.jpg)
މިއަހަރުގެ ރައްޔިތުންގެ މަޖްލީހުގެ ފުރަތަމަ ދަޢުރު ނިމިގެން ގޮސްފިއެވެ. މަޖްލީހުގައި ތިއްބަވާ ކޮންމެ މެންބަރަކަށް މަހަކު 62،000ރފ އެއްގެ މުސާރައެއް ލިބެއެވެ. އެއީ އެހެން ކަމުން މަހެއްގެ މައްޗައް 4774000ރފ، މިމީހުންގެ މުސާރައަށް ހަރަދުވެއެވެ. ދެން 3 މަހަށް ހިސާބު ހަދާލީމާ، 1432200 ރފ ހަރަދު ވަނީ ވެފައެވެ. މިއަދަދު މިއަށް ވުރެން އިތުރު ވާނޭ ކަން ކަށަވަރެވެ. އެއީ އެބޭފުޅުންގެ މުސާރަ އެކަނި ކަމަށްވާތީއެވެ. އެހެނިހެން އިނާޔަތްތަކާއި ލައިގެން މިއަށް ވުރެ ބޮޑު އަދަދެއް އެބޭފުޅުންނަށް ލިބިވަޑައިގަންނަވާނެވެ.
މިހާރު ބޮޑު ހަރަދެއް ދަޢުލަތުގެ މާލިއްޔާއިން މިބޭފުޅުންނަށް ހަރަދު ވެފައިވާ އިރު ވޭތުވެ ދިޔަ 3 މަސްދުވަހުގެ ތެރޭގައި ރައްޔިތުންގެ ފައިދާއަށް ކޮށްފައިވަނީ ކޮން ކަމެއް ބާވައެވެ. ވޭތުވެ ދިޔަ 3 މަސްދުވަސް ހޭދަކޮށްފައިވަނީ، ބޮޑު ދެގެރި ކޯޅުމުގައެވެ. ވެރިކަން ކުރާ އެމްޑިޕީ އާއި ޑީއާރުޕީ ޒުވާބު ކުރުމުގައެވެ.
އަޅުގަނޑު ހިތައް އަރަނީ، މިހާ ގިނަފައިސާ ކޮންމެ މަހަކު ބަނޑުއަޅާލައިގެން، މިބޭފުޅުން އުޅުއްވާއިރު ހަމަ ލަދުވެސް ނުގަންނަނީތޯއެވެ. ދެން އެބޭފުޅުން ވިދާޅުވަނީ ސަރުކާރަށް ލިބޭ ޢާމްދަނީގެ ތެރެއިން 5 ބިލިޔަން ރުފިޔާ ހަރަދުވެގެން ދަނީ ސިވިލް ސާވިސްގެ މުޢައްޒަފުންނަށް މުސާރަ ދިނުމަށް ކަމަށެވެ. މިއީ މުޅިންވެސް ކުށްހީއެވެ. ރައްޔިތުންގެ މަޖްލީސް، ކޯޓުތައް، އަދި މިނޫން އެހެނިހެން މުޢައްސަސާ ތަކުގައި މަސައްކަތް ކުރަމުންދާ މީހުންގެ މުސާރަވެސް ދެއްވަނީ ހަމަ މިފައިސާއިންނެވެ. ދައްކާ ވާހަކަ ރީއްޗެއް ނޫންހެއްޔެވެ.
މަޖްލީހުގެ ތެރޭގައި، 3 މަސްދުވަސްވީއިރު، ރައްޔިތުންނަށް ފައިދާ ހުރި ކަމެއް ފާހެއް ނުކުރެވުނެވެ. ރައްޔިތުންނަށް ފައިދާ ވާކަހަލަ އެއްވެސް ބިލެއްވެސް ހުށައެއް ނާޅައެވެ. އެއްދުވަހަކު، އޫރުމަހުން، ޑިއުޓީ ބޮޑުކުރާ ބިލް، ބޮޑު ނުކުރާ ގޮތައް ނިންމެވީ، ދިވެހިރާއްޖޭގައި އޫރުމަސް އެންމެ ގިނައިން އަދި އެންމެ ފުޅާދާއިރާއެއްގައި ވިއްކަމުން އަންނަ ބޭފުޅާއެވެ. އާދެ ބުރުމާ ގާސިމްއެވެ. ޑިއުޓީ ބޮޑު ނުކުރާގޮތައް ނިންމެވީ އެމަނިކުފާނުގެ ވޯޓަކުންނެވެ.
އެންމެ ފޯރިޔާއެކު 3 މަސްދުވަސް ވަންދެން ބަހުސް ކުރެއްވީ ކުރީގެ ރައީސުލް ޖުމްހޫރިއްޔާ މަޢުމޫން އަބްދުލް ޤައްޔޫމްގެ ވާހަކަތަކެވެ. ދެން އެއްބައި މެންބަރުން އެކަކު އަނެކަކުގެ ވާހަކަ ދެއްކުމާއި، ބޭކާރު ގޮތުގައި ނިޒާމީ ނުކުތާ ނެގުން ފަދަ ކަންތައް ހުރިހާ ބޭފުޅުންގެ ވެސް ކުރީ ރައްޔިތުންގެ ހައްޤުޤައޭ ކިޔައިގެންނެވެ. މަޖްލީހުގެ ފުރަތަމަ 3 މަސްދުވަސް، ބޮޑަށް ވައްތަރީ މިސްޓަރ ބީންގެ ފިލްމަކާއެވެ. ނަމަވެސް 14 މިލިޔަން ރުފިޔާ ހޭދަކޮށްލައިގެން ޢިއްޒަތްތެރި މެންބަރުން ހެވިދިވިފައި އެތިއްބަވަނީއެވެ. ހުރިހާވެސް އުނދަގުލެއް ރައްޔިތުންނަށެވެ.
Posted on 2009-09-06 13:30:26 |
Report this Comment
Posted on 2009-09-07 11:09:20 |
Report this Comment