މުންޑޫ އާދަމް ހަލީމް
އަޅުގަނޑު ނިސްބަތް ވަނީ ހައްދުންމަތީ މުންޑޫއަށެވެ. އަޅުގަނޑުގެ ދެކުދިންނާއި އަނބިމީހާއާއެކު ހީނ، ކުޅެ ސަމާސާކޮށް ސަކަރާތްގަންނަނީވެސް މާލޭގަ އެވެ. ހިސާބަކަށް ލިޔެ އުޅެމެވެ.
  • ޝާއިޢުކުރި ތާރީޚް: 07 01 2011
  • މިލިޔުން ކިޔާފައިވާ އަދަދު: 547
  • މޯބައިލް ލިންކު: m.muraasil.com/9435

މުރާސިލްގައި ޝާއިއުކުރެވޭ ލިޔުންތަކަކީ އެންމެން ބަލައިގަންނަ ލިޔުންތަކަކަށް ހެއްދެވުމަށް އެހީތެރިވެދެއްވާ!
މިލިޔުމަކީ މުރާސިލްގައި ޖަހަން އެކަޝީގެން ނުވާ ލިޔުމެއްނަމަ އަޅުގަނޑުމެނަށް އަންގަވާ!
މިލިޔުން ރިޕޯޓުކުރެއްވުމަށް

ތުއްތު އަލިދީދީގެ ބޭފުޅުންނަކަށް އިނގިރޭސިއެއް ނުކިޔެވޭނެ!

އަތިރީގޭ އިބްރާހިމް ދޮށިމޭނާ ކިލެގެފާނުގެ “ސިޔާސީ އަތް” ނުފޯރާ ހިސާބެއް ނެތެވެ. އެ މަނިކުފާނުގެ އާރާއިބާރު އެންމެ ގަދަ ދުވަސްވަރު އެއްގަމުގޭ ތުއްތު އަލީ ދީދީއާ ދިމާ އަށް “ތިމަންނާގެ ކުދިން އިނގިރޭސި ކިޔެވިއަސް ތުއްތު އަލީ ދީދީގެ ބޭފުޅުންނަށް އިނގިރޭސިއެއް ނުކިޔެވޭނޭ” ކަމަށް ވިދާޅުވި ކަމަށް ބުނާ ވާހަކައެއް ތާރީހުގައި ފެތުރިފައި އޮވެ އެވެ.

އެ ވާހަކަ އަޑު އަހާފައިއޮއްވާ 2005 ވަނަ އަހަރުގެ އެމްޑީޕީގެ ފުރަތަމަ ކޮންގްރެސް ފެށުމުގެ ހަފުތާއެއް ކުރިން އޭރު ގޭ ބަންދުގައި ހުންނެވި އެ ޕާޓީގެ ޗެއާޕާސަން މިހާރުގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދާ ޔާގޫތުގެ އިން ބައްދަލުވި އެވެ.

ހަވާސާގައި ދިވެހި ތާރީހުގެ އެކި ވާހަކަތައް ދައްކަވަމުން ގޮސް ފާމުލަދޭރި ކިލެގެފާނު ކިޔަވާ ވިދާޅުވުމުގެ ބޭނުމުގައި އޮޑިކަނޑުއްވާލައްވައިގެން ފިއްލެވިކަން އެނގޭ ހެއްޔޭ އަޅުގަނޑު ގާތުގައި އެއްސެވި އެވެ. އޭގެ ތަފުސީލު ވިދާޅުވެދެއްވާނެ ކަމަށް އެ ދުވަހު އެ މަނިކުފާނު ވިދާޅުވި އެވެ. ފަހުން ބައްދަލެއް ނުވެ އެވެ.

ފާމުދޭރި ކިލެގެފާނަކީ ތުއްތު އަލީ ދީދީގެ ބޭފުޅަކަށްވުމާއެކު އިބްރާހިމް ދޮށިމޭނާ ކިލެގެފާނު ވިދާޅުވި ކަމަށް ބުނެ އުޅޭ “ތުއްތު އަލީ ދީދީގެ ބޭފުޅުންނަކަށް އިނގިރޭސީއެއް ނުކިޔެވޭނޭ” ބުނާ ބުނުމާ ގުޅުމެއްވާ ކަމަށް ފަހުން ވިސްނައިލީމާ އެނގެ އެވެ.

ފަހުން ބޮޑުވަޒީރު އިބްރާހިމް ފާމުލަދޭރި ކިލެގެފާނަކަށް ވެވަޑައިގެންނެވި އިބްރާހިމް އަލީ ދީދީ އަކީ ތުއްތު އަލީ ދީދީގެ “ސީދީ” އެވެ. ޓީނޭޖް އުމުރުގައި އެ މަނިކުފާނު އޮޑި ކަނޑުއްވައިގެން ފިއްލެވި ވާހަކަ ހޯދާން ކުރި މަސައްކަތުން އެންމެ ރަނގަޅު ހިސާބަކަށް ދެވުނީ، ތާރީހު އިލްމުވެރިޔާ އަބްދުﷲ މުފީދުގެ އެހީގަ އެވެ. އޭނާގެ ތާރީހު ފޮތް، “ކުރީގެ ވިޔަފާރި އާއި ބާޒާރުމަތީ”ގައި އެ ވާހަކަ ގެންނަވާފައި އޮންނަނީ ސީދާ ފާމުލަދޭރި ކިލެގެފާނު މުފީދަށް ކިޔުއްވައިދެއްވި ގޮތް ކަމަށް ވިދާޅުވެފަ އެވެ.

“ތުއްތު އަލީ ދީދީގެ ބޭފުޅުންނަށް އިނގިރޭސިއެއް ނުކިޔެވޭނެ” ބައްޕާފުޅާ ދިމާ އަށް އިބްރާހިމް ދޮށިމޭނާ ކިލެގެފާނު ވިދާޅުވިތޯ އެއްސެވުމުން ފާމުލަދޭރި ކިލެގެފާނު ވިދާޅުވީ “އަތިރީގެ އިބްރާހިމް ބޭބެ ބައްޕައާ މުހާތަބުކޮށް އެހެން ވިދާޅެއް ނުވެއޭ” އެވެ.
ނަމަވެސް ފާމުލަދޭރި ކިލެގެފާނު ވިދާޅުވަނީ އެ މަނިކުފާނަށް އުނގަންނަވައި ދެއްވުމަށް ބައްޕަ ވަރަށް މަސައްކަތްކުރެއްވި ކަމަށާއި އެ ގޮތުން ސްރީ ލަންކާ އަށް ފޮނުވައި ހުރިހާ ކަމެއް އިބްރާހިމް ދޮށިމޭނާ ކިލެގެފާނާ ހަވާލުކުރެއްވި ކަމަށެވެ. ފާމުލަދޭރި ކިލެގެފާނު، އިބްރާހިމް ދޮށިމޭނާ ކިލެގެފާނަށް ވިދާޅުވަނީ “އިބްރާހިމް ބޭބެ” އެވެ.

ތުއްތު އަލީ ދީދީ އެދިވަޑައިގަތުމަށް ސްރީލަންކާ އިން ފާމުލަދޭރި ކިލެގެފާނާ ހަވާލުވެވަޑައިގެން، ސްކޫލުން ދޭ ފޯމުގައި ބަލަދުވެރިޔާގެ ގޮތުން ސޮއިކުރައްވަނީ ވެސް އިބްރާހިމް ދޮށިމޭނާ ކިލެގެފާނެވެ. އެހެންކަމުން ފާމުލަދޭރި ކިލެގެފާނުގެ އެކަޑަމިކް އެޗީވްމަންޓާއި ކުރިއަރަމުން އައި ގޮތް އެންމެ ބޮޑަށް އެނގިވަޑައިގެން ހުންނެވީ އިބްރާހިމް ދޮށިމޭނާ ކިލެގެފާނެވެ.

ސްރީލަންކާގައި ފާމުލަދޭރި ކިލެގެފާނު ކިޔަވާވިދާޅުވަމުން ދަނިކޮށް ދެމެދަށް ވައްޓައިލި ފަރުދާއެއްގެ ގޮތުގައި، ހާޖީ އިމާދުއްދީނުގެ ރަސްކަން މުހައްމަދު ޝަމްސުއްދީނަށް ބަދަލުވެ އިބްރާހިމް ދޮށިމޭނާ ކިލެގެފާނު މާލެ ބަދަލުވާންޖެހިއްޖެ އެވެ.

“އިބްރާހިމް ބޭބެ އަހަރެން ކައިރީ ވިދާޅުވީ މާލެ ދާންޖެހިއްޖޭ، ކޮއްކޮ ސިލޯނަށް ދޫކޮށްލާފައި ބޭބެ އަށް މާލެ ދާކަށް ނުކެރޭނެޔޭ. ބޭބެ މާލެ ގޮސް ކަންތައްތައް ހަމަޖައްސާފައި ކޮއްކޮ ސިލޯނަށް ކިޔަވަން ފޮނުވާނަމޭ. ބޭބެ ދާއިރު ކޮއްކޮ ވެސް މާލެ ދާންވާނޭ،” ފާމުލަދޭރި ކިލިގެފާނު މުފީދު ގާތުގައި ވިދާޅުވި އެވެ.

ފާމުލަދޭރި ކިލެގެފާނު ވިދާޅުވީ އިބްރާހިމް ބޭބެއާއެކު ދަތުރުކޮށް މާލެ އަށް ފޭބި ވަގުތަކީ އާދަޔާ ހިލާފު ވަގުތުކޮޅެއް ކަމަށާއި އިބްރާހިމް ބޭބެގެ އިސްތިގުބާލުގައި އޮތް މާލެ އާއި މާލޭގެ އިއްޒަތްތެރިން އިބްރާހިމް ބޭބެއާ ސަލާމްކޮށްފައި ދެން ސަލާމްކުރަނީ އެ މަނިކުފާނާ ކަމަށެވެ.

ކިޔެވުމުގެ ދަތުރު ކުރުގެޅިގެން ދިއުމާއެކު ފާމުލަދޭރި ކިލެގެފާނު މާލެ އައިސް ހުންނެވީ އިބްރާހިމް ބޭބެގެ އަރިހު އަތިރީގޭގަ އެވެ. ނަމަވެސް އަލުން ކިޔަވަން ފޮނުވާ ދުވަހެއް ނައެވެ. ލަސްވާތީ ދެންނެވީމާ ވެސް ނުވި އެވެ. އެންމެ ފަހުން ފޫހިފުޅުވެގެން ވާން ފެށި ގޮތަކީ އެއް ދުވަހަކު އަތިރީގޭގައި، އަނެއް ދުވަހު ދާންނާގެ އަށް ގޮސް ދޮން މާމަގެ އަރިހުގައި އުޅެވެން ފެށީ އެވެ. ކަން ދިމާކުރި ގޮތުން އޭރު ފާމުލަދޭރި ކިލެގެފާނުގެ ބައްޕަ، ތުއްތު އަލީ ދީދީ ހުންނެވީ މާލެ އަތޮޅު ހުރަ އަށް އަރުވާލައްވާފަ އެވެ. އެ މަނިކުފާނުގެ ތިއްތި ބޭބެ އަބްދުﷲ ދީދީ ވެސް ހުންނެވީ އެރަށަށް އަރުވާލައިފަ އެވެ. ތިއްތިބޭގެ ބައްތެލި ވެސް އޮތީ ހުރަ އަށް ފޮނުވާފަ އެވެ. ފޫހިކަމުގައި އުޅުއްވި ފާމުލަދޭރި ކިލެގެފާނަށް އެކަންވީ ރަނގަޅަކަށެވެ. ދޭތެރެއަކުން ހުންނަވަނީ ހުރާގަ އެވެ.

ސްރީލަންކާ އަށް އަލުން ކިޔަވަން ވަޑައިގަންނަވާ ހިތުން ފާމުލަދޭރި ކިލެގެފާނު އިތުރަށް ފިޔަވަޅެއް އެޅުމުގެ ގޮތުން އިބްރާހިމް ބޭބެއާ ބައްޕާފުޅުގެ ރައްޓެއްސެއް ކަމަށްވާ ނޮޅިވަރަމު މާލިމީ ގާތުގައި “ކަލޭ އަތިރީގެ އަށް ދާ ފަހަރަކު ތިމަންނާ ކިޔަވަން ފޮނުވަނީ ކޮން އިރަކުތޯ އިބްރާހިމް ބޭބެ އަށް ދަންނަވައިދޭށޭ” ވިދާޅުވެއްޖެ އެވެ.

ފާމުލަދޭރި ކިލެގެފާނު، މުފީދު ގާތުގައި ވިދާޅުވީ މާލިމީ ގޮސް އެ ވާހަކަ އިބްރާހިމް ބޭބެ އަށް ދެންނެވުމުން، އޭނާއާ މުހާތަބުކޮށް “ތުއްތު އަލި ދީދީގެ ބޭފުޅުންނަކަށް އިނގިރޭސިއެއް ނުކިޔެވޭނޭ” ވިދާޅުވި ކަމަށް ބުނާ އަޑު އައްސަވާ ކަމަށެވެ. ދެން އިވެން ފެށި އަޑަކީ ފާމުލަދޭރި ކިލެގެފާނުގެ ބައްޕާފުޅާ ތިއްތި ބޭބެ އަކީ އެއްބަނޑު އެއްބަފާ ދެ ބޭން ކަމަށްވީމާ އެއް ރަށެއްގައި ބޭތިއްބުމަށް ވުރެ ރަނގަޅުވާނީ، ތުއްތު އަލީ ދީދީ، ރ. މީދު އަށް ފޮނުއްވާލުމޭ ކިޔާ އަޑެވެ. އެ ހިސާބުވީ ފާމުލަދޭރި ކިލެގެފާނުގެ ވިސްނުންފުޅު ބަދަލުވި “ޓާނިން ޕޮއިންޓަ”ށެވެ.

“އަހަރެން ގަސްދުކުރީ ތިއްތިބޭގެ ބައްތެލިކޮޅުގައި ބައްޕައާ ތިއްތިބޭ ގޮވައިގެން ސިއްރިޔާތުގައި އޮޑި ކަނޑާލައިގެން ސިލޯނަށް ދާން،” މުފީދު ގާތުގައި ކިލެގެފާނު ވިދާޅުވި އެވެ.

އޮޑި ކަނޑައިލި ދަތުރު ފާމުލަދޭރި ކިލެގެފާނު ރޭއްވެވީ ބައްޕާފުޅާއި ތިއްތިބެ އަށް ވެސް ނާންގަ އެވެ. އެ ގޮތުން ފުރަތަމަ ހުރަ އަށް ވަޑައިގެން ފަޅުތެރެ އަށް ފެތިފައި އޮތް ތިއްތިބޭގެ ބައްތެލީގެ ދިޔަގަނޑު، ހުރާގެ ކުދިބަޔަކު ލައްވާ ހިއްކައި ދަތުރު ތައްޔާރުކުރަން ފެށި އެވެ. މުޅި ދަތުރުގެ އާޖުފާޖާއި މޫސުން އޮތް ގޮތާއި ދުވަހުގެ މުސޫން ލަފާކުރާ ގޮތް ފާމުލަދޭރި ކިލެގެފާނަށް ކިޔައިދެއްވީ ހުސައިން ސޮލާހުއްދީނުގެ ބައްޕަ ބޮޑުގަލުގޭ މޫސާ ބޭބެ އެވެ. ވަރަށް ޅަ ހިޔާލުގައި ހުންނެވި ފާމުލަދޭރި ކިލެގެފާނު ދަތުރުކުރަންވީ ގޮތާއި ދަތުރު އާލާތާއި ސާމާނާއި ސަމުގާގެ އިތުރުން ފިލާ ދެއްވައި، ފިލާ އަޅާނެ ގޮތް ބުނެދެއްވީ ވެސް މޫސާ ބޭބެ އެވެ.

“ދެން ހުރަ އަށް ގޮސް އެއް ރޭ ދަންވަރު އެ ރަށުގެ ކުދިންކޮޅަކާއެކު ތިއްތިބެއާ ބައްޕަ ގޮވައިގެން ދަންވަރު އޮޑި ކަނޑާލައިގެން ސިލޯނަށް ފުރައިފީމެވެ. ފުރަން އުޅޭކަން ބައްޕަ އާއި ތިއްތިބެ އަށް އެނގޭނީ ވެސް ފުރާން އަރަންވެގެން ދެންނެވި ހިސާބުންނެވެ،” ފާމުލަދޭރި ކިލެގެފާނު ވިދާޅުވި އެވެ.

ފާމުލަދޭރި ކިލެގެފާނު ވިދާޅުވީ އޭރު އެ މަނިކުފާނުގެ އުމުރުފުޅުން 15 އަހަރު ކަމަށާއި ދަންވަރު ދަތުރުކުރަން ފެށިތާ 24 ގަޑިއިރު ތެރޭގައި ސްރީލަންކާ އަށް ވަދެ ބަނދަރު ހިފި ކަމަށެވެ.

ފާމުލަދޭރި ކިލެގެފާނު އުފަންވެ ވަޑައިގަތީ 11 ޖޫން 1889 ވަނަ އަހަރު އެވެ. އެ މަނިކުފާނު އޮޑި ކަނޑުއްވައިގެން ސްރީލަންކާ އަށް ވަޑައިގެން ހިމާޔާތް ހޯއްދެވީ 15 އަހަރުގައި ކަމަށްވާނަމަ އެ ހާދިސާ ވަދެގެންދާނީ 1904 ވަނަ އަހަރުގެ ތެރެއަށެވެ. ހޯދާހޯދާ ވެސް އެއީ ކޮން މަހެއްކަމެއް ވެސް ދުވަހެއްކަމެއް ވެސް ފިލާގޮތެއްނުވި އެވެ.

ސްރީލަންކާ އަށް ވަޑައިގަތުމާއެކު ކުޑަކުޑަ ފާމުލަދޭރި ކިލެގެފާނު އެ މަނިކުފާނުގެ ބައްޕާފުޅު ގޮވައިގެން ވަޑައިގަތީ ސިލޯނު ގަވަރުނަރުގެ އަރިހަށެވެ. ގަވަރުނަރު އަރިހުގައި އަތިރީގޭ އާއިލާއާ އެއްގަމުގޭ އާއިލާއާ ދެމެދު ކަންތައް އޮންނަ ގޮތް ދަންނަވައި އެ މަނިކުފާނާ ބައްޕާފުޅު މާލެ ހިނގައްޖެނަމަ އަނިޔާކުރާނެ ކަމަށް ވިދާޅުވެ ހިމަޔާތަށް އެދިވަޑައިގަތެވެ. އެ ހިސާބުން އެ މަނިކުފާނާއި ބައްޕާފުޅަށް ސްރީލަންކާ ސަރުކާރުގެ ހިމާޔަތް ދެއްވައިފި އެވެ.
ސްރީލަންކާގައި ފާމުލަދޭރި ކިލެގެފާނު ކިޔަވާވިދާޅުވަމުން ދިޔައިރު ބައްޕަ އާއި ތިއްތިބޭ ވެސް އުޅުއްވި އެވެ.

ހިމާޔަތުގައި ތިއްބަވަނިކޮށް ވެލާނާގޭ މުހައްމަދު ދީދީ (ގޯދީ ރާޖާ) ޕިޗޯރީން ގޮވައިގެން ދައުލަތާ ދެކޮޅަށް މާލެ އަންނަންވެގެން ފާމުލަދޭރި ކިލެގެފާނުގެ ބައްޕާފުޅަށް އޭނާ ވާގިވެރިވެގެން މާލެ ގޮސް ބަޣާވާތްކުރުމަށް ދައުވަތު ދިނީމާ ތުއްތު އަލީ ދީދީ ވިދާޅުވީ “މާލެއަކަށް ނުދާނަމެވެ! ދަރިފުޅަށް ކިޔަވައިދެވޭތޯ އުޅެނީ” ކަމަށެވެ. އޭގެ މާ ފަހުން ފާމުލަދޭރި ކިލެގެފާނު ކިޔަވާވިދާޅުވެގެން ފާހާއި ސަނަދުތައް އިބްރާހިމް ބޭބެ އަށް ފޮނުއްވެވި ކަމަށްވެ އެވެ.

އިބްރާހިމް ދޮށިމޭނާ ކިލެގެފާނު އަވަހާރަވުމުގެ އާލާސްކަންފުޅުގައި އޮންނަވާފައި ބުރުނީގޭ މުހައްމަދު ދީދީ އަރިހުގައި “ސީދީ ފާސް ނެންގެވި” ކަމަށް ވިދާޅުވި އެވެ. އެ އިޝާރާތްކުރެވި ފާހަކީ އިނގިރޭސި ބަސް ކިޔަވާވިދާޅުނުވޭނެ ކަމަށް ވިދާޅުވި ވިދާޅުވުން އަނބުރާ ގެންދެވުން ކަމަށް ވަރަށް ބޮޑަށް ބެލެވެ އެވެ.

ފާމުލަދޭރި ކިލެގެފާނު މާލޭން އިބްތިދާއީ ތައުލީމު ހޯއްދެވުމަށް ފަހު ފިއްލަވައިގެން ވަޑައިގެން ސްރީލަންކާގެ ސެންޓް ތޯމަސް ކޮލެޖާއި އިންޑިއާ އާއި މިސްރުގެ އަޒުހަރު ޔުނިވާސީޓިން ތައުލީމު ހާސިލުކުރެއްވި އެވެ. އިނގިރޭސި އާއި އަރަތްބާއި އުރުދޫ ބަހުގެ އިތުރުން ތާރީހު އިލްމާއީ ބޭސްވެރިކަމުގެ އިލްމާއި ނަކަތްތެރިކަމާއި ހެވިކަމާއި ދަނޑުވެރިކަމުގެ ދާއިރާ އިން އުހަށް ވަޑައިގަތެވެ. ރާއްޖޭގައި ކްރިކެޓްގެ ބިންގާ އަޅުއްވައިދެއްވި ފާމުލަދޭރި ކިލެގެފާނު އެންމެ ލޯބިކުރައްވަނީ މީހުންނަށް ދިވެހި ބޭސް ކޮށްދެއްވުމަށެވެ. ބޮޑުވަޒީރު ކަމުގައި ހުންނެވި އިރު ވެސް ހިންގަވާފައި ގޭގެ އަށް ވަޑައިގެން ތެޔޮ ދަމައިދީ ހެއްދެވި އެވެ. ބޮޑުވަޒީރުކަމުން އިސްތިއުފާ ދެއްވުމަށް “މަޖުބޫރު” ކުރެއްވުމުން އިސްތިއުފާގެ ސިޓީގައި ސޮއިކުރައްވަމުން ވިދާޅުވީ “ވަރަށް ގިނަ މީހުން ބޭސް ނުކުރެވިފައި އެބަތިބި ކަމަށާއި، ދެން އެކަމައިގެން އުޅެވޭނެ” ކަމަށެވެ.

މުރާސިލް ހޯމްޕޭޖް އަށާއި ފީޗަރޑް ބަޔަށް ލިޔުން އެރުވުމުގައި ކިޔުންތެރިން ލިޔުމަށް ދޭ ތަރުހީބަށް ބެލޭނެ އެވެ.

Posted on 2011-01-07 17:51:02 | Report this Comment
ސަލްޓީ:

އޯހ. އިޓްސް ރިއަލީ ވެރީ ނައިސް

Posted on 2011-01-07 20:07:21 | Report this Comment
ޝިފާނާ:

ހަދަވަރަކަށް ތާރީހް ތިޔަދިރާސާކުރައްވަނީ؟؟

Posted on 2011-01-08 11:55:37 | Report this Comment
ސަލްޓީސް:

ޔޭސް! އިޓް އިޒް......

ނަން:

ވެބްސައިޓް:

ހިޔާލު:

  • - ލިޔުންތަކަށް ހުށަހެޅޭ ކޮމެންޓް ތައް ޝާއިއު ކުރާނީ ލިޔުންތެރިޔާ އެވެ.
  • - މި ގޮޅީގައި ލިޔުއްވާއިރު ކޮމްޕިއުޓަރގެ ރީޖަނަލް / ލެންގުއޭޖް ސެޓިންގްސް އިން ދިވެހި އިޙްތިޔާރު ކުރައްވާކަށް ނުޖެހޭނެ.
  • - އާއްމުކޮށް ބަލައިގަނެވޭ އަޙްލާގީ މިންގަޑަށް ނުފެތޭ ލިޔުންތައް ޝާއިއު އެއް ނުކުރެވޭނެ ވާހަކަ ދަންނަވަން.