އަނިޔާ ވެރިކަމާއި އަނިޔާ ވެރިންނަކީ މިބިންމަތީގައި އިންސާނުން ދިރިއުޅެން ފެށީއްސުރެ އުޅޭ، އަދި އުޅެމުންދާ އަދި އުޅޭނެބައެކެވެ. ދެމި އޮންނާނެ ކަމެކެވެ. ނަމަވެސް އިލާހީޤާނޫނަކީ އެފަދަ ކޮންމެ އަނިޔާވެރިއަކާއި އަނިޔާވެރިކަމެއް އެއަށްވުރެ އަނިޔާވެރި ހިތްދަތި މަގަކުން ޚަތިމުކުރެއްވުމެވެ. ޢިބުރަތް ލިބިގަނެ ތިމާގެ ދެދުނިޔެ ތެދު މަގަށް އަޅުވައިފި މީހަކަށް ބާއްޖަވެރިކަން ހުއްޓެވެ. އެނޫން ކޮންމެ މީހަކު ގެއްލެނިވެއްޖެކަން ކަށަވަރެވެ.
އަނިޔާ އަކީ ހަމައެކަނި ކަނޑި ބަޑީން ނުވަތަ ހަތިޔާރުން ދެވޭ އެއްޗެއް ނޫނެވެ. އަދިކެއްތަ މާއްދީގޮތުން، ފުރާނަޔަށް ޖިސްމަށް މުދަލަށް ޢިރްޟަށް ދެވޭ އަނިޔާއެއްވެސް ނުމެ ނޫންމެއެވެ. އެހެނެއްކަމަކު އަނިޔާގެ ތެރެއިން އެންމެ ވަރުގަދަ އެންމެ އަސަރުގަދަ އަނިޔާއަކީ މައުނަވީގޮތުން ދެވޭ އަނިޔާއެވެ. ނަފްސާނީގޮތުން ދެވޭ އަނިޔާއެވެ.
ދިވެހީންގެ ތެރެއިން މިދެންނެވި ''ނަފްސާނީ'' އަނިޔާ ކުރުމުގައި އެންމެ ކުޅަދާނަ މީހަކަށް އަޅުގަނޑަށް ފެނުނީ ރަޝީދު މޫސާއެވެ. މި ދެންނެވި އެއްޗެއް ''ކުއްލިއްޔާ''އަށް ވަދެލުމުން، އޭގެ އެންމެ ފުރިހަމަ މާނައިގައި އެގިގެން ދާނެއެވެ. ހާމަވެގެން ދާނެއެވެ.ވަކިި ސިޔާދަތެއް ހިނގާ ވަކި މީހެއްގެ މިލްކެއް ކަމުގެ އިހުސާސް ކުރުވާނެއެވެ. ކުއްލިއްޔާގެ ހަތަރުފާރުން އެތެރެއަށް، ރަޝީދު މޫސާއަށް ނޭގި ފިނި ވައިރޯޅިއެއްވެސް ނުވަންނާނެއެވެ. ކުރީގެ އެޓޯލްސް މިނިސްޓަރ ޢަބްދުﷲ ޙަމީދު އެކިޔަނީ ރަގަޅު ވާހަކައެކެވެ. މައުހަދަކީ ރަޝީދު މޫސާއެވެ...ރަޝީދު މޫސާއަކީ މައުހަދެވެ. އެކަމުގައި މައްސަލައެއް ނެތެވެ.
މައްސަލައަކަށް ވަނީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ޤަދަރުވެރި ފަޑިޔާރުން ކުއްލިއްޔާއަށް ހަވީރު ގަޑީގައި ކިޔަވައިދެއްވަން ވަޑައިގަންނަވާއިރު އެފަދަ ބޭފުޅުންނަށް ދޭންވާ ޤަދަރާއި ޢިއްޒަތް ނުދެވޭތީއެވެ. އާއެކެވެ. ރަޝީދު މޫސާގެ އެންގުމަށް ލެކްޗަރުން ބޭނުން ކުރައްވާ ފާޚާނާތަކާއި، މަޑުކުރައްވާ ކޮޓަރިކޮޅު ބަންދުކުރާތީއެވެ. މިހާރުގެ އުއްތަމަ ފަނޑިޔާރު (އުއްތަމަ ފަޑިޔާރުކަމާއި ހަވާލު ވެވަޑައިގެންނެވުމުގެ ކުރިން) ކުއްލިއްޔާގެ މަސައްކަތު މީހުން ބޭނުން ކުރާ ފާޚާނާ ބޭނުން ކުރައްވަން ޖެހިވަޑައިގަތް ކަމީ ލަދު ގަންނަން ޖެހޭ ކަމެކެވެ. މިފަދަ އެތައްކަމެކެވެ. އެފަދަ ބޭފުޅުންނަށް ގޮންޖަހައި ބުނާކަހަލައެވެ. މިތާގައި ހިގާނީ މަގޭބާރެވެ..... މަބޭނުން ކަމެއް....
ބޭނުނުމަކީ އެބޭފުޅުން ގެ ޝަޚްޞިއްޔަތު ނިކަމެތިކޮށްލުމެވެ. އެބޭފުޅުންގެ ޢިއްޒަތާއި ޤަދަރަކީވެސް ރަޝީދު މޫސާއާއި ޖެހުމުން ހުއްޓޭއެއްޗަކަށް ހެދުމެވެ. ބުނާކަހަލައެވެ. މަށަށްވުރެ މަތީގައި އެހެން މީހަކު ނުހުންނާނެއެވެ. ތެދެއްމެއެވެ. މިސްކިތުގެ ކުރީ ސަފުގައި ވަކި ޖާގައެއް ޚާއްޞަ ކުރެވިފައި ނުހުންނާތީވެ އޮފީސް ކެބިންގައި ނަމާދު ކުރާ މީހެއްގެ ވިސްނުން ހުންނާނީ މިދަރަޖައިގައެވެ.
މިއީ ކުއްލިއްޔާގެ އެކަޑަމިކް ސްޓާފުންނާ މެދު ކަންތައް ކޮށްފައިވާ އަދި ކުރަމުންދާ ގޮތެވެ. ކުއްލިއްޔާގެ މައުހަދު ބައިގައި ކިޔަވަމުން ދިޔަ ދަރިވަރުންގެ ޙާލު އަދި މިޔަކީތޯއެވެ. ކުއްލިއްޔާގެ އެތެރޭގެ ދިކްތާތޫރިއްޔާ އެގޭ ހަމަ ކޮންމެ މީހަކުވެސް ދެބަސް ނުވާނެ އެއްކަމަކީ އެތާގައި ކިޔަވަމުން ދިޔަ އަންހެން ދަރިވަރުންނަށް ޖިންސީ ފުރައްސާރަ ކުރާވާހަކައެވެ. އެކަންތައްތަށް ނުހުއްޓުވާ ވާހަކައެވެ. އެހެނެއްކަމަކު އެކަން ކުރާ ''މުދައްރިސަށް'' އަދަބެއް ދިނުމުގެ ބަދަލުގައި އެ އަނިޔާ ލިބޭ ދަރިވަރަށް އަދަބުދޭކަމެވެ. މިއީ އަނިޔާވެރިކަމުގެ އިންތިހާއެވެ.
އަޚްލާޤީ، ސުލޫކީ އަދި ތަޢުލީމިގޮތުން ކިތަންމެ ރަނގަޅު ދަރިވަރަކު ކަމުގައި ވީނަމަވެސް އެދަރިވަރަކީ މި ބުނެވުނު ދިކްތާތޫރި ރަހަ އެ ދަރިވަރެއްގެ އަރުތެރޭގައި ދެކެން ޖެހިދާނެ ކުއްޖެކެވެ. ހަމަ އެންމެ ސަބަބަކަށް ޓަކައެވެ. ރަޝީދު މޫސާގެ ރުހުން ނެތީތީއެވެ. މީނާގެ ރުހުމަކީވެސް އެބުރޭ ވަހުތާނެއް ފަދަ އެއްޗެކެވެ. މިއަދު ރުހުން ލިބޭ ޢަމަލަކީ މާދަމާ ހަމަ އެދަރިވަރަށް ލައުނަތް ލިބި، އޭނާގެ ރަހުމަތުން ބޭރުވާ އެއްޗަކަށް ވެފައި ވަނީވެސް މަދަކުންނެއް ނޫނެވެ. ހަޤީޤަތަކީ ރަޝީދު މޫސާއާއި އަނިޔާ ވެރިކަމަކީ ވަކި ނުކުރެވޭނެ އެކައްޗެއްކަމެވެ.
އަނިޔާވެރިން އަނިޔާވެރިވަނީ ވަކި ބޭނުމެއް ފުއްދުމަށް ކަމަށް ހީކުރެވުނު ހީއަކީ ކުށް ހީއެކެވެ. އާއެކެވެ. އަތްދަށު ވަޑިން ކުރެން ފަހަރަކު މުވައްޒަފަކުގެނެެސް ވަކި ގޮތަކަށް ކަމެއް ކުރުމަށް އެންގުމަށްފަހު، ހަމަ އެކަންތަށް އެހެން ގޮތަކަށް ކުރުމަށް ދެވަނަ މުވައްޒަފަށް އަންގަނީ އެންމެ ބޭނުމެެއްގައެވެ. އެ ދެމުވައްޒަފުން ގެނެސް ތިންވަނަ ގޮތަކަށް އެކަން ކުރުމަށް އެންގިކަމަށް ބުނެ ''ބަވާލުމުގެ'' ބޭނުމުގައެވެ. އެދެ މުވައްޒަފުން ހާސްވެ ނޭވާހޮޅިއަށް އެޅިފައި ތިބޭ މަންޒަރު އައިނުގެ މަތީ ކަނުން ބަލައި ވަގު ހިނިގަޑެއް ޖަހާލުމުގެ ބޭނުމުގައެވެ. ހަޤީޤީ ދިކްތާތޫރުންގެ އަސާސީސިފައަކީ މިއީއެވެ.
ކޮންމެ ދިކްތާތޫރަކީ އަނިޔާވެރިއެކެވެ. ކޮންމެ އަނިޔާވެރިޔަކީ ކޮރަޕްޝަނާއި ފަސާދައިން ފޯވެގެންވާ މީހެކެވެ. ބޭލުނު ސަރުކާރުގެ ޒަޢީމު ކިޔަވައިދޭ ދަރިވަރުންކޮޅެއް ފޮޓޯކޮޕީ މެޝިނަކަށް އެދުމުން އެދަރިވަރުންނަށް ހަދިޔާކުރި ފޮޓޯކޮޕީ މެޝިން، ރަޝީދު މޫސާ ވެރިވެގަތް ވާހަކައަކީ ރަޝިދު މޫސާ ދަންނަ ކޮންމެ މީހަކު ދަންނާނެ ވާހަކައެކެވެ. ޖަމްޢިއްޔަތުއް ދަޢުވަ އަލްއިސްލާމިއްޔާއިން ހަދިޔާކުރެއްވި ޓީވީ އަށްވެސް ޖެހުނީ މިހާލެވެ. ޓީވީ ހަދިޔާ ކުރެވުނީ ކުއްލިއްޔާއަށް ކަމަށްވިޔަސް ޓީވީ ބެހެއްޓުނީ މީރު ބަހުރުގޭގައެވެ.
މިއަދު މީރު ރަހަ އަރުތެރޭގައި ދިނަސް މާދަން ދޭނީ ހިތިރަހައެވެ. އިއްޔެ ބޮޑާވެ ކިބުރުވެރިވީ މުށުތެރޭގައި، ގަދަބާރުން ކަންތައް ކުރެވޭނެ، ދައުލަތުގެ މުއައްސަސާއެއް ހިތަކަށް ލިބިގެން ވީތީއެވެ. މިއަދު އެބާރުވެރިކަން މުށުން ދޫވެ މަޤާމުގެއްލި މީހާ ''ބާވީމަ'' ރީތިގޮތުގައި އިސްތިއުފާދިނުން ބުއްދިވެރިއެވެ. ބުއްދިވެރީން މުސްތަޤުބަލް ކުރަހަނީ މަޒީއަށް ވިސްނައި ޙާޟިރުގައި ކަންތައްތަށް ހިގަމުންދާ ގޮތަށް ރިޢާޔަތް ކޮށްފައެވެ.
ތާރީޚުން ޢިބްރަތް ލިބިގަންނާށެވެ. ހިޓިލަރު ނިމިދިޔަގޮތް ހަނދާން އެބަހުރި ހެއްޔެވެ. އަތާތުރުކު ކޮބައި ހެއްޔެވެ. އީރާނުގެ ޝާހު ކޮބައި ހެއްޔެވެ. މި އެންމެން ފަނާވެ ދިޔައީއެވެ. މިއަދު އެއީ ތާރީޚެވެ. މާދަން ކަލޭވެސް ވާނީ އެމީހުންނާއެކުއެވެ. ތާރީޚުގެ ޞަފްޙާތަކުގައެވެ.
ފާއިދާ: ޒާލިމުން އަނިޔާކުރާއިރު ބައްލަވަން މިރުސާދުގައި ،،''،، ޚާލިގުލް ކައުނައިނި ވާކަން ނޭގެނީތަ އަޖައިބެކޭ
Posted on 2010-04-11 08:22:01 |
Report this Comment
Posted on 2010-04-11 12:43:04 |
Report this Comment
Posted on 2010-04-11 13:22:09 |
Report this Comment
Posted on 2010-04-11 13:26:33 |
Report this Comment
Posted on 2010-04-11 19:19:42 |
Report this Comment
Posted on 2010-04-11 20:50:40 |
Report this Comment
Posted on 2010-04-11 22:13:05 |
Report this Comment
Posted on 2010-07-23 14:00:39 |
Report this Comment
Posted on 2010-09-16 05:05:18 |
Report this Comment
Posted on 2010-09-16 23:18:36 |
Report this Comment