ކޮންމެ އަހަރެއްގެވެސް ޖުލައި މަހުގެ 26 ވަނަ ދުވަހަކީ މީލާދީ ގޮތުން އަޅުގަނޑުމެންގެ މިލޮބުވެތި ވަޠަންގެ މިނިވަންދުވަހެވެ. އިނގިރޭސީންގެ ބާރުގެ ދަށުގައި އޮތުމަށްފަހު ހަމަނޭވާއެއްލެވި މުސްތަޤިއްލު ޤައުމެއްގެ ގޮތުގައި އޮތުމުގެ ބާރު ލިބުނުދުވަހެވެ. ބައެއްގެ ވަރުގަދަ ތޫނު ވަކިތަކެއްގެ ދަށުން ﷲ ސުބުޙާނަހޫ ވަތަޢާލާ މިކުޑަކުޑަ ދިވެހިރާއްޖެ މިންޖު ކުރެއްވި ދުވަހެވެ.
މިއަހަރަކީ ދިވެހިރާއްޖެއަށް މިނިވަންކަން ލިބުނުތާ 44 އަހަރުވީ އަހަރެވެ. އަލްމަރްޙޫމް އިބްރާހީމް ނާޞިރު ރަންނަ ބަނޑޭރި ކިލެގެފާނު ސިލޯނުގެ ވެރިރަށް ކޮޅުބުގައި ޤަލަމު ތުނޑުން ކަރުދާހެއްގައި ކޮއްލެއްވި ސޮޔަކީ މިޤައުމަށް މިނިވަންކަމުގެ ފޮނިރަޙަ ލިބުނު ދުވަހެވެ. އާދެ އެއީ މީލާދިން 1965 ވަނަ އަހަރުގެ ޖުލައި މަހުގެ 26 ވަނަ ދުވެހެވެ.
ރާއްޖޭގެ ތާރީޚަށް ނަޡަރު ހިންގާލާއިރު ރާއްޖޭގެ މިނިވަންކަން ކޮންމެ ފަހަރަކުހެން ގެއްލިގެން ގޮސްފައިވަނީ ދިވެހި ޚާއިނުންތަކެއްގެ ސަބަބުންނެވެ. ލިބޭނޭ ޤަދަރަކާއި ޝަރަފަކަށްޓަކައި ތިމާ އުފަންވި ފަސްގަނޑު އެހެން ބަޔަކަށް ޤުރުބާން ކުރެވެނީއެވެ. މިއީ ހިތާމަ ހުރިކަމެކެވެ.
މިގޮތުގެ މަތިން ބަލާލާއިރު މިޤައުމަށް އަތްގަދަ ކޮށްގެން 17 އަހަރު ވަންދެން ޕޯރޗުގީޒުން އުޅުނެވެ. އެއީ މީލާދީން 1558 ވަނަ އަހަރުގައެވެ. އެއަށްފަހު ރާއްޖެއިން މިނިވަންކަން ނަގާލީ ހޮޅިންނެވެ. އެއީ މީލާދީން 1753 ވަނަ އަހަރުގައެވެ. އިނގިރޭސީންގެ އަތްދަށަށް މިޤައުމު ދިޔައީ މީލާދީން 1887 ވަނަ އަހަރުގައެވެ. މިގޮތުން އިނގިރޭސީންގެ އަޅުވެތި ކަމުގެ ދަށުގައި މިދިވެހި ފަސްގަނޑު 78 އަހަރު ވަންދެން ދެމިއޮތެވެ. އަދި މީގެ އިތުރަށް 1988ގެ ނޮވެމްބަރު މަހުގެ ތިންވަނަ ދުވަހު މިޤައުމުގެ މިނިވަންކަން ގެއްލިގެން ނުދިޔައީވެސް ހަމަ ކިރިޔާކަން މިފުރުޞަތުގައި ފާހަގަ ކޮއްލަމެވެ.
އަޅުގަނޑުގެ ދުޢާއަކީ ﷲ ޞުބުޙާނަހޫ ވަތަޢާލާ މިލޮބުވެތި ވަޠަން މިނިވަންކަންމަތީ ސައްތައިން ސައްތަ މުސްލިމް ޤައުމެއްގެ ގޮތުގައި ތާއަބަދު ލެހެއްޓެވުމެވެ. -އާމީން-
Posted on 2009-07-26 17:32:44 |
Report this Comment
Posted on 2009-07-26 17:44:21 |
Report this Comment