ރަލުގެ މައްސަލައެވެ. ވިއްކާނެ ތަނެއް ކަނޑަ ނޭޅިގެން އުޅޭ މައްސަލައެވެ. ބޯންވީ އަދި ނުބޯންވީ ކޮންބައެއްކަން ނޭންގިގެން އުޅޭ މައްސަލައެވެ. އެކަމަކު މިހާރުވެސް ވިއްކަމުންދާއެއްޗެކެވެ. ވިއްކުމަށް ގާނޫނުވެސް އޮތީ ހެދިފައެވެ. މިހާރު ދެވިފައި މިވާ ހުއްދަދެވުނީ ކޮން ގާނޫނު އަސާސީއެއްގެ ދަށުންބާއެވެ. މިހާރު ދެވިފައިވާ ހުއްދައެއީ އިސްލާމްދީނުގެ ތެރެއިން ހުއްދަވާތީވެ ނުވަތަ ހުއްދަވާ މިންވަރަށް ދެވިފައިވާ ހުއްދައެއްތޯއެވެ.
ދިވެހިން ދިރިއުޅޭ ރައްރަށުގައި ރާ ވިއްކުން މަނާކުރުމަށް ބިލެއްލައި އެބިލާއިމެދުގައި ބަހުސްކޮށް އެބިލް މަޖިލިހުގެ ތަޅުމުން ބޭރުކޮއްލެވިއްޖެއެވެ. މިބިލު ބޭރުކޮއްލުމުން ދޭހަވަނީ މީހުން ދިރިއުޅޭ ރައްރަށުގައި އަދި ކުރިއަށް އޮތް މުސްތަޤުބަލުގައި ރާ ގަންނަން ލިބެން ހުންނާނެކަމެވެ. މިބިލުގެ ބަހުސްތައް އަޅުގަނޑުވެސް އަޑުއެހީމެވެ. މިބިލާއި މެދު ވާހަކަދައްކަމުން ދިވެހި ރައްޔިތުންނަށް މިބިލަކީ ތާކުންތާކު ނުޖެހޭ ބިލެއްކަމުގައި ދެއްކުމަށް މަޖިލިހުގެ މެންބަރުން ވަނީ ވަރަށް ދައްފެންވަރެއްގެ ވާހަކަތަކެއް ދައްކާފައެވެ.
މިގޮތުން މިބިލުގެ ސަބަބުން ރާ ވިއްކުމަށް ހުއްދަ ދެވެނީއޭ ބުނެފައިވެއެވެ. އަދި ރާ ވިއްކުމަކީ ސީދާ ދީން މަނާކުރާކަމެއްކަމުގައި ބުނެފައިވެއެވެ. މިހެން ބުނިއިރު ރަލަކީ މިބިލުގެ ސަބަބުން އަލުން ބަލުން ހުއްދަދެވިގެންދާ އެއްޗެއްހެއްޔެވެ. އަދި ދުވަހަކުވެސް ވިއްކުމަށް ހުއްދަ ނުދީ އޮތް އެއްޗެއް ހެއްޔެވެ. ރިސޯޓުތަކާއި ސަފާރީ ތަކުގައި ރާ ވިއްކަމުން އެދަނީ ޤާނޫނުން ބޭރުން ހެއްޔެވެ. ނުވަތަ ޤާނޫނުގެ ދަށުން ވިއްޔާ އިސްލާމްދީނާއި ގުޅުމެއްނެތް ޤާނޫނެއްގެ ދަށުން ހެއްޔެވެ. ރިސޯޓުތައްހުރީ ރާއްޖޭގައެވެ. ޤާނޫނުއަސާސީއަކީ މުޅި ދިވެހިރާއްޖެއަށް ނިސްބަތްވާއެއްޗެކެވެ. އެއްވެސް ގޮތަކަށް ރާވިއްކުމަކީ އިސްލާމް ދީނުގައި ޙަރާމް ކަމެކެވެ. ވީމާ މިބިލުން ވަކި ބަޔަކަށް ހުއްދަ ދެވެނީއޭ ތިޔަބުނާ މެންބަރުން މިހާރު ރާ ވިއްކަމުންދާ ތަންތަނުގައި ރާ ވިއްކުން މަނާ ކުރަން ބިލެއް ނުލާންވި އެއްވެސް ސަބަބެއް ނެތެވެ. ބިލުލާން މާ ލަސްވެސް ވެއްޖެއެވެ.
މިބިލަކީ އިސްލާމް ދީނާއި ޚިލާފު ބިލެކޭ ބުނާއިރު މިބިލުން ބާރުލިބެނީ ކޮންކަމަކަށްތޯއެވެ؟ ދިވެހިންނަކީ އިސްލާމުންނަށްވެފައި މުސްލިމުންގެތެރޭގައި ރާ ނުވިއްކުމަށް ނޫނީ، މިބިލުން ބާރެއްނުދެއެވެ. ދަންނަވަންތޯއެވެ. އަމިއްލަ ދަރިން ރާބޮއެ އަމަލުއަރައިގެން މާލެ ތެރޭގައި ނުވަތަ އެހެން މުސްލިމުން ދިރިއުޅޭ ރަށެއްގެ ތެރޭގައި ނުކުމެ އުޅޭ ގޮތް ދެކެން ބޭނުންވަނީ ކޮން ބޭފުޅެއްތޯއެވެ. މިބިލުން ބާރުލިބެނީ މިފަދަ މަންޒަރުތައް މި މުޖުތަމައުން ނުފެނުމަށެވެ. ދިވެހިންގެ ހިތް ހެޔޮކަމުން މިގައުމަށް ޒިޔާރަތްކުރާ ފަތުރުވެރިން އެމީހުން އެތިބޭ ރިސޯޓުތަކުގައި ތިބެގެން އާއްމު ރައްޔިތުންނަށް އުނދަގޫނުވާނޭހެން ރާ އިސްތިއުމާލުކުރުމަށް ވަނީ ދޫކޮއްލެވިފައެވެ. އެކަން މަނާ ކުރާކަށް މިބިލް ނޫޅެއެވެ. ނަމަވެސް މިބިލް ފެއިލް ކޮއްލުމުގެ މާނައަކީ މީހުން އުޅޭ ރައްރަށުގައި ރާ ވިއްކުމަށް ސިއްރު އެޖެންޑާއެއް ހެދިފައިވާކަމެވެ.
ރަނގަޅެވެ.. މުސްލިމުންނަށް ރާ ބުއިން މަނައެވެ. ޙަރާމެވެ. މިބުއިން މަނާކުރަން އިތުރު ޤާނޫނެއް ހަދާކަށްވެސް ނުޖެހެއެވެ. ޤުރުއާނުގައި ވަނީ އެކަމަށް ޤާނޫނު ހެދިފައެވެ. ނަމަވެސް ދައްކާނެ ވާހަކައެއް ނެތިގެން ބައެއް މެންބަރުން މުސްލިމުންނަށް ރާ ބުއިން މަނާކުރަން ޤާނޫނެއް ހަދަން ނުޖެހޭ ކަމަށް ބުނެފައިވެއެވެ. މީގެން ދޭހަވަނީ މިބިލު ރަނގަޅަށް ބަލާފައި ނުވާކަމެވެ. އަދި އެހެން ބުނި މެންބަރުންގެ ގަމާރުކަމެވެ. މިބިލަކީ މުސްލިމުންނަށް ރާ ބުއިން މަނާ ކުރަން ހެދިފައިވާ ބިލެއް ނޫނެވެ. މިބިލަކީ މީހުން ދިރިއުޅޭ ރައްރަށުގައި ރާ "ވިއްކުން" މަނާ ކުރުމަށް ހެދިފައިވާ ބިލެކެވެ.
ޒިނޭ ކުރުމަކީވެސް އިސްލާމް ދީނުގައި ޙަރާމް ކަމެކެވެ. އެކަމު މި ބޮޑު ފާފައަށް އަރައިގަންނަނީ ކިތައް މުސްލިމް ދިވެހިންތޯއެވެ؟ ޒިނޭ ކުރުމަށް އަންހެން ކުއްޖާއާއި ފިރިހެން ކުއްޖާ އެކުގައި ނުކުމެގެން ކޮންމެވެސް އެކެއްގެ ގެއަށް ނުވަތަ އެހެންތާކަށް ދަނީ މައިންބަފައިންގެ ކުރިމަތީގައެވެ. އެމީހުންގެ ރުހުން ލިބިގެންނެވެ. ނަމަވެސް މިކަމަކީ ހަމަ ދީނުގައި ޙަރާމް ކަމެކެވެ. މައިންބަފައިން އެގޮތަށް އަންހެން ކުދިން ފިރިހެން ކުދިންނާއި އެކުގައި ތަންތަނަށް ދިއުން މަނާ ކޮއްފިނަމަ ނުވަތަ ހުއްދަ ނުދޭނަމަ ކިތަށް ފިރިހެން ކުދިން މިނުބައި ފާޙިޝް އަމަލުން ސަލާމަތް ވާނެތޯއެވެ؟ އަޅުގަނޑު މިބުނަނީ ހިލޭ އަންހެން ކުދިންނާއި ފިރިހެން ކުދިން އެކުގައި ނުކުމެ އުޅުން މަނާކުރުމަށް ޤާނޫނެއް ހަދާށެކޭ ނޫނެވެ. މިގޮތަށް މައިން ބަފައިން ކަންތައްތައް ކޮއްފިނަމަ މި މުޖުތަމަޢުގައި ޒިނޭ ކުރުން މަދުވެގެން ދާނެ ވާހަކައެވެ. އަދި ނަހަލާލަށް ވިހަމުންދާ ކުދިންގެ އަދަދު މަދުވާނެ ވާހަކައެވެ.
ބައެއް މެންބަރުން މިބިލާއި އިދިކޮޅެ ހެދުމުގެ ގޮތުން ވަނީ މިޤައުމުގައި ރާ ވިއްކުން ނޫނަސް އެހެން މައްސަލަތައްވެސް ހުރިކަމަށް ވިދާޅުވެފައެވެ. މިގޮތުން ކުޑަކުދިންނާއި ބެހުމާއި މަސާޖު ޕާލާތަކުގައި ކުރަމުންދާ ފާޙިޝް ކަންތައްތަކުގެ ވާހަކަ ދެއްކިއެވެ. އަދި މިކަން ކަމަށް ބިލެއް ނުލައި ރަލުގެ މައްސަލަ އިސްކުރީތީ އެކަމަށްވެސް ވަނީ ފާޑު ކިޔާފައެވެ. އިސްލާމް ދީން ދިފާއުކުރުމަށްޓަކައި މިބިލުގެ މައްސަލައިގައި ވާހަކަ ދެއްކި މެންބަރުންނަށް ރަލަކީ ކޯއްޗެއްކަން ނޭންގެނީތޯއެވެ؟ އިސްލާމްދީނުގައި ރާ ސިފަކުރެވިފައިވަނީ ހުރިހާ ނުބައިކަމެއްގެ މަންމަ ކަމުގައެވެ. އެއްކަމެއްގެ ވާހަކަ ނަގާއިރަށް ދެން ބާކީ ހުރި ނުބައި ކަންކަމުގެ ވާހަކަ ނަގައިގެން އެކަން އޮއްބާލުމަށް ކުރާ މަސައްކަތަކީވެސް ވަރަށް ދަށުދަރަޖައިގެ ޢަމަލެކެވެ. ކޮންމެ ނުބައި ކަމަކީ އެކަމަކުން މި މުޖުތަމަޢު ސަލާމަތް ކުރަން ޖެހޭ ކަމެކެވެ. އޭގެ މާނައަކީ އެއްފަހަރާ ހުރިހާ ބިލެއް ނުވަތަ އެއްބިލެއްގައި ހުރިހާ މައްސަލަތަކެއް ހުރުމެއް ނޫނެވެ. ފަހަރަކު ބިލެއްލަމުން ގޮސް ހުރިހާ ބިލެއް ލެވިދާނެއެވެ. މެންބަރުން ޖެއްސި އެންމެ ބޮޑު މައްސަލައަކީ މިއެވެ. ރަލުގެ މައްސަލައިގައި ބިލެއް ލުމުންނެވެ.
އެކިމެންބަރުން އެކި ގޮތަށް އެކިރާގަށް މިބަހުސުގައި ވާހަކަދައްކަމުން ގޮސް ދެން އިވިގެން ދިޔައީ ވަރަށް އާދަޔާއި ޚިލާފު ވާހަކައެކެވެ. މިބިލަކީ ޔަހުދީންގެ އެޖެންޑާއެއްގެ ދަށުން ކުރެވިފައިވާ ކަމެކޭވެސް ވަނީ ބުނެފައެވެ. އަދި މިއީ މިޖަލްސާ އެންމެ ބޮޑަށް ހޫނުވެގެންދިޔަ މައްސަލައެވެ. މިފަދަ ބިލެއް ފާސްވެއްޖެނަމަ ރާއްޖޭގެ އިޤްތިސާދު ދަށަށް ގޮސް ޔަހޫދީން ކައިރީގައި އެހީއަށް އެދެން ޖެހި މިގައުމު ޔަހޫދީންގެ އަތްދަށަށް ހިނގައިދާނެތީއެވެ. އަދި އެކަމުގެ ބިރުވެރިކަމުގެ ވާހަކައެވެ. ޔަހޫދީންނަކީ ހަމަ އެހާ ނުބައި ބަޔަކީތޯއެވެ؟ އެމީހުން ކައިރިން އެހީ އަކަށް އެދެފިނަމަ އަހަރުމެން އަޅުވެތި ކޮއްލަފާނެތޯއެވެ؟ އެވަރުގެ ބަޔަކާ ސިޔާސީ ގުޅުން ބަދަހި ކުރީ ދެން ކީއްވެގެންބާއެވެ؟ ވީމާ މިވަރުގެ ނުބައި ބަޔަކާއި އެކު ސިޔާސީ ގުޅުން ބަދަހި ކުރެވިގެން ނުވާނެކަމާއި ޔަހޫދީންނަކީ ހުރިހާ ގޮތަކުން ބޮއިކޮޓް ކުރަންވެފަ އޮތް ބައެއްކަމަށް ބަޔާންކޮށް ބިލެއް ނުލާންވި ސަބަބެއް އަޅުގަނޑަކަށް ނުވިސްނެއެވެ. އަދި މިގައުމު މިގޮތަށް ދެމިއޮތުމަށް ނުވަތަ އިޤްތިސާދު ރަނގަޅު ކުރުމަށް ހަމައެކަނި ކުރެވެން އޮތް ކަމަކީ މީހުން ދިރިއުޅޭ ރައްރަށުގައި ރާ ވިއްކުމެއްވެސް ނޫނެވެ. އަދި ރަލަކީ އަހަރުމެންގެ އިޤްތިސާދު ހަލާކުވެ ބަނޑަށް ޖެހިދާނެތީ އަހަރުމެންގެ ދެއަތް އުފުލާ ދުޢާކޮށް އެޔަށް ސަޖިދަކޮށް އަޅުކަން ކުރަންވީ އިލާހެއް ނޫނެވެ. އަދި އަހަރުމެންނަށް ރިޒުޤު ދެއްވާ ފަރާތުން ރިޒުޤު ހަމަޖައްސަވަމުން ދަނީކީ ރާވިއްކައިގެން އެއިން ލިބޭ ފައިދާއަކުންވެސް ނޫނެވެ. އެކަލާންގެއީ އެފަދަ އެއްވެސް ކަމަކަށް ބޭނުންވެ ވޮޑިގެންނުވާ އިލާހެކެވެ. އަހަރުމެން އިންސާނުންނަށް ރިޒުޤު ދެއްވަނީ ތިޔަ ހީކުރާވަރަށްވުރެ މާ މުއްސަނދި އިލާހެކެވެ. އެކަލާންގެ އެކަލާންގެއަށް ޝުކުރުވެރިވެ ހެޔޮ އަމަލުކުރާ ސޯލިހު އަޅުންނަށް ހީވެސް ނުކުރާ ގޮތްގޮތުން ރިޒުޤު ދެއްވާނެ ކަމަށް ވަނީ ކީރިތި ޤުރުއާނުގައި ވަޢުދުވެ ވޮޑިގަންފައެވެ.
ޓުއަރިސްޓުން ރާއްޖެއަންނަނީ މެގަޒިންތަކުގައި ރަލުގެ އިސްތިހާރު ޖަހައިފައި އޭގެ ދަށުގައި "ކަމް ޓު މޯލްޑިވްސް ޓު ޓޭސްޓް ދަ ބެސްޓް އެލްކޮހޯލްސް" މިހެން ޖަހައިގެންނެއް ނޫނެވެ. އެމީހުން ރާއްޖެ އަންނަނީ ރާއްޖޭގެ ރީތި ގުދުރަތީ މަންޒަރުތައް ހަމަލޮލުން ބަލާލުމަށެވެ. މި ގުދުރަތީ ރީތި ކަމަކީ ދިވެހިރާއްޖޭގެ ރައްޔިތުންގެ މަސައްކަތުން ލިބިފައިވާ ރީތިކަމެއް ނޫނެވެ. މިރީތި ކަމަކީ ރަލުގެ ވިޔަފާރިއާ އޭގެ އިސްތިއުމާލުކުރުން ޙަރާމް ކުރެއްވި އިލާހު އަހަރުމެންނަށް ދެއްވަފައިވަ ނިއުމަތެކެވެ. އަހަރުމެން އެކަމަށް ޝުކުރު ވެރި ވުމުގެ ބަދަލުގައި މިވަނީ މިނިޢުމަތަށް ހަރާމްކޯރެވެ.
މިގައުމުގެ ޤާނޫނު ހަދާ މަޖުލީހަށް ހޮވިފައި ތިބި މެންބަރުން ދިވެހި ރައްޔިތުންނަށް އޮޅުވާލައި މިބިލް ފާސްނުކުރުމަށް ކުރެއްވި މަސައްކަތް ވަރަށް ބޮޑަށް ކުއްވެރި ކުރަމެވެ. އަދި ދިވެހި ރައްޔިތުންގެ ތެރެއިން ގިނަބަޔަކުވަނީ މިކަން މިގޮތަށް ޤަބޫލުވެސް ކޮއްފައެވެ. ޕާޓީއަށްޓަކައެވެ. މިކަމާ ވަރަށްބޮޑަށް ހިތާމަވެސް ކުރަމެވެ. އަދި މިބިލާއި އިދިކޮޅުހަދައި މިބިލް މަޖުލީހުން ބޭރުކޮއްލުމަށް ގައުމުގައި އޮތް އެންމެ ދެކޮޅުވެރި ދެޕާޓީން އެކުވެރިކަމާއި އެކު ކުރެއްވި މަސައްކަތުން ދޭހަވަނީ މިޤައުމަށް މުސްތަޤުބަލުގައި އޮތީ ބިރުވެރިކަމާއި ނާމާންކަމެވެ.
Posted on 2009-12-18 18:26:32 |
Report this Comment
Posted on 2009-12-18 23:43:01 |
Report this Comment
Posted on 2009-12-20 13:49:02 |
Report this Comment
Posted on 2009-12-20 17:46:51 |
Report this Comment
Posted on 2009-12-21 10:06:10 |
Report this Comment