އިނގުރައިދޫލައިވް

  • ޝާއިޢުކުރި ތާރީޚް: 11 09 2009
  • މިލިޔުން ކިޔާފައިވާ އަދަދު: 102
  • މޯބައިލް ލިންކު: m.muraasil.com/2059

މުރާސިލްގައި ޝާއިއުކުރެވޭ ލިޔުންތަކަކީ އެންމެން ބަލައިގަންނަ ލިޔުންތަކަކަށް ހެއްދެވުމަށް އެހީތެރިވެދެއްވާ!
މިލިޔުމަކީ މުރާސިލްގައި ޖަހަން އެކަޝީގެން ނުވާ ލިޔުމެއްނަމަ އަޅުގަނޑުމެނަށް އަންގަވާ!
މިލިޔުން ރިޕޯޓުކުރެއްވުމަށް

އުއްމީދުކުރި ހުވަފެން އޭގެ ތަޢުބީރާއި ދިމާ އިދިކޮޅަށް

ދުރާލާ ވިސްނުމެއްނެތި އަމިއްލަ ފައިދާއަށްކުރާ ގިނަކަންތައްތަކުން އެކަމުގެ ވޭނާއި ހިތާމައިގައި އަޅުގަނޑުމެން މާޔޫސްވެ ހިތްމަރުވާގޮތް ވަރަށް ގިނަފަހަރުވެއެވެ. އަދި މިކަމުގެ ހިތާމައިގައި ލޮޑުވެ ހިތްމަރުވެފައި ތިބެންޖެހެނީ އެކަންކުރުމުގައި ބައިވެރިވި މީހުންއެކަންޏެއް ނޫނެވެ. ބައެއްފަހަރު މިކަންކަމުގެ އަސަރުތައް އެހެންމީހުންނާއި އަދި އަންނަންއޮތް ޖީލުތަކަށްވެސް ކުރާކަންވަނީ ފާހަގަ ކުރެވިފައެވެ.

މިގޮތުން އަޅުގަނޑު މިފަހަރު މިފާހަގަކޮށްލަނީ މިފަދަ ކަމެއްގެ ވާހަކައެވެ. އާދެ “އިނގުރައިދޫގެ ބަނދަރު” ގެ ވާހަކައެވެ. އަޅުގަނޑުވެސް އެއްބަހެވެ. ރަނގަޅުފެންވަރުގެ ބަނދަރެއް އޮތުމަތީ އެރަށެއް ތަރައްޤީ ވެފައިވާ މިންވަރު އެންމެ ފުރަތަމަ މީހުންނަށް ފެންނަ އެއްކަމެވެ. އަދި އެއީ ރަށުގެ މޫނުމައްޗޭވެސް ބުނެވިދާނެއެވެ. ތިމާމީހާގެ މޫނުމަތި ރީތިކޮށްބެހެއްޓުމަށް ބޭނުންވާ ފަދައިން ރަށުގެ މޫނުމަތިވެސް ރީތިކޮށް ބެހެއްޓުމަށް އެންމެންވެސް ބޭނުންވާނެކަމާއިމެދު މީހަކު ޒުވާބުކުރާނެކަމަކަށް އަޅުގަނޑެއް ޤަބޫލެއްނުކުރަމެވެ. ރަނގަޅު ފެންވަރުގެ ބަނދަރެއް އެރަށެއްގައި އޮތުމަކީ އެރަށެއްގެ މީހުންނާއި އަދި އެކިއެކި ޒަރޫރީ ބޭނުންތަކާއި އަދިއެނޫންވެސް އެހެންބޭނުންތަކުގައި އެރަށަކަށް އަންނަ މެހެމާނުންނަށް ވަރަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެކަމެކެވެ. ކޮންމެރަށެއްގެ ބަޔަކުވެސް ދޯނި ރަށްބޭރުގައި އަޅާފައި “ބޮޑީބިލްޑަރުންގެ” ގޮތުގައި ރަށަށްފައިބާކަށް ބޭނުމެއްނުވާނެއެވެ.

އިނގުރައިދޫގެ ރައްޔިތުންނަކީ ބަނދަރެއްގެ ފޮނިއުއްމީދުގައި ވަރަށް ހިތިތަޖުރިބާތަކެއްވެސް ކޮށްފައިވާ ބައެކެވެ. މިކުރި ތަޖުރިބާގެ ވާހަކަ އަޅުގަނޑުވާނީ މިސައިޓަށް ލިޔެފައިވާ ލިޔުމެއްގައި ހާމަކޮށްފައެވެ. މިއުއްމީދު ހަޤީޤަތަކަށްވުމުގެ ތެރޭގައިވެސް ވަރަށް ގިނަގުނަ ކަންތައްތައްވެސް ހިނގާފައި އެބަހުއްޓެވެ. އޭގެ ތެރޭގައި ވަރަށް އުފަލާއިއެކު އެކުވެރިކަމާއި އެއްބައިވަންތަކަން ފާހަގަކޮށްލަންޖެހެއެެވެ. ރަނގަޅުކަމެއްކުރިއްޔާ އެކުރި ރަނގަޅުކަމެއްވެސް ފާހަގަ ކުރުމަކީ އެންމެ ރަނގަޅު އެއްގޮތްކަމުގައިވާތީވެ އެގޮތުގެ މަތިން އެކަންވެސް ހާމަކޮށްލީއެވެ.

ކޮންމެއަކަސް އިނގުރައިދޫގައި މިހާރު ބަނދަރު ހަދާފައި އެވާ ތަނުގައި ބަނދަރު ހަދާފައި އެވަނީ، ވަރަށްގިނަގުނަ ސަބަބުތަކެއް އޮވެގެންކަން އަޅުގަނޑަށް ހަމަޔަޤީނެވެ. އެގޮތުން އެދުވަސްވަރު ރަށުގައި އޮޑިދޯނިފަހަރު ގެންގުޅޭ މީހުން އެބައިމީހުންގެ ގޭގައި އޮވެގެން ގޭގެ ދޮރުހުޅުވާލާތަނުން ދޯނި ފެންނަން ބޭނުންވެގެން އެތަނުގައި ފަޅުކޮންނަން ނިންމީ ކަމުގައިވުމަކީވެސް ވެދާނެކަމެކެވެ. އަދި މީގެ އިތުރުން އޭރުގައި ރަށުގައި ޒަމާނުންސުރެން އޮންނަ ދެއަވަށުގެ ވާދަވެރިކަން ފާލުންނައްޓާލަފާނެތީވެ މަސްލަޙަތަށް ބަލާފައި ގާތްގަނޑަކަށް ދެއަވަށް މެދަށްވާގޮތަށް ފަޅުކޮނުނީ ކަމުގައިވެސް ވެދާނެއެވެެ. ނުވަތަ ރަށް އުފެދިފައިވާގޮތުން މިނޫންއެހެން ދިމާލަކުން ފަޅުކޮނެވެން ނެތީކަމަށްވެސް ވެދާނެއެވެ. މިފާހަގަ ކޮށްލެވުނު ކަންތައްތަކަކީ ޙަޤީޤަތްކަމުގައިވެސް ވެދާނެއެވެ.

ކޮންމެއަކަސް ފަޅުކޮންނަން ފާހަގަ ޖެހުމާއިއެކު ވަރަށް ހިތްވަރާއި ފޯރީގައި ރަށުގެ އެންމެހާ ރައްޔިތުން ޝާމިލުވާގޮތަށް ވަކިއަވަށަކަށް ނިސްބަތް ނުވާގޮތަށް ހީވެސްނުކުރާހާ އަވަހަށް ބަނދަރުގެ ކަނޑުތޮށި ޖެހިކަން ފާހަގަކުރަމެވެ. އެމަސައްކަތްކުރިއިރު ހީވަނީ އެއްއަޑަކުން “މީމަގޭ އުފަންރަށް އިނގުރައިދޫއޭ” ކިޔާ ރައްޔިތުން އެއްއަޑަކުން ގޮވާ ހެންނެވެ. ކޮންމެއަކަސް މިމަސައްކަތުގައި ރަށުގެ އަވައްޓެރިންވެސް އެބައިމީހުންގެ ފެންވަރުން ވަރަށް އިޚުލާޞްތެރިކަމާއިއެކު ބައިވެރިވިކަންވެސް ފާހަގަ ކުރަމެވެ. އަދި ހަމަ މިކަނޑުތޮށި ޖެހުމަށް ގާއުފުލުމަށްޓަކައި އޮޑިވެރިން އެބައިމީހުންގެ ދޯނިތައް ހަލާކުވިޔަސް ހެޔޮކަމުގައި ގާއުފުލުމުގެ ބޭނުމުގައި ރަށުގެ ތަރައްޤީއަށްޓަކައި ދިންކަން ކޮންމެހެންވެސް ފާހަގަކުރަންޖެހެއެވެ. އެގޮތުން އެކަންވެސް އަޅުގަނޑު މިފާހަގަ ކޮއްލަނީ އުފަލާއެކުގައެވެ.

ކޮންމެއަކަސް ރަށުގެ ފަޅުކޮނުމަށްޓަކައި ރަށުގެ އުތުރުފަރާތުގެ އަތިރިމަތީ މަޑުދޮންވެލި ގަނޑުގައި އެކިވަރުވަރުން ރުކުރުވާލާފައިވާ ދިވެހި ރުއްތަކުގެ ލަޝްކަރު އެއްވެސް ޚިޔާލެއް ފިކުރެއް މާދަމާއަށް ވިސްނާނުލާ، ލޮލުން ކަރުނަ ފޭދިދާ ޙާލުގައި ބިމާހަމަކުރަމުން ދިޔަތަންވެސް ދުށީމެވެ. ފަޅުކޮނުމުގެ ތެރޭގައި ފަޅުންނެގޭ ވެލިރަށުގެ ވަކިސަރަޙައްދަކަށް އަޅާތީވެ އެމައްސަލަ ޖެހި އެކަން ހުޅުފަޅައިގެންގޮސް ހިނގާދިޔަ ކަންތައްތައް އިތުރަށް ހަނދާން އާކުރަން ބޭނުންނުވާތީވެ އެވާހަކަ ލިޔެ އެކަމާއި އަލިއަޅުވާލާކަށް ބޭނުމެއްނޫނެވެ. އެކަންތައްތަކުން ޖިސްމާނީ ގޮތުންނާއި ނަފުސާނީ ގޮތުން ރަށުގެ އެތަށް ޢާއިލާއަކަށް އަސަރުކުރާނެ ކަމާއިމެދުވެސް ޝައްކެއްނެތެވެ. ވިސްނާލަންވީ ކަމަކީ އެފަޅުން އެނެގިފަސްތައް އެޅީކީ އަވައްޓެރި ރަށަކަށް ނޫންކަމެވެ. ހަމަ އަޅުގަނޑުމެންގެ ރަށުގެ ގިރާ ސަރަޙައްދަކަށް ކަމަށެވެ.
ކޮންމެއަކަސް ފަޅުކޮނެ ނިމި ފަޅުގެ ބޭނުންކުރަމުން ދެއެވެ. ނަމަވެސް ރަށުގެ މޫނުމަތިވަނީ ބަލާލަން ނުކެރޭވަރަށް ހުތުރުވެފައެވެ. މިހާރުގެ ގޮތަކަށް ބުނަނީނަމަ ރަށުގެ މޫނުމަތިވަނީީ އަޑިގުޑަންތަކާއި އޮށަޅަތަކުން ފުރިފައެވެ. ރަށުގެ މޫނުމަތި ރީތިކުރަން ކުރެވޭނެ މާބޮޑުކަމެއް އޮތްކަމަކަށް އަޅުގަނޑަކަށް ނުފެނެއެވެ. ފަޅުކޮނެފައިވަނީ ކުރިންވެސް ބުނެފައިވާނެ ފަދައިން ރާއްޖޭގެ ރަށްތަކުން މަދުންނޫނީ ނުފެންނާނެ ފަދަ ރީތި ރުއްތަކުގެ ލަޝްކަރެއް ބިމާއި ހަމަކުރުމަށްފަހުގައެވެ. އަދި އަތިރިމަތިން ރަށުތެރެއިން ބައެއްވެސް ކޮނެގެންނެވެ. އާދެ! ބަދިގެތަކާއި ގިފިލިތަކުގެ ބުޑުންނެވެ. ފަޅުގެ އެއްގަމު ތޮއްޓާއި (ޖެޓީއާއި) ދޭތެރޭގައި ހުންނަނީ ގާތްގަނޑަކަށް 30 ހަކަށްފޫޓެވެ. ޕާރކެއް ހަދާލާނެވަރުވެސް ނެތެވެ. ރަށުތެރެއިން ބައެއްކޮނުމަކީ ރަށުގެ ފެންފަށަލައަށް އަސަރުކުރާނެ ކަމެއްކަން ހަމަޔަޤީނެވެ. އެކަމުގެ އަސަރުތައް އެހިސާބުގަނޑުން މިހާރުވެސް ނުކުރާނެޔެކޭ ބުނާކަށް ނޭނގެއެވެ.

ކޮންމެއަކަސް ގޭގައި އޮވެގެން ދޯނިބަލާލަން ބޭނުންވާ މީހުންގެ ތެރެއިން ގިނަމީހުން މިހާރުއަވަށް ދޫކޮށްފައި ރަށުގެ އެހެން ދިމަދިމާލުގައި ދިރިއުޅެން ފަށައިފިއެވެ. މިހާރު ބަނދަރުއޮތް ހިސާބުއެދަނީ ފަޅުވަމުންނެވެ. ރަށުގެ އާބާދީގެ ބޮޑުބައެއް ދުވަސްކޮޅަކުން އުޅޭނީ ބަނދަރާއި ވަރަށް ދުރުގައެވެ. މިހާރު އެންމެންވެސް ރަށުތެރެ ހޫނުގަދަ ވާހަކަދައްކާއުޅެއެވެ. އެއްކަލަ ރުއްތަކުން ފިނިވައިލިބޭ އަތިރިމަތީގެ ވާހަކަދައްކާ އުޅެއެވެ. ނަމަވެސް އެއަތިރިމަތިން އެލިބުނު އުފަލުން ދެވަނަފަހަރަށް އަޅުގަނޑުމެންގެ މުނިޔަވަސްފިލުވޭނެތޯއެވެ. ނޫނެކެވެ. އެކަމެއްދެނެއްނުވާނެއެވެ. އާދެ! ގޭގައި އޮވެގެން އޮޑިބަލާލަން ކުރި އުއްމީދު އެހެންގޮތަކަށް ބަދަލުވެއްޖެއެވެ. އާދެ! އެހެންވީމާ އުއްމީދުކުރި ހުވަފެން އޭގެ ތަޢުބީރާއި ދިމާ އިދިކޮޅަށް ބަދަލުވެއްޖެއޭ ނުބުނެވޭނެތޯއެވެ. މިއީ މިކަމުގައި އަޅުގަނޑު ދެކޭގޮތެވެ.

ލިޔުން: ސުލައިމާނު ވަޖުދީ

މުރާސިލް ހޯމްޕޭޖް އަށާއި ފީޗަރޑް ބަޔަށް ލިޔުން އެރުވުމުގައި ކިޔުންތެރިން ލިޔުމަށް ދޭ ތަރުހީބަށް ބެލޭނެ އެވެ.

Posted on 2009-09-12 14:17:36 | Report this Comment
ތަކުރު:

ވަރަށް ކިޔާހިތުން ކިޔާލެވިއްޖެ.

ނަން:

ވެބްސައިޓް:

ހިޔާލު:

  • - ލިޔުންތަކަށް ހުށަހެޅޭ ކޮމެންޓް ތައް ޝާއިއު ކުރާނީ ލިޔުންތެރިޔާ އެވެ.
  • - މި ގޮޅީގައި ލިޔުއްވާއިރު ކޮމްޕިއުޓަރގެ ރީޖަނަލް / ލެންގުއޭޖް ސެޓިންގްސް އިން ދިވެހި އިޙްތިޔާރު ކުރައްވާކަށް ނުޖެހޭނެ.
  • - އާއްމުކޮށް ބަލައިގަނެވޭ އަޙްލާގީ މިންގަޑަށް ނުފެތޭ ލިޔުންތައް ޝާއިއު އެއް ނުކުރެވޭނެ ވާހަކަ ދަންނަވަން.