ނޮވެމްބަރ 3 ގައި ދިވެހިންގެ ތެރެއިން މަދުބަޔަކާއި ސްރީލަންކާގެ ތަމަޅައިންގެ ގްރޫޕަކާއި ގުޅިގެން ރާއްޖެ އަށް ދިން ޢުދުވާނުގެ ފަހަތުގައި ފޮރުވިފައިވާ ގިނަ ކަންތައްތަކެއް ވާކަމީ ޙަގީގަތެކެވެ، ސުވާލަކީ މިހުރިހާ ކަމެއް އަހަރެމެން ދިވެހިންނަށް އެގޭކަމާއި މެދު އުފެދޭ ސުވާލެވެ، ހަމަގައިމުވެސް އެގޭ މީހުންނަށްވުރެ ނޭގޭ މީހުން ގިނަކަން ވޭތުވެދިޔަ 21 އަހަރުގެ ވާހަކަތަކުންވެސް އެގެއެވެ، ކޮންމެ އަހަރަކުވެސް ނޮމެވްބަރުމަހުގެ ތިންވަނަ ދުވަހާއި ދިމާކޮށް ނަސްރުގެ ދުވަސް ކަމަށް ބުނެ ދައްކާ ވާހަކައެވެ. ތެދެކެވެ. ﷲގެ އޯގާތެރިކަމާއި ރަޙްމަތް ވަންތަކަން ކިތަންމެހާވެސް ބޮޑެވެ. އެހެން ކަމުން ތަމަޅައިންގެ 80 ވަރަކަށް ހަނގުރާމަވެރިންގެ އަތްދަށުނުވެ ސަލާމަތް ނުވެވުނީސް ކަމުގައިވެސް ގަބޫލުކުރެވޭ ފަދަ ކިތަންމެ ކަމެއް ވެގެން ދިޔައެވެ. ދުޝްމަނުން އުކި ބޮންތަށް ނުގޮވުމީ ފަހެ މުޢްޖިޒާތެއްނޫންބާވައެވެ، ހަމަގައިމުވެސް އެސްޖެހިގެއާއި ދިމާއިން އެއްލި ތަޅުދަނޑިފަތި އެތަނުގައި ނެތް ގަހެއްގެ ފަތެއްގައި ޖެހި ފުރާޅުމައްޗަށް ނުގޮސް އައި ބްލޮކްގެ ފުރަގަހަށް ބޭރުފާރާއި ދޭތެރެއަށް ވެއްޓުނު ވެއްޓުނު ގޮތާއިމެދު ފިކުރު ހިންގާލަބަލާށެވެ، ހަމަގައިމުވެސް ފުރާޅާއި ފާރާއި ދޭތެރޭ ހުންނާނީ ފޫޓެއްހާ މިންވަރެވެ.
ޤަބޫލު ކުރަންޖެހޭ ޙަޤީޤަތަކީ ﷲ އެދުވަހު އަހަރެމެން ދިވެހިންނަށް ނަޞްރު ދެއްވިކަމެވެ.
ކޮންމެއަކަސް ގަބޫލުކުރަންޖެހޭ ޙަގީގަތަކީ އެދުވަހު ﷲ އަހަރެމެން ދިވެހިންނަށް ނަޞްރު ދެއްވިކަމެވެ. އެކަން އަހަރެމެންގެ ތެރެއިން ޤަބޫލު ނުކުރާ ބަޔަކު މިދިވެހި ފަސްގަޑުގައި ތިބޭނެ ކަމަކަށް އަޅުގަޑަކަށް ގަބޫލެއް ނުކުރެވެއެވެ.
ވެރިކަން ބަދަލުކޮށްލަން މަސައްކަތް ކުރަނީ ކީއްވެބާ؟..
ވެރިކަމެއްބަދަލުކޮށްލަން މަސައްކަތް ކުރާނީ އެވެރިކަމެއްގެ ތެރޭގައި ހުރި ގޯސް ކަންތައްތަކެއްގެ ސަބަބުން އެވެރިކަމަކާއި ނުރުހޭ ބަޔެކެވެ، މިކަން ދިވެހި ތާރީޚުންވެސް ހެކި ދެއެވެ، އަބަދުވެސް ވެރިކަމުގައި ތިބޭބަޔަކު ބޭއިންސާފުން ކުރާ ކަންތައްތަކާއި ރައްޔިތުންގެ ޙައްގުތަކަށް އަރައި ގަތުމާއި ޢަދުލި އިންސާފު ގާއިމު ނުކުރުމުގެ ސަބަބުން ރައްޔިތުންގެ ތެރެއިން ނުވަތަ ސިފައިންގެ ތެރެއިން ބަޔަކު ނުކުމެ އެވެރިކަން ބަދަލު ކުރުމުގެ މަސައްކަތް ފަށައެވެ، ނަމަވެސް ވެރިކަން ބަދަލުކުރަން ބަޔަކު ނުކުންނަ ކޮންމެ ފަހަރަކު ﷲ އެކަމަށް ވާގިވެރިއެއް ނުވެއެވެ. މައުމޫނުގެ ވެރިކަމުގައި ޢާއްމުންގެ ބަޔަކު ތިންފަހަރެއްގެ މަތިން ވެރިކަން ބަދަލުކުރަން މަސައްކަތް ކޮށްފައިވެއެވެ، އަދި ސިފައިންގެ ތެރެއިންވެސް ބަޔަކު ތިންފަހަރެއްގެ މަތިން ވެރިކަން ބަދަލުކޮށްލަން ރާވާ މަސައްކަތް ތަކެއް ކޮށްފައިވެއެވެ، މިއިން ކޮންމެ ފަހަރަކުވެސް ވަކި ހިސާބަކުން ސަރުކާރަށް އެކަމުގެ މަޢްލޫމާތު ލިބެއެވެ، އެގޮތުން ތިނެއް ނޮވެމްބަރުގެ ޢުދުވާން ގެ މަޢްލޫމާތުވެސް ވަނީ ދިވެހި ދަވްލަތަށް ލިބި އެކަމުގައި ފިޔަވޅުތަކެއްވެސް އަޅާފައެވެ، ނަމަވެސް ހާޖަރާގޭ ޢަބްދުﷲ ލުޠުފީ އެދައްކާ ވާހަކައިގެ އެއްވެސް އޮށްޓަރެއް ނެތްކަމަށް ދަވްލަތުގެ އެންމެ އިސްވެރިޔާ އަށް ވިސްނައިދީ ހަދާފައިވާކަން އެއީ އަނެއްކާ ފޮރުވިފައިވާ ސިއްރެއް ނޫން ބާވައެވެ.
ރާއްޖޭގެ ދިފާޢީ ބާރުގެ އެންމެ އިސްވެރިޔަކީ ރައީސުލް ޖުމްހޫރިއްޔާ ކަމަށްވިޔަސް ސިފައިންނަށް ކޮމާންޑް ކުރަނީ ސިފައިންގެ ވެރިޔާގެ ނާއިބް ކަމީ ޙަގީގަތެވެ އެހެން ނުވާންވީ ސަބަބެއްވެސް ނެތެވެ، ޢާއިލީ ވެރިކަމެއްގެ ގޮތުގައި ސިފަވެގެން ދިޔަ ވެރިކަމެއްގައި ހުރިހާ ބާރުތަކެއް ދެފަރާތުގެ ޢާއިލާއިން ޙިއްސާ ކޮށްފައިވަނީ ވަރަށްވެސް ރޭވުންތެރިގޮތެއްގައެވެ. އެހެންނަމަވެސް ކޮންމެވެސް ހިސާބަކުންް ވެރިކަމުގައި ތިބި ދެޢާއިލާގެ ދެމެދު ގުޅުން ގޯސްވެ ވެރިކަމުގެ ބާރުތަށް އެއް ޢާއިލާއަކަށް ބަދަލުކޮށްލަން ކުރެވުނު މަސައްކަތުގެ ތެރެއިން އެއް ބޮޅަކީ ތިނެއް ނޮވެމްބަރުގެ ޢުދުވާނެވެ، ދެން އައީ ސިހުރުގެ ބޮޅެވެ. އެބޮޅުވެސް ކާމިޔާބު ނުވެދިޔައީތާއެވެ.
ޢަބްދުﷲ ލުޠުފީ އަކީ އިލްޔާސް އިބްރާހީމްގެ އަނބިކަބަލެއްގެ ތިމާގެ ފުޅު ބޭފުޅެކެވެ، ކިބިގަސްދޮށުގެއަށް ފޮނުވުނު ތަމަޅައިންނަށް އެންގިފައިވަނީ އެގެއިން އެއްވެސް މީހަކަށް އަނިޔާ ނުކޮށް އިލްޔާސް އަތުލައިގަނެގެން ގެނައުމަށެވެ، އެއީ އިލްޔާސް ހައްޔަރު ކުރައްވައިގެން ސިފައިންގެ ކޮމާންޑް ކޮންޓްރޯލް ކުރުމަށް ކަމުގައި ވެދާނެއެވެ. އެހެން ނަމަވެސް އިލްޔާސް އަތުލައިގަންނަން ދިޔަމީހުންނަކަށެއް އިލްޔާސް އެއް ނޭގެއެވެ، އެހެންކަމުން އެބައިމީހުންނަށް އިލްޔާސް އާއި ބައްދަލުވެ ވާހަކަދެއްކުނު އިރުވެސް އެއީ އިލްޔާސް ކަމެއް ނޭގުނެވެ.
ވަސަންތީ އިންޑިޔާގެ ޖަލަކުން ފިލުން...
އިންޑިޔާ ކަހަލަ ގައުމެއްގެ ޖަލުން ފިލައިގެން ބޯޑަރު ހުރަސްކޮށް ވަސަންތީ އަމިއްލަ ގައުމަށް އެނބުރި އައުން އެއީ ސުވާލު އުފެދޭ ކަމެކެވެ. ކޮންމެ މީހަކުވެސް ގަބޫލުކުރާނޭ ފަދައިން އިންޑިޔާ އަކީ ދެކުނު އޭޝިޔާގެ އެންމެ ބޮޑު ބާރެވެ، އަދި އެގައުމަކީ އެގައުމުގެ ބާރު ސަރަހައދުގައި ދަމަހައްޓަން މަސައްކަތް ކުރާ ބައެއްކަންވެސް ތާރީޚުން ހެކި ދެއެވެ.
އިންޑިޔާގެ ދެކުނުގެ ހަތިޔާރު ގުދަންތަކެއް ފަޅާލުން..
ތަމަޅައިންގެ ޕްލޮޓް ގުރޫޕުން ރާއްޖެ އެރުމުގެ ހަފްތާއެއްހާދުވަސް ކުރިން އިންޑިޔާ ގެ ދެކުނު ސަރަހައްދުގައި ހުރި ހަތިޔާރު ގުދަން ތަކެއް ފަޅާލައި އެތަނުގައި ހުރި ހަތިޔާރު ތައް ގެއްލުނު ވާހަކައަކީ ވެސް އެދުވަސްވަރު ޢާއްމުވެގެން ދިޔަ ވާހަކައެކެވެ.
ސަގަރު އަޙްމަދު ނާޞިރު.....
ސަގަރު އަޙްމަދު ނާޞިރު އަކީ އައްޑުއަތޮޅު މީހެކެވެ އޭނާ އަކީ މެރިން އިންޖިނޭރެކެވެ، އެގޮތުން އޭނާ މަސައްކަތް ކުރަމުންދިޔައީ ރާއްޖެއާއި އިންޑިޔާ އާއި ދެމެދު އަދި ސިލޯނާއި ދެމެދު ދަތުރުކުރާ ބޯޓުތަކުގައެވެ. އެގޮތުން އޭނާ މަސައްކަތްކުރަމުން ދިޔަ ދިޔުމުގައި ހިލަ އިސްމާއިލްފުޅުގެ ބޯޓެއްގައި ރާއްޖެއިން ބޭރަށް ކުރި ދަތުރެއްގައި އޭނާ ހިތްހަމަނުޖެހޭ ކަންތައްތަކެއް ދިމާވެގެން ސިލޯނަށް ފައިބާ ފިލައިގެން އުޅެނިކޮށް ޢަބްދުﷲ ލުޠުފީ އާއި ދިމާވެގެން އޭނާ އަކީ ރާއްޖެ އަތުލައިގަތުމުގައި މުހިއްމު މީހަކަށް ވެދާނެ ކަމަށް ގަބޫލު ކޮށް އޭނާ ގެންގޮސް ޕްލޮޓްގެ ކޭމްޕުގައި ބެހެއްޓިކަމަށް ވެއެވެ.
ދިވެހި ދައުލަތަށް ލުޠުފީގެ ޕްލޭން އެނގުމުން....
ކުރީގެ ދިވެހި ސިފައިންގެ ތެރޭގައި ޚިދުމަތްކުރެއްވި ބޭކްލެއްކަމަށްވާ މއ. ކަބީލާގޭ ޢަބްދުލްމަޖީދު ޚާލިދު ދިވެހި ދައުލަތުގެ ދިފާޢީ ބާރުގެ ކަންތައްތަށް ބަލަހައްޓަވާ އެންމެ އިސްފަރާތް ކަމަށްވާ އޭރުގެ ސިފައިންގެ ވެރިޔާގެ ނާއިބް އިލްޔާސް އިބްރާހީމް އަރިހު އެވާހަކަތައް ދެންނެވި ކަމަށްވެއެވެ، ހަމައެއާއި އެކު ސިފައިންގެ މައި މަރުކަޒުގައި ބަންކަރުޖަހާ ފޯރިމަރަމުންވެސް ދުވަސްކޮޅެއްވަންދެން ދިޔަކަމީ ޙަގީގަތެކެވެ، ސުވާލު އުފެދޭ ކަމަކީ އެކަން އެހާ ސީރިޔަސްކޮށް އިލްޔާސް ނުނެންގެވީ ކީއްވެ ބާވައެވެ؟ ލުޠުފީ އަކީ އަނބިކަބަލުން ގެ ތިމާގެ ފުޅު ބޭފުޅަކަށްވާތީ ކަމަށްވުމީވެސް އެކަށީގެންވާ ކަމެއް އެހެން ނޫންތޯ؟ ނޫނީ އެހެން ކޮންމެވެސް ސަބަބެއް އޭގައި ވުމީވެސް އެކަށީގެންވާ ކަމެއް އެހެންނޫންތޯ؟
ތަމަޅައިން ރާއްޖެ އެރުމުގެ 48 ގަޑިއިރު ކުރިން އިންޑިޔަން އާރމީ އެލާރޓަށް ގެނައުން.......
ކަންދިމާކުރި ގޮތުން އަޅުގަޑަށް އުޅެންޖެހުނީ އިންޑިޔަން އާރމީގެ ފައުޖެއް ގޮވައިގެންނެވެ، އެމީހުން ތިބީ ގަލޮޅު ރަސްމީ ދަނޑުގައެވެ، އެބައިމީހުންގެ ކޮމާންޑަރަކަށް ހުރީ ކާނަލް ޝަރުމާ ކިޔާ މީހެކެވެ، އެމީހުންގެ ތެރޭގައި ހިމެނޭ އޮފްސަރުންގެ ތެރެއިން މޭޖަރ ހަރުމެންދްރަ އަކީ ސިކުންގެ މީހެކެވެ، އޭގެ އިތުރުން ފާހަގަކޮށްލެވުނު މީހުންގެ ތެރޭގައި ކެޕްޓަން ރާޖޫ ހިމެނެއެވެ، އަޅުގަޑު ގާތު ކެޕްޓަން ރާޖޫ ބުނި އެމީހުން ނޮވެމްބަރ މަހުގެ އެއްވަނަދުވަހު ޑިޔުޓީ އަށް އައިއިރު ހެޑްކްއާރޓަރު ވަނީ އެލާރޓަށް ގެނެވިފައި ކަމަށާއި ދާންޖެހޭ ވަކިތަނެއް ނޭގުނު ނަމަވެސް ދާން ޖެހެނީ ދެކުނަށް ކަމުގައި އެގިފައިވާ ކަމުގައި އޭނާ ބުންޏެވެ. އެހެން ކަމުން މިއީ ސުވާލު އުފެދޭ ކަމެއް ނޫން ބާވައެވެ؟
ޕްލޮޓް މީހުން ބަލިވުން....
ދިވެހިރާއްޖެއަށް އެރި ތަމަޅައި ބަލިކޮށް ރާއްޖެގެ ސަރުކާރު ގެ ބާރު މިގައުމުގައި ދަމަހައްޓައިދިން ބަޔަކީ އިންޑިޔާ ސިފައިން ކަމުގައި އިންޑިޔަން އާރމީގެ ވެބްސައިޓް ގައި އޮޕަރޭޝަން ކެކްޓަސް ގެ ނަމުގައި ލިޔުއްވާފައިވާ ރިޕޯރޓުގައި ބަޔާން ކޮށްފައިވީ ނަމަވެސް ހަގީގަތަކީ ލެފްޓިނެންޓް މޫސާ ޢަލީ ޖަލީލު ގެ ކޮމާންޑްގެ ދަށުން ސިފައިންގެއިން ބަޔަކު ބޭރަށް ނުކުތް ނުކުތުމުން ތަމަޅައިން ވިއްސި ވިހާލިވެ ބަލިވެ ފިލައިގެން ދިޔުމުގެ ޕްލޭން އެކުލަވާލުމެވެ. އަދި އެހިސާބަށް ދިޔަ އިރުވެސް ދިވެހި ގައުމުގައި އޮތީ ދިވެހި ދައުލަތުގެ ވެރިކަމެވެ، ދިވެހި ދައުލަތުގެ ބާރު ހިނދުކޮޅަކަށްވެސް ތަމަޅައިންގެ އަތްމައްޗަކަށް ނުދެއެވެ. އެހެން ކަމުން ތިނެއް ނޮވެމްބަރު ގެ ޢުދުވާނުގެ ފަހަތުގައި ނޭގޭ ކިތަންމެ ކަންތައް ތަކެއް ވާނެ ކަމާއި މެދު ޝައްކު އުފެދެއެވެ.
ދިވެހި ގައުމީދިދަ ދޮށިމޭނާ ބިލްޑިންގް ގެ ދިދަދަނޑިއަށް ނެގިފައިހުރުން ވެގެން ދިޔައީ އަޅުގަޑު މިދެންނެވި ބަހުގެ ހަގީގަތަކަށެވެ.