ކަރުސަތުނާމަ
ރާއްޖޭގެ ޚަބަރުތައް، އޮންލައިން ނޫސްތަކުންނާއި ބުލޮގްތަކުން......
  • ޝާއިޢުކުރި ތާރީޚް: 03 11 2010
  • މިލިޔުން ކިޔާފައިވާ އަދަދު: 106

މުރާސިލްގައި ޝާއިއުކުރެވޭ ލިޔުންތަކަކީ އެންމެން ބަލައިގަންނަ ލިޔުންތަކަކަށް ހެއްދެވުމަށް އެހީތެރިވެދެއްވާ!
މިލިޔުމަކީ މުރާސިލްގައި ޖަހަން އެކަޝީގެން ނުވާ ލިޔުމެއްނަމަ އަޅުގަނޑުމެނަށް އަންގަވާ!
މިލިޔުން ރިޕޯޓުކުރެއްވުމަށް

ބަސް ބުނުމުގެ ކުރިން ބަހަކީ ތިމާގެ އަޅެކެވެ. ބަސްބުނުމަށް ފަހު ތިމާއަކީ ބަހުގެ އަޅެކެވެ.

” ތެދެކެވެ. މިއަދު މިކަމެއް އިހުސާސްވާހެނެއް ހީއެއް ނުވެއެވެ. ނަމަވެސް މިކަންކަމާއި މެދު މިއަދު ނުވިސްނާނަމަ ފަހުން އެކަމުގެ އުނދަގޫ ހަޔާތުގެ ކޮންމެވެސް ހިސާބެއްގައި އިހުސާސް ކުރަންޖެހެއެވެ. ވަރަށް ގިނަ ސަބަބުތައް އެބަހުއްޓެވެ. މިކަން އެންމެ ގިނައިން ބޭނުންވަނީ ސިޔާސީ ވެރިންގެ ފަރާތުންނެވެ. ނަމަވެސް އެމީހުންވެސް ފަހުން މިކަމެއް ހަނދާނެއް ނުހުންނާނެއެވެ. ބަހުގެ އަޅަކަށް ވުމުން އެއީ ދަޅައެއް ކަމުގައި ބުނާނެއެވެ. ވެރިން ވެރިކަމަށް އައުމަށް ދެއްކި ވާހަކައެއް ކަމުގައި ބުނާނެއެވެ. “

ކުރިން ދެންނެވިފަދައިން ބަހަކީ ތިމާގެ އަޅެކެވެ. ސަބަބަކީ ބަހެއް ބުނެލަން ހިތަށް އެރިނަމަވެސް އެބަސް ނުބުނާހާ ހިނދަކު އެބަސް ހިތުގައި ސިނކުނޑީގައި ބޭނުން ގޮތަކަށް ގެންގުޅެވިދާނެއެވެ. ނަމަވެސް މީހަކު ބަހެއް ބުނެފި ނަމަ އެބަހުން ނުކުމެދާ ނަތީޖާ އަކާ މެދުގައި ވިސްނާނެއެވެ. އެހެންކަމުން އެބަސް ބުނުމަށް ފަހު އޭގެ އަޅެއްގެ ގޮތުގައި ވަރަށް ގިނަފަހަރު މަސައްކަތް ކުރެވެއެވެ. އެންމެ ފަހުން ދޮގު ހަދަން ޖެހެއެވެ. މީހުންގެ ކުރިމަތީގައި ބޭޒާރު ވާންޖެހެއެވެ. ވިސްނާލަން ޖެހޭކަމެއް އެހެން ނޫންތޯއެވެ.

ދުނިޔޭގެ ހަޔާތް އަހަރެމެން ވޭތު ކުރަމުންދާއިރު ވަރަށް ގިނަކަންތައްތައް ފެނިދެނިވާނެއެވެ. އުއްމީދު ކުރާ ކަންތައްތަކާއި އުންމީދު ނުކުރާ ކަންތައްތަކެވެ. މިއީ މިއަދު އަޅުގަނޑުމެންނާއި ކުރިމަތި ވެފައިވާ ބޮޑު މައްސަލައެކެވެ. މިމައްސަލަ ހައްލުކުރެވޭނީ ނުވަތަ މީހުންނާއި މެދުގައި އޮންނަ އިތުބާރު ގުޅިފައިވަނީ މިފަދައިން ބަސް ތިމާގެ އަޅެއްގެ ގޮތުގައި ގެންގުޅެވިގެންނެވެ. ޙާލަތާއި ވަގުތާއި ގުޅޭގޮތަށް ބަސް ބުނެވިގެންނެވެ. މިސާލުތަކަށް ވިސްނާލާށެވެ.

ކުރިން ދެންނެވި ފަދައިން އަހަރެމެން އިހުތިރާމް ކުރާ މީހުންގެ ފަރާތުން އަބަދުވެސް ރަނގަޅު ކަންތައްތަކަށް އެދޭނެއެވެ. އެކަންތައް ރަނގަޅުކަން ދައްކައިގެން ވާހަކަ ދައްކާނެއެވެ. އެފަދަ މީހެއްގެ ކިބައިން އަހަރެމެން ދެކެން ބޭނުންނުވާ ކަމެއް އެމީހެއްގެ ފަރާތުން ފެނިއްޖެނަމަ ދެން ވާނީ ކިހިނެތް ހެއްޔެވެ. އެކަން ރަނގަޅުކަމަށް ދައްކަން މަސައްކަތް ކުރަން ވެއްޖެނަމަ ދެންވާނީ ކިހިނެތް ހެއްޔެވެ؟ އޭރުވާނީ ދެމޫނުގެ ވެރިއަކަށެވެ. "އެކަށް އެކަޑަހަ. މިކަށްމިކެޑަހަ." ބުނާ މީހަކަށް ވެދާނެއެވެ. މިކަހަލަ އެތައް މިސާލުތަކެއް އަޅުގަނޑުމެންގެ މިމުޖުތަމަޢުތަކުން ފެނިގެން ދެއެވެ. ބޭނުމެއް ޖެހޭއިރު އިއްޔެ އެއްޗެހިކީ މީހަކަށް މިއަދު މަދަހަސަނާ ކިޔައެވެ. އިއްޔެގައި ހުތުރު އެއްޗެހި ކިޔަމުން ހިތް ޒަޚަމް ކުރަމުންދާ މީހާ މިއަދު މާހެޔޮއެދޭ މީހަކަށް ބަދަލުވާތަން ފެނެއެވެ. ހިތް އެދޭ ބަސްތަކުން ހިތް ބަދަލުކޮށް ލައެވެ. އޭރުން މީހުން ބުނަމުންދާނީ ހިތުގައި ނުވާ އެއްޗެއް ބޭރުފުށުން ދައްކަނީ ކަމުގައެވެ. ދިވެހި މުހާވަރާއެއްގައި ވާފަދައިން ކަން އޮންނާނީ ވެލި ގަނޑެއް ހެންނެވެ. ހިތް އޮންނާނީ ދެލިގަނޑެއް ހެންނެވެ. މިއީ ދުނިޔެ ދައްކާ ރީތި މިސާލުތަކެވެ.

އަހަރެމެންގެ ދަރިންގެ ކުރިމަތީގައި އަހަރެމެން ބަސްބުނެ، އަމަލުކުރުމަށް އަމުރު ކުރަމުންދާއިރު އަޅުގަނޑުމެންގެ ފަރާތުން އެކަންކަން ފެނޭހެއްޔެވެ. ދޮގު ނުހަދާ މައިންބަފައިންނަށް ކިޔަމަންވުމަށް ނަސޭހަތްދޭއިރު އަޅުގަނޑުމެންގެ ޙާލަކީ ކޮބައިތޯ ވިސްނާލަނީ ކިތައް މީހުންތޯއެވެ. އެކަންތައްތައް އަޅުގަނޑުމެން ދަރިންނަށް ނުކުރުމަށް އަމުރުކުރާއިރު އެކުދިން އަޅުގަނޑުމެންނާއި ދިމާލަށް ބުނާނީ ކީކޭ ބާވައެވެ. ތިހެން ބުނާމީހާ އެކަން ނުކޮށް އަހަރުމެންނަށް އަމުރުކުރަނީ ކީއްވެ ހެއްޔެވެ. އޭރުން އަހަރެމެން ވާނީ ދޮގު ހަދާ ބަޔަކަށެވެ. ދޮގުހަދާ ބަޔަކަށް ވެއްޖެނަމަ އިތުބާރު ގެއްލޭނެއެވެ. އެއިތުބާރު ގެއްލުމަށް ފަހު އަނބުރާ ހޯދުމަކީ ހަމަޔަޤީނުންވެސް ފަސޭހަކަމެއް ނޫނެވެ.

ހަމައެގޮތަށް މީހުންނަށް ރަނގަޅުވާން ވެގެން ކޮންމެ މީހެއްގެ ކައިރީގައިވެސް އެމީހަކު ހިތް އެދޭގޮތަށް ވާހަކަ ދައްކާމީހުން އުޅެއެވެ. އެހެން މީހުންގެ ގާތުގައި ވާހަކަ ދައްކާއިރު އެމީހާ ރުޅި އަންނަމީހާ ނުދައްކާ ހުރިހާ ވާހަކައެއްވެސް ދައްކާލައެވެ. މިފަދަ މީހުން އަބަދުވެސް އުޅެން ޖެހެނީ ކަނދުފަތި ތަކަކަށް ވެގެންނެވެ. ތެރެސް ފުޅިއަކަށެވެ. އެހެން މުހާވަރާއެއްގައިވާ ފަދައިން އޭރުން ދެފުށްކެހެރި އަކަށް ވެދާނެއެވެ. އޭރުން ބައެއް މީހުން ތިބާއާއި މެދުގައި އިންސާފުވެރި ނަޒަރަކުން ނުބަލާނެއެވެ. ތިބާގެ އިންސާފުވެރިކަމާއި ތެދުވެރިކަމާއި މެދުގައި ނުބަލާނެއެވެ. އޭރުން ކޮންމެވެސް ހިސާބަކުން ޖެހޭނީ އެއްކާރިވާށެވެ. މީހުންގެ ކުރިމަތީގައި ފަޟީހަތްވާށެވެ.

މިފަދަކަންކަން ވަރަށްގިނައިން ފެންނާނެއެވެ. މިފަދަ ބަސްތައ ވަރަށް ގިނައިން އަޑުއިވޭނެއެވެ. އަހަރެމެންގެ ވެރިންގެ ފަރާތުންނެވެ. ކަންކަން ޙަވާލުވެ ތިބޭ ވެރިންގެ ފަރާތުންނެވެ. ނުވަތަ ކަންކަން ހިންގަން ޙަވާލުވެގެން ތިބޭ ފަރާތްތަކުންނެވެ. ވަރަށްގިނަ ފަހަރު ވަގުތާއި ތާރީޚު ކަނޑައަޅާ މިކަން ކުރާނަމޭ ބުނެއެވެ. ނަމަވެސް ވަގުތު ފާއިތުވެގެންގޮސް އެތައް ދުވަހެއް ފަހުން އެވާހަކަ ދެއްކުމުން ކޮންމެވެސް ބަހަނާއެއް ދައްކައެވެ. ހަމައެހެންމެ މީހެއްގެ އަބުރާބެހި އެތައް އެއޗެހިތަކެއް ކިޔައި ހަދައެވެ. އަދި އޭނަ މިހެން ބުންޏޭ ކިޔައި ވާހަކަ ފަތުރައެވެ. ނަމަވެސް މީހަކު ބުނެގެން އަހާއިރު ބުނިކަމަކަށް ނަހަދައެވެ. ބުނިނަމަ ބުނި ސަބަބު ހާމަނުކޮށް އެވާހަކައަކުން ސަލާމަތްވުމަށް ކޮންމެވެސް އެހެން ވާހަކައެއް ދައްކައެވެ. މާނައަކީ ބަހުގެ އަޅަކަށްވެގެން އެއަޅުގެ ފަރާތުން މިނިވަން ވާން މަސައްކަތް ފެށެނީއެވެ. އެހެންކަމުން މިފަދަ ކަންކަމުން އަހަރެމެން އިބުރަތް ލިބިގަންނަން ވެއްޖެއެވެ. މިކަން އެންމެ ފަސޭހައިން ކުރެވޭނީ އަޅުގަނޑުމެންގެ މުސްކުޅި ބުނުންތައް ކިޔާލައިގެންނެވެ.

"ތިބާގެ ރުހުމާއި ރުޅިއާއި، ޙިލްމުވެރިކަމާއި ޖާހިލުކަމާއި، އަދި ހެވާއި ނުބައި ކުރިމަތީގައިވެސް ހިނިތުންވެފައި ތިބާއަށް މަދަހަ ކިޔާ އެކުވެރިއަކީ، އޭނާއާމެދު އުފާވާންޖެހޭ ވަރުގެ އެކުވެރިއެއް ނޫނެވެ. ރައްޓެހިކަން ބަދަހިކުރަންވާ ވަރުގެ މީހެއްވެސް ނޫނެވެ. އެހެނީ އޭނާއަކީ ތިބާގެ ނަފްސުގެ މޫނު ބަލަން ކަމުދާ ލޯގަނޑެއް ނޫނެވެ. އެ ލޯގަނޑުން ބަލައިގެން ތިބާއަށް ތިބާގެ ފުރިހަމަ ސިފައެއް ނުފެންނާނެއެވެ. އަދި އޭނާ ތިބާގެ ހުތުރާއި ރީތި، ފޮނިކަމާއި ހުތްކަން ތެދުވެރިކަމާއެކު ކިޔައި ނުދޭނެއެވެ.

އޭނާ ވާނީ ހެވެއް ނުބައެއް ނޭނގޭ ޖާހިލަކަށެވެ. މިފަދަ މީހަކަށް ތިބާގެ ކިބައިން ފެންނާނީ ތިބާ ބޭނުންނުވާ ސިފަތަކެވެ. ތިބާއަށް ފެންނަންޖެހޭ ސިފަތަކެއް ނޫނެވެ. ނުވަތަ އޭނާ ވާނީ މަކަރުވެރި މުނާފިޤަކަށެވެ. ތިބާ ހިތް އެދެނީ ތިބާ ކިބައިގައިވާ ނުރަނގަޅު ސިފަތައް ފޮރުވައި، މަދަހަކިއުންކަން އެނގިގެން އޭނާ ތިބާ އެދޭގޮތަށް ކަންތައް ކުރަނީއެވެ.

ވީމާ މީހުން ކަންކަން ބަދަލުކޮށްލާ، ޙަޤީޤަތްތައް ފުރުޅާލާ، ތެދުވެރިއާއަށް ދޮގުވެރިއެކޭ، ދޮގުވެރިއާއަށް ތެދުވެރިއެކޭ ކިޔައި އުޅެނީ ކިހިނެއްކަން ނިކަން ދެކިބަލާށެވެ. ގިނަ މީހުންނަށް ހަމަ ނޭނގެނީއެވެ. ބަހުގެ އަޅަކަށް ވެވެނީއެވެ. އެހެންކަމުން ބަހުގެ ސާހިބަކަށް ވާން މަސައްކަތްކުރާށެވެ."

މުރާސިލް ހޯމްޕޭޖް އަށާއި ފީޗަރޑް ބަޔަށް ލިޔުން އެރުވުމުގައި ކިޔުންތެރިން ލިޔުމަށް ދޭ ތަރުހީބަށް ބެލޭނެ އެވެ.

ނަން:

ވެބްސައިޓް:

ހިޔާލު:

  • - ލިޔުންތަކަށް ހުށަހެޅޭ ކޮމެންޓް ތައް ޝާއިއު ކުރާނީ ލިޔުންތެރިޔާ އެވެ.
  • - މި ގޮޅީގައި ލިޔުއްވާއިރު ކޮމްޕިއުޓަރގެ ރީޖަނަލް / ލެންގުއޭޖް ސެޓިންގްސް އިން ދިވެހި އިޙްތިޔާރު ކުރައްވާކަށް ނުޖެހޭނެ.
  • - އާއްމުކޮށް ބަލައިގަނެވޭ އަޙްލާގީ މިންގަޑަށް ނުފެތޭ ލިޔުންތައް ޝާއިއު އެއް ނުކުރެވޭނެ ވާހަކަ ދަންނަވަން.