ބަކުރުބެ

  • ޝާއިޢުކުރި ތާރީޚް: 18 08 2010
  • މިލިޔުން ކިޔާފައިވާ އަދަދު: 262

މުރާސިލްގައި ޝާއިއުކުރެވޭ ލިޔުންތަކަކީ އެންމެން ބަލައިގަންނަ ލިޔުންތަކަކަށް ހެއްދެވުމަށް އެހީތެރިވެދެއްވާ!
މިލިޔުމަކީ މުރާސިލްގައި ޖަހަން އެކަޝީގެން ނުވާ ލިޔުމެއްނަމަ އަޅުގަނޑުމެނަށް އަންގަވާ!
މިލިޔުން ރިޕޯޓުކުރެއްވުމަށް

ތަރާވީސް ނަމާދުގައި 23 ރަކުއަތް ކުރަނީ ކީއްވެތޯ؟

ރޯދަމަހަކީ ބަޔަކުމީހުންނަށް މަޖާނަގާ ނުކައިތިބެފައި ނިކަން މީރުކޮށް ސާމާނު ހަދާލައިގެން ކެއުމުގެ މަހަކަސް، ބަކުރުބެއަށް ރޯދަމަހަކީ ސީދާ އަޅުކަމުގެ މައްސަރެކެވެ. މިގޮތުން ރޯދަމަހުގެ ރޭގަނޑުގައި ކުރެވޭ އެންމެ މުހިންމު އަޅުކަންތަކުގެތެރޭގައި ތަރާވީސްނަމާދަކީ ނިކަން ޝައުގު ވެރިކަމާއެކު ގިނަ ދިވެހި އިޚުލާސްތެރި މުސްލިމުން ކުރަމުން އަންނަ އަޅުކަމެކެވެ.

ކޮންމެރެއެއްގެވެސް ޢިޝާނަމާދުގައިބަކުރުބެ އެންމެ އިތުބާރުކުރާ ޝެއިޚް، އާދެ އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އައްޝެއިޚް ޝަހީމް ޢަލީ ސައީދަށް ﷲ ދެއްވަފައިވާ ބޮޑުނިޢުމަތް ކަމުގައިވާ ރީތިއަޑާއި ޤުރުއާން ކިޔެވުމުގެ މޮޅު ހުނަރުން މުޅި މަރުކަޒު ގުގުމާލައެވެ. ކޮންމެ ރެއެއްގެވެސް ޢިޝާނަމާދުގައި ޝޭޚުގެ ސަޅިކިޔެވުމަށްފަހުގައި ދެން އޮންނަނީ ތަރާވީސްނަމާދެވެ. ކިޔަވަނީ ބޭރުގެ ގާރީންނެވެ. ދެބޭފުޅުންތިބެއެވެ. އެއްބޭފުޅަކު 10 ރަކުއަތް ކޮއްފަ އަނެއްބޭފުޅާއަށް ހަވާލުކުރެއެވެ. މިހެން ގޮސް 20 ރަކުއަތް ހަމަވުމުން އަނެއްކާ ކުރިން ކުރެއްވި ބޭފުޅާ އަރައި ވިތުރީގެ 3 ރަކުއަތް ކުރެއެވެ. މުޅިއަކު 23 ރަކުއަތެވެ.

އެކަމަކު ދަންނަވަންތޯއެވެ. ބަކުރުބެގެ ބޮލުގައި މިއުޅެނީ ހަމަ ސުވާލުތަކެއް އުފެދިގެންނެވެ. ޕޮއިންޓުފޯމަށް އަތުރާލާނަމެވެ.

1. ބަކުރުބެ ދަނީ އިސްލާމީ މަރުކަޒަށެވެ. މިސްކިތް އޮންނަނީ ފުރިފައެވެ. ޖާގައެއްލިބެނީ ވަރަށް ކުރިން ގޮސްގެންނެވެ. އެހާ ހޫނުގަދައެވެ. ތަރާވީހުގެ 8 ރަކުއަތް ހަމަވުމުން މިބޮޑު ޖަމާއަތުގެ 60% ނަމާދު ނިންމާލާފައި ގެޔަށް ދެއެވެ.

2. ދެން ތިބެނީ ބާކީ 40% އެވެ. އޭގެތެރެއިން 25% މީހުންނަކީ އިމާމާޔާއިއެކު ނަމާދު ނިންމާލީމާ މުޅިރޭގެ އަޅުކަން ލިބެނެތީވެ ތިބޭ މީހުންނެވެ.

3. ދެން ތިބެނީ 15% މީހުންނެވެ. ބަކުރުބެ ޤަބޫލުކުރާގޮތުގައި އެއީ ކޮންމެހެން 23 ރަކުއަތް ކުރަންޖެހޭނެކަމަށް ދެކޭ މީހުންނެވެ.

4. ގާރީންގެ ތެރެއިން އެއްގާރީ ކިޔަވާލެއް މާއަވަހީއެވެ. ކޮންމެހެން ހަމަ ވަކި އަދަދެއް ކިޔަވަން ޖެހޭބާއޭ ބަކުރުބެ ހިތަށްއަރައެވެ. ވަކި ވަގުތަކަށް ނިންމަން ޖެހިގެން ކިޔަވާލެއް ފާސްޓުކަމުން ވާއެއްނުވާއެއް ހަމަ ޙަގީގަތުގަވެސް ނޭންގެއެވެ.

5. ބޭރުން ގެންނަ ގާރީން ވާންޖެހެނީ ރީތިކޮށް ކިޔަވާ މީހުންނަށެވެ. ނަމަވެސް ދެން ކިޔަވާ ގާރީގެ ކިޔެވުމުގެ ހަމައެއް ނެތުމުން ވަރަށް ނަމާދަށް އުނދަގޫވެއެވެ. އެހާ ދިގުކޮށް ކުރާއިރު އެހާ ހަޑިކިޔެވުމެއް އަޑުއިވުން ވަނީ ބޮޑު ތަކުލީފަކަށެވެ.

6. ބަކުރުބެ އަސްލުގައި މިސުވާލުތައް ކުރަން އުޅުނީ ސީދާ ޝޭޚުއާއި ބައްދަލުކޮށްފައެވެ. ނަމަވެސް 23 ރަކުއަތްކޮއްފަ ބަލާލި އިރު ޝޭޚުވެސް ނެތެވެ. ހީވަނީ 8 ކޮއްފަ ނައްޓާލީ ހެންނެވެ. ދެން މިޖެހުނީ މުރާސިލުގެ ޒަރީޔާއިން ބަކުރުބެގެ ބޮޑުސުވާލު ކުރާށެވެ.

ސުވާލަކީ ޝޭޚުމެން ނުކުރާ ކަންތައްތައް އެހެންމީހުން ލައްވަ ތިޔަ ކުރުވަނީ ކީއްވެގެންތޯއެވެ؟ ހަމަގައިމުވެސް ޝޭޚު 8 ރަކުއަތް ކޮއްފައިދާނީ އެއީ އެންމެ ރަނގަޅުގޮތްކަމުގައިވާތީ ކަން ކަށަވަރެވެ. ޔަޤީނެވެ. ދީނުގައި އޮތް އެންމެ ރަނގަޅުގޮތަށް ނޫނީ ޝެޚު އަމަލު ކުރައްވާނެކަމަކަށް ބަކުރުބެ ގަބޫލެއް ނުކުރަމެވެ.

ވީމާ ފުދޭވަރަކަށް ގިނަބަޔަކު 8 ރަކުއަތް ކޮއްފައި ފައިބައިގެންދާތީއާއި ވަރަށްގިނަ ބަކުރުބެ ދަންނަ ދީނީ ކުދިންވެސް ޝޭޚެކޭ އެއްފަދައިން ކަންތައްތައް ކުރަމުންދާތީ ޝޭޚުގެ އަރިހުން އަހާލަން ބޭނުންވަނީ، މިނަމާދު ގިނަމީހުންނަށް ކަމުދާ ފޯރމެޓަށް ބަދަލުކުރުން ވާނީ ކިހިނެތްތޯއެވެ؟



- ބަކުރުބެގެ ފަރާތުން ޝޭޚަށް -


މުރާސިލް ހޯމްޕޭޖް އަށާއި ފީޗަރޑް ބަޔަށް ލިޔުން އެރުވުމުގައި ކިޔުންތެރިން ލިޔުމަށް ދޭ ތަރުހީބަށް ބެލޭނެ އެވެ.

Posted on 2010-08-19 09:54:27 |
ވެސްޓަރންމޮސްކް:

ތިޔައީ ވަރަށް ރަނގަޅުވާހަކަތަކެއް. ކިޔަވާލެއް އަވަސް ކަމުން ޚުޝޫއެއް އެއްގޮތަކަށްވެސް ނާދެ. އެކަމަކު ވާނެގޮތަކީ ޚަތިމެއް ހަމަ ކޮންމެހެނެއްހަދާފަވެސް ކިޔަވަން ޖެހޭވިޔަ. އެހެންވީމަ ޖެހޭނީ އަވަހަށް ކިޔަވަން. ބަކުރާ ކަލޭވެސް ތިޔަކަން ދެން މައްސަލައަކަށް ނުހަދާ އެހެން ކަމަކާ އުޅޭ. ތިޔަމީހުން ގޮތް ދުލެއްނުކުރާނެ. ތިޔައީ އަދާލަތުގެ ޝޭހުން.

Posted on 2010-08-19 09:57:24 | Report this Comment
ޖާރިޔާ:

މުސްލިމުން އަބަދުވްސް ވާންޖެހެނީ އެކަތި ގަނޑަކަށެވެ. ތަރާވީހުގެ ޖަމާއަތުން ބަޔަކު ބައިވެގން ދިއުމަކީ ޖަމާއަތަށް އަންނަ ވަރަށް ބޮޑު ހީނަރު ކަމެކެވެ. 11 ރަކުއަތަށް ބަދަލު ކޮއްލާ މަދުމައިތިރި ކިޔެވުމެއްކިޔވައި ކޮންމެހެން ޚަތިމު އެއްކޮށް ކިޔަވަން މަސައްކަތްނުކޮށް ނިންމާލާނަމަ އެންމެން އެއްކޮށޤ ނިމި ސަލާން ގަލާންކޮށް އެންމެންގެ މެދުގައި އެކުވެރިކަމާއި ލޯބި އާލާ ވާނެކަން ޔަގީން. ވީމާ ވަރަށޤ އުންމީދުކުރަން ތިޔަކަން ބަދަލު ކޮއްދޭނެކަމަށް.

Posted on 2010-08-19 10:03:44 | Report this Comment
އަހްމަދު:

އަހރެންނަށް ވަރަށް ގިނަ ގައުމުތަކުގައި ތަރާވީސް ނަމާދު ކުރެވިއްޖެ. ހުރިހާ ގައުމެއްގައިވެސް އިޝާނަމާދު ކުރަނީ ގަޑިއެއްހާއިރު ލަސްކޮއްލާފަ. ވީމާ މިގޮތަށް ވަގުތު ކޮޅެއް ރާއްޖޭގައިވެސް ދީފިއްޔާމު ވަރަށް ފަސޭހަވާނެ. ރޯދަވީއްލައިގެން ސައިބޮއެ ބަނޑު ހަމަޖައްސާލަމް ލިބެ ވަގުތު ކޮޅު މިހުންނަނީ ނަމާދަށް ކޮޅަށް. 30 މިނިޓް ވަރު ލިބުނަސް ވަރަށް ރަނގަޅު. ބަކުރުބެގެ ލިސްޓަށް މިބައި އިތުރު ކޮއްލަދީ.

Posted on 2010-08-19 10:11:52 | Report this Comment
ރޯދަ:

23 ރަކުއަތަކީ ބިދުއައެއް. 11 ރަކުއަތަކީ ސުއްނަތާއި ގާތްގޮތް. އެހެންވެ 8 ކޮއްފަ ސޭކު ޝަހީމުވެސް ދަނީ ފައިބައިގެން. ލަދެއްނުގަނޭބާއޭ ހިތަށް އަރާ ބޮޑު ޝޭހެއް އެހެން މީހުންގެ ތެރެއިންލާފަ ފައިބައިގެން ދާން.
އަޙްމަދު: ތަރާވީހުގެ ނަމާދުގައި ތޭވީސ ރަކްޢަތް ކުރިޔަސް ނުވަތަ އެއަށްވުރެ ގިނައިން ކުރިޔަސް އެއީ ބިދްޢައެއް ނޫނެވެ. ކޮންމެ ކަމެއް ބިދްޢައަކަށް ހަދަން ނޫޅޭށެވެ! ތަރާވީހުގެ ނަމާދަކީ ރޭއަޅުކަމުގެ ގޮތުން ރަމަޟާން މަހު ކުރެވޭ ނަމާދެކެވެ. ރޭ އަޅުކަމުގެ ނަމާދަށް ވަކިޢަދަދެއް ކަނޑައެޅިފައެއްނޯވެއެވެ.
ޝަފީއު: ޢިލްމުގެ މަދުކަމުން 23 ރަކުޢަތަކީ ބިދުޢައެކޭ ތިބުނަނީ... އެހެނީ އިސްލާމީ އުއްމަތުގެ ބޮޑެތި އިމާމުންވެސް ނުދައްކާ ވާހަކަތަކެއް ތީ... ޔަޤިންކޮށްލަން ޝޭއިޚް ފައުޒާނުގެ މުލައްޚަސުލް ފިޤްހީ ކިޔާލާތި. އެކަމަކު އެފޮތް އޮންނާނީ އަރަބި ބަހުން... ތިބާ އަށް އަރަބި އެނގޭނަމަ މި މައުޟޫއާބެހޭގޮތުން ވަރަށް ބޮޑެތި އިމާމުންނާއި ޢިލްމުވެރީންގެ ގޮތް އެނގިގެން ދާނެއެވެ. ނަމަވެސް، ދެރައީ ހަމަ ތަނަކުން ލިޔުމެއް ފެންނަ އިރަށް ތިމާގެ އެހާ ޢިލްމީޤާބިލުކަމެއްނެތިވެސް އަނގަހުޅުވާތީއެވެ.

Posted on 2010-08-19 23:36:47 | Report this Comment
ސިޔާސީބަދިގެ:

ތިޔައީ ސީޔާސީކަމަކަށްވެދާނެ... މިހާރު ދެން ތަރާވީސްވެސް ސިޔާސީވީ.. ކިހާދެރަ..ތަރާވީސް ސިޔާސީ ވީމައި މި ޤައުމުގައި ދެން ނުވެ ނުދާނެ ހުރިހާ ކަމެއް ވާނެ..
ޝަފީއު : ޝޭއިޚް ފައުޒާނުގެ މުލައްޚަސުލް ފިޤުހީގަ ތިކަމާ ބެހޭގޮތުން ވަރަށް ތަފްސީލްކޮށް ވާހަކަ ދައްކާފައިވެއެވެ. އޭގަ ވިދާޅުވެފައިވަނީ 23 ރަކުޢަތް ކުރުން އެއީވެސް ޞަހާބީން ކޮށް އުޅުނު ގޮތެކެވެ. އަދި ބައެއް ބޭކަލުން 36 ރަކުޢަތްވެސް ކޮށްއުޅުނެވެ. އަދި 11 ރަކުޢަތްވެސް ކޮށްއުޅުނެވެ. އެހެންކަމުން ދީނުގައި މިކަމަކީ ވަރަށް ދޫ ދެވިފައިވާ ކަމެކެވެ. އަހަރެމެންގެ އެހާ ތަޢުލީމެއް ނެތީމަ މިކަމާ ރޯނު އެދުރުވެގެން ބަޙުޡް ކުރެވެނީއެވެ. މިއީ ވަރަށް ހިތާމަ ހުރި ކަމެކެވެ. ހަމަ މިވާހަކަތައް މިގޮތަށް ޝެޚުލް އިސްލާމް އިބްނު ތައިމިއްޔާވެސް ދައްކަވާފައިވެއެވެ. އެހެންކަމުން، ބޮޑެތި ފަރުބަދަތައް ވަރުވާ ޢިލްމުވެރިން މީގެ އެތައް ސަތޭކަ ޤަރުނުކުރީން ބަޙުޡްކޮށްފައިވާ މައްސަލަތައް އަހަރެމެން ކަހަލަ ދެ ހަދީޡް ބައި އެނގޭ މީހުން ދެއްކުމަކީ ވަރަށް ހަނޑިކަމެކެވެ. މިތާ މިފެންނަނީ ދީނީ ގޮތުން މާ ބޮޑު ޢިލްމެއް ނެތް އެންމެން އަނގަ މިނަށް ހާކޮށް އަނގަފަޅާތަނެވެ. މިއީ ވަރަށް ނުރައްކާތެރިކަމެކެވެ. އެހެނީ ގިނަ ފަހަރަށް ކޮންމެވެސް ޝޭޚެއްގެ އަބުރާ ބެހިފަ ނޫނީ ދުލެއްކޮށެއްނުލައެވެ. ކޮމެންޓް ބަލާލީމާ އެކަން ވަރަށް ރަނގަޅަށް އެނގޭނެއެވެ.

Posted on 2010-08-22 01:23:13 | Report this Comment
ސަމާއީލް:

1 ބަކުރަށް އިސްލާމީ މަރުކަޒުގެ ހޫނުވަނީ. ތަރާވީހުގެ 8 ރަކުއަތް ހަމަވުމުން މިބޮޑު ޖަމާއަތުގެ 60% ނަމާދު ނިންމާލާފައި ގެޔަށްދަނީ ސީޔާސީ މީހުން.. 2 ........... 3 ............. 4 ބަކުރު އިމާމްވެ ނަމާދު ކުރަންވި. ބަކުރަށް އެންމެމޮޅަށް ފުރިހަމައަށް އެއްވެސްމީހެއްގެ ބޮލަށް އުނދަގޫ، ތުރާނުވާގޮތަކަށް ކިޔަވަން ދަންނަ މީހަކަށްވާނެ 5 އެހާ ދިގުކޮށް ކުރާއިރު އެހާ ހަޑިކިޔެވުމެއް އަޑުއިވުން ވަނީ ބޮޑު ތަކުލީފަކަށްނުވާނެ ބަކުރު އިމާމްވެ ނަމާދު ކުރަންފެށީމަ 6 ބަކުރު ޝޭޚުއާއި ބައްދަލުކުރަންބެނުންވަނީ ހަމއެކަނި އިސްލާމީ މަރުކަޒުން. ނާ ޝޭޚުގެ ގެއެއް ވަޒީފާ އަދާކުރާތަނެއް އަދި ނުވިތާކަށް ނަމާދުފެށުމުގެ ކުރިންވެސް ނުފެނޭދޯ؟ ޖަވާބަކީ ޝޭޚުމެން ނުކުރާ ކަންތައްތައް ބަކުރުމެން ލައްވަ ކުރުވަންމަޖުބޫރުކުރަނީތޯ؟ ހަމަ ބަކުރަށް........ ވީމާ ފުދޭވަރަކަށް ގިނަބަޔަކު 8 ރަކުއަތް ކޮއްފައި ފައިބައިގެންދާތީއާއި ވަރަށްގިނަ ބަކުރުބެ ދަންނަ ދީނީ ކުދިންވެސް ޝޭޚެކޭ އެއްފަދައިން ކަންތައްތައް ކުރަމުންދާތީ ބަކުރުގެ އަރިހުން އަހާލަން ބޭނުންވަނީ، މިނަމާދު ގެ 23 ރަކުއަތް ކުރުން ހަމ ވާޖިބު ކަމަކީތޯ ކޮބާތޯ ބަކުރުގެ ފޯމެޓަކީ

Posted on 2010-08-22 07:27:20 | Report this Comment
މީމު :

ތަރާވީޙް ނަމާދަކީ ފަރްޟެއް ނޫނެވެ. ވީމާ އެ ނަމާދު ނުކުރާ މީހާ އަށް ވެސް އެއްވެސް މަލާމާތެއް ޙައްޤެއް ނޫނެވެ. އެހެން ވެއްޖެއްޔާ އަށް ރަކްޢަތް ކޮށްގެން ފައިބައިގެންދާ މީހާ އަށް ވަކި ޙައްޤުވާނީ ކޮން މަލާމާތެއް ހެއްޔެވެ؟؟؟؟ ތަރާވީހުގެ ނަމާދަކީ ރޭއަޅުކަމުގެ ގޮތުން ރަމަޟާން ކުރާ ނަމާދަށް ވާއިރު ކިތަންމެ ގިނަ ރަކްޢަތެއްވެސް ތަރާވީހުގެ ގޮތުގައި ކުރެވިދާނެއެވެ. ވީއިރު ވިހި ރަކްޢަތް ނުވަތަ ތޭވީސް ރަކްޢަތަކީ މައްސަލައެއް ނޫނެވެ. މައްސަލައަކީ ބައެއްފަހަރަށް ބައެއް މީހުންގެ ފަރާތުން މި ފެންނަ އެކަކު އަނެކަކަށްބިދްޢަ އަށް ނިސްބަތް ކުރުމުގެ ހުތުރު ޢާދައެވެ. މީހަކު ކަމަކާ ހިތާނުވެއްޖެ ނަމަ އެއީ ބިދްޢައެއް ކަމުގައި އިޢްލާން ކުރާހެން ވެސް އެބަ ހީވެއެވެ. ޙަޤީޤީ ބިދްޢަ އެއީ ބިދްޢަ އެއް ކަމުގައި މީހުންނަށް ދައްކާ އެ ކަމުން މީހުން ދުރުހެލި ކުރުމަކީ ވަރަށްމަތިވެރި ވާޖިބެއްކަން ޔަޤީނެވެ. އެކަމަކު ފަރްޢީ މައްސަލަތަކުގެ ތެރެއިން ފިޤްހީ ޚިލާފު އެކަމެއްގައި ހިމެނޭ ކޮންމެ ކަމެއްގައި ތިމާ ތާއީދު ނުކުރާ ގޮތް އެއީ ބިދްޢަ ކަމުގައި ބަލައި އަދި އެއީ ބިދްޢައެއް ކަމުގައި އެހެންމީހުންނަށް ދެއްކުމަކީ މި ޒަމާނުގައި އަހަރެމެންގެ ތެރޭގައި އަށަގެންފައިވާ ބައްޔެކެވެ. އަދި ބައްޔެއްގެ އިތުރުން ވަބާއެއްވެސް މެއެވެ. ބަކުރު ފަދައިން އަހަރެން ވެސް ވަރަށް ބޮޑަށް އައްޝައިޚް ޝަހީމް އަށް އިތުބާރު ކުރަމެވެ. ވީމާ ޝަހީމް ގެ ބަހެއް ހޯދައިލައިގެން މުރާސިލް ގައި ޝާއިޢް ކޮށް ދިނުން ބަކުރުގެ ކިބައިން އެދެމެވެ. އަދި މިލިޔުމަށްޓާކައި ބަކުރަށް ޝުކުރު ވެރި ވަމެވެ. (ނޯޓް: "ބަކުރުބެ" އޭ ނުލިޔެ ބަކުރު އޭ ލިޔުނީ ރަގޅު ސަބަބަކަށްޓަކައެވެ. އެއީ މި ލިޔުމާ އެކު ޕޭސްޓް ކޮށްފައި މިއިން ކާޓޫނު ފޮޓޯ އަށް ބަލާއިރު އަހަރެންނަށް ވުރެ ބަކުރު މާ ބޮޑަށްވެސް ހަގު ކަން އެގެއެވެ. އެހެން ވެގެން ބަކުރުބެ އޭ ކިޔަން ނުކެރުނީއެވެ.)

Posted on 2010-08-24 11:02:19 | Report this Comment
ސާގީ:

ވަކި މީހަކު އުޅޭގޮތް ތި ބަލަނީ ސުވަރުގެ ޔަށް ވެސް ވަދެވެނީ އޭނަޔާ އެކީގައި ކަމަށް ވާތީތަ؟؟

Posted on 2010-08-26 12:02:00 | Report this Comment
ޝަފީޢު:

ބަކުރުބެއެވެ. ބަކުރުބެގެ މި ލިޔުމަކީ ވަރަށް ބޮޑު ފިޠުނަވެރި ލިޔުމެކެވެ. މިއީ އިސްލާމްދީނުގައި ވަރަށް ނުރައްކާތެރިކަމެކެވެ. ބަރުކުބެގެ ޢިލްމީ ފެންވަރު މި ލިޔުމުން އެނގިގެން ދެއެވެ. އެހެނީ މި މައްސަލައަކީ އިސްލާމީ ޢިލްމުވެރީން ބަހިޡްކޮށްފައިވާ މައްސަލައެކެވެ. ސަޙާބީންވެސް ވަރަށް ލުއިކޮށް ނެންގެވި ކަމެކެވެ. ބައެއް ބޭކަލުން 36 ރަކުޢަތްކުރެއްވި ކަމަށްވެސް އަދި އަނެއްބައި ބޭކަލުން 23 ރަކުއަތް އަދި 11 ރަކުއަތް ކުރެއްވިކަމަށް ޝޭޚުލް އިސްލާމް އިބުނު ތެއިމިއްޔާވެސް ބަޔާންކުރައްވާފައިވެއެވެ. ޔަޤީންނުވާނަމަ، ޝޭކު ފައުޒާނުގެ މުލަޚަސުލް ފިޤްހީ ކިޔާލާށެވެ. އެހެންކަމުން މިފަދަ ފާޅުކަންބޮޑު މައްސަލައެއް ނަގައިގެން، އެއީ މައްސަލައަކަށް ހެދުން، އެއީ ވަރަށް ބޮޑު ފިޠުނަ ފަސާދައަކަށް ދޮރުހުޅުވުމެކެވެ. އެކަން ވަރަށް މޮޅަށް ކޮމެންޓްތަކުން ފެނިގެން އެބަދެއެވެ. ތިމާގެ އިލްމީ ފެންވަރު ނެތިއްޔާމު މިކަހަލަ އިރު ފެންނަ ފަދަ ސާފު މައްސަލަތަކުން މި ރޯދަމިހުގައި ދުރުވެ ހުރުމީ ތިބާގެ ރޯދަ ސަލާމަތްކުރުމަށް އެޅޭ ފިޔަވަޅަކަށް ވާނެކަން ކަށަވަރެވެ. ކިޔަވާށެވެ. އުގެނޭށެވެ. އަނގަ ފެޅުމުގެ ކުރިންނެވެ.

Posted on 2010-09-04 06:30:38 | Report this Comment
އަހަރެން :

"މިއީ ބަކުރުބެ އެންމެ ޓްރަސްޓުކުރާ ޝޭޚަށް ޕާރސަނަލީ ކޮއްލާ ސުވާލެއް" ކަމުގައި ބަކުރުބެ ބުނެފައި އޮއްވާ އެހެން ބައިވަރު މީހުން އައިސް މި ސުވާލަށް މި ޖަވާބު ދެނީ ކީއްވެހެއްޔެވެ.؟؟؟؟؟؟؟؟؟؟؟ ކަމާނުބެހޭ މީހުން ކަންކަމާ ބެހުމަކީ ދިވެހިންގެ އާދައަކީ ދޯއެވެ!!!

Posted on 2010-10-03 23:31:30 | Report this Comment
ސާމް:

އަޅެ ފަހެ، ތީ ޝަހީމް ގެ އަންހެނުން ހެޔެވެ؟؟

Posted on 2010-10-29 17:39:29 | Report this Comment
abu:

ތަރާވީޙް ނަމާދުގެ ރަކްޢަތްތަކުގެ ޢަދަދު އަޅުގަޑުމެންގެ ތެރޭގައި ކޮންމެ ރަމަޟާން މަހެއް އައުމުން ފެށޭ އެންމެ ބޮޑު ބަޙްޘަކީ ތަރާވީޙް ނަމާދު ގެ ރަކްޢަތްތަކުގެ ޢަދަދުގެ ބަޙްޘެވެ. ބައެއް ބޭފުޅުން 11 ރަކްޢަތް ކަމަށް ވިދާޅުވެ، 11 ރަކްޢަތް ކުރާ އިމާމަކު ފަހަތުގައި މެނުވީ ތަރާވީޙް އެއް ނުކުރެއެވެ. އަނެއްކޮޅުން، އަނެއްބައި ބޭފުޅޫން 20 ރަކްޢަތް ކަމަށް ވިދާޅުވެ، އެގޮތަށް ކުރާ އިމާމަކު ފަހަތުގައި މެނުވީ ނަމާދެއް ނުކުރެއެވެ. މިކަމުގެ ތެރޭގައި އެއްބަޔަކު އަނެއް ބަޔަކު ގޯސްކޮށް، ބައެއް ފަހަރު ބޮޑެތި ޒުވާބުތަކަށް ބަދަލުވެގެންދެއެވެ. އެހެންކަމުން ދީނީ ނަޡަރަކުން މިކަމުގެ ޙަގީގަތަކީ ކޮބައިތޯ ބަލައިލުމަކީ މުހިއްމު ކަމެއް ކަމުގައި ދެކި، އެކަމާއި މެދުގައި ކޮންމެވެސް އެއްޗެއް ބުނެލެވޭތޯ ﷲ ގެ ޙަޟްރަތުން ވާގި، އެދޭ ޙާލު ފަށައިގަންނާނަމެވެ. ފުރަތަމަވެސް ބުނެލަން ޖެހެނީ މިއީ އިޖްތިހާދީ މައްސަލައެއް ކަމަށެވެ. މާނައަކީ ދެކޮޅަށްވެސް ވާހަކަ ދެއްކޭ ގޮތަށް ދަލީލުތައް ހުރި މައްސަލަ އެކެވެ. އެހެންކަމުން، މިފަދަ މައްސަލަ ތަކުގައި ދެބައިމީހުންޖެހި، ޒުވާބުކޮށް ހަދާ، ބައިބައިވެ ދިޔުމަކީ ވަރަށްވެސް ހިތާމަ ހުރި ކަމެކެވެ. އިމާމު މީހާގެ ފަހަތުގައި ދިހަ ރަކްޢަތް ކުރުމަށްފަހުގައި، ބާކީބައިނުކޮށް، ވިތްރި އަށް އިންތިޡާރު ކުރާ ބަޔެއްގެ ވާހަކަ ފަޟިލަތުއްޝައިޚް މުހައްމަދު ޞާލިޙުލް ޢުޘައިމީން-ރަޙިމަހުﷲ- އަށް ދެންނެވުމުން ވިދާޅުވިއެވެ. ޢިލްމުވެރިންގެ މެދުގައި އިޚްތިލާފު އެފެދިފައިވާ މައްސަލައެއްގައި މީސްތަކުންގެ ހިތްތައް ބައިބައިވެ، ވަކިވެގެންދާފަދަ ގޮތަކށް މީސްތަކުންގެ މެދުގައި ޚިޔާލުތަފާތުވުން އުފެދޭކަމީ މިފަދަ ހުޅުވާލެވިފައިވާ މުޖްތަމަޢެއްގައި އުޅޭ އިރުގައި ހިތާމަ ކުރަން ޖެހޭ ކަމެކެވެ. ޞަޙާބީންގެ ޒަމާނުގައި ވެސް އެބޭކަލުން އެކި މައްސަލަތަކުގައި ޚިޔާލުތަފާތުވެ ވަޑައިގަތެވެ. އެހެންކަމުން އިޚްތިލާފީ މައްސަލަތައް އޭރުވެސް ހުއްޓެވެ. ނަމަވެސް އެބޭކަލުން އޭގެ ސަބަބުންނޭ ކިޔާފައި ވަކިވަކިވެ، ބައިބައިވެ ވަޑައެއް ނުގަންނަވައެވެ. އަދި ކިއެއްތަ، އެބޭކަލުންގެ ހިތްތައްވަނީ އެކުވެފައެވެ. އަޅުގަޑުމެން ގެ ޢަދާވާތްތެރިން އަޅުގަޑުމެންނާއި މެދުގައި ނުބައި ނަޡަރަކުން ބަލަމުން ދާކަން ދެނެހުރެ، އެއްބަނޑުއެއްބަފާ، އެއްބައެއް ވަންތަ ކަމުގައި، ދެމިތިބެ، ޢަދާވާތްތެރިންނާއި މެދު ފަރުވާތެރިވެ ތިބުމަކީ އަޅުގަޑުމެންގެ މައްޗަށް އޮތް ވާޖިބު ކަމެކެވެ. (އައްޝަރްޙުލް މުމްތިޢު 4/225). މިމައްސަލާގައި މީސްތަކުން ވަނީ ދެބަޔަކަށް ބެހިފައެވެ. އަދި ކޮންމެ ބަޔަކުވެސް އެބަޔަކު ގަބޫލު ކުރާ ގޮތް ހިފެހެއްޓުމުގައި ހައްދުފަހަނަ އަޅައި ގޮސްފައިވާކަން ފާހަގަކޮށްލެވެއެވެ. ފުރަތަމަ ބަޔަކީ: އެގާރަ ރަކްޢަތަށްވުރެ ގިނައިން ކުރާމީހުންނަކީ ބިދްޢަވެރިން ކަމުގައި ބަލައި، އެބައިމީހުން ގޯސް ކުރާ މީހުންނެވެ. ދެވަނަ ބަޔަކީ: އެގާރަ ރަކްޢަތް ކުރާ މީހުންނަކީ އުއްމަތު ގެ އިޖްމާޢާއި ޚީލާފުވެފައިވާ ބައެއް ކަމުގައި ބުނެ އެބައިމީހުން ގެ މައްޗަށް އިންކާރު ކުރާ މީހުންނެވެ. އެހެންކަމުން ޝައިޚް ޢުޘައިމީނު- ރަޙިމަހުﷲ- ވިދާޅުވެފައިވެއެވެ. "އެހެންކަމުން ބުނަމެވެ. އެއްވެސް އަތަކަށް ބުރަވެ، ހައްދުފަހަނަ އަޅައިދިޔުމެއް ނެތެވެ. ބައެއް މީހުން ސުންނަތުގައި ހިފުމުގެ ގޮތުން ޢަދަދުގައި ހިފައެވެ. އެގޮތުން، ސުންނަތުގައި ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ކުރެއްވި ޢަދަދުކަމަށް ޘާބިތުވާން އޮތްވަރަށްވުރެ އިތުރަށް ކުރުން ހުއްދަ ނުވާނެކަމަށް ބުނެއުޅެއެވެ. އަދި އެގާރަ ރަކްޢަތަށްވުރެ އިތުރަށް ކުރާ މީހުންނަށް އެކަން އިންކާރުކޮށް، އެފަދަ މީހުންނަކީ ސުންނަތާ ޚިލާފަށްކަންތައް ކުރުމުގެ ސަބަބުން މާތް ﷲ އަށް އުރެދި، ފަވެރިވެފައިވާ ބައެއް ކަމުގައި ބުނެއުޅެއެވެ. ޝައްކެއްނެތް ގޮތުގައި މިފަދައިން ބުނުމަކީ ބޮޑު ގޯހެކެވެ. އެގާރަ ރަކްޢަތަށްވުރެ ގިނައިން ކުރާ މީހުންނަކީ އުރެދުން ތެރިން ކަމުގައިވާނީ ކޮންގޮތަކުންތޯއެވެ؟ ރޭގަޑުގެ ނަމާދާއި ބެހޭ ގޮތުން ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- އާއި ސުވާލު ވެވުމުން ޙަދީޘް ކުރެއްވިއެވެ. (مثنى مثنى) "ދެރަކްޢަތުން ދެރަކްޢަތުންނެވެ". ވަކި ޢަދަދެއް ކަނޑައަޅުއްވާފައެއް ނުވެއެވެ. ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ކުރެން ރޭގަޑުގެ ނަމާދުގެ ރަކްޢަތްތަކުގެ ޢަދަދާ ބޭހޭ ގޮތުން ސުވާލު ކުރެއްވި ޞަޙާބީ އަށް އެކަން އެނގިވަޑައިގެންފައިނުވާ ކަން އެނގެއެވެ. ސަބަބަކީ ރޭގަޑުގެ ނަމާދު ކުރާގޮތް ނޭގޭ މީހަކަށް ޢަދަދުވެސް ނޭގުން މާއައުލާކަން ބޮޑުވުމެވެ. ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ގެ ގަނޑުވަރުގެ ތެރޭގައި ކަންތައް ހިނގާގޮތް އެބޭކަލަކަށް އެނގިވަޑައިގަންނަވާކަށް، އެއީ ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ގެ ޚިދުމަތުގައި އުޅުއްވާ ބޭކަލެއް ނޫނެވެ. ވަކި ޢަދަދެއް ކަނޑަ އެޅުއްވުމެއް ނެތި ކީރިތި- ރަސޫލާ –ޞައްލަﷲ ޢަލައިހި ވަސައްލަމަ- ރޭގަނޑުގެ ނަމާދު ކުރާނެގޮތް ބަޔާންކޮށްދެއްވުމުން ދޭހަވަނީ، މިކަމަކީ މިއީ ތަނަވަސްވެގެންވާ ކަމެއް ކަމެވެ. ސަތޭކަ ރަކްޢަތްކޮށްފައި ވިތްރި ކުރަން ބޭނުންވެއްޖެ ނަމަވެސް ކުރަންވީ އެވެ. އެމީހެއްގެ ކުޅަދާނަކަން ހުރި މިންވަރެކެވެ. ރޭގަޑުގެ ނަމާދުގައި އެގާރަ ރަކްޢަތަށްވުރެ އިތުރު ނުކުރާން ވިދާޅުވާ ޢިލްމުވެރިންގެ ގާތުގައިވެސް، "ތިޔަބައިމީހުން ތިމަންކަލޭގެފާނު ނަމާދު ކުރައްވާތީ ދެކިލެއްވި ގޮތަށް ކުރާށޭ" އޮތް ޙަދީޘް ފުޅުގެ މުރާދު ޢާއްމެއް ނުކުރެއެވެ. އެހެންކަމުން، ވިތްރީގައި ބައެއްފަހަރު ފަސްރަކްޢަތް، އަނެއްބައިފަހަރު ހަތް ރަކްޢަތް، އަނެއް ބައިފަހަރު ނުވަ ރަކްޢަތް ކުރާކަށް އެބޭކަލުން ވިދާޅެއް ނުވެއެވެ. އެހެނީ، "ތިޔަބައިމީހުން ތިމަންކަލޭގެފާނު ނަމާދު ކުރައްވާތީ ދެކިލެއްވި ގޮތަށް ކުރާށޭ" އޮތް ޙަދީޘް ފުޅުގެ މުރާދު ޢާއްމު ކޮށް ނަގާނަމަ، ވިތްރީގައި ބައެއް ފަހަރު ފަސްރަކްޢަތް، އަނެއްބައިފަހަރު ހަތް ރަކްޢަތް، އަދި އަނެއްބައިފަހަރު ނުވަރަކްޢަތް ކުރުމަށް ވިދާޅުވީހެވެ. އެހެންކަމުން، "ތިޔަބައިމީހުން ތިމަންކަލޭގެފާނު ނަމާދު ކުރައްވާތީ ދެކިލެއްވި ގޮތަށް ކުރާށޭ" އޮތް ޙަދީޘް ފުޅުގެ މުރާދަކީ ތިމަންކަލޭގެފާނު ކުރެއްވި ގޮތަށް ކުރާށޭ އެވެ. ޢަދަދު ގައި ހިފާށެކޭ ނޫނެވެ. ނަމަވެސް، ވަކި ޢަދަދެއް ކަނޑައަޅުއްވާ ނައްޞު ކުރައްވާފައިވާނަމަ، އެގޮތުގައި ހިފުމެވެ. އެޔާ ޚިލާފަށް، ރޭގަޑުގެ ނަމާދުގައި ވަކީ ޢަދަދެއް ކަނޑައަޅުއްވާފައި ނެތުމުން ދޭހަވަނީ އެކަމަކީ މަގުތަނަވަސްވެގެންވާ ކަމެއް ކަމެވެ. ކުޅަދާނަކަން ހުރިނަމަ ކިތަންމެ ގިނައިންވެސް ކުރަންވީއެވެ. އެކަމުގައި ޝަރްޢީ ގޮތުން އެއްވެސް ހުރަހެއް، އަދި މަނައެއްވެސް ނެތެވެ. ވީމާ، މިފަދަ ތަނަވަސްވެގެންވާ މައްސަލަތަކުގައި ހަރުކަށިވެ، އެގާރަ ރަކްޢަތަށްވުރެ އިތުރަށް ކުރާ އިމާމުންގެ ފަހަތުގައި ނަމާދުނުކޮށް ޖަމާޢަތް ދޫކޮށްލާފައި މިސްކިތުންނިކުމެ ހެދުމުން އިމާމު މީހާއާއި އެކުގައި އޭނާ ނިމެންދެން ޖަމާޢަތުގައި ބައިވެރިވި މީހުންނަށް ލިބޭ މަތިވެރި ދަރަޖައިން އެމީހަކު މަޙްރޫމްވީއެވެ. ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރައްވާފައިވެއެވެ. (من قام مع الإمام حتى ينصرف كُتب له قيام ليلة) "އިމާމު މީހާ ނިމެންދެން އޭނާ އާއި އެކުގައި ބައިވެރިވެއްޖެ މީހަކަށް މުޅިރޭ އަޅުކަން ކުރުމުގެ ޘަވާބު ދެއްވާނެއެވެ". ބައެއް ބޭފުޅުން ދިހަ ރަކްޢަތްކޮށް ނިމިގެން، ޞަފުތަކުގައި ތިބިގޮތަށް އިށީދެ ތިބޭތަންވެސް ފެނެއެވެ. މީގެ ސަބަބުން ޞަފުތައް ކެނޑިގެންދެއެވެ. އަދި މިބައިމީހުން ވާހަކަ ދައްކާ ހެދުމުގެ ސަބަބުން ނަމާދު ކުރަން ތިބޭމީހުންނަށް އުނދަގޫތަކާ ކުރިމަތިލާން ޖެހޭ ފަހަރުވެސް އާދެއެވެ. ވީމާ، މިހެދެނީ ވަރަށް ބޮޑު ގޯހެއް ކަން ދަންނަންވާނެއެވެ. އެބޭފުޅުން އެގޮތަށް އެހައްދަވަނީ ރަގަޅު ގޮތް ބޭނުންވެގެން ކަމާއި، އަދި އެމައްސަލާގައި އެބޭކަލުންގެ އިޖްތިހާދަށް ކަމާއި މެދު އަޅުގަޑު ޝައްކެއް ނުކުރަމެވެ. އެހެންނަމަވެސް ކޮންމެ މުޖްތަހިދަކީ ރަގަޅުގޮތް ދިމާވާ މީހާ ކަމުގައި ނުވެވެސް ހިނގައިދާނެކަން ދަންނަންވާނެއެވެ. ދެވަނަ ބަޔަކީ: އެގާރަ ރަކްޢަތް ކުރާ މީހުންނާއި މެދު ވަރުގަދަ އަށް އިންކާރު ކުރާ މީހުންނެވެ. މިބައިމީހުން ބުނާ ގޮތުގައި އެގާރަ ރަކްޢަތް ކުރާ މީހުންނަކީ އުއްމަތު ގެ އިޖްމާޢު އާއި ޚިލާފުވެފައިވާ މީހުންނެވެ. މިފަދަ މީހުންނާއި މެދު ކީރިތި ގުރްއާނުގެ ސޫރަތުއް ނިސާގެ 115 ވަނަ އާޔަތުގައި ވަނީ މިފަދައިންނެވެ. (وَمَن يُشاقِقِ الرَّسولَ مِن بَعدِ ما تَبَيَّنَ لَهُ الهُدىٰ وَيَتَّبِع غَيرَ سَبيلِ المُؤمِنينَ نُوَلِّهِ ما تَوَلّىٰ وَنُصلِهِ جَهَنَّمَ ۖ وَساءَت مَصيرًا) މާނައަކީ: "އަދި، އެމީހަކަށް ތެދުމަގު بيان ވުމަށްފަހު، رسول އާއާ ދެކޮޅުވެރިވެ، مؤمن ންގެ މަގު ނޫން މަގަކަށް تبع ވާމީހާ (ދަންނާށެވެ!) އެމީހާ اختيار ކުރި މަގަކަށް ތިމަންރަސްކަލާނގެ އެމީހާ ދޫކޮށްލައްވާ ހުށީމެވެ. އަދި، ތިމަންރަސްކަލާނގެ އެމީހާ ނަރަކަޔަށް ވައްދަވާ ހުށީމެވެ. އެއީ، ނުބައިވެގެންވާ ނިމިދިޔުމެކެވެ". އެހެންކަމުން، އެގާރަ ރަކްޢަތް ކުރުމަށް ބުނާ މީހުންނަކީ އުއްމަތުގެ އިޖްމާޢާއި ޚިލާފުވެފައިވާ ބައެއް ކަމުގައި ބުނެއުޅެއެވެ. މިވެސް ގޯހެކެވެ. (އައްޝަރްޙުލް މުމްތިޢު 4/73-75). ރޭގަޑުގެ ނަމާދުގައި އެގާރަ ރަކްޢަތަށްވުރެ އިތުރު ނުކުރެވޭނެ ކަމަށް ވިދާޅުވާ ޢިލްމުވެރިންގެ ދަލީލަކީ حديث أبي سلمة بن عبد الرحمن أنه سأل عائشة رضي الله عنها : " كيف كانت صلاة رسول الله صلى الله عليه وسلم في رمضان ؟ فقالت : ما كان يزيد في رمضان ولا في غيره على إحدى عشرة ركعة يصلي أربعا فلا تسل عن حسنهن وطولهن ثم يصلي أربعا فلا تسل عن حسنهن وطولهن ثم يصلي ثلاثا فقلت يا رسول الله أتنام قبل أن توتر قال يا عائشة إن عينيَّ تنامان ولا ينام قلبي " . އަބޫސަލަމާ ބިން ޢަބްދިއްރަޙްމާން-ރަޟިޔަﷲ ޢަންހު- ގެ ކިބައިން ރިވާވެގެންވާ ރިވާޔަތެވެ އެކަލޭގެފާނު ވިދާޅުވިއެވެ. ރަމަޟާން މަހުގައި ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ރޭ އަޅުކަން ކުރެއްވި ގޮތަކީ ކޮބައިތޯ ތިމަންނާ ޢާއިޝާ-ރަޟިޔަﷲ ޢަންހާ- ގެ ކިބައިން ސުވާލު ކުރުމުން ވިދާޅުވިއެވެ. "ރަމަޟާން މަހުގައިވެސް އަދި އެނޫން މައްސަރު ތަކުގައިވެސް އެގާރަ ރަކްޢަތަށްވުރެ އިތުރެއް ނުކުރައްވައެވެ. ހަތަރު ރަކްޢަތް ކުރައްވައެވެ. އެރަކްޢަތްތަކުގެ ދިގުކަމާއި ރިވެތި ކަމާއި މެދު ސުވާލު ނުކުރައްވާށެވެ. އެޔަށްފަހުގައިވެސް ހަތަރު ރަކްޢަތް ކުރައްވައެވެ. އެރަކްޢަތްތަކުގެ ދިގުކަމާއި ރިވެތި ކަމާއި މެދު ސުވާލު ނުކުރައްވާށެވެ. އެޔަށްފަހުގައި ތިން ރަކްޢަތް ކުރައްވައެވެ". ޢާއިޝާ-ރަޟިޔަﷲ ޢަންހާ ވިދާޅުވިއެވެ. ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- އަށް ތިމަންކަމަނާ ދެންނެވީމެވެ. ވިތްރި ނުކުރައްވާ އަވަހާރަފުޅު ލައްޕަވަނީތޯއެވެ؟ ޙަދީޘް ކުރެއްވިއެވެ. ތިމަންކަލޭގެފާނުގެ ދެލޯފުޅު އަވަހާރަފުޅު ލެއްޕެވި ކަމުގައިވީނަމަވެސް ހިތްޕުޅެއް އަވަހާރަފުޅެއް ނުލައްޕަވައެވެ". މިއީ ބުޚާރީ އާއި މުސްލިމް ގެ ރިވާޔަތެކެވެ. އެގާރަ ރަކްޢަތަށްވުރެ އިތުރު ނުކުރުމަށް ވިދާޅުވާ ޢިލްމުވެރިން ވިދާޅުވަނީ، މި ޙަދީޘުން ދޭހަކޮށްދެނީ ރަމަޟާން މަހުގައިވެސް، އަދި އެނޫން ދުވަސްތަކުގައިވެސް، ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ރޭގަޑުގެ ނަމާދުގައި ކުރައްވާފައިވަނީ އެގާރަ ރަކްޢަތް ކަމަށެވެ. ނަމަވެސް، ޢިލްމުވެރިން މި އިސްތިދްލާލަށް ރައްދު ދެއްވައި ވިދާޅުވިއެވެ. މިއީ ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ގެ ޢަމަލުފުޅެކެވެ. އެކަލޭގެފާނުގެ ޢަމަލުފުޅަކުން ވާޖިބު ކަމަކަށް ދަލީލެއް ނުކުރެއެވެ. ރޭގަޑުގެ ނަމާދުގައި ވަކި ޢަދަދެއް ކަނޑައެޅިފައިނުވާ ކަމުގެ ދަލީލުތަކުގެ ތެރޭގައި އިބްނު ޢުމަރު-ރަޟިޔަﷲ ޢަންހުމާ- ގެ އަންނިވި ޙަދީޘް ހިމެނެއެވެ. (أن رجلا سأل رسول الله صلى الله عليه وسلم عن صلاة الليل فقال رسول الله عليه الصلاة والسلام : " صلاة الليل مثنى مثنى فإذا خشي أحدكم الصبح صلى ركعة واحدة توتر له ما قد صلَّى). މާނައަކީ: "ރޭގަޑުގެ ނަމާދާއި ބެހޭ ގޮތުން ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ގެ ކިބައިން މީހަކު ސުވާލު ދެންނެވުމުން ޙަދީޘް ކުރެއްވިއެވެ. "ރޭގަޑުގެ ނަމާދު ދެރަކްޢަތުން ދެރަކްޢަތުން ކުރާށެވެ. އަދި ފަތިސްވެދާނެ ކަމަށް ބިރު ހީވެއްޖެނަމަ، ވިތްރި ކުރާށެވެ". މިއީ ބުޚާރީ އާއި މުސްލިމް ގެ ރިވާޔަތެކެވެ. ފިގްހީ މަޛްހަބް ތަކުގެ ޢިލްމުވެރިން މިމައްސަލާގައި ދައްކަވާފައި ހުރި ވާހަކަތަކަށް ނަޡަރު ހިންގާލިނަމަވެސް، މިކަމަކީ ތަނަވަސްވެގެންވާ ކަމެއްކަމާއި، އެގާރަ ރަކްޢަތަށްވުރެ އިތުރު ކުރުމަކީ މައްސަލައެއް ނޫންކަން ދޭހަވެގެންދާނެއެވެ. ޙަނަފީ މަޛްހަބްގެ ޢިލްމުވެރިޔެއް ކަމުގައިވާ އައްސަރަޚްސީ-ރަޙިމަހުﷲ- ވިދާޅުވިއެވެ. "އަހަރުމެންގެ ގާތުގައި ރޭގަޑުގެ ނަމާދުގެ ޢަދަދަކީ ވިތްރިޔާއި ނުލައި ވިހިރަކްޢަތެވެ". (އަލްމަބްސޫޠު 2/145). އިބްނު ގުދާމާ-ރަޙިމަހު ﷲ- ވިދާޅުވިއެވެ. "އަބޫ ޢަބްދިﷲ (އިމާމު އަޙްމަދު-ރަޙިމަހުﷲ) އިޚްތިޔާރު ކުރައްވާފައިވާ ގޮތަކީ ވިހި ރަކްއަތެވެ. އިމާމް ޘައުރީ، އަބޫޙަނީފާ އަދި ޝާފިޢީ-ރަޙިމަހުމުﷲ- މިފަދައިން ވިދާޅުވެއެވެ. އިމާމު މާލިކް-ރަޙިމަހުﷲ- ގެ އަރިހުގައި ރޭގަޑުގެ ނަމާދުގެ ޢަދަދަކީ ތިރީސްހަޔެކެވެ". (އަލްމުޣްނީ 1/457). އިމާމް ނަވަވީ-ރަޙިމަހުﷲ- ވިދާޅުވިއެވެ. "ތަރާވީޙް ނަމާދަކީ ސުންނަތެއް ކަމާއި މެދުގައި ހުރިހާ ޢިލްމުވެރިން އިޖްމާޢުވެ ވަޑައިގަންނަވައެވެ. އަހަރުމެންގެ މަޛްހަބުގައި (ޝާފިޢީ މަޛްހަބުގައި) ތަރާވީޙް ނަމާދުގައި ވަނީ ވިހި ރަކްޢަތެވެ. ދިހަ ފަހަރު ސަލާމް ދިނުމެވެ. އެކަނިހުރެވެސް، އަދި ޖަމާޢަތުގައި ވެސް މިނަމާދު ކުރެވިދާނެއެވެ". (އަލްމަޖްމޫޢު 4/31). އިސްވެ ބަޔާން ކުރެވުނީ ހަތަރު މަޛްހަބް ގައި ތަރާވީޙް ނަމާދުގެ ޢަދަދު އޮތް ގޮތެވެ. ހުރިހާ އިމާމުންވެސް ވިދާޅުވަނީ އެގާރަ ރަކްޢަތަށްވުރެ އިތުރަށެވެ. އެބޭކަލުން އެގާރަ ރަކްޢަތަށްވުރެ އިތުރަށް ވިދާޅުވުމުގެ ސަބަބެއް ކަމުގައި ވެދާނެ ކަންތަކުގެ ތެރޭގައި: 1. ޢާއިޝާ-ރަޟިޔަﷲ ޢަންހާ- ގެ ޙަދީޘުން ރޭގަޑުގެ ނަމާދު ގެ ޢަދަދު ކަނޑަ ނޭޅޭނެކަމަށް ދެކިލެއްވުން. 2. ސަލަފުގެ އެތައް ޢިލްމުވެރިއެއްގެ ފަރާތްޕުޅުން އެގާރަ ރަކްޢަތަށްވުރެ އިތުރަށް ކުރައްވާ ކަމަށް ޞައްޙަ މަގުން އައިސްފައިވުން. (އަލްމުޣްނީ 2/604)، އަދި އަލްމަޖްމޫޢު 4/32). 3. ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- އެގާރަ ރަކްޢަތް ކުރެއްވުމުގައި ވަރަށް ދުގުކޮށް ކިޔަވައި ވިދާޅުވެއެވެ. އަދި މުޅި ރޭ އެއްކޮށް އަޅުކަމުގައި ހޭދަ ކުރައްވައެވެ. ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޖަމާޢަތުގައި ތަރާވީޙް ނަމާދު ކުރެއްވި އެއް ރެއެއްގައި ފަޖްރު ލުމާއި ވަރަތް ގާތްވުމާއި ހަމައަށް އަޅުކަމުގައި ދެމިހުންނެވިއެވެ. ހާރުކާގަޑި ގެއްލިގެން ހިނގައިދާނެ ކަމުގެ ބިރުވެސް ބައެއް ޞަޙާބީންގެ ހިތްޕުޅުގައި އުފެދޭވަރުވިއެވެ. މިހާ ބޮޑަށް ދިގުކޮށް ނަމާދު ކުރައްވާ އިރުގައިވެސް ޞަޙާބީން ކުޑަކޮށްވެސް ފޫހިވެ ވަޑައެއް ނުގަންނަވައެވެ. އަދި ދިގުވެގެން އެކަމާ ޝަކްވާ އެއްވެސް ނުކުރައްވައެވެ. އަދިކިއެއްތަ، އެބޭކަލުން ޝައުގުވެރިކަމާއި އެކު ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ގެ ފަހަތްޕުޅުގައި އަޅުކަމުގައި ދެމިތިއްބަވައެވެ. ނަމަވެސް ފަހުން އައި ދުވަސްތަކުގައި މީސްތަކުންގެ އީމާންކަން ކުޑަވުމާއި އެކު، މިފަދައިން ނަމާދު ދިގުކޮށްފިނަމަ، މީސްތަކުންނަށް އޭގެ ސަބަބުން ދަތި ތަކާއިދިމާވެ، ފޫހިވެ، ކަންތައް ވެދާނެ ކަމަށް ބިރަށް، ކިޔެވުން ކުރު ކުރުމަށްފަހުގައި ޢަދަދު އިތުރު ކުރުމަށް އެބޭކަލުން ދެކިލެއްވީއެވެ. ޚުލާޞާ އަކީ: ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ގެ ސުންނަތުން ވާރިދުވެފައިވާ ގޮތަށް، އެހާމެ ދިގުކޮށް އެގާރަ ރަކްޢަތްކޮށްފި މީހަކު ސުންނަތާއި އެންމެ ގާތްކަން ބޮޑު ގޮތަށް ނަމާދުކޮށްފިއެވެ. ކިޔެވުން ކުރުކޮށް، ޢަދަދު އިތުރު ކުރުމަކުންވެސް ގޯހެއް ނެތެވެ. ދެގޮތުންކުރެ ކޮންމެ ގޮތަކަށް ޢަމަލުކުރި ބަޔަކާއި މެދުގައިވެސް އިންކާރު ކުރުމެއް ނެތެވެ. ޝައިޚުލް އިސްލާމް- އިބްނު ތައިމިއްޔާ- ރަޙިމަހުﷲ- ވިދާޅުވިއެވެ. "އިމާމް އަޙްމަދު، ޝާފިޢީ، އަބޫޙަނީފާ-ރަޙިމަހުމުﷲ- ގެ މަޛްހަބުގައިވާ ގޮތަށް ވިހި ރަކްޢަތްކޮށްފިމީހާ، ނުވަތަ އިމާމް މާލިކް- ރަޙިމަހުﷲ- ގެ މަޛްހަބުގައިވާ ގޮތަށް ތިރީސްހަ ރަކްޢަތްކޮށްފިމީހާ، ނުވަތަ ތޭރަ ރަކްޢަތްކޮށްފިމީހާ، ނުވަތަ އެގާރަ ރަކްޢަތްކޮށްފިމީހާ، މިއިން ކޮންމެ މީހަކުވެސް ރަގަޅުކަމުގައި އިމާމް އަޙްމަދު-ރަޙިމަހުﷲ- ވިދާޅުވެފައިވެއެވެ. ސަބަބަކީ މިއިން އެއްވެސް ގޮތަކީ ކަނޑައެޅިގެން މިވެނިހެން ހެދުމަށް ސުންނަތުގައި އައިސްފައިވާ ކަންތަކަށް ނުވާތީވެއެވެ. އެހެންކަމުން ރަކްޢްތްތައް ގިނަ ކުރުމާއި މަދުކުރުން ބިނާވެގެންވަނީ ކިޔެވުން ދިގުކުރުމާއި ކުރު ކުރުމުގެ މައްޗަށެވެ". (އަލްއިޚްތިޔާރާތް، ޞަފްޙާ 64). އިމާމް ސުޔޫޠީ-ރަޙިމަހުﷲ-ވިދާޅުވިއެވެ. "ޞައްޙަ ދަރަޖައިގެ، އަދި ޙަސަން ދަރަޖައިގެ ޙަދީޘް ތަކުގައި ބާރުއަޅުއްވާފައިވަނީ ވަކި ޢަދަދެއް ކަނޑައެޅުމެއްނެތި، ރަމަޟާންމަހުގައި ރޭއަޅުކަން ކުރުމަށެވެ. ތަރާވީޙް ނަމާދުގައި ކީރިތި ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ވިހި ރަކްޢަތް ކުރެއްވި ކަމަށް ޘާބިތުވާކަށް ނެތެވެ. އެކަލޭގެފާނު ތިންރޭވަންދެން ޖަމާޢަތް ހައްދަވައިގެން ތަރާވީޙް ނަމާދު ކުރެއްވި ކަމަށް ޘާބިތުވެއެވެ. ނަމަވެސް އެއީ ކިތައް ރަކްޢަތް ކަމެއް އެނގޭކަށް ނެތެވެ. މީސްތަކުންގެ މައްޗަށް ތަރާވީޙް ނަމާދު ފަރްޟުވެ، އެކަމަށް މީސްތަކުން ނުކުޅެދުންތެރިވެދާނެތީވެ ބިރަށް، ހަތަރުވަނަ ރޭ އެކަލޭގެފާނު ނަމާދަށް ނިކުމެ ވަޑައިގެންފައެއް ނުވެއެވެ". އިބްނު ޙަޖަރުލް ހައިޘަމީ-ރަޙިމަހުﷲ- ވިދާޅުވިއެވެ. "ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ވިހި ރަކްޢަތް ކުރެއްވި ކަން ޞައްޙަ މަގުން ޘާބިތުވާކަށް ނެތެވެ. އެކަލޭގެފާނު ވިހި ރަކްޢަތް ކުރައްވާ ކަމަށް އައިސްފައިވާ ރިވާޔަތަކީ ވަރަށް ބޮޑަށް ބަލިކަށި ރިވާޔަތެކެވެ. (އަލްމައުސޫޢަތުލް ފިގްހިއްޔާ 27/142-145) . ތަރާވީޙް ނަމާދުގައި ވިހި ރަކްޢްތް ކުރެއްވުމަށް އަމުރު ކުރައްވާފައިވަނީ ޢުމަރު ބިން އަލްޚައްޠާބް- ރަޟިޔަﷲ ޢަންހު- ކަން ޞައްޙަ މަގުން ޘާބިތުވާން އެބަ އޮތެވެ. ކޮންމެ އަކަސް މީސްތަކުން އޭރުއްސުރެ ތަރާވީޙް ނަމާދުގައި ވިހި ރަކްޢަތް ކުރަމުން ގެންދިޔަ އެވެ. އިމާމް ތިރްމިޛީ-ރަޙިމަހުﷲ- އެކަލޭގެފާނުގެ އައްސުނަނުގެ 2/69 ގައި ވިދާޅުވެފައިވެއެވެ. "ޢުމަރު، ޢަލީ އަދި އެނޫންވެސް އެތައް ޞަޙާބީ އެއްގެ ފަރާތްޕުޅުން ވާރިދުވެފައިވާ ވަނީ ތަރާވީޙް ނަމާދުގައި ވިހި ރަކްޢަތް ކުރުމަށެވެ. އައްޘައުރީ، އިބްނުލް މުބާރަކް އަދި ޝާފިޢީ-ރަޙިމަހުމުﷲ- ވިދާޅުވަނީ މިފަދައިންނެވެ. އިމާމް ޝާފިޢީ- ރަޙިމަހުމުﷲ- ވިދާޅުވެފައިވެއެވެ. "މައްކާގައި މީސްތަކުން ކުރާ ތަން ތިމަންކަލޭގެފާނު ދެކިވަޑައިގަތީ ވިހި ރަކްޢަތެވެ". އިބްނު ޢަބްދިލް ބައްރި- ރަޙިމަހުﷲ- އެކަލޭގެފާނުގެ "އަލްއިސްތިޛްކާރް" އޭ ކިޔުނު ފޮތުގެ 2/69 ގައި ވިދާޅުވެފައިވެއެވެ. "ޢަލީ-ރަޟިޔަﷲ ޢަންހު- ގެ ކިބައިން ވިހި ރަކްޢަތް ރިވާވެގެންވެއެވެ. އަދި ޝަތީރު ބިން ޝަކްލު، އިބްނު އަބީ މުލައިކާ، އަލްޙާރިޘުލް ހަމަދާނީ، އަބިލް ބުޚްތުރީ- ރަޙިމަހުމުﷲ- ގެ ކިބައިންވެސް މިފަދައިން ރިވާވެގެންވެއެވެ. އެއީ ޖުމްހޫރު ޢިލްމުވެރިންގެ ރައުޔެވެ. ކޫފީންނާއި ޝާފިޢީ އަދި ގިނަ ފިގްހުވެރިން ދެކިލައްވާ ގޮތަކީވެސް އެއީ އެވެ. އުބައްޔު ބިން ކަޢްބު ގެ ކިބައިން ވެސް އެކަން ޞައްޙަ މަގުން އައިސްފައިވެއެވެ. މިކަމާ މެދު ގައި ޞަޙާބިންގެ މެދުގައި ޚިލާފެއް ނެތެވެ. ޢަޠާ-ރަޙިމަހުﷲ- ވިދާޅުވިއެވެ. މީސްތަކުން ވިތްރި އާއި އެކު ތޭވީސް ރަކްޢަތް ކުރައްވާތީ ތިމަން ކަލޭގެފާނު ދެކިވަޑައިގަތީމެވެ". އިބްނު ތައިމިއްޔަ-ރަޙިމަހުﷲ- އެކަލޭގެފާނުގެ މަޖްމޫޢު ފަތާވާގެ 23/112 ގައި ވިދާޅުވެފައިވެއެވެ. "ރަމަޟާން މަހުގެ ގިޔާމުގައި މީސްތަކުންނައިގެން ވިހި ރަކްޢަތް ކުރައްވާ، ވިތްރީގެ ތިން ރަކްޢަތް ކުރައްވާ ކަމަށް އުބައްޔު ބިން ކަޢްބު- ރަޟިޔަﷲ ޢަންހު- ގެ ކިބައިން ޘާބިތުވެއެވެ. އެއީ ސުންނަތް ގޮތް ކަމަށް ވަރަށް ގިނަ ޢިލްމުވެރިން ދެކިވަޑައިގަންނަވައެވެ. ސަބަބަކީ އުބައްޔު ބިން ކަޢުބު އެގޮތަށް ކަންތައް ކުރެއްވީ މުހާޖިރުންނާއި އަންޞާރުންގެ ޙާޟިރުގައި ކަމުގައިވެފައި، އެއިން އެއްވެސް ބޭކަލަކު އެކަމުގައި އެކަލޭގެފާނުގެ މައްޗަށް އިންކާރު ކުރައްވާފައި ނުވާތީވެއެވެ. މަދީނާގެ އަހްލުވެރިންގެ ކުރީގެ މީހުން ކުރެއްވީ ތިރީސް ނުވަ ރަކްޢަތްކަމުގައި ވިދާޅުވެ ބައެއް ޢިލްމުވެރިން އެގޮތަށްވެސް ވިދާޅުވެއެވެ". އައްސާއިބު ބިން ޔަޒީދު ގެ ކިބައިން "އެގާރަ ރަކްޢަތް" ކަމުގައި އައިސްފައިވުމާއި ބެހޭ ގޮތުން ބުނަމެވެ. އެއީ އެންމެ ކުރީ ކޮޅުގައި އެގޮތަށް ކުރެއްވީ ކަމުގައިވެދާނެއެވެ. ފަހުން މީސްތަކުންނަށް ލުއިކޮށްދެއްވީއެވެ. ގިޔާމް ގައި ކިޔެވުން ކުރުކުރެއްވުމުގެ ގޮތުން ޢުމަރު- ރަޟިޔަﷲ ޢަންހު- ވިހި ރަކްޢަތަށް ބަދަލު ކުރެއްވީއެވެ. އިބްނު ޢަބްދިލް ބައްރި- ރަޙިމަހުﷲ- ވިދާޅުވިއެވެ. އައްސާއިބު ބިން ޔަޒީދު ގެ ރިވާޔަތުގައި "އެގާރަ ރަކްޢަތޭ" އޮތުމުން، ޢުމަރު- ރަޟިޔަﷲ ޢަންހު- އެންމެ ފުރަތަމަ އަމުރު ކުރެއްވީ އެގާރަ ރަކްޢަތް ކުރުމަށް ކަމަށްވެދާނެ ކަމުގެ އިޙިތިމާލު އެބައޮތެވެ. އެޔަށްފަހުގައި، ގިޔާމް ލުއިކުރައްވާ، ވިހި ރަކްޢަތަށް މީސްތަކުން ބަދަލުކުރެއްވިއެވެ. ރަކްޢަތް ތަކުގައި ކިޔެވުމާއި، ރުކޫޢު، ސުޖޫދު ލުއި ކުރެއްވިއެވެ. އެހެންނަމަވެސް ބޮޑަށް ލަފާ ކުރެވެނީ "އެގާރަ ރަކްޢަތޭ" އޮތް ރިވާޔަތަކީ އައްސާއިބު ބިން ޔަޒީދު އަށް އަރާފައިވާ އޮޅުމެއް ކަމަށެވެ. ﷲ މޮޅަށް ދެނެވޮޑިގެންވެއެވެ". (އަލްއިސްތިޛްކާރް 2/68) .

ނަން:

ވެބްސައިޓް:

ހިޔާލު:

  • - ލިޔުންތަކަށް ހުށަހެޅޭ ކޮމެންޓް ތައް ޝާއިއު ކުރާނީ ލިޔުންތެރިޔާ އެވެ.
  • - މި ގޮޅީގައި ލިޔުއްވާއިރު ކޮމްޕިއުޓަރގެ ރީޖަނަލް / ލެންގުއޭޖް ސެޓިންގްސް އިން ދިވެހި އިޙްތިޔާރު ކުރައްވާކަށް ނުޖެހޭނެ.
  • - އާއްމުކޮށް ބަލައިގަނެވޭ އަޙްލާގީ މިންގަޑަށް ނުފެތޭ ލިޔުންތައް ޝާއިއު އެއް ނުކުރެވޭނެ ވާހަކަ ދަންނަވަން.