ސައިޒަން

  • ޝާއިޢުކުރި ތާރީޚް: 21 10 2010
  • މިލިޔުން ކިޔާފައިވާ އަދަދު: 328

މުރާސިލްގައި ޝާއިއުކުރެވޭ ލިޔުންތަކަކީ އެންމެން ބަލައިގަންނަ ލިޔުންތަކަކަށް ހެއްދެވުމަށް އެހީތެރިވެދެއްވާ!
މިލިޔުމަކީ މުރާސިލްގައި ޖަހަން އެކަޝީގެން ނުވާ ލިޔުމެއްނަމަ އަޅުގަނޑުމެނަށް އަންގަވާ!
މިލިޔުން ރިޕޯޓުކުރެއްވުމަށް

ބޮސްގެ ނައިފަރު ސަފަރު ނާމާ


ހަމަ ޔަގީނުންވެސް އަޅުގަނޑު ޅ. އަތޮޅު ނައިފަރު ދަންނަނީ ރާއްޖޭގެ ގިނަމީހުން ދަންނަހެން މުޙަންމަދު އިބްރާޙިމްގެ ފަރާތުންނެވެ. އެންމެންގެ ނަމުން ނަމަ ނައިފަރު ދޮހޮއްކޮބެގެ ފަރާތުންނެވެ. މިދެންވީ އެރަށަކަށް އަޅުގަނޑުމެން އެންމެން ދަންނަ އަލްމަރުހޫމް ނައިފަރު ދޮހޮއްކޮބެ ނިސްބަތްވާ ރަށް ކަމަށް ވާތީއެވެ. ދެން އިތުރު ތާޢާރަފެއް ނުދެއްވިޔަސް ފުދޭނެނޫންތޯއެވެ.؟ ނަމަވެސް ދެވަނަ ސަބަބެއްވެސް ނުލިޔެ ދޫކޮށްލުމަކީ ހަމަ ޔަގީނުންވެސް އަޅުގަނޑުގެ އެންމެ އެކުވެރި އެއް މިތުރަށް ބުނެވޭނެ ނުބައިމީސް ބަހަކަށް ނުނީ ނުވެނުދާނެކަން ހަމަ ޔަގީނެވެ. އާންމު ނަމުންނަމަ އިއްބެ، އަޅުގަނޑުމެންގެ ނަމުން ނަމަ " ނައިފަރި ޔާނޯ " ގެ ޅަދުވަހުގެ ރަށުގެ އިތުރުން އެބޭފުޅާގެ މަންމާފުޅު އެރަށަކަށް ނިސްބަތްވާ ރަށްކަމަށް ވާތީއެވެ.
ހެނދުނުގެ އިރު ފެނުން ތޮޅިލުމުގެ ކުރީގައި މޯލްޑިވިއަން އެއާރ ޓެކްސީގެ ހުޅުލޭ ޓާރމިނަލްއަށް އޮފީހުގައި އުޅޭ ބިދޭސީ ބޭފުޅަކާއެކު ގޮސް އިނީމެވެ. އެތަނުގައި އިންދާ ވަރަށް ގިނައިން އިވޭ ޖުމުލަތަކެއް ކުށްލިއަކަށް ހަނދާންވިއެވެ. ހެނދުނު އިރުގެ އަލިކަން ނުފެންނަ މީހަކު ގައިގާ ކޮންމެވެސް ވަރެއްގެ ކަންނެތްކަމެއް ހުންނާނެކަން އަބަދުވެސް އަޅުގަނޑުގެ ބައްޕަ ބުނާތީ އަހަމެވެ. ކޮންފޮތެއްގައި އޮތް އެއްޗެއް ކަމެއް އަޅުގަނޑަކަށް ނޭނގެއެވެ. ޤަބޫލުކުރެވޭނީ އަމިއްލަފުޅު ތަޖުރިބާ ކަމަށެވެ. ހަމަ ޔަގީނުންވެސް އިރު އަރަމުން އެއަންނަ ވަގުތަކީ ހާދަހާ ހިތްގައިމު ވަގުތެއްތާއެވެ؟ ރަންކުލައިގެ ދޯދިތައް ދުނިޔެ މައްޗަށް ފެތުރި ހުންނަތަން ފެނުމަކީ ހިތައް ތަސައްލީ ގެނެސްދޭކަމެކެވެ. ހެނދުނުގެ ނިދި ފިލުވާލުމުގެ ގޮތުން ކޮފީއެއް ބޯން ތިއްބާ ފުލައިޓްގެ ވަގުތު ޖެހިއްޖެއެވެ. ކެތްމަދުވެފައި އިންދައެވެ. ފުލައިޓަށް އަރާ ހިތަކުންނޫނެވެ. ބޯޓް އުދުހިފަ ދާއިރު އެފެންނަ ހިތްގައިމު ނަލަ ނަލަ، މިނިވަންކަމުން ފުރިގެންވާ، ވައިރޯޅި ތަކެއް ހިމޭން ކަންމަތީ ޖެހެމުން ދާ، އަޅުގަނޑުމެންގެ ޖަޒީރާ ދޮންވެލި ބިންތައް ބަލައިލާ ތަސްވީރު ތަކެއް ނަގާލާ ހިތުންނެވެ. ކޮންމެއަކަސް ސީ. ޕުލޭންގައި ހޭދަކުރި ސާޅިހަކަށް މިނެޓަކީ ތަފާތު ހިތްހަމަޖެހުމެއް ގެނުވި ވަގުތުތަކެކެވެ. ދިވެއްސަކަށްވީތީ އިތުރަށް ފަޚުރުވެރިވި ވަގުތުތަކެކެވެ. ފްލައިޓް ދާން އޮތް މަންޒިލްގައި ޖައްސައިފިއެވެ. ކުރެއްދޫ އައިލެންޑް ރިސޯޓަށެވެ. ފްލައިޓުން ފޭބިއިރު އަޅުގަނޑުމެން ބަލާ އައިސް ހުއްޓެވެ. އަންހެން ބޭކަނބަލެއް ނޫނެވެ. ފިރިހެން ބޭފުޅެކެވެ. އަޅުގަޑުމެންނަށް ދަޢުވަތު ދެއްވި ފަރާތެވެ. ނައިފަރު އަދި ރާއްޖޭގައި ނަން ހިނގާ ޖަމުޢިއްޔާއެއްގެ ނައިބެކެވެ. ހަތްދިހަ ފަސް އަހަރުވީ ސުކޫލެއްގެ އިސް މުވައްޒަފެކެވެ. ހިތްހެޔޮ ރަހުމަތްތެރިއެކެވެ. މިޒާޖާއި ބެހޭގޮތުން އެއްޗެއް ދަންނަވަނީނަމަ ބުނަނަން ޖެހޭނީ " މަރުވަމުން ވެސް ތީރު އެއްލާ މިޒާޖުގެ މީހެކެވެ." ދަންނަވަން މިއުޅެނީ ކަމެއް ކުރަން އުޅެފިއްޔާ އެކަން ކުރާ ޒާތުގެ މީހެކެވެ. ނުބައި ވިސްނުމެއް ނުގެންގުޅުވައްޗެވެ. މި ދެންނެވި އެބޭފުޅާގެ ތަޢާރަފް ތަންކޮޅެއް ދިގުވީމަ ދުވަސް ވަރުގެ ގޮތުން ތަފާތު ހިޔާލެއް އައިސް ދާނެތީ އެވެ. ސަލާން ގަލާން ކުރުމަށްފަހު ވިއްސަކަށް ފޫޓްގެ ސުޕީޑް ލާންޗަކަށް އަރައިފީމެވެ. އަސްލު މަންޒިލާ ދިމާލަށެވެ. ޅ. ނައިފަރާ ދިމާލަށެވެ.
ވިހި ވަރަކަށް މިނިޓް ނަގާނެކަމަށް އަލީ ބުންޏެވެ. ރަށާ ކައިރިވި ވަރަކަށް ރަށުގެ މަލަމަތިފެންނަމުން ދެއެވެ. ކުރީގައި ރާއްޖޭގައި ދެއްވަމުން ގެންދަވާ "ފެހިފަތް" ދިނުމަށް ލިސްޓްކުރާނަމަ، ޤަބޫލްކުރެވެނީ ލިސްޓްގެ ފަހަތުގެ ހިސާބަކުން ލައްވާލާނެކަމަށެވެ. އާނއެކެވެ. ގިނަ ރަށްރަށުގެ މަލަމަތިން ފެންނަ ފެހިކަން ފެންނާކަށް ނެތެވެ. އެހެންވީމަ މިހެން ދެންނެވިދާނެނޫންތޯއެވެ.؟
ކަޑިންމަޔާ ހިސާބުން ރަށުގެ ކަންތައްތައް ސާފުކޮށް ފެންނަން ފަށައިފިއެވެ. ރަށުގެ ނެރުން އެތެރެވެއްޖެއެވެ. ފުރަތަމަ އަޅައިގަތީ ކަނޑު ތޮށީގައެވެ. ފައިކައްޓާ ދިމާ އޮތީ ރޫޅިފައެވެ. ނަމަވެސް ޒަމާނީ، އިޤްތިޞާދީ ، އުމްރާނީ ކުލަވަރު ރަނގަޅަށް ފެނުނެވެ. ޒަމާނީ ދެތިން މަސް ދޯނިވެސް އޮތެވެ. ލާންޗުން ފޭބުމަށްފަހު ނައިފަރުން އަޅުގަނޑުމެންނަށް ދަޢުވަތު ދެއްވި ޖަމުޢިއްޔާގެ ބޭފުޅުންނާއި ސަލާންކޮށްލުމަށްފަހު ތިބެން ހަމަޖެހިފައިވާ ގެއަށް ދިއުމަށް ހިނގައިގަތީމެވެ. ބޭރުބޭފުޅާ ދެކޮޅަށް ބަލަމުން " އިޓް އިސް ޑޭމް ހޮޓް އޭ " ބުންޏެވެ. ސާމާސާކޮށްލުމުގެ ގޮތުން " ހޫ އިސް ޑޭމް ހޮޓް" ހޭ އެހީމެވެ. އަސްލުގަވެސް ހޫނު ގަދައެވެ. ރަށުގެ މަލަމަތިހެން ރަށުތެރޭގައިވެސް ފެހިކަމެއްނެތެވެ. ނަމަވެސް ގޭގެއިގެ އަސްކެނިދަށުގައި ގަސް އިންދާފައި ހުއްޓެވެ. ކޮޕީފަތާއި މިރުސްގަސް ކަހަލަ ކުދިކުދި ތަންތަން ކޮޅުގައި ހެއްދޭ ގަސްގަހެވެ. އެހެންކަމުން އަޅުގަނޑަށް ޤަބޫލުކުރެވެނީ އެވެރިން، އެވެރިންގެ އުފަން ފަސްގަނޑު ފެހިކުރަން ވަރަށް ލޯބި ކުރާކަމެކެވެ. ނަމަވެސް ބިންކޮޅުގެ ދަތިކަމުން އެކަން ވާން ނެތީތާ އެވެ. ނަމަވެސް އެބޭފުޅުންނަށް ކުރެވެން ހުރި ކަންތައްތައް، މިދެންނެވީ އުމުރާނީ ގޮތުން ވަރަށް ފެއްސެވެ. ގެތައް ގިނަވެފައި ޒަމާނީވެސްމެއެވެ.
މެންދުރުގެ ވަގުތެވެ. އެހެން ކަމުން ފިނި އެއްޗެއް ބޯލައިގެން ގެއަށް ދާންވެގެން ކެފޭ އަކަށްވެސް ވަނީމެވެ. ޚިދުމަތް ވެސް ރަނގަޅެވެ. މާހައުލުވެސް ހިތްގައިމެވެ. އަޅުގަނޑުމެން ބީރަށްޓެހި ބަޔަކަށްވީތީ މެހްމާންދާރީ އިތުރުވިކަން ފާހަގަކުރެވުނެވެ. ކޮންމެ ބޭފުޅަކުވެސް ބަލާލުމަށްފަހު ހީލިއެވެ. އަޅުގަނޑަށް އަޑުއިވިފައިވާގޮތުގައި، ނައިފަރަކީ ވަރަށް ފޮނި މީހުން އުޅޭ ރަށެކެވެ. ނަމަވެސް އަޅުގަނޑަކަށް އެކަން ފާހަގައެއް ނުވެއެވެ. އަދި މީގެ ކުރިން ވެސް އެވާހަތަކެއް ޤަބޫލެއްނުކުރަމެވެ. ސަބަބަކީ ދިވެހިން ވާނީ ދިވެހިންނަށްތާއެވެ. އެހުންނަ ހިތްހޮޔޮކަމާއި، މެހްމާންދާރީގެ އުސޫލުތައް ހުންނާނެ ކަމަށް އަޅުގަނޑު ޝައްކެއްނުކުރަމެވެ. ހަމަ އެއާއެކު އަޅުގަނޑާއެކު އަބަދުހެން އުޅޭ އެކުވެރިޔާގެ އުސޫލުތައްވެސް އެވިދާޅުވިގޮތާއި މުޅިން އިދިކޮޅެވެ. ފިނި އެއްޗެއް ބުއިމަށްފަހު ތިބެން ހަމަޖެހިފައިވާ ގެއަށް ދިޔައީމެވެ. މެންދުރުގެ ވަގުތުކަމުން މަގުމަތިން މާގިނަ މީހުންނެއް ނުފެނެއެވެ.
ހަވީރުގެ ވަގުތު ޖެހުމުން ރަށުތެރެއަށް ބޭރުބޭފުޅާއާއިއެކު އަޅުގަނޑު އަދި އަލީ ނުކުމެލީމެވެ. މެންދުރު ވަގުތާއި ތަފާތެވެ. މިހުންގިނައެވެ. ތުއްޕުޅުބޭފުޅުން ކުޅެން އުޅޭތަން ފެނެވެ. އަޅުގަނޑާއިއެކު ދިޔަ ބޭރުބޭފުޅާ ފަހަރަކު ސުވާލެއް ކުރަމުން ގެންދެއެވެ. އަލަށް ރާއްޖެ އައިސްގެން އުޅޭ ބޭފުޅެކެވެ. އަތޮޅަކަށް ވެސް ދިޔަ ފުރަތަމަ ފަހަރެވެ. އެހެން ނޫނަސް ސުވާލުވެސް ގިނަ ބޭފުޅަކީއެވެ. ކުޑަކުއްޖަކު އައިސް ގައިގާ ޖެހުނެވެ. ފަހަތަށް އެނބުރި ބަލާލިމެވެ. ކުއްލިއަކަށް އަޅައިގަތީ އެކުއްޖާ އަރައިގެން ހުރި ބޫޓެވެ. ފިރިހެން ބޫޓެކެވެ. އަޅުގަނޑާއި އަޅުގަނޑުގެ އެކުވެރިޔާ ވެސް ހަމަ އެކަހަލަ ބޫޓެއް ގަތީމެވެ. ގަންނަންދިޔަ ފިހާރައިގައި ގަޑިއެއްގެ އިރު ތިބެގެންނެވެ. ހަމަ ނައިފަރުގާ ހުރި އޭނާގެ ކޮއްކޮއަށް ފޮނުވާށެވެ. އެހެންކަމުން އަޅުގަނޑަށް ޤަބޫލުކުރެވުނީ އެއީ އޭނާގެ ކޮއްކޮ ކަމަށެވެ. ޔަގީން ކޮށްލަން އަހާވެސްލީމެވެ. ނިމިގެން ދިޔައީ ވިސްނުމާ އެއްގޮތަށެވެ.
ރަށުތެރޭގައި ހިނގަމުން ބަލަމުން ގެންދިޔައީމެވެ. ހިއްކާފާއިވާ ސަރަހައްދަކަށް ދެވުނެވެ. ކޮންނަމުންދާ ވަޅުގަނޑުތަކުންނާއި ވަކި ހަމަޔަކަށް ރާނާފައި ހުރި ގެތައް ފެންނަން ހުރުމުން ޤަބޫލުކުރެވެނީ ރަށުގެ ބިންކޮޅު ކުޑަކަމުން ގެތައް އާބާދު ކުރުމަށް ހިއްކާފައިވާ ތަނެކެވެ. އަދި އޭގެ އިތުރުން ތަރައްޤީގެ އެތައް މަޝްރޫޢުތަކެއްހުއްޓެވެ. ބައެއް ޕްރޮޖެކްޓްތައް ހުރީނިމިފައެވެ. އަނެއް މަސްރޫޢުތައް ހުރީ ނިމެން ކައިރި ވެފައެވެ. ޔަގީނުންވެސް އުންމީދުގެ މަންޒަރުތަކެކެވެ. ތަރައްޤީއާއި ތަހުޒީބުގެ ދަންމަރުތަކެކެވެ. މަޝްރޫޢުތަކުގެ އިތުރުން ތާފާތު ކަންތައްތައް އަޅައިގަތެވެ. ބަންނަން ފަށާފައިހުރި ދޯނި ފަހަރުވެސް ހިމެނެއެވެ. އޭގެ އިތުރުން ގުރޫޕް ގުރޫޕަށް ތިބި ޒުވާން އަންހެން ބޭކަނބަލުން ވެސް ފާހަގަ ކޮށްލެވެއެވެ. ހަވީރު ފިންޏަށް ވައިޖައްސާލަން ނިކުމެ އުޅެނީތާއެވެ. ޢާއިލާގެ މެންބަރުން އެއްކޮށް ކަންނޭނގެއެވެ. ނޫންނަމަ އަލްމަރުހޫމް ނައިފަރު ދޮހޮއްކޮބެ ދެކުނުކަހަލަ " ރާޖަ ރާނީގެ" ބަގީޗާ ތަކެއް ކަންނޭނގެއެވެ. ނަމަވެސް އަޅުގަނޑުގެ މަޅީގައި ޖެހޭނެނަމައޭ ދޮހޮއްކޮބެ ބުންޏަސް އަޅުގަނޑެއް ނުބުނާނަމެވެ. ބުނާކަށް ވެސް ނެތީމެވެ. އެކަމަކު އެކަހަލަ އަޑެއް އެރިކަން ޔަގީނެވެ. އަޑެއް ކިއްޔާމުން ރެނދެއްލާނެއޭ ދުވަސްވީ މީހުން ބުނުއުޅެއެއްނޫންތޯއެވެ؟ ދޮގުކުރާކަށްވެސް ތެދުކުރާކަށްވެސް އަޅުގަނޑު ނެތީމެވެ. އެހެންނަމަވެސް އަޅުގަނޑުވެސް އެބިމުން މަލެއްދުށީމެވެ. ތަފާތު މަލެކެވެ. ރީތި މަލެކެވެ. ނަމަވެސް އަޅުގަނޑަށް ދޮހޮއްކޮބެއަށް ލިބުނު ކަހަލަ ޞަދުރާއި އަޖުޒުން އެއްޗެހި ބުނުމުގެ ހުނަރެއްނުލިބެއެވެ. މިހެން މިދެންނެވީ ބައެއްމީހުން އެބޭފުޅާއަށް އެހުނަރު ލިބުނީ އެދެންނެވި ބަގީޗާ ފެނިގެންކަމަށް ޤަބޫލުކުރެވިފައި އޮވެދާނެތީ އެވެ. އަޅުގަނޑަށް ޤަބޫލުކުރެވެނީ އެހުނަރު އެލިބުނީ އާދަމީ އުފެދުމެއްގެ އަސްލަކުން ކަމަށެވެ. ޤުދުރަތުން ދެއްވި ހަދިޔާއެއްގެ ގޮތުގައެވެ. އިތުރަށް މިވާހަކަ ލިޔާކަށް ގަސްތެއްނުކުރަމެވެ. އިތުރަށް ލިޔެގެން މައްސަލައެއް ޖެހިދާނެކަމަށް އަޅުގަނޑު ޤަބޫލުކުރަމެވެ. އަޅުގަނޑުގެ ބަގީޗާއިން ހިތްހަމަނުޖެހުން ފާޅުކޮށް ފާނެތީއެވެ. މިވެސް ވެދާނެ ކަމެއް ނޫންތޯއެވެ.؟
ދުވާލުގެ އިރު އޭގެ ދައުރާ އެއްގޮތަށް ، ހިމޭންކަމާއެކު މަޑު މަޑުން ގޮސް އޮއްސިއްޖެއެވެ. އަނދިރިކަން ވެރިވުމާއެކު ގެއަށް ގޮސްފީމެވެ. ރޭގަނޑުގެ ގިނަވަގުތު ހޭދަވީ ކުރަން ދިޔަ އޮފީސް މަސައްކަތުގައެވެ. އާދުވަހެއްގެ ފެށުން ފެށިއްޖެއެވެ. ނައިފަރުގެ އޮފީސްތަކުގެ މީހުންނާއި ބައްދަލު ކޮށްލުމަށް ރޭވިފައި އޮތީ ތީ ހޮސްޕިޓަލާއި ދިމާލަށް ފުރަތަމަ ދިޔައީމެވެ. ހޫނުވެސް ގަދަ ދުވަހެކެވެ. ހިނގައިފާ ދަނިކޮށް ކުއްލިއަކަށް މީހަކު އައިސް ދެއަތުން އަޅުގަނޑުގެ އަތުގައި ހިފިއެވެ. ކޮނޑު ގައި ދައްދޮޅިވާ ގޮތަށް ބައްދާލިއެވެ. ހައިރާން ވެފަހުރެގެން ފަހަތް ބަލާލީމެވެ. ހައިރާން ވާނެނޫންތޯއެވެ. އަލަށް ދިޔަރަށެކެވެ. ފަހަތުން އަތުގަ ހިފާނީ ކާކު ތޯއެވެ؟ ފަހަތް ބަލާލީމެވެ. އަސްލުގަވެސް އަޅުގަނޑު ހައިރާން ވިއެވެ. ނަމަވެސް ދަންނަ ވަންޖެހެނީ އަޅުގަނޑުމެން ފެނުމުން އޭނަ އަބަދުވެސް ކަންތައް ކުރަނީ އެގޮތަށެވެ. އެއީ އަޅުގަނޑުގެ ދައްތައެކެވެ. މާމަގެ އެންމެ ހަގު އަންހެން ދަރިއެވެ. އަޅުގަނޑުގެ މަންމަގެ އެންމެ ހަގަށް ހުންނަ ކޮއްކޮއެވެ. ދައްތައަކަށް ވުރެން ގާތް ރައްޓެއްސެކޭ ބުނުން މާ ރަނގަޅު ވާނެއެވެ. ފަހަރުގައި އުމުރުގެ ފަރަގު ކުޑަ ވީމަކަމަށް ވެދާނެއެވެ. އެހެން ނަމަވެސް އޭނަ ހަމަ ތަފާތީއެވެ. އާއިލާގެ އެހެން އަންހެން ބޭކަނބަލުންނާއެވެ. އެހެން ބޭކަނބަލުންނަކީ ހަމަ ޔަގީނުންވެސް އަޅުގަނޑު ކައިރީގައި ހުނައިރުވެސް އަދި އެހެން އިރުތަކުގަވެސް މަޑުން ތިބޭ މިޒާޖުގެ މީހުންނެވެ. އަޅުގަނޑު ކައިރީގައި ތިބޭއިރު އެކަން ބޮޑުކަމަށް ފާހަގަ ކުރެވެއެވެ. ލަދުރަކީ ތާ އެވެ؟ ނޫނީ އިހުތިރާމްގެ ގޮތުންބާއެވެ؟. ނަމަވެސް އޭނާ ތާފާތެވެ. ސާކަރާތުގެ ބޮޑު މީހެކެވެ. ކީއް ކުރަނީތޯ އަހާލީމެވެ؟ ކުޑަކޮށް ލަދުންހުރެ ޑޮކްޓަރަށް ދައްކަންށޭ ބުންޔެވެ. އަޅުގަނޑަކީވެސް އަދި އޭނަ އަކީ ވެސް ރ އަތޮޅަށް އުފަން ދެމީހުންނެވެ. އެހެން ކަމުން މާލެ އައުމުގެ ބަދަލުގައި ޑޮކްޓަރައް ދައްކަން ނައިފަރަށް ބައެއްފަހަރު އައިސް އުޅެއެވެ. އެގޮތުގެ މަތިން އޭނަވެސް އައިސް އުޅުނީއެވެ. އޭރު އޭނަގެ ފިރިމީހާ ވެސް ކައިރީ ހުއްޓެވެ. އޭރު ދައްތަ އިނީ ބަލިވެއެވެ. ވަހާކަތަކެއް ދެއްކުމަށް ފަހު ގަޑިޖެހިއްޖެ އޭ ގުޅާށޭ ބުނެފައި އޭނަ ގޮސްފިއެވެ. އޭގެ ހަތަރު ވަރަކަށް މަސްފަހުން އަލުން ދިމާވިއެވެ. މާލޭންނެވެ. ވިހަން އައިސް ހުއްޓައެވެ. އޭރު ކޮންމެހެން ވަރަކަށް ހުން އާދެއެވެ. އެހެންކަމުން ޢާއިލާގެ މީހުން ދައްތަ ހޮސްޕިޓަލްގާ އެޑްމިޓް ކުރިއެވެ. އިރާދަ ފުޅުން ހުންގަނޑު ރަނގަޅުވެ. އަންހެން ކުއްޖަކު ވިހައިފިއެވެ. މުޅި ޢާއިލާއަށްވެސް އުފާވެރި ވަގުތު ކޮޅެކެވެ. މާގިނަ ވަގުތު ތަކެއްނުވެ. ނޭވާލުމުގެ މައްސަލަތަކެއް އުޅޭތީ ހައްލު ނުހޯދިގެން ދައްތަ އައި. ސި. ޔޫ އަށް ލައިފިއެވެ. ޢާއިލާގައި ބާކީ ތިބި އަންހެން ބޭފުޅުންގެ ހާލު ދައްތަ އަށްވުރެން ބޮޑުވެއްޖެ ކަހަލައެވެ. އެހެން ވާނެނޫންތޯއެވެ. އެމީހުންނަކީ އެކުވެރި ބައެކެވެ. އެކަކު އަނެކަކަށް އަޅާލާ ، ލޯބިވާ ބައެކެވެ. ބާރަ ދުވަސް ވަންދެން އައި. ޖީ. އެމް. އެޗް ހޮސްޕިޓަލްގެ އައި. ސި. ޔޫ ގައި ބޭއްވިއެވެ. ކުރިއެރުމެއް ނުލިބުނެވެ. އެހަންކަމުން ދެފަރާތުގެ ޢާއިލާވެގެން ރާއްޖެއިން ބޭރަށް ގެންދަން މަސައްކަތްކުރީމެވެ. ކޮޅުނބަށް ގެންދިއައީމެވެ. ގެންދިޔަގޮތަށްލީ އެޕޯލޯ ހޮސްޕިޓަލްގެ އައި. ސި. ޔޫ އަށެވެ. ޚިދުމަތްތައް ރަނގަޅުވާނެތީ އަވަހަށް ރަނގަޅުވާނެ ކަމަށް ބެލީމެވެ. ނަމަވެސް ޝިފާއަކި ﷲ ދެއްވާ އެއްޗެކެވެ. އެދުވަސްވަރު ވެގެންދިޔައީ އަޅުގަނޑުގެ ޙަޔާތުގައި އައި އެންމެ މާޔުސްވި ދުވަސްތަކަށެވެ. އަޅުގަނޑާއި، ދޮންބޭބެ އަދި ދައްތަގެ ފިރިމިހާވެސް ކޮޅުނބުގައި ދައްތައާއި އެކު ތިބީމެވެ. ނުވިތާކަށް އަޅުގަނޑުގެ ޢާއިލާގެ އަންހެން ދައްތައަކާއި ފިރިހެން ކޮއްކޮއެއް ކިޔަވަން ކޮޅުނބުގައި ތިއްބެވެ. އޭބޭފުޅުން ވެސް ގިނަ ވަގުތު ހޭދަކުރަނީ ހޮސްޕިޓަލްގައެވެ. ފަންސަވީސް ދުވަސް ވަންދެން އައި. ސި. ޔޫ ގައި ބޭއްވިއެވެ. ޚަރަދުވެސް ބޮޑެވެ. ނަމަވެސް ބަޔަކު އެއްވެގެން އުޅެންޏާއި މާބޮޑު ކަމަކަށް ނުވާނެކަން އެންމެވެސް ޤަބޫލުކުރެއެވެ. ދަންވަން މިއުޅެނީ ދައްތަގެ ފިރިމީހާގެ ޢާއިލާގަވެސް ތިބެނީ އެކުވެރި ހިތްވަރުވެސް ގަދަ ކުދިންތަކެކެވެ. އެހީތެރިކަމާއި އެއްބާރުލުން އޭގެ އެންމެ ފުރިހަމަ މިނުގައި ލިބެއެވެ. އެންމެންގެ ރައްޓެހިންގެ ފަރާތުން ވެސްމެއެވެ. އައި. ސި. ޔޫގައި އޮންނަތާ ފަންސަވީސްވަނަ ދުވަހު ދައްތަ ނިޔާވެއްޖެއެވެ. ހިތާމައިގެ ދުވަހެކެވެ. އެކަމު ކީއްކުރާނީ ދެއްތޯއެވެ.؟ އަޅުގަނޑުމެންނާއި އޭނަގެ އުފަން ދަރިފުޅު އެންމެ ފަހަރަކު ދެކިލުމަށްފަހު ދުނިޔެދޫކުރިއެވެ. އަބަދަށްޓަކައެވެ. ކޮޅުނބުގެ ފަސްގަނޑު ދަށަށް ދިއައީއެވެ. އަމާނާތެއް ދޫކޮށްފައެވެ. އަމާނާތާއި ދެފަރާތުގެ ޢާއިލާއިން ވެސް ޙަވާލު ވެއްޖައީމެވެ. އިރާދަ ކުރެއްވިއްޔާ ފުރިހަމަ ގޮތުގައި ބަލާނަމެވެ. އަމާނާތަކީ އެއާމެދު ސުވާލު ކުރެއްވޭ އެއްޗެއްކަން ދަންނަމެވެ. މައުލޫ ބަދަލް ވީ ދެއްތޯ އެވެ ؟ ނަމަވެސް ނައިފަރުން މިގޮތަށް ދިމާވީތީ ފާހަގަ ކޮށްލީއެވެ.
އޮފީސްތަކުގެ މީހުންނާ ބައްދަލު ކުރެއްވުމުން ދަތުރުގެ ބޭނުން ހާސިލު ގާތް ގަނޑަކަށްވީއެވެ. ދަތުރުވެގެން ދިޔައީ ގިނަ އެކުވެރިންތަކެއްވެސް ލިބުނު ދަތުރަކަށެވެ. އާ ތަޖުރިބާތަކެއްވެސް ކުރެވުނު ދަތުރަކަށެވެ. ދެވަނަ ފަހަރަށް ދިއުމުގެ އުންމީދުގައި ޖެހިގެން އައި ދުވަހު ދަތުރު ނިންމާލީމެވެ.




މުރާސިލް ހޯމްޕޭޖް އަށާއި ފީޗަރޑް ބަޔަށް ލިޔުން އެރުވުމުގައި ކިޔުންތެރިން ލިޔުމަށް ދޭ ތަރުހީބަށް ބެލޭނެ އެވެ.

ނަން:

ވެބްސައިޓް:

ހިޔާލު:

  • - ލިޔުންތަކަށް ހުށަހެޅޭ ކޮމެންޓް ތައް ޝާއިއު ކުރާނީ ލިޔުންތެރިޔާ އެވެ.
  • - މި ގޮޅީގައި ލިޔުއްވާއިރު ކޮމްޕިއުޓަރގެ ރީޖަނަލް / ލެންގުއޭޖް ސެޓިންގްސް އިން ދިވެހި އިޙްތިޔާރު ކުރައްވާކަށް ނުޖެހޭނެ.
  • - އާއްމުކޮށް ބަލައިގަނެވޭ އަޙްލާގީ މިންގަޑަށް ނުފެތޭ ލިޔުންތައް ޝާއިއު އެއް ނުކުރެވޭނެ ވާހަކަ ދަންނަވަން.