
ލިބޭ މުސާރައިން ދެކޮޅު ޖައްސާނުލެވިގެން އުޅޭ ކިތައް އާއިލާ ރާއްޖޭގައި އެބަ އުޅޭ ހެއްޔެވެ. މާލެއިން ދިރިއުޅޭނޭ ތަންކޮޅެއް ހިފައިގެން ކުލި ދައްކާފައި، އިތުރުކަމެއް ކުރެވޭނެ ވަރުނުވާ ކިތައް އާއިލާ މާލޭގައި އެބަ އުޅޭ ހެއްޔެވެ. ހަމަޖެހިލައިގެން ދިރިއުޅެވޭނޭ ގޮތެއް ނުލިބިގެން އުޅޭ މާލޭގެ ކިތައް ވަޒަންވެރިން އުޅޭ ހެއްޔެވެ. ހުޅުމާލެއިން ގޯއްޗެއް، ނުވަތަ ފްލެޓެއް ހޯދަން ކޮންމެ ފަހަރަކު ކުރިމަތި ލައިގެން ނުލިބިފައިތިބި ކިތައް މީހުން އެބަ ތިބި ހެއްޔެވެ.
މި ހެޔޮ ވެރިކަމުން މިއަދު މިވަނީ އެ މައްސަލައަށް ހައްލެއް ހޯދައި ދީފައެވެ. ހައްލަކީ މީހެއްގެ ގެއެއް ކުއްޔަށް ހިފައި ކުލި ނުދެއްކުމެވެ. ނުވަތަ މީހެއްގެ ނުގަބޫލުގައި މީހެއްގެ ގެއަށް ވަދެ ދިރިއުޅުމެވެ. ނަމަވެސް، ދެން އުފެދޭ ސުވާލަކީ އެހެން ޢަމަލުކޮށްފިނަމަ ވާނީ ކިހިނެއް ހެއްޔެވެ. ކޯޓަށް މައްސަލަ ހުށަހަޅައި، ގެއިން ނިކުތުމަށް އެންގުމުން ދެންވާނީ ކިހިނެއް ހެއްޔެވެ.
ސަރުކާރުން ހުރިހާ ރައްޔިތުންނާ މެދު އެއް ހަމައަކުން، އެއް އުސޫލަކުން ކަންތައް ކުރާނަމަ އެ ސުވާލުތަކުގެ ޖަވާބު ވަރަށް ސާފެވެ. ރައްޔިތުން މަގުމަތިވެދާނެތީ ސަރުކާރުން އެ ގެންގުޅޭ ސިޔާސަތަކީ އިންސާފުވެރި ސިޔާސަތެއްނަމަ ޖަވާބު ވަކިން ސާފެވެ. އޭރުން ސަރުކާރުން އެޕާޓްމަންޓެއް ދީ، މާލޭ މުނިސިޕަލްޓީގެ ވެހިކަލްތަކާއި މުވައްޒަފުން އައިސް ތަކެތި އެހެން އެޕާޓްމަންޓަކަށް ގެންގޮސް ދޭނީއެވެ.
މީގެ ހެއްކަކީ މއ. ވައިޓް ލިލީގައި އެގޭ މުހުންމަދު މަނިކުގެ ނުގަބޫލުގައި ދިރިއުޅުނު ފާތުމާމަނިކެގެ އާއިލާ އެގެއިން ނިކުތުމަށް ކޯޓުން އަމުރުކޮށް، އެ ހުކުމް ބަދަލު ކުރާނޭ ތަނެއް ނެތްކަމަށް މަތީ ކޯޓުތަކުން ބުނުމުން، އެ ހުކުމް ތަންފީޒުކުރުމަށް ފުލުހުން އައީ މުނިސިޕަލްޓީގެ ބޭފުޅުންނާ އެކުގައެވެ. އަދި އެމީހުންގެ ތަކެތި ވިލިމާލެއިން ތިން ކޮޓަރީގެ އެޕާޓްމަންޓަކަށް ބަދުކުރީ މުނިސިޕްލްޓީގެ މުވައްޒަފުން ލައްވައެވެ. ސަރުކާރުން ބުނެފައިވަނީ އެ އެޕާޓްމަންޓަކީ އެ މީހުން އަމިއްލަ ކުރަން ދިން ތަނެއްކަމުގައެވެ. ސަރުކާރުގެ ބޭނުމަކީ ދިވެހިރައްޔިތުންތަކެއް މަގުމަތިވިޔަ ނުދިނުން ކަމުގައެވެ.
ނިންމާލުމުގެ ކުރިން ދެތިން ސުވާލެއް ދަންނަވާލާ ހިތްވެއެވެ. އެންމެންގެ މެދުގައި ހަމަހަމަ އުސޫލެއް ނުގެންގުޅެވޭނޭ މިފަދަ "ހެޔޮ" ސިޔާސަތުތަކުގެ ސަބަބުން އެހެން ރައްޔިތުންގެ ހައްޤުތައް ގެއްލިގެން ނުދޭތޯއެވެ. ދެތިން ފަހަރު ފްލެޓް ހޯދަން ކުރިމަތިލީ މީހައަށް ފެލެޓެއް ނުލިބިހުރި އިރު އޭނާގެ ހައްޤު ކޮބައި ހެއްޔެވެ. ދަރިންނާއެކު އެންމެ ކޮޓަރިއެއްގައި ނިދަމުންދާ ދެމަފިރީންނަށް ލިބެންވާ ހައްޤުކޮބައި ހެއްޔެވެ. ދޭތެރެ ދޭތެރެއިން ކުލި ދެއްކޭނޭ ގޮތް ނެތިގެން މަގުމައްޗަށް ނިކުންނަން ޖެހޭ މީހުންގެ ހައްޤު ކޮބައިހެއްޔެވެ. މިފަދަ ދޯދިޔާ ސިޔާސަތުގެ ސަބަބުން ޔަގީންވަނީ އެންމެ ކަމެކެވެ. ގާނޫނާއި ގަވާއިދުތަކާ ދެކޮޅުހެދުމަށް ހިއްވަރު ލިބޭކަމެވެ. ކުލި ނުދީ، ނުވަތަ ގަދަކަމުން އެހެން މީހުންގެ ގޯތީގައި ތިބުމަށް ނުސީދާކޮށް މެސެޖުދެވޭކަމެވެ.
ފޮޓޯ: ހަވީރު ނޫހުން ނަސްރުﷲ ސޯލިހު
Posted on 2010-03-09 13:59:56 |
Report this Comment
Posted on 2010-03-09 14:04:26 |
Report this Comment
Posted on 2010-03-09 19:15:33 |
Report this Comment
Posted on 2010-03-09 21:22:04 |
Report this Comment
Posted on 2010-03-09 21:56:42 |
Report this Comment
Posted on 2010-03-10 13:10:17 |
Report this Comment