
މީގެ ދެތިންއަހަރު ކުރިން އެޕޯލޯގެ ފަރާތުން ސައިކަލެއް ބޭނުންވާ ފަރާތްތަކަށް ނަޞީބު ކޫޕަންތަކެއް ވިއްކިއެވެ. ފަސްސަތޭކަ ރުފިޔާއަށް ކޫޕަނެކެވެ. ނަޞީބުވެރިޔަކު ހޮވޭގޮތަށް އޮތީ ކޫޕަން ގަންނަ ފަރާތްތަކުގެ މެދުގައި ގުރުއަތުލައިގެންނެވެ. ނަމަވެސް މިކަން ހުޅުވާލިތާ މާގިނަދުވަހެއްނުވެ އިވިގެންދިޔައީ މިގޮތަށް ނަޞީބުވެރިން ހޮވުމަކީ އިސްލާމްދީން ހުއްދަކުރާ ކަމެއްނޫންކަމުގައެވެ. އަދި މިކަން ވަގުތުން ހުއްޓުވާވެސްލިއެވެ.
ނަމަވެސް އޭރުވެސް އަދި މިހާރުވެސް އަޅުގަނޑުމެންނަށް ފެންނަމުން މިދަނީ ހަމަ މިގޮތަށް ނަޞީބު ވަޒަން ކުރުމުގެ އެތައް ކަމެކެވެ. އެއް ރުފިޔާ ޚަރަދު ކޮއްފައި މޮބައިލް ފޯނެއް ގެންދަންވީއެވެ. ސައިކަލެއް ގެންދަންވީއެވެ. ނޫނީ އެއްމިލިއަން ރުފިޔާ ގެންދަންވީއެވެ. ނުވަތަ އެއަށްވުރެ ގިނައިންވެސް ގެންދަންވީއެވެ. ނަމަވެސް މަނާ ކުރާނެ ފަރާތެއްނެތެވެ. ނަމުގައި ހުސްވެސް ހުއްދަ ކަންތައްތަކެވެ.
އަޅުގަނޑުމެންނަށް އަބަދުވެސް އިވެނީ ޙައްޖަށް ދާންޖެހޭނީ އެކަމަށް ކެރިކުޅަދާނަވާނަމައެވެ. އެކަމަށް ކުޅަދާނަ ވުމަކީ ޙައްޖު ވާޖިބުވުމުގެ ޝަރުޠެއްވެސްމެއެވެ. ކުޅަދާނަވުން ދެގޮތަކަށް މާނަކުރެވެއެވެ. އެއްގޮތަކީ ޞިއްޙީ ގޮތުން ކުޅަދާނަވުމެވެ. ޞިއްޙީގޮތުން ކުޅަދާނަވުމަކީ ތެރޭގައި ޙައްޖުގެ ވާޖިބުތަކާއި ފަރުޟުތައް އަދާކުރުމަށް ނުކުޅެދުންތެރި ކުރުވާ އެއްވެސްކަމެއް އޭނާގެ ހަށިގަނޑުގައި ނެތުމެވެ. ދެވަނަ ގޮތަކީ މާލީގޮތުން ކުޅަދާނަވުމެވެ. މާލީގޮތުން ކުޅަދާނަވުމަކީ އޭނާ ޙައްޖަށް ދިއުމަށާއި ޙައްޖުވުމަށާއި އަދި ޙައްޖުން އެނބުރި އައުމަށް ފުދިގެންވާ ތަނަވަސްކަމެއް ލިބިފައިވުމެވެ. އޭނާ ޙައްޖަށް ދިޔަނަމަވެސް އޭނާ ބަލަން ޖެހިފައިވާ އެންމެންނަށް ދަތިވާނޭ އެއްވެސް ކަމެއް އޭނާ ކޮށްގެން ނުވާނެއެވެ. އެބަހީ އޭނާގެ ޢާއިލާ ބަނޑަށް ޖައްސާފައި ޙައްޖަށް ދިއުމަކީ ރަނގަޅު ކަމެއްނޫނެވެ.
ތިމާގެ ދަރިއަކު ތިމާއަށް ޙައްޖުގެ ޚަރަދުތައްދީ ޙައްޖުވެވޭނޭމަގު ތަނަވަސް ކޮށްދީފިނަމަ ތިމާއަކީ ކުޅަދާނަކަން ލިބިގެންވާ މީހެއްގެ ގޮތުގައި ބެލެވެއެވެ. އެހެނަސް ޙައްޖުގެ ޚަރަދާއި ދަރިންގެ ޚަރަދު ލިބިގެންނުވާ މީހަކަށް އެހެން މީހަކު ޙައްޖުގެ ޚަރަދު ދިނަކަސް ކުޅަދާނަކަން ލިބިގެންވާ މީހަކަށް އޭނާ ނުބެލެވެއެވެ. މިޚަރަދުދޭ މީހަކީ ތިމާގެ މީހަކަށް ވިޔަސް ނުވަތަ ދުރުހިލޭ މީހަކަށް ވިޔަސް މިކަމުގައި ތަފާތެއްނެތެވެ. ކުންފުނިތައްވެސް މިކަމުން އިސްތިސްނާވެގެން ނުވެއެވެ.
އެހެންކަމަށްވާނަމަ ސަތޭކަ ރުފިޔާ ޚަރަދު ކޮށްގެން ނަޞީބުގައި ބައިވެރިވެ ލިބޭ ޙައްޖު ވަކި ހުއްދަވާނެތޯއެވެ. އެވެސް ހަމަ ސައިކަލް ވިއްކުން ކަހަލަ ކަމެކެވެ. ކުރަނީ ހަމަ އެއްކަމެކެވެ. ކޫޕަން ނުލިބުނަސް އޮޓަމެޓިކުން ނަޞީބަށް ފޯނު ނަމްބަރު ހޮވެއެވެ. ތަފާތަކީ އެކައްޗަކީ ސަވާރުވާ އެއްޗަކަށްވެފައި އަނެކައްޗަކީ އަޅުކަމަކަށްވުމެވެ.
ނަމަވެސް ހިތާމައަކީ އަޅުގަނޑުމެންގެ ތެރޭގައި މިފަދަ ކަންތައްތައް ކުރުން ޢާއްމުވެގެންދާއިރުވެސް މިކަންކަން ހުއްޓުވާނެ ފަރާތެއް ނުވަތަ ފަރާތްތަކެއް ނެތުމެވެ. ކަންކަން ކުރައްވަން ތިއްބެވި ފަރާތްތަކުންވެސް އެޅިހާ ބަތަކަށް ރިހަ އަޅައިގެން ތިބުމެވެ. އެފަރާތްތަކުގެ ކިބައިން އަޅުގަނޑު މިއެދެނީ މިފަދަ ކަންތައްތައް ހުއްޓުވަން ތިޔަ ބޭފުޅުން ގަދައަޅާ މަސައްކަތް ކުރުމަށެވެ. ވިހި ތިރީސް އަހަރުގެ ވާހަކަ ނުދައްކަވާ ލިބިފައިއޮތް ފުރުޞަތުގެ ބޭނުން ހިއްޕެވުމަށެވެ.
ލިޔުނީ: އިބްރާހީމް ޙުސައިން
Posted on 2009-09-14 12:35:44 |
Report this Comment
Posted on 2009-09-14 15:24:54 |
Report this Comment
Posted on 2009-09-14 23:43:54 |
Report this Comment