ގުއަންޓަނާމޯބޭ ޖަލު ބަންދުކުރާނެކަމަށް، މިހާރުގެ އެމެރިކާގެ ރައީސް ބަރަކް އޮބާމާގެ ކެމްޕެއިން މެނިފެސްޓީގައި ވަނީ ވައުދުވެފައެވެ. މިކަމަށް އޮބާމާއަށް މިހާރު އެޅިފައިވާ އެންމެ ބޮޑު ހުރަހަކީ ބައެއް ގައުމުތަކުން (އެމެރިކާ ދެކެ ބިރުން) މިޖަލު ތަކުގައި ތިބި މުސްލިމުންނާ ހަވާލުވުމަށް ޖެހިލުންވުމުންނެވެ. ތޮއްޑޫ މެމްބަރު އަލީ ވަހީދު (ޑީއާރުޕީގެ ނައިބު ޒައީމް) ކަހަލަ މުސްލިމް ގައުމުތަކުގެ ބައެއް ލީޑަރުންނާއި މުސްލިމު ނޫން ގައުމުތަކުން، އެގައުމުތަކަށް ނިސްބަތްވާ މުސްލިމުންނަ ހަވާލުވުމަށް ދަނީ ދެކޮޅު ހަދަމުންނެވެ.
މިޖަލުތަކުގައި ތިބި ގިނަ މީހުންނަކީ އެމީހުންގެ ކުށެއް ޝަރީއަތަށް ސާބިތުވެފައިނެތް މީހުންނެވެ. އަނެއްބައި މީހުންނަކީ ވޯލްޑް ޓްރޭޑް ސެންޓަރަށް ހަމަލާ ދިންކަމަށް ޝައްކުވާ މީހުންނާއި، އެމެރިކާގެ ސަލާމަތަށް ނުރައްކާކުރާ ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ މީހުންނެވެ.
ގުއަންޓަނާމޯބޭ ގެ ޖަލުގެ އަނިޔާވެރިކަމުގެ ވާހަކަ ސިފަކޮށްދެމުން، ދާދިފަހުން އިނގިރޭސިވިލާތުގެ މުސްލިމު ރައްޔިތަކު ސިފަކޮށްދީފައިވަނީ އެއީ ދުނިޔެމަތީގެ ނަރަކައިގެ ގޮތުގައެވެ. އިންސާނިއްޔަތާ ހިލަފު އެތައް އަމަލެއް ކުރަމުންދާ ތަނެއްގެ ގޮތުގައެވެ. އެހެންކަމުން މިފަދަ އަނިޔާވެރި ތަނެއް ބަންދުކުރުމަށް ކުރަމުންދާ މަސައްކަތަށް ދުނިޔޭގެ ބައެއް ގައުމުތަކުން އެހީތެރިވަމުންދާއިރު، އަހަރުމެން މުސްލިމުންނޭކިޔައިގެން ފަހުރުވެރިވާ ބަޔަކު، އަހަރުމެން ފަދަ އަހުންތަކަކަށް 'އެހީތެރި' ވެވޭނީ މިފަދަ ގޮތަކަށެވެ. ދުނިޔޭގެ ބޮޑު ބާރަކީ އެމެރިކާ ކަމަށް ވީ ހިނދު އެމީހުންނާ ހަނގުރާމަކޮށްގެން އެފަދަ މީހުން ސަލާމަތެއް ނުކުރެވޭނެއެވެ. އަހަރުމެން ފަދަ މުސްލިމު އަހުންނަށް ލިބެމުންދާ ވޭނުން ވަރަށްބޮޑު ބައެއް ލުއިކުރެވިދާނެއެވެ. ދިވެހި ޖަލުތަކަށް އެމީހުން ބަދަލުކޮށްގެންނެވެ.
މައުލޫމާތު ލިބޭގޮތުގައި މިގޮތަށް އެކި ގައުމުތަކަށް ހަވާލުކުރަނީ ނިސްބަތުން މަދު ބައެކެވެ. ރާއްޖޭގެ ޖަލަށް ބަދަލުކުރަން ވިސްނަނީވެސް 3 މީހުން ކަމަށް ހަބަރުތަކުން ބުނެއެވެ. ވީމާ މިއީ އަހަރުމެން ބިރުގަންނަންވީ ކަމެއްނޫނެވެ. ގައުމީ ސަލާމަތަށް ނުރައްކާވާނެ ކަމެއްވެސްނޫނެވެ. އެއަށްވުރެ ގައުމީ ސަލާމަތާއި އިސްލާމްދީނަށް 'ބިރުވެރި' އެތައް އަމަލެއް އަލީ ވަހީދުގެ ކިބައިން ފެނެއެވެ.
ތިމަންނައަކީ ތައުލީމީ ގޮތުން އެންމެ ފުންނާބު އުސް، އުމުރުގެ ގޮތުން އެންމެ ހަގު ޕާލިމެންޓް މެމްބަރޭ ބުނެ ވާހަކަ ދައްކާ އިރު ދުވަހަކުވެސް ތިބުނާ ތައުލީމުގެ ކަންފުޅެއްވެސް މިހާގެ ކިބައިން ނުފެނެއެވެ. މެލޭޝިޔާއިން ޑިގްރީ ނިމިގެން މަހެއް ނުވަނީސް މާލޭގައި ބޭއްވި ފުރަތަމަ ނޫސް ކޮންފަރެންސެއްގައި ވަނީ ނޫހެއް ވީދާލާފައެވެ. އެންމެ ފަހުން ދިން ތަގުރީރެއްގައި 'މަޖުލީހުގެ ރައީސް ވަކިކުރަން ޖެހޭނީ އެކޮޅުކޮޅުން ތިބެގެން' ކަމަށް ބުނެ ބާޒާރުމަތީ އެންމެ ހުތުރު ބަހުން ވާހަކަ ދައްކާފައިވެއެވެ. އަހަރުމެން ކުޑައިރުވެސް މީހުން ޒުވާބުކުރާއިރު އެފަދަ ބަހުރުވަ އިވެއެވެ.
ޕާޓީއާއި ސިޔާސީ ކަންތަކުގައި ތިގެންގުޅޭ ކުޅޭކުޅޭ ބެންޓެން އުސޫލުތަކަށް ފާޑުކިޔާކަށްނެތީމެވެ. އެކަމަކު މުސްލިމު އަހުންތަކެއްގެ އަނިޔާވެރިކަމަށް ލުޔެއްލިބޭތީ އެކަމާ ދަތްބާރުވެގެން، ސަމާލުކަން ހޯދަން ތިކުރާ ކަންތައްތައްކަށް ދިވެހި ރައްޔިތުން ޖަވާބުދާރީވާނެއެވެ.
Posted on 2010-05-11 17:40:46 |
Report this Comment
Posted on 2010-05-11 17:56:27 |
Report this Comment
Posted on 2010-05-11 22:37:14 |
Report this Comment
Posted on 2010-05-11 22:43:48 |
Report this Comment
Posted on 2010-05-12 02:19:05 |
Report this Comment
Posted on 2010-05-12 20:44:52 |
Report this Comment
Posted on 2010-05-13 02:44:13 |
Report this Comment
Posted on 2010-05-16 08:34:47 |
Report this Comment
Posted on 2010-05-27 09:09:21 |
Report this Comment