
މައިކުރޯސޮފްޓުން އަލަށް ތައާރަފް ކުރަންއުޅޭ ސާޗް އިންޖީނެއްގެ ފޮޓޯތަކެއް އިންޓަނެޓަށް ފާއިތުވި ހަފްތާގައި ވަނީ ލީކުވެފައެވެ. "ކުމޯ" ކޯޑު ނަމަކަށްކިޔާފައިވާ މި ސާޗު އިންޖީން އަހަރުގެ ފަހުކޮޅުގައި ރިލީސް ކުރާވާހަކައެއްވެސް ވަނީ ދެކެވިފައެވެ. މައިކުރޯސޮފްޓުން މިހާރުވެސް "ލައިވް ސާޗް" ނަމަކަށް ކިޔާ ސާޗް ސާވިސްއެއް ދެމުން ގެންދެއެވެ. މިއީ އަހަރުތަކެއް ކުރިން ގެންގުޅެމުންއައި "އެމް އެސް އެން ސާޗް" ފަހުގެ ގޮތަށް ބަދަލުކޮށް އަލުން ބްރޭންޑުކޮށްގެން ނެރުނު ނަމެވެ. ނަމަވެސް މިހާރު ސާޗް އިންޖީންތަކުގެ ތެރެއިން އެންމެ މަގުބޫލުކަން ލިބިފައިވަނީ "ގޫގަލް" އަށެވެ. ގޫގަލް އަކީ މިހާރު ދުނިޔޭގެ 1ވަނަ ސާޗް އިންޖީނެވެ. ދެވަނައިގައި "ޔާހޫ ސާޗް" ވާއިރު، "ލައިވް ސާޗް"އަށް ލިބިފައިވަނީ 3 ވަނައެވެ.
ކުމޯ އާއި ބެހޭގޮތުން މައިކުރޯސޮފްޓުން މާބޮޑު މައުލޫމާތެއް އަދީ ދީފައެއް ނުވެއެވެ. ހަމައެކަނި ބުނެފައިވަނީ އެމީހުން ކުމޯ ޓެސްޓުކުރަމުންދާ ވާހަކައެވެ. ނަމަވެސް ކުމޯ ގައި ގޫގަލްއަށްވުރެން މާ ފުރިހަމަ ކޮށް ސާޗް ރިސަލްޓުތައް އަތުރާލެވިފައިވާނެ ކަމަށް ބެލެވެއެވެ. އަދި ސާޗުކުރެވޭ ބާވަތްތަކުގެ ތެރޭގައި ވެބް، ފޮޓޯ، ވީޑިއޯ، އަލްބަމްތައް، އަދި ލަވަތަކާއި އޭގެ ލިރިކްސްތައްވެސް ހިމެނެއެވެ. އަދި ސާޗުކުރާ އެއްޗެއްގެ ތޮތުން މި ބާވަތްތައް ބަދަލުވެސް ވެއެވެ.
"ކުމޯ" އަކީ ޖަޕާނު ބަހުން ވިލާ އަދި މަކުނެވެ. މިއީ އަދި ކޯޑް ނަމެކެވެ. ނަމަވެސް މި ނަން ރަސްމީކޮށް ބޭނުންކުރެވުމަކީ ވެސް އެކަޝީގެންވާކަމެވެ. "ހޫކް"، "ބްލިންގް" އަދި "ކިއެވް" އަކީވެސް މި ސާޗް ސާވިސްއަށް ކިޔުމަށް ހުށަހެޅިފައިވާ ނަންތަކެކެވެ.
ކުމޯގެ ސްކްރީން ގްރެބްތަކެއް:


