
ސްކޫލް ތައްހިންގުމުގައި ބެލެނިވެރިންގެ ދައުރު އިތުރު ކުރުމުގެ ގޮތުން، ކޮންމެ ސްކޫލެއްގައިވެސް ސްކޫލް ބޯޑެއް މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ވަނީ އުފައްދާފައެވެ. އެސްކޫލެއްގެ އިދާރީ ހިންގުމުން ފެށިގެން ކިޔަވައިދިނުމުގެ ކަންތަކާއި އިތުރު ހަރަކާތް ތަކުގައިވެސް ސްކޫލްބޯޑުގެ ދައުރު ވަރަށް މުހިންމުކަމުގައި އެޑިއުކޭޝަން މިނިސްޓަރ ވަނީ ވިދާޅުވެފައެވެ. 3 މާރޗް 2010 ގައި، ކުއްލިއްޔާގެ ދަސްވެސިންނަށް، ސަނަދު ދިނުމުމަށްބޭއްވި ޖަލްސާގައި ވާހަފުޅު ދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރ ވިދާޅުވެފައިވަނީ މިހާރު ސްކޫލް ޕްރިންސިޕަލަކީ އެކެއްނޫން ކަމުގައެވެ. ސްކޫލްބޯޑާއި ޕްރިންސިޕަލަކީ މިހާރު ގުޅިގެން މަސަކަތް ކުރާބައެއްކަމުގައެވެ. ސްކޫލްގެ ހުރިހާކަމެއްވެސް ނިންމާނީ މިދެންނެވި ފަރާތްތަކުގެ މަޝްވަރާގެ މަތިންކަމުގައިވެސް މިނިސްޓަރ ވިދާޅުވިއެވެ.
އުތުރު ޕްރޮވިންސް ރަށެއްގެ ސްކޫލްގެ ބޯޑުން ނިންމީ، އެސްކޫލްގެ ޔުނިފޯމަކީ އިސްލާމީ ގިއުގަނޑަށް ފެތޭ އެއްޗެއްކަމުގައި ހަމަޖައްސާށެވެ. އެގޮތުން އައުރަނިވާވާފަދަ ޔުނިފޯމެއް އެސްކޫލަށް ތަޢާރަފު ކުރުމަށް ސްކޫލް ބޯޑުންނިންމިއެވެ. އަދި އެރަށަށް ނިސްބަތްވާ ފައިސާވެރިއަކު އޭނަގެ އަމިއްލަޚަރަދުގައި އަލަށް ތަޢާރަފު ކުރެވޭ ޔުނިފޯމް، ކޮންމެ ކުއްޖަކަށް 3 ޔުނިފޯމްގެ ރޭޓުން ހިލޭދޭންވެސް ނިންމިއެވެ. ސްކޫލްބޯޑުގެ މިނިންމުން ހިފައިގެން އެޑިއުކޭޝަން މިނިސްޓްރީއަށް ދިޔައެވެ. މިނިސްޓަރ ވިދާޅުވިކަމަށްވަނީ ތިމަންމަނިކުފާނުގެ އަނބިކަނބަލުން ވެސް ބުރުގާއެއް ނާޅައެވެ. ވީއިރު ކޮންމެހެން ބުރުގާއަޅާކަށް ނުޖެހޭނެއެވެ. ކޮންމެއަކަސް ސްކޫލްބޯޑުގެ ނިންމުން ބޮލާލައި ޖަހަފިއެވެ. އެކަން ކުރުމުގެ ހުއްދަދެއްވަން މިނިސްޓަރ ބޭނުންފުޅެއް ނުވިއެވެ. މަޝްވަރާގެ މަތިން ސްކޫލްގެ ހުރިހާކަމެއް ނިންމަންވެގެން އުފެއްދި ސްކޫލްބޯޑުގެ ދައުރު ކޮބައިތޯއެވެ. ތިޔަވިދާޅުވާ ޑިމޮކްރަސީއަކީ ފަހެ މިއީތޯއެވެ.
މިހާރަކަށްއައިސް އެންމެގިނައިން އިވޭ އެއްއަޑަކީ ވަށާޖެހޭ ތަޢްލީމްގެ ވާހަކައެވެ. އެއްޗެއް ވަށާޖެހޭއިރު ހުރެވޭނީ އެންމެފުރަތަމަ ފެއްޓި ހިސާބުގައެވެ. ވީއިރު ދީނެއް މިއްލަތެއް، ދުނިޔެއެއް ނޭގޭ ޖާހިލެއްގެ ގޮތުގައި މަދުރަސީދައުރު ފައްޓާ ކުޑަކުއްޖާ އެންމެފަހުން މަދުރަސީ ދައުރު ނިމޭއިރު އަލުން އަނބުރާ ޖާހިލެއްގެ ގޮތުގައި ހުންނަންވެއްޖިއްޔާ މަދަރުސާއަކުން ކުރާނީ ކޮންފައިދާއެއްތޯއެވެ. ސްޕޯރޓްސް ފޯރ އޯލް ފަދަ ޕްރޮގްރާމްތައް ހިންގާއިރު، އިސްލާމް ފޯރ އޯލް ފަދަ ދީނީ ހޭލުންތެރި ކަމުގެ ޕްރޮގްރާމެއް ފެއްޓިނަމަ މާރަގަޅުވީހެވެ. އަންހެނުންނަށް އެކަނބަލުންގެ ފައިތަކުން ބިންމަތީގައި ބާރަށް ފައިޖަހަމުން ނުހިނގުމަށް މާތްﷲ އަންގަވާފައިވާއިރު އެއަށްވުރެން ބާރަށްފައިޖަހަމުން ހިލޭފިރިހެނުންގެ ކުރިމަތީގައި ދުވަން އަޅުގަޑުމެންގެ އަންހެންދަރިންނަށް ދަސްކޮށްދިނުމަކީ ވަށާޖެހޭ ތަޢްލީމުކަމުގައިވާނަމަ ތިޔަ ތަޢްލީމެއް މުސްލިމުންނަކަށް ބޭނުމެއްނުވެއެވެ. ތަޢްލީމު ވަށާޖެއްސުމުގެ ބަދަލުގައި މަދަރުސާތަކުގެ އަންހެން ދަރިވަރުންގެ ޔުނިފޯމް އެކުދިންގެ ގައިގެވަށާ ޖައްސަން އިސްކަންދެއްވި ނަމަ ހާދަހާ ރަގަޅުވީހެވެ. އަޅުގަޑުމެންގެ ހުރިހާކަމެއް ބަދަލުކުރަމުންދާއިރުވެސް ދިހެހިންގެ މެދުގައި ދީނީ ހޭލުންތެރިކަމެއް ނެތް ޒަމާނެއްގައި އުފެއްދި އިސްލާމްދީނަށް ނުފެތޭ ޔުނިފޯމް ބަދަލުކުރުމުގެ ޚިޔާލެއް އަޅުގަޑުމެންގެ ތަޢްލީމީ މުއައްސަސާގެ އިސްވެރިންގެ ކިބައިންނުފެންނަކަމީ ހިތާމަކުރަންޖެހޭ ކަމެކެވެ. އެކަމަކު ޕޯޑިއަމެއްގެ ކައިރީގައި ހުއްޓިވަޑައިގެންފައި އެންމެ ފުރަތަމަ ވެސް ވިދާޅުވާނީ އެންމެ ފުރަތަމަ އިސްލާމަކަށް ދެން ދިވެއްސަކަށްވާށެވެ. އަޅުގަޑުމެންނަކީ މާތްވެގެންވާ އިސްލާމްދީނުގެ އަހުލުވެރިން ކަމުގައެވެ.
ކީރިތި ޤުރުއާނަށްވުރެން މޮޅުލިއުންތައް ޔޫރަޕްމީހުން ލިޔެފައިވާ ކަމަށް ޤަބޫލުކުރާ މީހުން ތަޢްލީމީ ދާއިރާގެ އިސްސަފުން ފެންނަ ޒަމާނެއްގައި މިފަދަ ކަންތައް ހިގާނެކަންވެސް ޤަބޫލުކުރަންޖެހެއެވެ. ނަމަވެސް ބަދަލަކަށް އެދިގެން ވޯޓުދިނީ ހެޔޮބަދަލަކަށެވެ. ދީނީ ރޮނގުންވެސް މެއެވެ.
Posted on 2010-03-09 00:16:16 |
Report this Comment
Posted on 2010-03-09 03:20:40 |
Report this Comment
Posted on 2010-03-09 08:27:59 |
Report this Comment
Posted on 2010-03-09 09:46:46 |
Report this Comment