
ގިނަ މީހުން ބޭނުންވަނީ ޒުވާންކަން މަތީ މުޅި އުމުރު ހޭދަކުރާށެވެ. އެކަމަކު އެއީ ވާނެ ކަމެއް ނޫނެވެ. އެކަމަކު މުސްކުޅިވަމުންދާ މިންވަރު ލަސްކޮށްލުމަށް ކަންތައްތަކެއް ކުރެވިދާނެ އެވެ. ޒުވާންކަން މަތީ ދެމިހުރުމަށް ލޯބިކުރާ މީހުންނަށް ބޮޑަށް އިސްކަންދެވެނީ ތަފާތު މޭކަޕްތަކުގެ އެހީގައި ޒުވާންކަމަށް ދެއްކުމަށެވެ. އެކަމަކު އެއީ އަސްލު ރަނގަޅު ގޮތެއް ނޫނެވެ. ރީތިކަން ދެއްކުމަށް މޭކަޕް ވެސް ކޮންމެވެސް ދައުރެއް އަދާކުރެ އެވެ. އެކަމަކު މޭކަޕްގެ އެހީގައި މޫނުގެ ކުލަ އަށް ބަދަލު ގެނަޔަސް ތިމާގެ ހަށިގަނޑުގެ ބައްޓަމަށް ބަދަލު ގެނައުމަކީ ފަސޭހަކަމަކަށް ނުވެ އެވެ.
ޒުވާންކަން މަތީ ދެމިހުރުމުގެ އެންމެ އަސާސީ އެކައްޗަކީ ތިމާ ކެއުމަށް ބޭނުންކުރާ އެއްޗިއްސެވެ. ހަށިގަނޑުގެ ހުރިހާ ކަމެއް ވެސް ގާތްގަނޑަކަށް ބައްޓަންވެގެންދަނީ ތިމާ ކާ އެއްޗެއްގެ ސަބަބުންނެވެ. ޒުވާންކަން ދައްކުވައިދޭ އެކައްޗަކަށް ހަށިގަނޑުގެ ބައްޓަން ވާއިރު ހަށިގަނޑު އެކަށީގެންނުވާ ވަރަށް ބަރުވުމަކީ އަވަހަށް މުސްކުޅިވުމަށް ދިމާވާ ސަބަބަކެވެ. ވުމާއެކު ކެއުމުގައި ތެޔޮ ހިމެނޭ ބައިތައް ވީހާ ވަރަކުން މަދުކޮށް ތަރުކާރީ އާއި މޭވާގެ ބާވަތްތަކަށް އިސްކަންދޭށެވެ.
އެ ގޮތުން ތިމާ އަމިއްލަ އަށް ވެސް ދުވާލެއްގެ ކެއުމުގައި ތަރުކާރީ އާއި މޭވާ ހިމަނާނެ މިންވަރު ކަނޑައެޅިދާނެ އެވެ. ޒުވާންކަން މަތީ ދެމިހުރުމަށް މަދުވެގެން ދުވާލަކު ފަސް ވައްތަރެއްގެ ތަރުކާރީ އާއި މޭވާ ކެއުމުގައި ހިމަނާލެވިދާނެ އެވެ.
ހަށިގަނޑުގެ ދުޅަހެޔޮކަމަށް ކަސްރަތު ވެސް މުހިންމެވެ. ކަސްރަތުކުރާ ނަމަ ހަށިގަނޑު އެއް މިންވަރެއްގައި ހިފެހެއްޓުމަށް އެހީތެރިވެދެ އެވެ. ހަށިގަނޑު ފަލަވިޔަ ނުދިނުމަށް ކުރިން ވެސް ދެންނެވި ގޮތަށް ކެއުމަށް ސަމާލުވުން މުހިންމެވެ. އެ ގޮތުން ހަށިގަނޑުގައި ހުންނަ ކެލޮރީތައް އަންދައިލެވޭ ފަދަ އެއްޗެހިތައް ކެއުމުގައި ހިމަނާށެވެ.
ތަރުކާރީ އާއި މޭވާ އަދި ކަސްރަތުގެ އިތުރުން ވެސް ޒުވާންކަންމަތީ ދެމިހުރުމަށް އިތުރު ކަންތައްތައް ވެސް މުހިއްމު ދައުރެއް ކުޅެއެވެ. އޭގެ ތެރޭގައި ހަމަނިދި ލިބުމާއި ސްޓްރެސް އިން ދުރުވެ ހުރުން ވެސް ވަރަށް މުހިއްމެވެ.