
މީގެ 25 އަހަރު ކުރިން 1985 މާރޗް މަހުގެ 15 ވަނަ ދުވަހު ކެމްބްރިޖް ގެ މަސަޗޫސެޓްސް ގެ ކޮމްޕިއުޓަރ ތަށް ތާރީހްގެ ތެރެއަރަށް ވަދެގެން ގޮސްފައިވަނީ އިންޓަނެޓް އެޑްރެސްގެ ފަހަތަށް ޑޮޓްކޮމް ބޭނުންކުރި ފުރަތަމަ ފަހަރު ގޮތުގައެވެ. ހަމަ އެ އަހަރުގެ ތެރޭގައި އިތުރު ފަސް ކުންފުންޏަކުން މަޑު ދުވެއްޔެއްގައި ދަތުރު ކުރާ މިބޯޓަށް ވަނީ އަރާފައެވެ. ދުވެލި ހަލުވިވެ ކުއްލިއަކަށް އިންޓަނެޓް މަޤްބޫލުކަން އިތުރުވެ އެއް މިލިއަން ވަނަ ޑޮޓްކޮމް އެޑްރެސް ރެޖިސްޓަރ ކޮށްފައިވަނީ 1997 ވަނަ އަހަރު އެވެ.
އަށްޑިހައިގެ އަހަރުތަކުގެ ފަހުކޮޅުގައާއި 90 ގެ ކުރީކޮޅުގައި ޑޮޓްކޮމް އަކީ ކޮބައިކަން އިންގެނީ ވަރަށް މަދު ބަޔަކަށެވެ. ތަޖްރިބާކާރުން ދެކޭގޮތުގައި ނެޓްސްކޭޕްގެ މޮސައިކް ވެބް ބްރައުސަރ ވުޖޫދަށް އައުމާއި ގުޅިގެން އާއްމުކޮށް އިންޓަނެޓް އަދި ޑޮމައިންނޭމް ތައާރަފް ވާންފެށިއެވެ.މީގެ 25 އަހަރު ކުރިން ޑޮމައިންނޭމް ފުރަތަމަ ތައާރަފް ވެގެން އައި އިރު އިންޓަނެޓް މިހާ ބޮޑަށް އާއްމުވެގެން ދާނެ ކަމަށް ގަބޫލް ކުރެވޭނެ ހަމަ އެކަކުވެސް ނުވެއެވެ. ނަމަވެސް މިހާރުގެ ތަފާސް ހިސާބުތައް ދައްކާގޮތުން މަހެއްގެ މައްޗައް 668،000 ޑޮޓްކޮމް ވެބްސައިޓް ރަޖިސްޓަރ ކުރެވެމުންދާކަމަށް ޑޮމައިން ނޭމް ރަޖިސްޓަރ ކުރުމުގެ ޒިންމާ ހަވާލުވެފައިވާ ވެރިސައިން އިން ބުނެއެވެ.
މިހާރު ވިޔަފާރި ކުރުމަށާއި، ރަހުމަތްތެރިންނާއި ބައްދަލުކުރުމަށް، މުނިފޫހި ފިލުވުމަށާއި، ކިޔެވުމާއި ދިރާސާކުރުމަށް އަދި ހިދުމަތްތަކަށް އެދުމަށާއި ޗުއްޓީއަށް ހޮޓެލް އަދި ފްލައިޓް ބުކިންގް ހެދުމަށާއި، އައު ކަންތައްތައް ދަސްކުރުމަށް އަދި ހިޔާލުބަދަލު ކުރުމަށް ޒިޔާރަތް ކުރަނީ ކޮންމެވެސް ޑޮޓްކޮމް ވެބްސައިޓް އަކަށެވެ. މީގެ 10 ވަރަކަށް އަހަރު ކުރިން ޑޮޓްކޮމް އާއި ދިރިއުޅުމާއި މާބޮޑު ގުޅުވުމެއް ނެތަސް އެންމެ ރަނގަޅެވެ. ނަމަވެސް މިހާރު ޑޮޓްކޮމް ގެ ސަބަބުން އަހަރަމެންގެ ދިރިއުޅުން މިވަނީ އެތައް ގޮތަކަށް މުއްސަންދި ކޮށްދީފައެވެ. އެހެން ކަމުން އެންމެ ދުވަހެއްވެސް ދުރުގައި ހުރެލައިފިނަމަ އެހެން މީހުންނަށް ވުރެއް އެތައް ގުނައެއް ފަހަތަށް އަހަރަމެން ޖެހިލާނެ އެވެ.
ދުނިޔޭގެ އާބާދީގެ ހަތަރު ބައިކޮށްފައި އެއްބައި ނުވަތަ ގާތަގަނޑަކަށް 1.7 ބިލިއަން މީހުން ކޮންމެ ދުވަހަކު އިންޓަނެޓް ބޭނުންކުރެއެވެ. ކުރިއަށް އޮތްތާންގައި މިއަދަދު އިންތިހާއަށް މަތިވާނެ ކަމުގައި ތަޖްރިބާކާރުން ގަބޫލް ކުރެއެވެ. އަހަރަމެން އިންޓަނެޓް ބޭނުން ކުރާގޮތް ވަރަށް ބޮޑަށް ބަދަލުވެގެން ދާނެ ކަމުގައިވެސް ތަޖްރިބާކާރުން ލަފާކުރެއެވެ. ގާތްގަނޑަކަށް ދުވާލެއްގެ މައްޗައް 53 ބިލިއަން ވެބްސައިޓް ރިކުއެސްޓް ލިބޭ ކަމަށް ވެރިސައިން ގެ ތަފާސްހިސާބުތައް ދައްކަ އެވެ. މި އަދަކީ މުޅި 1995 ވަނަ އަހަރުގެ ރިކްއެސްޓް އާއި އެއްވަރު އަދަދެކެވެ. ވެރިސައިން އިން އަންދާސާ ކުރާ ގޮތުގައި 2020 އާއި ހަމަ އަށް ދާއިރު ގާތްގަނޑަކަށް ތިނެއް ނުވަތަ ހަތަރު ކުއަޑްރިލިއަން (1 ކުއަޑްރިލިއަން އަކީ 1000 ބިލިއަން) ރިކުއެސްޓް ދުވާލެއްގެ މައްޗައް ޕްރޮސެސް ކުރެވޭނެ އެވެ.