ފޯވަހި މާނަކޮށްދެނީ ސީޒަން (SEASON) ނުވަތަ ޓައިމް (TIME) އެވެ. ޢަރަބި ބަހުންނަމަ، މަވްސިމް، ފަޞްލުއެވެ. ހިންދުސްތާން ނުވަތަ އުރުދޫ ބަހުން އެއީ މޯސަމްއެވެ. ދިވެހިން ކިޔައިއުޅޭ މޫސުމް ނެގިފައިވަނީ، އުރުދޫބަހުގެ މޯސަމްއިންކަމަށް ވެދާނެއެވެ. ހަނީމޫން (HONEY MOON) އަށް ޢަރަބިބަހުން ކިޔަނީ ޝަހްރުލްޢަސަލިއެވެ. ފޯވަހި، ދިވެހީން ބޮޑަށް ބޭނުން ކުރަނީ، މަސްވެރިކަމުގެ ދުވަސްވަރަށެވެ. އެހެން ކަންކަމަށް ބޭނުންކުރަނީ މޫސުމެވެ. ހަނދުގެ ދައުރާ ގުޅުވައިގެން ކިޔައި އުޅެނީ ފޯއެވެ. އެއީ، މެދުފޯއާއި ފަހުފޯއެވެ. ދެން، ކަޅުފޯއެވެ. މެދުފޯއާއި ފަހުފޯއަކީ ދިޔަވަރުހިކޭ ދެދުވަސްވަރެވެ. މެދުފޯއަކީ ހަނދުބޮޑުވާ ދުވަސްވަރެވެ. ފަހުފޯއަކީ، ހަނދު ކަންފަތިވާ ދުވަސްވަރެވެ. ކަޅުފޯއަކީ، ރޭގަނޑަށް ހަނދު ނުފެންނަ ދުވަސްވަރެވެ. މިދުވަސްވަރަށް ފޯކިޔާގޮތަށް، ފޮއިވެސް ކިޔައެވެ. އެއީ، ފޯމަތިއާއި ފޮއި މައްޗެވެ. ކޮންމެގޮތެއްގައި ނަމަވެސް، ފޯވައްސާއި، މޫސުމާއި، ފޯއާއި ފޮއި މާނަކޮށްދެނީ، ވަކި ޚާއްޞަ ދުވަސްވަރެވެ. ސީޒަން ނުވަތަ ޓައިމް ނުވަތަ ފަޞްލު ނުވަތަ މަވްސިމްއެވެ.
މަސްވެރިކަމުގެ ފޯވައްސެއް އަތުވެއްޖިއްޔާ، ފޯރިޔާއެކު މަހަށް ދާނެއެވެ. މަސްވެރިކަން ހުރިނަމައެވެ. ޓޫރިޒަމް ފޯވަހީގައި ގިނައިން ގެސްޓުން އަންނާނެއެވެ. ވިހާ ނަކަތުގެ ދުވަސްވަރު، ގިނައިން ދޫނި އަރާނެއެވެ. މިއުޞޫލުން، ނޫސްވެރީންނަށްވެސް ފޯވަހި ފޯވަހި އާދެއެވެ. އިޞްލާޙީ އެޖެންޑާގެ ދުވަސްވަރަކީ، އެކަހަލަ ފޯވައްސެކެވެ. މިހާރު މިއޮތީ އިންތިޤާލީ ފޯވަހި އައިސްފައެވެ. އިޞްލާޙީ ފޯވަހި ލައިގަނެގެން އުޅުނުއިރު، އަހަރެން، ނޫސްވެރީންނަށް "ސައިކުރާ ކައްކައިދޭން" އުޅުނީމެވެ. މިހާރު އިންތިޤާލީ ފޯވަހީގައިވެސް އެފަދަ ހާލެއްގައި އެބަ ދަންމަވައެވެ. ނަމަވެސް، މިނިވަން ގަލަންތައް ހިންގާނެގޮތަކަށް ހިންގާލައި (ދަމާނެ ކޮޅަކަށް ހަންދަމާލައި) ލިޔާނެ އެއްޗެއް ލިޔެލަން މިއޮތީ ފުރުޞަތު ލިބިފައެވެ. ފޯވަހި ލައިގެންފައެވެ.
ބައެއްމީހުން ދެކޭގޮތުގައި، އިންތިޤާލީ މަރުޙަލާ ނިމިއްޖެއެވެ. އަނެއްބަޔަކު ދެކޭގޮތުގައި އެއީކީ ދުވަހަކުވެސް ނިމޭނެ އެއްޗެއް ނޫނެވެ. (މަރްޙަލާއަކީ، ސްޓޭޖް STAGE ނުވަތަ ފޭސް PHASE ނުވަތަ ޕީރިއަޑް PERIOD އެވެ.) މިހެންވީމާ، ނޫސްވެރިންނާއި ލިޔުންތެރިންނަށް ފޯވައްސެއް ލައިނުގަނެ ހުންނާނީ ކިހިނެއް ހެއްޔެވެ. އެމީހަކަށް ފެންނަ ކޮޅަކަށް އެމީހަކު، ލިޔުނުހާ ހަޑިހުތުރު ބަހުރުވަޔަކުން އެނގުނުހާ ގަދަ ބަހަަކުން ލިޔެ ހާމަކުރާންވީއެވެ. މުޖުތަމަޢު ފަސާދަވާވަރެއް، ތިމާގެ އަމިއްލަ ނަފްސުގެ އަގު ވެއްޓޭވަރެއް ބަލާނެކަމެއް ނެތެވެ. ކަށިނެތް ދޫ ހަލުވާނެ ވަރަކަށް ހަލުވައި، ދެލިހުސްނުވާ ކޮމްޕިއުޓަރ ތަޅުވާނެ ގޮތަކަށް ތަޅުވާން، އިންތިޤާލީ ފޯވަހި މިއޮތީ ލައިގެންފައެވެ.