ކަލޭތީ ވަރަށް ގަޓެއް ނުހުންނަ ފިނޑި މީހެއް، މީވަރަށް ގިނައިން އާދަވެ ކޮންމެ ދުވަހަކު ކަހަލަގޮތަކަށް އަޅުގަނޑުމެންގެ ތެރޭން ގިނަބައެއްގެ ކަންފަތުގައި ހިފާ އަނބުރާލާފައިދާ ބަހެކެވެ. ތެދެކެވެ. ފިނޑި މިކަޔަނީ ހަމަ ކަންކަމުގައި ޖެހިލުންވާތީއެވެ. ނޫންނަމަ މީހަކު ލައްވާ ކަމެއް ކުރުވަން ނުވަތަ ވަކިކަމެއް ކުރުވަން ބާރުއަޅަން ހިތްވަރު ދިނުމުގެ ގޮތުންނެވެ.
ތެދެކެވެ. ފިނޑިންވެސް ޖެހިލުންވާ މީހުންވެސް އުޅެއެވެ. މިކަން މިސައިޓަށް ކޮމެންޓްކުރާ މީހުންގެ ފަރާތުންވެސް ވަރަށް ބޮޑަށް ފާހަގަ ކުރެވެއެވެ. ސައިޓްގައި ލޔެފައިވާ ލިޔުމަކަށް އަމިއްލަ ނަމުގައި އެމީހެއްގެ ޝުޢޫރު ފާޅުކޮށްލަން މިކެރެނީ މަދުބަޔަކަށެވެ. ނަމަވެސް އަމިއްލަ ނަންޖަހަން ނުކެރި ކޮމެންޓްކުރާ މީހުން، އެމީހުންގެ ކޮމެންޓްތަކުގައި އެހެންމީހުންގެ ޚިޔާލާއި ފިކުރަށް ވަރަށް ފާޅުކަން ބޮޑުގޮތުގައި ޚިޔާލު ފާޅުކޮށް ޖޯކުޖަހާ މަލާމާތް ކޮށްފައި ހުރެއެވެ. މި ޖެހުނީ ކޮންތާކު ހެއްޔެވެ.
އަމިއްލަ ނަމުގައި ކޮމެންޓްކުރަން ނުކެރެނީ ކީއްވެ ހެއްޔެވެ. އަމިއްލަ ނަމުގައި ކޮމެންޓް ފޮނުވަން ލަދު ގަންނަނީ ހެއްޔެވެ. ނޫންނަމަ ކޮމެންޓްގައި ލިޔެފައި ހުންނަ އެއްޗަކުން މަންމަ ބައްޕަ، ބޮޑުބޭބެ ތިއްތަ، ދައްތަ، ޅިޔަނު،ފަހަރި ރުޅިއަރައިގަނެފާނެތީވެ ބިރު ގަންނަނީ ހެއްޔެވެ. އަމިއްލަނަމުގައި ކޮމެންޓް ކުރުމުން މައްސަލައަކީ ކޮބާހެއްޔެވެ. އެއީ އެއްވެސް މައްސަލައެއް އޮތްކަމެއް ނޫނެވެ. ކަންކަން ރަނގަޅު ކުރަން، އިޞްލާޙް ކުރަން އެމީހެއްގެ ރަޢުޔު ހާމަކުރުމަކީ މައްސަލައެއް ނޫނެވެ. ނަމަވެސް ވަކި ހުދޫދެއްގެ ތެރޭންނެވެ.
ހިޔާލުފާޅުކުރުމުގެ މިނިވަންކަން
ދިވެހިރާއްޖޭގެ ގާނޫނު އަސާސީގެ ދެވަނަބާބުގެ 27ވަނަ މާއްދާގެ ދަށުން މިނިވަންކަމާއި އެކު ފިކުރުކުރުމާއި، އިސްލާމްދީނުގެ އަޞްލަކާއި ޚިލާފުނުވާ ގޮތެއްގެ މަތީން އެމީހެއްގެ ބުއްދިއަށް ފެންނަ ގޮތްތަކާއި، ޚިޔާލުތައް ދުލާއި ޤަލަމުން އަދި މިނޫންވެސް ގޮތްގޮތައް ފާޅުކުރުމުގެ މިނިވަންކަން ކޮންމެ މީހަކަށް ވެސް ލިބިގެންވެއެވެ.
ލިޔުނީ: މުޙައްމަދު މުޚްތާރު
Posted on 2009-10-10 23:46:05 |
Report this Comment
Posted on 2009-10-11 11:19:24 |
Report this Comment
Posted on 2009-10-11 20:34:24 |
Report this Comment