މީލާދީން 2006 ވަނަ އަހަރާއި ޖެހެންދެންވެސް އިނގުރައިދޫ ރައްޔިތުންގެ މެދުގައި ދެބަސްވުމެއްނެތި، ހުރިހާ އެންމެންވެސް އެއްގަލަކަށް އަރައިގެން ކުރަމުން އައި އެންމެ ވަރުގަދަ މަސައްކަތަކީ ވަޑިންގެ މާލޫދު ކިޔުމެވެ. މިދެންނެވުނު މާލޫދަކީ އިނގުރައިދޫ ރައްޔިތުންގެ އެކުވެރިކަމާއި ގާތްކަން ދައްކުވައިދިން ވަރުގަދަ ނިޝާނެކެވެ. ކައިރި ރަށްރަށުގެ މީހުންނާއި އެކުވެރިކަން އާލާކޮށް ދިރުވުމަށް ލިބުނު ރަނގަޅު ފުރުޞަތެކެވެ. އެދުވަސްވަރު މިހާރު މާޒީއާއިއެކު ފޮހެވިގެން ހިނގައްޖެއެވެ. ނަމަވެސް އެކަމުގެ މަތިން ހަނދާން އާކޮށްނުލާ ހުރުމަކީ އިނގުރައިދޫގެ ދަރިއެއްގެ ޙައިޘިއްޔަތުން ހިތަށްލިބޭ ނުތަނަވަސްކަމެކެވެ.
ކުރީގެ ދުވަސްވީ މީހުން ބުނާގޮތުގައި އެންމެ ފުރަތަމަ ވަޑިންގެ މާލޫދު ބޭއްވެމުން އައީ ބޮޑު މާލޫދުގެ ނަމުގައެވެ. އެއަށްފަހު ހުކުރު މިސްކިތް ހުޅުވުމާއި ވިދިގެން މިސްކިތު މާލޫދުގެ ނަމަށް ބަދަލު ކުރެވުނެވެ. މިމަސައްކަތުގައި އެންމެ އިސްކޮށް ޙަރަކާތްތެރިވަމުން އައީ އިނގުރައިދޫ ރޯޝަނީގޭ އަލްމަރުހޫމް ޙުސައިން ޢަލީ މަނިކު (ޙުސައިން ކަލޭފާނު) އާއި އަދި ކަނީރުގެ މުޙައްމަދު މަނިކު (ކޮޓަރި މުޙައްމަދު މަނިކު) އާއި ދެބޭފުޅުންނެވެ. ދުވަސްތަކެއް ވަންދެން މިސްކިތު މާލޫދުގެ ނަމުގައި ބޭއްވުމަށްފަހު އިނގުރައިދޫ ރައްޔިތުން އެކަމަކަށް ފަޚުރުވެރިވާ ވަޑާމުގެ މަސައްކަތާއި މާލޫދުގެ ނަން ގުޅުވައިލެވުނެވެ. އާދެ، “ވަޑިންގެ މާލޫދު” މިނަމަށެވެ.
އެއްބައިވަންތަކަމާއި އެކުވެރިކަން އުފެއްދުމުގެ މަޤުޞަދުގައި ބާއްވަމުން އައި މިމާލޫދަށް އަވަށްޓެރި ހުރިހާ ރަށަކަށްވެސް އައީ ދަޢުވަތު ދެވެމުންނެވެ. މިގޮތުން ރަށާއި އެންމެ ކައިރީގައިވާ 7 ރަށްކަމުގައިވާ ކިނޮޅަސް، ފައިނު، މީދޫ، މަޑުއްވަރި، އިންނަމާދޫ، ރަސްމާދޫ އަދި މާކުރަތަށް ކޮންމެ އަހަރަކުވެސް ބިލެއް އަޅައެވެ. އަދިހަމަ މީގެ އިތުރަށް އަތޮޅު އޮފީހުގެ އިސްވެރިންނަށާއި ކަނދޮޅުދޫގެ އިސްވެރިންނާއި އެރަށުގެ މާލޫދު ގުރޫޕަށްވެސް އައީ ދައުވަތު ދެވެމުންނެވެ. ކޮންމެ ކަމެއް ކުރުމުގައިވެސް ބައެއްފަހަރު ޚިޔާލު ތަފާތުވެ ހަމަނުޖެހުން އުފެދުމަކީ ވުންކައިރިކަމެކެވެ. ނަމަވެސް 50 އަހަރަށްވުރެ ދިގުމުއްދަތަކަށް ހިނގައިދިޔަ މިކަމުގެ ތެރޭގައި ވަރަށްވެސް މަދު ފަހަރަކު މެނުވީ ހަމަނުޖެހުމެއް ހިނގާފައި ނެތުމަކީ ފަޚުރުވެރިކަމާއިއެކު ފާހަގަކޮށްލަންޖެހޭ ކަމެއްކަމުގައި ދެކެމެވެ.
ވަޑިންގެ މާލޫދު ދިގު ދެމިގެންދަނީ ފަށާ ދުވަހުގެ ހަވީރު 4.00 ފެށިގެން އަނެއް ދުވަހުގެ މެންދުރު 12.00 އަށެވެ. ހުރިހާ މެހުމާނުންވެސް ފުރުވާލާ ގަޑިއަކީ ނިންމާ ދުވަހުގެ މެންދުރު 2.00 ގައެވެ. ރަށްރަށުން އަންނަ މެހުމާނުންގެ ހުރިހާ ކަމެއްވެސް އިނގުރައިދޫގެ ރައްޔިތުން ކުރަމުން އައީ ނުހަނު ފޯރީގައެވެ. ރަށަށް އަންނަ މީހުންގެ ޢަދަދު ކިތަންމެ ގިނަވިޔަސް ފަރުވާލެއްނެތެވެ. އެމީހުން އަންނަ އުޅަނދު ފަހަރު ބެލެހެއްޓުމުން ފެށިގެން ނިދުމުގެ ކަންތައްތަކާއި ހަމައަށްވެސް ހުރިހާ ކަމެއް ކުރަމުން އަންނަނީ ވަޑިންނެވެ. މިހާރު ފަޅުކޮނެ ލުއިފަސޭހަވެފައި އޮތަސް ކުރީގައި އެމީހުން ބޭލުމަށްފަހު އުޅަނދުތައް އަޅަނީ ބޯސާ ޖަހާފައި ބޮޑުތިލަ މަތީގައެވެ.
ވަރަށް ފޯރީގައި ކިޔަމުން އައި މިމާލޫދު ހުއްޓާލަން ޖެހުނީ ކުރީގެ އިސްލާމީ ކަންތައްތަކާއިބެހޭ އެންމެ މަތީ މަޖިލީހުން އެންގެމާއި ގުޅިގެންނެވެ. އެއީ މިކަމަކީ ކުރެވޭ ވަރަށް ބޮޑު އިސްރާފެއްކަމަށް ބުނެއެވެ. އަޅުގަނޑަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިކަން ހުއްޓާލުމުގެ ސަބަބުން އޭރު އަވައްޓެރި ރަށްރަށުގެ މީހުން ވަރަށް ބޮޑަށް ނުރުހުން ފާޅުކުރިއެވެ. އަދި ޘަޤާފީ ގޮތުން ކުރަމުން އައި މިކަންތައް ހުއްޓުވާލުމުގެ ސަބަބުން ބައެއް ވަޑިންގެ ހިތްވަރު އެލި ފޫހިވާގޮތްވިއެވެ. އަދި މިކަން ކުރުމަށް އަލުން ހުއްދަލިބޭތޯވެސް ފަހުންވަނީ މަސައްކަތް ކޮށްފައެވެ. އަތޮޅު އޮފީހާއި ކަމާއިބެހޭ އެހެން ފަރާތްފަރާތާއި ގުޅައިގެންވެސް އެދެވޭ ޖަވާބެއްވަނީ ނުލިބިފައެވެ.
ރަށުގެ މުސްތަޤުބަލް މިހާރަށްވުރެ އުޖަލާ ކުރުމަށްޓަކައި މިފަދަ އެހެން ކަމެއް ނަމަވެސް ރައްޔިތުން އެއްބައިވަންތަ ކުރުމަށް ރަށުގައި ފެށުމަކީ މިވަގުތު ކޮންމެހެންވެސް ބޭނުންތެރިކަމެއް ކަމުގައި އަޅުގަނޑު ދެކެމެވެ. ނަމަވެސް އެކަމެއް ވާންޖެހޭނީ އިސްލާމްދީނާއި ޚިލާފުނުވާ ކަމަކަށެވެ.
Posted on 2009-10-01 04:31:37 |
Report this Comment