ކޮންމެ މީހަކީ ވެސް ހުނަރެއް ލިބިފައިވާ މީހެކެވެ. ދުނިޔޭގައި ލަވަ ކިޔާމީހުންނާއި، ޓީޗަރުންނާއި، މަސްވެރިންނާއި، ޑޮކްޓަރުންނާއި ވަޑާން ކުރާމީހުންނާއި އަދި މިނޫނަސް ތަފާތު އެތަކެއް މަސައްކަތް ކުރާ މީހުން އުޅެއެވެ. އެކި މީހުން ކުރަނީ އެކި މަސައްކަތެކެވެ. ވަޑާން ކުރާމީހަކަށް ބަލި މީހުންނެއް ނުބެލޭނެއެވެ. ސަބަބަކީ އެއީ އެމީހުންގެ ދާއިރާ ކަމަށް ނުވާތީއެވެ. ދިވެހިރާއްޖޭގެ މަސައްކަތު ދާއިރާގައި އެމީހުން ތަމްރީނު ހޯދާފައިވާ ދާއިރާ ނޫން އެހެން ދާއިރާތަކުގައި މަސައްކަތްކުރާ މީހުންގެ ޢަދަދުވެސް ވަކި މަދެއްނުވާނެއެވެ. މިކަމުގައި ޒިންމާ ނަގަން ޖެހެނީ ކޮންފަރާތަކުންތޯއެވެ.
ކުރީގެ އެޑިޔުކޭޝަން މިނިސްޓަރަކީ ދެވަނައެއް ނެތްފަދަ މޮޅު އިނގިރޭސި ޓީޗަރެކެވެ. މިހެން މިދަންނަވަން ޖެހުނީ މީގެ ދުވަސް ތަކެއް ކުރިން އޭނާގެ ދަރިވަރަކަށް ވުމުގެ ނަސީބު ލިބުނީމައެވެ. ނަމަވެސް މިނިސްޓަރެއްގެ ގޮތުންވީ ކީއްހެއްޔެވެ. ވީފެއިލްއެވެ. އެއީ މިނިސްޓަރ ކަންކުރުމަކީ އޭނާގެ ޤާބިލިއްޔަތުގައި ނެތް ކަމަކަށްވާތީއެވެ. ނޫނީ އެއީ އޭނާގެ ދާއިރާ ކަމަށް ނުވާތީއެވެ.
ކުލިނިކެއްގައި އިންނަ ދަތުގެ ޑޮކްޓަރު މަސްވެރިކަމުގެ ދާއިރާގައި ކުރާނީ ކޮންކަމެއްތޯއެވެ. ވިސްނާލާށެވެ. ކްލިނިކުން ޑޮކްޓަރަކު މަދުވީއެވެ. އަނެއްކާ ޑޮކްޓަރަކު ގެންނަންވީއެވެ. މަހުގެ ދަތް އުނގުޅަނީއޭ ކިޔައިގެން މީހުން ޖޯކު ޖަހާ އުޅެއެވެ. ވާނީ ވެސް އެހެންނެވެ. މަސްވެރި ކަމަކީ އޭނާގެ ދާއިރާއެއް ނޫނެވެ.
ތަޢުލީމީ ދާއިރާއިން ޕީއެޗްޑީ ހައްދަވައިގެން އުޅުއްވާ ބޭފުޅެކެވެ. އޭނާގެ ޢިލްމަށް އޭނާ ކިތަންމެހާވެސް މޮޅެވެ. މޮޅު ޓީޗަރެކެވެ. ނަމަވެސް ޓުއަރިޒަމް މިނިސްޓަރުގެ ގޮތުން އޭނާވެސްވީ ފެއިލްއެވެ. ވާނީ ވެސް އެހެންނެވެ. އެއީ އޭނާގެ ދާއިރާއެއް ނޫނެވެ.
ބުނަންތޯއެވެ. ޓީވީއިން ޚަބަރު ކިޔާމީހާއަށް، މަޖްލީހުގެ މެންބަރު ކަމެއް ނުކުރެވޭނެއެވެ. ރޭޑިޔޯ ސެޓުން ތޫލި އަޑުން ޖަވާބު ދާރީވާން އިންނަ އަންހެނާއަކަށް ކަތީބާ ކަމެއްވެސް ނުކުރެވޭނެއެވެ. އެއީ އެމީހުންގެ ދާއިރާއަށް ނުވާތީއެވެ. މިއަދުގެ ސަރުކާރުގައިވެސް އަދި ކުރީގެ ސަރުކާރުގައިވެސް ފެންނަމުން މިދަނީ މިފަދަ މަންޒަރުތަކެވެ. ކަމާއި ނުވަތަ ދާއިރާ އާއި ގުޅުންނެތް މީހުން ވަޒީފާ ތަކުގައި ތިބިތަނެވެ. މިކަމުގައި ފުރަތަމަ ޒިންމާ ނަގަންޖެހެނީ ވެރިފަރާތެވެ. ގިނަ ފަހަރު ދާއިރާ އާއި ނުބެހޭ ވަޒީފާ ދެނީ ސިޔާސީ ބޭނުމަކަށެވެ. ދެން ހަމަ ވިސްނާލާއިރު އެޒިންމާ އާއި ހަވާލުވި މީހާވެސް ޒިންމާ ވާންޖެހޭނެއެވެ. އެއީ އެމީހަކަށް ނުވާނެ ކަމެއްކަން އެނގިގެން އެކަމަކާއި ޙަވާލުވާތީއެވެ.
Posted on 2009-10-10 04:09:37 |
Report this Comment
Posted on 2009-10-10 04:39:16 |
Report this Comment
Posted on 2009-10-10 09:53:08 |
Report this Comment
Posted on 2009-10-10 15:36:05 |
Report this Comment