އެނގިވަޑައިގަންނަވާނޭ ފަދައިން އިންޓަރނެޓްގައިވާ އެތަކެއްހާސް ވެބްސައިޓްތަކުގެ ތެރެއިން ހަމަ ކޮންމެ ވެބްސައިޓަކީވެސް ކޮންމެވެސް ސިފައެއްގައި އިޝްތިހާރު އެކުލެވިފައިވާ ވެބްސައިޓެކެވެ. ސަބަބަކަށް ވަނީ އެފަދަ އިޝްތިހާރުތަކުން ވެބްސައިޓް ހިންގަވާ ފަރާތްތަކަށް ފަސޭހަކަމާއިއެކު އާމްދަނީ ލިބޭތީއެވެ.
ކަންމިހެން އޮތްކަމުގައިވިޔަސް އިންޓަރނެޓްގެ ސަފްޙާތަކުގައި ހުންނަ މިފަދަ އިޝްތިހާރުތައް ވެފައިއޮންނަނީ އިންޓަނެޓް ބޭނުންކުރާ ގިނަބައެއްގެ ބޮލުގައި ރިހުމަކަށެވެ. ބައެއް އިންޓަރނެޓްގެ ސަފްޙާތައް ހުޅުވައިލުމާއެކު. މިލިއަން ޑޮލަރުން އިނާމުތައް ލިބިއްޖެކަމަށް ބުނާ ތަހުނިޔާގެ 'ޕޮޕް އަޕް' މެސެޖުތަކުގެ އިތުރުން އިޝްތިހާރުގެ ދެތިން 'ބްރައުޒާ ވިންޑޯ' ހުޅުވޭފަހަރު މަދެއްނޫނެވެ. އޭގެ އިތުރުން، މިފަދަ އިޝްތިހާރުތަކުގެ ސަބަބުން އިންޓަރނެޓް ސަފްޙާތައް ހުޅުވުމަށް އެތައްވަގުތެއް ހޭދަވާއިރު 'ބޭންޑްވިޑްތް' އިން ބޮޑުބައެއް ކާލައެވެ.
ކޮންމެއަކަސް މި 'ބޮލުގައިރިހުމަށް' އޮތް އެންމެމޮޅު އެއްބޭހަކީ 'އެޑްބްލޮކް ޕްލަސް' އެވެ. 'އެޑްބްލޮކް ޕްލަސް' އަކީ މޮޒިއްލާގެ ވެބް ބްރައުޒާ ފަޔަރފޮކްސްއަށް ޚާއްސަކޮއްގެން އުފައްދާފައިވާ 'އެކްސްޓެންޝަނެ'ކެވެ. މި 'އެކްސްޓެންޝަން' ފަޔަރފޮކްސް އާއި ގުޅައިލުމުން އިންޓަރނެޓް ސަފްޙާތަކުގައި ހުންނަ އިޝްތިހާރުތައް 'ބްލޮކް'ކޮއްލައި، ސަފްޙާތައް ހުޅުވޭއިރު އިޝްތިހާރުތައް 'ލޯޑްވުން' ހުއްޓުވާލައެވެ. ނަތީޖާއެއްގެގޮތުން ބޭކާރު އިޝްތިހާރުތަކުގެ އުނދަގުލުން ސަލާމަތްވުމުގެ އިތުރުން ސަފްޙާތައް ހުޅުވޭލެއް އަވަސްވެއެވެ. މީގެއިތުރުން 'އެޑްބްލޮކް ޕްލަސް'ގެ 'ސެޓިންގސް' ގެ އެހީގައި ވަކިވަކި ވެބްސައިޓްތަކާއި، ބޭނުންވާ ވަކި ވެބްސައިޓެއްގެ އިޝްތިހާރުތައްވެސް ފަސޭހަކަމާއިއެކު 'ބްލޮކް'ކޮއްލެއްވިދާނެއެވެ.
'އެޑްބްލޮކް ޕްލަސް' ސަޕޯރޓްކުރާނީ ފަޔަރފޮކްސްގެ 3.0.12 އިން މަތީގެ ޢަދަދުތަކަށެވެ. އެންމެ ފަހުން ނިކުމެފައިވާ 'އެޑްބްލޮކް ޕްލަސް'ގެ ޢަދަދަކީ 1.1.3 އެވެ. ފަޔަރފޮކްސްގެ އިތުރުން މި 'އެކްސްޓެންޝަން' ސަޕޯރޓްކުރާ ސޮފްޓްވެއަރތަކުގެ ތެރޭގައި ފަޔަރފޮކްސްގެ މޯބައިލްއަށް ޚާއްސަ ޢަދަދު 'ފެނެކް'، 'ތަންޑަރބާޑް'، 'ސީ މަންކީ' އަދި 'ސޯންގްބާޑް' ހިމެނެއެވެ.
މި 'އެކްސްޓެންޝަން' ބޭނުންކުރައްވަން ބޭނުންފުޅުނަމަ މޮޒިއްލާގެ އުފެއްދުންތަކުގެ 'އެޑް އޮންސް' ތަކާއި 'އެކްސްޓެންޝަން'ތަކަށް ޚާއްސަ ވެބްސައިޓުން (https://addons.mozilla.org/en-US/firefox/addon/1865) 'އެޑްބްލޮކް ޕްލަސް' ހޯއްދަވައި އިންސްޓޯލްކުރައްވާށެވެ. އެއަށްފަހު ފަޔަރފޮކްސް 'ރީ ސްޓާޓް' ކުރެއްވުމުން، 'އެޑްބްލޮކް ޕްލަސްް' އިން ކަޑައަޅާފައިވާ ފިލްޓަރ ލިސްޓްތަކެއް ހިމެނޭ 'ވިންޑޯ'އެއް ފެނިވަޑައިގަންނަވާނެއެވެ. އެތަނުން ބޭނުން ލިސްޓެއް ނުވަތަ ލިސްޓްތަކެއް ފާހަގަކުރެއްވުމަށްފަހު 'ސަބްސްކްރައިބް' އަށް ފިއްތަވާށެވެ.އަޅުގަޑު ބެލިބެލުމުން އެންމެރަނގަޅު ލިސްޓްކަމަށް އެނގިފައިވަނީ (EasyList (USA އެވެ.
ބޭނުންފުޅުވާ ވަކި ވެބްސައިޓަކުން، މިސާލަކަށް ފޭސްބުކުން އިޝްތިހާރުތައް 'ބްލޮކް' ކުރެއްވުމަށް ފަޔަރފޮކްސްގެ 'ޓޫލްސް' މެނޫއިން 'އެޑްބްލޮކް ޕްލަސް ޕްރެފަރެންސް' ނެންގެވުމަށްފަހު 'ފިލްޓަރ' އަށް ފިއްތަވާލެއްވުމުން ފެނިވަޑައިގަންނަވާ ގޮޅިއަށް، (ފިލްޓަރ ބޮކްސް އަށް)
facebook.com#*(social_ad)
އަދި
facebook.com#*(social_ad_advert)
މިދެ 'ފިލްޓަރ' ވަކިވަކިން 'އެންޓަރ'ކުރެއްވުމަށްފަހު 'އޯކޭ' އަށް ލައްވަވާށެވެ. މިހާރު ފޭސްބުކްގެ ސަފްޙާތައް ހުޅުވައިލެއްވުމުން ކަނާޔްފަރާތު އަރިމަތިން ޢާންމުކޮށް ފެނިލައްވާ އިޝްތިހާރުތަކާއި އެނޫންވެސް އެފަދަ އިޝްތިހާރުތަކެއް ފެނިއެއްނުލައްވާނެއެވެ.
މިފަދަ 'އެކްސްޓެންޝަން'ތަކުގެ ސަބަބުން އިންޠަރނެޓް ބޭނުންކުރުމުގައި ވަގުތުސަލާމަތްކޮއްދީ، އިންޓަރނެޓަށް ކުރާހޭދަ ބޭކާރުވެގެން ދިޔަނުދިނުމަށް އެހީތެރިވެދެއެވެ. ޙާއްސަކޮށް 'ލިމިޓެޑް ބޭންޑްވިޑްތް' ހިމެނޭ އިންޓަރނެޓް ޕެކޭޖްތައް ބޭނުންކުރައްވާ ފަރާތްތަކަށެވެ. ވުމާއެކު މި މަޢުލޫމާތުކޮޅަކީވެސް ތިޔަބޭފުޅުންނަށް ބޭނުންތެރި މަޢުލޫމާތުކޮޅަކަށް ވާނެކަމުގެ އުންމީދުގައި ޙިއްސާކޮށްލަމުން މިފަދަ އެހެން ލިޔުމަކާއިއެކު ބައްދަލުކޮއްލުމުގެ އުންމީދުގައި ވަކިވެލަމެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް:
ލިޔުމުގައި ފޭސްބުކް އިޝްތިހާރުތައް ބްލޮކްކުރުމަށް އެވާ ދެ ފިލްޓަރގެ ވެސް ފެށޭތަނުގައި އެވާ ފަޅި ބްރެކެޓަކީ ނިމޭތަނުގައި އޮންނަންވީ ބްރެކެޓެކެވެ. ( މިއީ، މުރާސިލްގައި ލިޔުންތައް ލިޔުމަށް ހިމަނާފައިވާ ޓެކްސްޓް އެޑިޓަރ އަކީ ތާނަލިޔުމުގެ އުސޫލުތަކަށް ޙާއްސަކޮށްގެން ފަރުމާކުރެވިފައިވާ ޓެކްސްޓް އެޑިޓަރ އަކަށް ވުމާއެކު އިނގިރޭސިބަހުން ހުސްތަންކޮޅެއްނުދީ ލިޔުމުގައި އެގޮތަށް ބްރެކެޓް ބޭނުންކުރުމުން ވެފައިވާގޮތެއްކަމުގައި ބެލެވެއެވެ. ނަމަވެސް، އެ ފިލްޓަރ ބޭނުންކުރައްވާނަމަ ލިޔުއްވަންޖެހިލައްވާނީ ހުސްތަންކޮޅެއް ނުދީ ކަމަށްވާތީ، ލިޔުމުގައިވެސް އެގޮތަށް ހިމަނައިލީ އެވެ.) ވީމާ، މިކަމަށް އެންމެހައި ކިޔުންތެރިންގެ ފަރާތުން މަޢާފަށް އެދެމުން މިވާހަކަ ސަމާލުކަމަށްޓަކައި ބުނެލީމެވެ.
Posted on 2010-03-21 10:18:25 |
Report this Comment
Posted on 2010-03-23 02:30:09 |
Report this Comment