
ތަރުޖަމާ ކުރުމަށް ކުޅަދާނައީ އިންސާނުންބާ ނުވަތަ ކޮމްޕިއުޓަރުބާ ؟
އިންޓަނެޓްގެ އެންމެ ބޮޑު އެއް ވައުދަކީ އެންމެ ފުރިހަމަ ޑިމޮކްރޮސީ އަށް ވުމެވެ. އެންމެނަށްވެސް ހުޅުވިފައިވާ، އެއްބަޔަކު އަނެއްބަޔަކު މުއާމަލާތު ކުރެވޭނެ މައުހައުލެއް ކަމުގައި ވުމެވެ. އެހެން ނަމަވެސް މި ވައުދު ފުރިހަމަ ކުރުމަށް ހުރަސްތަކެއް އެބަހުއްޓެވެ. ދުނިޔޭގެ އެންމެނަށް ބްރޯޑްބޭންޑް އިންޓަނެޓް ހިދުމަތެއް އަދި ލިބޭކަށެއް ނެތެވެ. ހަމަ އެހެންމެ ބައެއް ސަރުކާރުތަކުން އިންޓަނެޓް ވަރަށް ހަރުކޮށިކޮށް ސެންސަރުކުރަމުންވެސް އެބަގެންދެއެވެ. މީގެ އިތުރުން އެންމެ ބޮޑު ހުރަހަކީ އެކި މީހުން މުއާމަލާތު ކުރަނީ އެކި ބަސްބަހުން ކަމުގައި ވުމެވެ.
ފުރިހަމަ ބައިނަލްއަގްވާމީ މުއާސަލާތީ ވަސީލަތަކަށް އިންޓަނެޓް ހެދުމަށް ހިންދީ ބަހުންވާހަކަދައްކާ މީހަކަށް ހުރަހެއް އަދި ދައްޗެއް ނެތި ހަމަ އެކަނި ފަރެންސޭސީ ބަހުން ވާހަކަ ދައްކާ މީހަކާ މުއާމަލާތު ކުރެވެން ޖެހެއެވެ. ހަމަ އެހެންމެ ދިވެހި ނުދަންނަ މީހަކު މުރާސިލް ފަދަ ދިވެހި ބަހުން ހުންނަ ވެބްސައިޓް ތަކުގައިވާ ލިޔުންތައް ކިޔާލެވެން ވާނެ ނޫންތޯ އެވެ.
ފޭސްބުކް އަދި ގޫގުލް އިން އިންޓަނެޓް ތަރުޖަމާ ކުރުމަށް އިންތިހާ ގިނަ މަސައްކަތް ތަކެއް ކުރަމުން އެބަގެންދެއެވެ. އެހެންނަމަވެސް މިކަންތައް ހާސިލް ކުރުމަށް މިދެ ކުންފުނިން މިސްރާބު ޖަހާފައިވަނީ ތަފާތު ދެ ރާސްތާއަކުންނެވެ. ފޭސްބުކް އިން ތަރުޖަމާ ކުރަނީ ހިލޭސާބަހަށް މަސައްކަތް ކުރާ މީހުންނާއި ތަރުޖަމާ ކުރުމުގެ ތަޖްރިބާކާރުންގެ އެހީގައެވެ. މިއާ ހިލާފަށް ގޫގުލް އިން މި މަސައްކަތް ހަވާލުކޮށްފައިވަނީ ކޮމްޕިއުޓަރ ތަކާއެވެ. ތަރުޖަމާ ކުރުމަށް ކުޅަދާނައީ އިންސާނުންތޯ ނުވަތަ ކޮމްޕިއުޓަރުތައްތޯ މާ ދުރުނޫން މުސްތަގްބަލެއްގައި އިންގިގެންދާނެއެވެ.
ގިނަ ބަޔަކު ގަބޫލު ކުރާގޮތުގައި ތަރުޖަމާ ކުރުމުގައި އިންސާނުން ބޭނުންކޮށްގެން ފޭސްބުކް އިން ކުރަމުންގެންދާ މަސައްކަތަކީ ކާމިޔާބުވެދާނެ މަސަތްކަތެކެވެ. ކަށަވަރުވާ ކަމަކީ އެމެރިކާއަށް އުފަން ސޯސަލް ނެޓްވޯރކިންގް ވެބްސައިޓް ފޭސްބުކް އިން އިގިރޭސި ނޫން އެހެން ބަހަކުން ހިދުމަތް ދޭން ފަށާފައިވަނީ 2008 ވަނަ އަހަރު ޖަނުއަރީގައެވެ. އެކަމަކު މިހާރު ފޭސްބުކް ގެ 300 މިލިއަން އާބާދީގެ 70 އިންސައްތަ މީހުން ދިރި އުޅެނީ އެމެރިކާއިން ބޭރުގައެވެ. މިއީ ފޭސްބުކް ލެންގުއޭޖްގެ ސަބަބުންކަން ތަފާސްހިސާބުތަކުން ދޭހަވެއެވެ. މިހާރު ފޭސްބުކް ގައި 65 ބަހަށް ވުރެއް ގިނަ ބަސް ބޭނުން ކުރެވެއެވެ. އަދި ފޭސްބުކް ހިންގުންތެރިން ހާމަކުރާގޮތުގައި އިތުރު 30 ބަހެއް ތަރުޖަމާ ކުރުމުގެ މަސަައްކަތް މިހާރުވެސް ކުރެވެމުން އެބަދެއެވެ. ފޭސްބުކް ކަނެކްޓް އަދި ފޭސްބުކް އިން ހަދާފައިވާ ގެޖެޓް އެއްގެ އެހީގައި މިހާރު އެހެން ވެބްސައިޓް ތަކުގައިވެސް ފޭސްބުކް އިން ފައްކާކުރަމުންދާ ތަރަޖަމާގެ ހިދުމަތް ބޭނުން ކުރެވޭނެއެވެ.
ހިސާބު ފޯމިއުލާތަކާއި އަލްގޮރިދަމްތަކުގެ އެހީގައި ގޫގުލް އިން މަސައްކަތް ކުރަނީވެސް ހަމަ
އިންޓަނެޓްގެ ލިޔުންތަކާއި ތަކެތި ކޮންމެ ބަހަކުން ވާހަކަ ދައްކާ އުޅޭ މީހަކަށްވެސް ކިޔާލެވޭނެ ފަދައިން ހެދުމަށެވެ. ގޫގުލް ގެ މިޝަންގައިވެސް ވަނީ ދުނިޔޭގެ މައުލޫމާތުތަށް ފަސޭހައިން އެންމެނަށް ލިބޭނެ ގޮތް ހެދުން މިހެންނެވެ. ގޫގުލްއިން ތަރުޖަމާ ކުރުމަށް ތައްޔާރު ކޮށްފައިވާ ކޮމްޕިއުޓަރ ތައް މަސައްކަތް ކުރާގޮތަކީ އިންޓަނެޓްގައިވާ ލިޔުންތަކާއި ކުރިން ތަޖުރިބާ ކާރުން ތަރުޖަމާކޮށްފައިވާ ލިޔުންތަކައި އަޅުވާ ކިއުމަށްފަހު އެތަކެތި ދަސް ކުރަނީ އެވެ. މިގޮތުން މިހާރު ލިޔުންތަކާއި، ސާރޗް ނަތީޖާގެ އިތުރުން މުޅި ވެބްސައިޓް އެކީގައި ތަރުޖަމާ ކުރުމުގެ ގާބިލްކަން ގޫގުލް ކޮމްޕިއުޓަރ ތައް ވަނީ ހޯދާފައެވެ. ހިލޭ ތަރުޖަމާ ކުރުމުގެ އެންމެ ބޮޑު އޮންލައިން ހިދުމަތް ކަމުގައިވާ ގޫގުލް އިން މިހާރު 51 ބަސް އަދި 2500 ޑައިލެކްޓް އަށް ތަރުޖަމާ ކުރެވެއެވެ. އަދި ސައިޓް ގެ އިންޓަފޭސް 130 ބަހުން މިހާރު ގެނެސް ދެއެވެ. ގޫގުލްގެ ވިޖެޓް އެއްގެ އެހީގައި ވެބްސައިޓް ތަކުގެ ތަރުޖަމާ އާއްމުކޮށް ލިބެން ހުންނާނެ ގޮތަށް ވެބްމާސްޓަރުންނަށް ހަދާލެވޭނެ އެވެ. އަދި މިހާރު ގޫގުލް ޑޮކްސް ގައި ވެސް ތަރުޖަމާ ހިދުމަތް ގޫގުލް އިން ތައާރަފް ކޮށްފައިވެއެވެ. ފަޔަރފޮކްސް އެޑްއޮން ގެ އެހީގައިވެސް ބްރައުސް ކުރަމުންދާ ވެބްސައިޓް ތައް އޮންދަފްލައި ޓްރާންސްލޭޓް ކުރެވޭ އިރު މިހާރު ގޫގުލް އިން މަސައްކަތް ކުރަނީ ރިއަލްޓައިމް ޗެޓް ތަރުޖަމާކުރެވޭނެ ހިދުމަތެއް އުފެއްދުމަށެވެ.
ފޭސްބުކް ފަދައިން އިންސާނުން ބޭނުންކޮށްގެން ސައިޓްތަކާއި ފަންކްޝަންތައް ތަރުޖަމާކުރެވިދާނެއެވެ. އެހެންނަމަވެސް ރިއަލްޓައިމް ތަރުޖަމާކުރުމާއި ޔޫސަރސް ލިޔާ ލިޔުންތަކާއި ހިއްސާ ކުރާ މައުލޫމާތު ތަރުޖަމާކުރުމުގައި ދަތިތައް އެބަހުއްޓެވެ. އެހެންނަމަވެސް ގޫގުލް އިން ކޮމްޕިއުޓަރ ތަކުގެ ބޭނުން ހިފުމުގެ ސަބަބުން އެތައް ބައިވަރު ތަކެއްޗެއް އެއްފަހަރާ ތަރުޖަމާ ކުރުމުގައި ހުށިޔާރު ވާނެ ކަމުގައި ބެލެވެއެވެ. އެހެން ނަމަވެސް ކޮމްޕިއުޓަރ އުގެނުމަށް އެތައް މައުލޫމާތުތަކެއް ބޭނުންވާނެތީވެ ކޮމްޕިއުޓަރ ފަހަރުގައި އެންމެ ފުރިހަމަ ތަރުޖަމާއެއް ގެނެސް ދިނުން ދަތިވާނެއެވެ.
މި ދެހިދުމަތް ވެސް މިދަނީ ވަރަށް ހަލުވި ދުވެއްޔެއްގައި ކުރިއަރާއި ތަރައްގީ ކުރެވެމުންނެވެ. އެހެން ކަމުން ކުރިމަގުގައި އިންޓަނެޓް ގެ ބޮޑު އެއް ވައުދު ފުރިހަމަ ވެގެން ދާނެ ކަމުގައި ގަބޫލު ކުރެވެއެވެ. ނަމަވެސް ރޭހުގެ ކުރި ހޯދާނީ އިންސާނުން ކަމެއް ކޮމްޕިއުޓަރ ކަމެއް އަދި ނިންމުމަށް މާއަވަހެވެ.
މުރާސިލް ހޯމްޕޭޖް އަށާއި ފީޗަރޑް ބަޔަށް ލިޔުން އެރުވުމުގައި ކިޔުންތެރިން ލިޔުމަށް ދޭ ތަރުހީބަށް ބެލޭނެ އެވެ.
Posted on 2010-01-08 11:56:03 |
Report this Comment
Posted on 2010-01-09 13:21:28 |
Report this Comment
ނަން:
ވެބްސައިޓް:
ހިޔާލު:
ކެޓަގަރީތައް
ރިފާޤް ރަޝީދުގެ ލިޔުންތައް
"މުރާސިލްގައި ޝާއިޢު ކުރެވިފައިވާ ލިޔުންތަކަކީ ލިޔުންތެރިޔާގެ އަމިއްލަ ހިޔާލާއި ފިކުރެވެ. މިއީ މުރާސިލްގެ ހިޔާލާއި ފިކުރެއް ނޫނެވެ. " މުރާސިލް ބޭނުންކުރުމުގެ އުސޫލުތައް ބައްލަވާ. މުރާސިލް ގެ ކުރިއެރުން ބިނާވެގެންވަނީ ކިޔުންތެރިންގެ ވިސްނުމުގެ މައްޗަށެވެ. އަޅުގަނޑުމެންނާއި ގުޅުއްވާ.
ބައެއް ޙައްގުތަކަކީ މުރާސިލްގެ މިލްކެއް 2009
