ރިފާޤް ރަޝީދު
ޓެކްނޮލޮޖީ ދިރާސާކޮށް ރާއްޖޭގެ ޓެކްނޮލޮޖީ ސިނާއަތް ކުރިއެރުމަށް އުމީދުކުރުން އެއީ އަޒުމް
  • ޝާއިޢުކުރި ތާރީޚް: 19 10 2009
  • މިލިޔުން ކިޔާފައިވާ އަދަދު: 388
  • މޯބައިލް ލިންކު: m.muraasil.com/3281

މުރާސިލްގައި ޝާއިއުކުރެވޭ ލިޔުންތަކަކީ އެންމެން ބަލައިގަންނަ ލިޔުންތަކަކަށް ހެއްދެވުމަށް އެހީތެރިވެދެއްވާ!
މިލިޔުމަކީ މުރާސިލްގައި ޖަހަން އެކަޝީގެން ނުވާ ލިޔުމެއްނަމަ އަޅުގަނޑުމެނަށް އަންގަވާ!
މިލިޔުން ރިޕޯޓުކުރެއްވުމަށް

ހައި ސްޕީޑް އިންޓަނެޓަކީ އަސާސީ ހައްގެއް. ދިވެހިންނަށް ލިބޭނީ ކޮންދުވަހަކުންބާ ؟

ވޭތުވެދިޔަ ހަފްތާގެ ތެރޭގައި ފިންލޭންޑް ގެ ގާނުން އަކުން އެގައުމުގެ 5.3 މިލިއަން ރައްޔިތުންނަށް 2010 ޖުލައި މަހުން ފެށިގެން ހައި ސްޕީޑް އިންޓަނެޓް ހިދުމަތް ލާޒިމް ކޮށްފި އެވެ. މިހާރުވެސް 96 އިންސައްތަ އިންޓަނެޓް ކަވަރޭޖް ލިބޭ ފިންލެންޑް ގައި އިންޓަނެޓް ނުލިބި ތިބީ ގުދުރަތީ ހުރަސްތަކުގެ ސަބަބުން އިންޓަނެޓް ހިދުމަތް ދިނުން ދަތި ސަރަހައްދުތަކުގައި އެކަނި އެވެ. މި މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގައި ކޮންމެ ރައްޔިތަކަށް ސިކުންތަކު އެއް މެގަބައިޓް ގެ ބްރޯޑްބޭންޑް އިންޓަނެޓް ލިބުން ލާޒިމް ކުރެއެވެ. އެހެން ނަމަވެސް 2015 ގެ ކުރިން ހުރިހާ ގޭ ބިސީ އަކަށް އެ ސްޕީޑްގެ 100 ގުނަ (ސިކުންތަކު 100 މެގަބައިޓް ޑާޓާ ސްޕީޑް) ލިބުން މަޖްބޫރު ވެގެން ދާނެ ކަމަށް ފިންލޭންޑް ގެ މިނިސްޓްރީ އޮފް ޓްރާންސްޕޯރޓް އެންޑް ކޮމިއުނިކޭޝަން ގެ ތަރުޖަމާނަކު ހާމަ ކުރެއެވެ. ފިންލޭންޑް ސަރުކާރުން ދެކޭ ގޮތުގައި ކުރިއަރަމުން މިދާ ޒަމާނީ ދިރިއުޅުމަށް ފެނާ، ކަރަންޓް އަދި ބެންކް ހިދުމަތް މުހިންމު ވާ ފަދައިން އިންޓަނެޓް ހިދުމަތް މުހިންމު ވެގެން ދެއެވެ.

ފިންލޭންޑް ގެ އިތުރުން ހަލުވި އިންޓަނެޓް އަކީ އިންސާނީ ހައްގެއް ކަމަށް އދ އަދި ފްރާންސް އިންވެސް ދެކެއެވެ. އދ އިން އިންޓަނެޓް ހިދުމަތަކީ އިންސާނީ ހައްގެއް ކަމަށް ހެދުމަށް މަސައްކަތް ތަކެއް ކުރަން ފަށާފައިވާ އިރު ފްރާންސް ގެ ސްޕްރީމް ކޯޓް އިން މިދިޔަ ޖުލައި މަހު ވަނީ އިންޓަނެޓް ހިދުމަތަކީ އެގައުމުގެ ރައްޔިތުންނަށް ލިބިދޭން ޖެހޭ އިންސާނީ ހައްގެއްގެ ގޮތުގައި ޝަރިއްޔަތުން ނިންމާފައެވެ.

ދުނިޔޭގައި ޒަމާނާއި އެއްގޮތަށް ގާނޫންތައް އިސްލާހު ކޮށް ހިދުމަތްތައް ހަރުދަނާ ކުރަމުން ދާއިރު ދިވެހިރާއްޖޭގައި މިދެވޭ އިންޓަނެޓް ހިދުމަތް މީގެ އަހަރަތަކެއް ކުރިއާ އަޅާބަލާއިރު ތަރައްގީ އެއް ފެނިފައެއް ނުވެއެވެ. ޑައިލް އަޕް ޒަމާނުން ގޮސް ސެޓެލެއިޓް މެދުވެރިކޮށް ބްރޯޑްބޭންޑް ހިދުމަތް ދެމުން ދިޔަ ޒަމާން ނިމި، ފައިބަރ އޮޕްޓިކް ސަބްމެރިން ކޭބަލް ގެ ދައުރަށް މިހާރު މިވަނީ އެޅިފައެވެ. ހިދުމަތުގެ ސްޕީޑް އަށް ބޮޑު ބަދަލެއް ނާންނަ ކަމަށް ހިދުމަތް ބޭނުންކުރާ ގިނަ ބަޔަކު އެއްބަސް ވާނެ އެވެ. މޮޅެތި ނަން ނަމުގައި ގިނަ ޕެކޭޖް ތަކެއް އަބަދުވެސް ތައާރަފް ކުރަމުންދެއެވެ. ދާދި ފަހުން ދިރާގުން މަޝްހޫރު ކުރަންފެށި ކިލޯބައިޓް އަކަށް އެއްލާރި މިހިދުމަތުގައި ވެސް އިޝްތިހާރު ކުރުމުގައި އޮޅުވާލުންތަކެއް ހުރިކަން މުރާސިލްގައި ޝައިއު ކޮށްފައިވާ ލިޔުމުން ހެކި ދެއެވެ. ރާއްޖެ އޮންލައިން އިން ދޭ އިންޓަނެޓް ހިދުމަތުގެ މެދުވެރިއެއްގެ ރޯލް އަދާ ކުރާ ކޭބަލް ހިދުމަތްދޭ ފަރާތް ތަކާއި ދިމާލަ ރާއްޖެއޮންލައިން އިން ތުހުމަތުގެ އިގިލި ދިއްކުރާފަހަރު ތައް މަދެއް ނުނެވެ. ހިދުމަތުގެ ފެންވަރު ދަށްވެގެން ޝަކުވާ ކުރާ ފަރާތް ތަކަށް ގިނައިން ޖަވާބުދާރީ ވެފައި ވަނީ ކޭބަލް ހިދުމަތް ދޭ ފަރާތުގެ މައްސަލައެއް ކަމަށެވެ. ރައްޔިތުން ހިދުމަތް ހޯދުމަށް ހަވާލުކޮށްފައި ވަނީ ތިޔަ ދެކުންފުންޏަށެވެ. ހިދުމަތް ދިނުމަށް ބޭނުންކުރާ މީޑިއަމް އަކަށް ރައްޔިތުން ފަރުވާލެއް ނެތެވެ. ބޭނުންވަނީ ހަރުދަނާ، އިތުބާރު ކުރެވޭ ޒަމާނީ ހިދުމަތެކެވެ.

ދިވެހިންގެ 54،000 މީހުން މަޝްހޫރު ސޯޝަލް ނެޓްވޯރކިންގް ސައިޓް ފޭސްބުކް ބޭނުން ކުރުން ދޭހަވަނީ ދިވެހިން އިންޓަނެޓް އާއި ގައިގޯޅި މިންވަރެވެ. ދިވެހި ބަހުން ޝާއިއުކުރެވިފައި ހުރި ބްލޮގް ތަކާއި ވެބްސައިޓްތައް މިކުޑަ އާބާދީ އާއި ބަލާފައި މަދެއް ނޫނެވެ. ޔޫޓިއުބް އާއި ސްކައިޕް ވީޑިއޯ ޗެޓް ފަދަ ހިދުމަތުގެ ފެންވަރު އިންޓަނެޓް ގެ ދުވެއްޔަށް ބަރޯސާވާ ހިދުމަތްތައް ބޭނުންކުރާ މިންވަރު ވަކި މަދެއް ނޫންކަން ދިރާގު އަދި ރާއްޖެ އޮންލައިން ގެ ސަރވަރ ލޮގްތައް ބަލައި ލުމުން ކަށަވަރު ވާނެއެވެ. އިންޓަނެޓް ބެންކިންގް އާއި އޮންލައިން ސޮޕިންގް އަދި ނީލަން ތަކުގެ އިތުރުން މިހާރު އޮންލައިން ކޮށް ކާއެއްޗެސައް އޯޑަރު ކުރެވޭނެ ހިދުމަތް މިވަނީ ތައާރަފް ވެފައެވެ. ސަރުކާރުން ކޮންމެ ޓީޗަރަކަށް ލެޕްޓޮޕެއް މަޝްރޫއު ފެށާފައިވަނީ ޓިޗަރުންގެ ދިރާސާތަކަށް އެހީތެރިވުމަށެވެ. ދިވެހި ކިޔަވާކުދިންގެ ފެންވަރު މަތި ކުރުމުގެ ނިޔަތުގައެވެ. އެހެންނަމަވެސް މާދަމާ އޮންނަ ކްލާހަށް ބޭނުންވާ ޓީޗިންގް އެއިޑް އިންޓަނެޓް ހިދުމަތުގެ ފެންވަރު ދަށްކަމުން އެތަށް އިރަކު ނެޓް ނުލިބުމާއި ދުވެލި މަޑު ކަމުން ޑައުންލޯޑް އަށް ނަގާ ވަގުތު ގިނަ ކަމުން ކްލާހަށް ދާންވާއިރަށްވެސް ނުލިބޭނަމަ އެލެޕްޓޮޕް ތަކުގެ މާބޮޑު ބޭނުމެއް ނެތެވެ. ރާއްޖޭގެ ބޮޑު އާބާދީ އެއް ރާއްޖެ ތެރޭގައި ވާއިރު އެމީހުންނަށްވެސް މިހިދުމަތް މާލެ އެކޭ އެއްފެންވަރެއްގައި ލިބެން ޖެހެއެވެ.

ސަރުކާރާއި ކޮމިއުނި ކޭޝަން މިނިސްޓްރީ އިން މިކަމާއި މެދު ވިސްނަން ވެއްޖެ އެވެ. ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް ގެ ނަމުގައި ރެގިއުލޭޓަރެއް ބެހެއްޓިނަމަވެސް ރެގިއުލޭޓް ނުކުރެވޭނަމަ ވާ ފައިދާ އެއް ނެތެވެ. ދިވެހިން މި ހިދުމަތުގެ ފެންވަރު ރަގަޅު ކޮށްދިނުމަށް އެދޭތައް އެތައް ޒަމާނެއް ވެއްޖެ އެވެ. އިންޓަނެޓް އަކީ އަސާސީ ހައްގެއް ކަމަށް ދިވެހި ގާނޫން އަކުން އެގެން ނެތަށް ގިނަ ދިވެހިންނަކަށް ފެނާއި ކަރަންޓް ފަދައިން މިއަދު އިންޓަނެޓް މިވަނީ އަސާސީ، އަދި އިންސާނި ހައްގަކަށް ވެފައެވެ. މިކަން ކަށަވަރު ވަނި ވަޒީފާ ޝަރުތުގައިވެސް ކޮމްޕިއުޓަރ އުގެނިފައިވުން މުހުންމުވެގެންދާތީ އެވެ.

މިލިޔުން ލިޔަމުން ދަނިކޮށް ދިރާގުގައި އޮންނަ ސަރުކާރުގެ 55 އިންސައްތަ ހިއްސާގެ 7 އިންސައްތަ ކޭބަލް އެންޑް ވަޔަލަސް ކުންފުންޏަށް ވިއްކާލި ހަބަރު ލިބިއްގެން ދިޔަ އެވެ. ކޭބަލް އެންޑް ވަޔަލެސް އަށް ދިރާގުގެ 52 އިންސައްތަ ހިއްސާ ލިބުމުން ދައުލަތުގެ މާލިއްޔަތަށް ފައިދާތަކެއް ލިބިދާނެ އެވެ. ނަމަވެސް ހިދުމަތަށް އިސްލާހެއް އަންނާނެ ކަމާއި މެދު ޝައްކެވެ.

މުރާސިލް ހޯމްޕޭޖް އަށާއި ފީޗަރޑް ބަޔަށް ލިޔުން އެރުވުމުގައި ކިޔުންތެރިން ލިޔުމަށް ދޭ ތަރުހީބަށް ބެލޭނެ އެވެ.

Posted on 2009-10-20 10:27:12 | Report this Comment
އަލްބެ:

ދިޜާގުން ވަނީ މިވީހަތަނަށްވެސް ރައްޔިތުން ފެލާގެން ބޮޑުނަފާ ހޯދުމުގެ ވިސްނުމެއްގައި މަސައްކަތްކޮށްފަ. އަދިވެސް ވެލުޔު ފޯރ މަނީ، އެކަށީގެންވާ ޚިދުމަތެއް ނުދެވޭ!. އަގުހެޔޮ ވެއްޖެއޔާ ރަގަޅު ސްޕީޑެއް ނުލިބޭ، ސްޕީޑްކިރިޔާވެސް ރަނގަޅިއްޔާ އިންތިހާ އަގުބޮޑު، ސަރުކާރުންވެސް މިކަން މިހާރަށްވުރެ ރަގަޅަށް ރެގިޔުލޭޓް ކުރުމަށް ގޮވާލަން

Posted on 2009-10-20 10:29:32 |
އަހުމަދު ހާޝީމް:

ކޭބަލް އެންޑް ވަޔަލެސް އިން ދިވެހި ރައްޔިތުން ފެލާ ތާ މިހާރު 25 އަހަރު ވެގެން ދިޔައީ އަނެއްކާވެސް އެމީހުންނަށް ބޮޑު ހިއްސާއެއް ދިނީ ދެންވެސް އެމީހުން ހަމަ ދިވެހިން ފެލާނީ ކަން ކަށަވަރު

Posted on 2009-10-20 10:33:09 |
ޗަކޮޔެ:

54000 މީހުން ފޭސްބުކް ބޭނުންކުރޭތަ. އޭގެ މާނަ އަކީ ރާއްޖޭގެ އާބާދީގެ 5ބައި ކޮށްފަ އެއްބައި މީހުން އިންޓަނެޓް ބޭނުންކުރެއޭ ތާ ދޯ.

Posted on 2009-10-20 11:34:35 |
ތަރަބެ:

މި ލިޔުން ހަމަ ވަރަށް ފުރިހަމަ. ހަޤީގަތުގަވެސް ދިރާގުގެ ބޭނުމަކަ ވެފަ އޮންނަނީ ރައްޔަތުން ފެލާލުން. ހިދުމަތް ފޯރުކޮއްދިނުމައް ވުރެން ބޮޑަ ދިވެހިން ފެލާލުމުގެ ވިސްނުން ގެންގުޅޭ ކަން ކޮންމެ ދިވެހި ރައްޔަތަކުވެސް ގަބޫލު ކުރާނެ. ވަތަނިޔާ މިވީ ކުޑަ ދުވަސްކޮޅު ގަވެސް ދިވެހިންނަށް ދިރާގު ވުރެން މާ ފުރިހަމަ ރަނގަޅު ހިދުމަތް ދެވޭކަން ކޮންމެ ދިވެހި ރައްޔަތަކުވެސް ގަބޫލުކުރާނެ ކަން ހަމަ ޔަގީން. ދިރާގު 25 އަހަރުގެ ހިދުމަތާ ބަލާފަ އަދިވެސް ހަމަ ވަރަ ކަޑަ. އަގުވެސް ހެކަށީގެނެ ނުވޭ. ކިތައް ބޭފުޅުންތޯ މިކަމާ އެބަސް ވާނީ؟؟؟
އައިހޭޓް ދިރާގު: ވަރަށް ފުރިހަމަ ލިޔުމެށް! ދިވެހި ރާއްޖެއަށް މިކަހަލަ ހިދުމަތެއް ލިބޭނީ 2030

Posted on 2009-10-20 15:17:32 | Report this Comment
ކިންގް:

ވަރަށް ފުރިހަމަ ލިޔުމެއް ވަރަށް ތާއީދު ކުރެވޭ. އަހަރެންވެސް އަތޮޅު ތެރޭގަ މީހެއް އަދި އިންޓަރނެޓް ބޭނުން ކުރެވޭވަރު ގިނަކަމުން އަންލިމިޓެޑް ޕެކޭޖެއް ގެއަށް ލައިގެން އުޅޭ މީހެއް. ގެއިން އިންޓަރ ނެޓް ހިޛްމަތް ކެނޑިފަ ހުންނަތާ 2 ދުވަސް ވުމުން ދިރާގަށް ގުޅާފަ މައްސަލަ ޖެއްސުމުން ބުނީ ހީވަނީ ލައިން މައްސަލައެއް ހެންނޭ ޓެކްނީޝަނަކު އެބަ ފޮނުވަމޭ. އޭގެ ފަހުން 03 ދުވަސް ވެގެން ގުޅީމަ ބުނީ ޓެކްނީޝަނަށް އަންގާފައޭ ވާނީ. އަވަސް ކޮށްދިނުމަށް އެދުމުން އަވަސް ކޮށްދޭނެ ކަމަށް ބުނުމުން އެދުވަސް ނިމުނީ. އަނެއްކާވެސް 03 ދުވަސް ފަހުން ގުޅައިފިން ހަމަ ޓެކްނީޝަނަށް އަންގާފައޭ ބުނީ. އެދުވަހު މަގާތަށް ރުޅިއައިސްގެން ހަޑިހުތުރ އެއްޗިއްސަށް ދާންދެން ގޮވާފަ ބިލުން ބައެއް ކަނޑަން ޖެހޭނޭ ބުނީމަ އަޅުގަނޑުމެންގެ މައްސަލައަކުން ވީކަމެއް ވެއްޖިއްޔާ ކޮށްދޭނަމޭ ބުނެ، އަދި ޓެކްނީޝަނެއްވެސް ފޮނުވާނަމޭ ބުނެ ފޯނު ބޭއްވީ. ފޯނު ބިލެއްވެސް ކުޑައެއްނުވި 15 ދުވަސް ވީއިރު ހިޛްމަތެއްވެސް ނުލިބުނު. އެންމެފަހުން މިމީހުންގެ މައްސަލއަކުން މައްސލަ ދިމާވީވެސް ލައިންގެ މައްސަލައެއްވެސް ނެތް. މީމިވެރިން ކަންތައް ކުރާ ރަނގަޅުވަރު. ދިރާގު ދެން ލަލަލާ.....

Posted on 2009-10-20 20:03:35 | Report this Comment
އިސްމާއިލް:

ހައިސްޕީޑް އިންޓަނެޓްގެ ވާހަކަދޯ. އަޅުގަނޑަކީ ރަށެއްގެ މެޖިސްޓްރޭޓެކެވެ. ވަޒީފާއަދާކުރަމުން މިދަނީ އަމިއްލަ ރަށަކުނޫނެވެ. މަސައްކަތްކުރާ ކޯޓެކޭ ގުދަނެކޭ ތަފާތެއް ނެތެވެ. ތަނުގެ ހޫނުގަދަކަމުން ކެތްވާވަރެއްނޫނެވެ. ތަނުގެ އިދާރީ ތިން މުވައްޒަފުން މަސައްކަތްކުރުމަށް ލިބިފައިވަނީ އެއްމެ ކޮމްޕިއުޓަރެކެވެ. އިންޓަނެޓުގެ ހިދުމަތްލިބޭ ސަރުކާރުގެ އޮފީހެއް މުޅިރަށުގައިވެސް ނެތެވެ. މާލޭގަ އުޅެފަ ރަށަށް އެރުމުން ހީވަނީ ފަޅުރަށަކަށް އާދެވޭހެންނެވެ. ދުނިޔޭގެ ވާނުވާ ނޭގެއެވެ. ހުރިހާ މޮޅެއްވެސް ހައިސްޕީޑް އިންޓަނެޓާ އޭސީ އާއި ހުރިހާ ކަމެއްވެސް މާލެއަށެވެ.

Posted on 2009-10-21 11:48:09 | Report this Comment
އަހަރެން:

އިސްމާއިލް ރަށުގަ ހުރުގެންތަ މުރާސިލްގަ ކޮމެންޓް ތިކުރަނީ؟
އިސްމާއީލް: އައިފޯނު މެދުވެރިކޮށް މުރާސިލް ކިޔަނީ، އަދި ކޮމެންޓު ކުރީ ކައިރިރަށެއްގެ ހުރި މީހަކަށް އެސް. އެމް. އެސް ކޮށްގެން. މިގޮތަށް އުލޭތީ އަޖައިބެއް ނުވޭތަ.

Posted on 2009-10-21 19:04:48 | Report this Comment
ޝިނާޒް:

އަސާސީ ހައްޤުތައް ވަރަށް ގިނަ، މަތީ ބޮންތީގައި ހިފުމަށް ވުރެ ތިރިން ފެށިއްޔާ، މާރަނގަޅު.

Posted on 2009-10-23 08:55:25 | Report this Comment
އިބްރާ:

ދިރާގަކީ ހަމަ ޔަޤީނުންވެސް ރައްޔިތުންގެ ހަލާކަށް އޮތް ކުންފުންޔެއް
އާނިމް: އިބުރާ ތި ބުނީ މުޅިން ދޮގެއްނޫން ދިރާގަކީ "ކުންފުންޏެއް" ނަމަވެސް ދިވެހިން ނައް ހެޔޮ އެދޭ ކުންފުންޏެއް ނޫން
ނަގޫ: ދިރާގު ޕަކާޒް

Posted on 2009-12-06 18:14:34 | Report this Comment
ކޮންމެވެސް ގޮލައެއް:

ފޭސްބުކް ބޭނުން ކުރާ 54000 މީހުން އުޅޭހެނެއް ހިޔެއް ނުވެއެވެ. އެކަމަކު 54000 ދިވެހި އެކައުންޓް ހުރެދާނެއެވެ. ކޮންމެ މީހަކަށް ދެތިން އެކައުންޓް ހުޅުވަންޏާ 20000 މީހުންނަށްވުރެ މަދުވުންވެސް އެކަށީގެންވެއެވެ.

Posted on 2009-12-06 18:17:50 | Report this Comment
ކޮންމެވެސް ގޮލައެއް:

ހިޔެއް ނުވޭ ކުރިޔަށް އޮތް 10 އަހަރުގެ ތެރޭގައި ތިކަމެއް ވާނެހެއްނެއް! ދިރާގުން 3ޖީ ދޫކުރެވިގެން އެހެންކަމެއްވާނީ!

Posted on 2010-01-03 11:31:29 | Report this Comment
ބަކުރުބެ:

ދިރާގު ދިރާގު ތިޔަވާހަކަ ނުދައްކާ. ބިލަށް ހަދަނީ އެމީހުން ބޭނުން ގޮތެއް.

ނަން:

ވެބްސައިޓް:

ހިޔާލު:

  • - ލިޔުންތަކަށް ހުށަހެޅޭ ކޮމެންޓް ތައް ޝާއިއު ކުރާނީ ލިޔުންތެރިޔާ އެވެ.
  • - މި ގޮޅީގައި ލިޔުއްވާއިރު ކޮމްޕިއުޓަރގެ ރީޖަނަލް / ލެންގުއޭޖް ސެޓިންގްސް އިން ދިވެހި އިޙްތިޔާރު ކުރައްވާކަށް ނުޖެހޭނެ.
  • - އާއްމުކޮށް ބަލައިގަނެވޭ އަޙްލާގީ މިންގަޑަށް ނުފެތޭ ލިޔުންތައް ޝާއިއު އެއް ނުކުރެވޭނެ ވާހަކަ ދަންނަވަން.