ގަޑިއިރުވީ އޮޕަރޭޝަން ކުރެއްވި ޑޮކްޓަރުންގެ ޓީމުގެ ހެޑް، ޑރ.ޖޭސަން ހަންޓު މި އޮޕަރޭޝަންގެ ކަންތަކާ ބެހޭގޮތުން ވިދާޅުވީ.. "މޯރިސްއަކީ އަހަރެންގެ ބޭސްވެރިކަމުގެ ހަޔާތުގައި ބައްދަލުވި އެންމެ އާދަޔާ ހިލާފު ޝަހުސިއްޔަތު، އަދި އެންމެ ނުރައްކާތެރި ކޭސް...،އަހަރުމެން ބޭނުންވީ ބައި ޕައުންޑަށްވުރެ ގިނަ އަދަދެއްގެ ޓިޝޫތައް އޭނާގެ މޫނުން ވަކިކުރަން...."
މޯރިސްގެ މޫނުން ބެންޑޭޖް ނައްޓަމުން ދިޔައިރު އެ ކުޑަކުޑަ އާއިލާގެ ހުރިހާ އެންމެންވެސް ތިބީ ނޭވާ ހިފަހައްޓާލައިގެންނެވެ. އެންމެންވެސް ތިބީ ގަބޫލުކުރަންވެސް ދަތިވެފައެވެ. އުފަލުން ރޮވިފައެވެ.
"އަހަރެން ގަބޫލެއްވެސް ނުކުރަން ޑޮކްޓަރުންނަށް މިވަރު އަހަރެންގެ މޫނުން ވަކިކުރެވިދާނެކަމަށް، އަދި މިފަދަ އޮޕަރޭޝަނެއް ކާމިޔާބުކަމާ އެކީ ކުރިއަށް ގެންދެވިދާނެކަން..އެކަމަކު ކަލާންގެ އިރާދަފުޅުން އިންސާނުންނަށް ހުނަރު ލިބި މަސައްކަތްކޮށްފި ނަމަ މީވެސް ކާމިޔާބުވާނެ ކަމެއްކަން މި އެނގުނީ... އަހަރެންނަށް މި ލިބުނު އާ މޫނުން ވެސް އުފާވެރިކަން އިހްސާސްވޭ...އަހަރެންނަކީ އަބަދުވެސް 'އަހަރެންގެ ގޮތުގައި' ދިރިއުޅޭ ހިތްވާ މީހެއް..." އުފާވެފައި ހުރި މޯރިސް ކިޔާދިނެވެ.
ވިހެއި އިރުވެސް ބަލިކަށި ކަމާއެކު ދުނިޔެއަށް ނޭވާލި، މިހާރު އުމުރުން 34 އަހަރުގެ މޯރިސް ގެ މޫނުގައި ބޮޑުވެ، ސިއްހަތަށް ގެއްލުން ކުރަމުން، ބައެއް މީހުން ތަފާތު ނަޒަރަކުން ބަލަމުންދާ ޓިއުމަރު ނެގުމަށް ފަހު މުޅިން އާ މޫނެއް ލިބުމުގެ އުފާ މިހާރު ހާސިލް ކުރަމުންދާ މޯރިސް ބުނަމުންދާ ވާހަކައެއް އޮވެއެވެ. އޭނާ ދުވަހަކުވެސް ދިރިއުޅުމުން އުއްމީދު ކަނޑައެއް ނުލައެވެ. ޓިއުމަރުން އޭނަގެ ފުރާނަ އަށް ގެއްލުންވުން ފިޔަވާ އެއްވެސް ވޭނެއް ތަހައްމަލު ކުރާކަށް ނުޖެހެއެވެ. އެއީ އޭނަގެ އަމިއްލަ ނަފްސަށް ފުރިހަމަ އިންސާނެއްކަމަށް ޔަގީންކޮށްދީގެން އުޅުމުގެ ސަބަބުންނެވެ. ހުރިހާވެސް އެއްޗަކީ މީހާގެ ސިފައެއްނޫން ކަމާއި އެއަށްވުރެ ދިރިއުޅުމުގައި މީހާ ރީތިކޮށްދޭ އެތައް ކަމެއް ހުންނަކަން މޯރިސް ވަނީ ދުނިޔެއަށް ސާބިތުކޮށްދީފައެވެ.
މޯރިސްއަށް ލިބުނު އާ މޫނުގެ ސަބަބުން (ޓިއުމަރު ނެގުމުން) އެންމެ އުފާވީ ސައިކަލްގެ ހެލްމެޓް އެއްވެސް އުނދަގުލެއްނެތި އެޅޭތީއެވެ.
"އަހަރެން އަބަދުވެސް ސައިކަލުން ފައިބަމުން ހެލްމެޓް ނަގާފަ ލޯގަނޑުން މޫނު ބަލާލަން.. މި އޮޕަރޭޝަނަށް ފަހުވެސް ހަމަ އެހެން ބަލާލެވޭ...އެކަމަކު ބަދަލުނުވާ އެއްޗަކީ އަހަރެންގެ ވިސްނުން...މިހާރުވެސް އަހަރެންމީ ހަމަ ކުރީގެވެސް 'ރީތި' މޯރިސް..."
Posted on 2010-11-20 22:55:23 |
Report this Comment
Posted on 2010-12-04 19:17:30 |
Report this Comment