
• ޖަމާލު ޢަބްދުއް ނާޞިރު:
މިޞްރުގެ ކުރީގެ ރައީސް އަލް މަރުހޫމް ޖަމާލް ޢަބްދުއް ނާޞިރަކީ އަރަބި އިޒްރޭލް މައްސަލާގައި ވަރަށް ފުޅާ ދައުރެއް އަދާކުރެއްވި ބޭފުޅެކެވެ. މިގޮތުން ޢަރަބި ވަޠަނީ ވިޙްދަތު ގާއިމުކުރުމުގެ ޙަރަކާތަކުގައި ރައީސީ ދައުރު އަދާކުރެއްވިއެވެ. އަދި 1948، 1956، 1967، 1970-1968 ކުރެވުނު އަރަބި އިސްރާއީލު ހަގުރާމަތަކުގައި ބައިވެރިވެވަދައިގެންނެވިއެވެ.
• އުފަންވުމާއި ތަޢުލީމީ ޙަޔާތް:
ޖަމާލު ޢަބްދުއް ނާޞިރު އުފަންވެ ވަޑައިގެންނެވީ މިޞްރުގެ އިސްކަންދަރިއްޔާގައި 1918 ގައެވެ. ބައްޕާފުޅަކީ ޕޯސްޓް އޮފީހުގައި މަސައްކަތް ކުރައްވާ ބޭފުޅެކެވެ.
ފަށާތަޢުލީމީ މަރުހަލާގައި އެމަނިކުފާނު ވަރަށް ގިނަ ސްކޫލުތަކަސް ކިޔެވުން ބަދަލު ކުރެއްވިއެވެ. ބައްޕާފުޅުގެ މަސައްކަތް ކުރެއްވުން ހުންނަވާގޮތުން އެއްތަނުން އަނެއްތަނަށް ދިރިއުޅުން ބަދަލުކުރައްވަން ޖެހިވަޑައިގަންނަވާތީއެވެ. ފަށާ ތަޢުލީމީ މަރުޙަލާ ނިންމަވާލެއްވީ ޚައްޠާޠިއްޔާ ކިޔާ އަވަށެއްގެ ސްކޫލެއްގައެވެ. އެއަށްފަހު އެމަނިކުފާނު ދިރިއުޅުއްވުން ބަދަލުކުރެއްވީ މިޞްރުގެ ވެރިކަން ކުރާ ޤާހިރާއަށެވެ. ޤާހިރާގައި ތާނަވީ ނިންނަމަވާލެއްވުމަށްފަހު އުމުރުން 19 އަހަރުގައި މިލިޓަރީ ކޮލެޖުގައި ބައިވެރިވެވަޑައިގަންނަވަން މަސައްކަތް ކުރެވިއެވެ. ނަމަވެސް އެކަން ކާމިޔާބު ވެވަޑައި ނުގެންނެވެމުން ދެން އެމަނިކުފާނު އިޚްތިޔާރު ކުރެއްވީ ޤާހިރާ ޔުނިވަރސިޓީގެ ކޮލެޖް އޮފް ލޯ އާއި ގުޅިވަޑައިގަންނަވާށެވެ. ނަމަވެސް މިލިޓަރީ ކޮލެޖުން އިތުރު ފުރުޞަތުތަކެއް ހުޅުވާލުމުން އެފުރުޞަތުގެ ބޭނުން ހިއްޕަވައި ޢަސްކަރީ ކޮލެޖާ ގުޅިވަޑައިގަތެވެ.
• ޒަވާޖީ ޙަޔާތް:
ވަރަށް ޅައުމުރުފުޅުގައި ކާވެނިބައްލަވާގެން 4 ބޭފުޅުން ލިބިވަދައިގެންނެވިއެވެ.
• ވިސްނުމުގެ މިސްރާބު:
ޖަމާލު ޢަބްދުއްނާޞިރަކީ އިޝްތިރާކީ ( ސޯޝަލިސްޓް) ފިކުރަށް ތާއީދު ކުރައްވާ ބޭފުޅެކެވެ. ވަކީން ޚާއްޞަގޮތެއްގައި އިޤްތިޞާދީ ދާއިރާގައެވެ. މިގޮތުން އެތަކެއް ޤަރާރުތަކެއް ނަންގަވައި މިޞްރުގެ އިޖްތިމާޢީ ޙަޔާތް ވަރަށް ބޮޑަށް ބަދަލުކުރެއްވިއެވެ. މިގޮތުން ފާހަގަކޮށްލެވޭ މަސައްކަތް ތަކުގެ ތެރޭގައި ކަންކަން ޢާންމު ކުރައްވައި ޤައުމީފެންވަރުގައި ފެއްޓެވުމާއި ، ދަޑުވެރިކަމުގެ ދާއިރާގެ ( ދަޑުބިން ފަދަ) މިލްކިއްޔަތުތައް ކުދި އަދި މެދު ފަންތީގެ ދަޑުވެރިކަމުގެ ދާއިރާގެ ވިޔަފާރިވެރިންނަށް ބެއްސެވުން ހިމެނެވެއެވެ. ޤައުމުގެ އެތެރޭގެ ސިޔާސީ މައިދާނުގައި ޖަމާލު ޢަބްދުއްނާޞިރު ގެންގުޅުއްވީ ދޫދެއްވުން ކުޑަ ހެފެއްޓިފައިވާ ސިޔާސަތެކެވެ. އެދުވަސްވަރު މިޞްރު ދައުރު ކުރަމުން ދިޔައީ އުދަގޫ ދަތި ދުވަސްތަކަކަށްވެފައި އަރަބި އިސްރާއީލު މައްސަލަތަކާއި ކުރިމަތި ލައްވަމުން އަދި ހުޅަގަށް ގޮންޖައްސަވަމުން ގެންދެވިއިރު ހިފެހެޓިފައިވާ ސިޔާސަތެއް ސިޔާސީ މައިދާނުގައި ގެން ގުޅެން ޖެހުނީ ކަމަށް ފެނެއެވެ. އަރަބީންނާ ދެމެދު ގެންގުޅުއްވީ އެއްބައެއްވަންތަ ބަޔަކަށް ހެއްދެވުމުގެ ފިކުރެވެ. މިގޮތުން ޢަރަބި އެއްޤައުމިއްޔަތުގެ ވިސްނުން ވަރަށް ބޮޑަށް ގެންގުޅުއްވިއެވެ. އަދި ޢަމަލީގޮތުންވެސް އެކަން ކުރެއްވިއެވެ. އެގޮތުން މިޞްރު ސޫރިޔާ އެއްދައުލަތަކަށް ހައްދަވައި، އެދައުލަތުގެ ދުސްތޫރު އެކުލަވާލެއްވިއެވެ. ނަމަވެސް ދިމާވި އެކިއެކި ކަންތައްތަކާހުރެ އެދައުލަތް ރޫޅިގެން ދިޔަ ނަމަވެސް ޖަމާލު ޢަބްދުއްނާޞިރުގެ މަސައްކަތަށް ހުއްޓުމެއް ނުގެންނަވައެވެ. މިގޮތުން ޖަޒާއިރާ ޔަމަން މިނިވަން ވުމަށް ކުރަމުންގެންދިޔަ މަސައްކަތަށް ހިއްވަރު ދެއްވައި އެހީވެދެއްވިއެވެ.
• ޢަސްކަރީ އަދި ސިޔާސީ ޙަޔާތްޕުޅު:
1939 ވަނަ އަހަރުން ފެށިގެން ޢަސްކަރިއްޔާގެ އެކި ފަންތީގެ އެކި މަޤާމުތަކުގައި މަސައްކަތް ކުރެއްވިއެވެ. 1943 ވަނަ އަހަރުން ފެށިގެން ޢަސްކަރި ކޮލެޖުގައި ލެކްޗަރެއްގެ ގޮތުގައި ވެސް މަސައްކަތް ކުރެއްވިއެވެ. އަދި އެގޮތުގައި 1952 ވަނައަހަރު އެމަނިކުފާނުއިސްވެ ހުންނަވާގެން ގެންނެވި މަޝްހޫރު ޔޫލިޔޫ އިންޤިލާބު ގެނެއުމާހަމައަށް ލެކްޗަރެއްގެ ގޮތުގައި ހުންނެވިއެވެ.
އަދި 1948 ވަނައަހަރު ކުރެވުނު އަރަބި އިޒްރޭލް ހަނގުރާމައިގަ ބައިވެރިވެވަޑައިގެންނެވެއެވެ. ޙާއްޞަގޮތެއްގައި أسدود ونجبا والفالوجا ގައި ހިގާދިޔަ ކުރިމަތިލުންތަކުގައެވެ. އެ ހަގުރާމައިގަ އަރަބީން ބަލިވެ އިޒްރޭލްގެ ދައުލަތްް ޤާއިމުވެގެން ދިއުން ވެގެން ދިޔައީ ، ޖަމާލު ޢަބްދުއްނާޞިރާއި އެމަނިކުފާނުގެ އެކުވެރިން އޭރުގެ ވެރިކަން ބަދަލުކޮށްލި އިންޤިލާބު ގެންނަވަން މެދުވެރިވި އެއްސަބަބު ކަމަށެވެ.
• 23 ޖުލައި 1952 ގައި ގެނެވުނު އިންޤިލާބު:
ޖުލައި މަހުގެ 23 ވަނަދުވަހުގެރޭ ޢަސްކަރިއްޔާގައި ހިމެނޭ، ޖަމާލު ޢަބްދުއް ނާޞިރު ރައީސްކަން ކުރައްވާ ސިއްރު ފުލުހުންގެ ޑިޕާޓްމަންޓް އިސްވެ އޮވެގެން ގެނައި ޢަސްކަރީ ޙަރަކާތް ކާމިޔާބު ކުރެވި އިންޤިލާބު ގެނެވުނެވެ. މި އިންޤިލާބުގެ ކުރީކޮޅުގައި "ޢަސްކަރީ ޙަރަކާތް" ގެ ނަން ދެވުނު ނަމަވެސް ފަހުން މަޝްހޫރު ވެފައިވަނީ 23 ޖޫލިޔޫ އިންޤިލާބުގެ ނަމުންނެވެ. އިންޤިލާބުގެ ސަބަބުން އޭރުގެ މިޞްރުގައި އޮތް ވުރާސީ ރަސްކަން ނިމުމަކަށް އައިސް ޖުމްހޫރިއްޔަތަކަށް މިޞްރު ބަދަލުވެގެން ދިޔައެވެ. އަދި އިންޤިލާބީ މަޖިލިސް އެކުލަވާލެވުނެވެ. 11 މެމްބަރުންގެ މައްޗަށް އެކުލެވޭ މަޖިލީހުގެ ރިޔާސަތުގަައި ހުންނެވީ ބްރިގޭޑިޔާާ މުޙައްމަދު ނަޖީބެވެ.
• ރަޢީސުލް ޖުމްހޫރިއްޔާ ކަމަށް އިސްވެޥަޑައިގަތުން:
އިންޤިލާބީ މަޖިލީހުގައި ޖަމާލު ޢަބްދުއްނާޞިރާއި މުޙައްމަދު ނަޖީބާއި ދެ ބޭފުޅުންގެ ދެމެދުގައި ޚިޔާލު ތަފާތުވުންތައް އުފެދި އާޚިރު ނަތީޖާއަކަށް ވެގެން ދިޔައީ މުޙައްމަދު ނަޖީބު އެމަނިކުފާނު ފުރުއްވަމުންގެންދެވި އެންމެހާ މަގާމުތަކުން ޢަޒުލު ކުރެވި ގޭގައި ބަންދު ކުރެވުމެވެ. އަދި 1956 ވަނަ އަހަރުގެ ޖޫން މަހުގައި އިންތިޚާބު ބޭއްވި % 99.8 ވޯޓުގެ ބޮޑު އަޢުލަބިއްޔަތަކުން އިންތިޚާބު ކާމިޔާބު ކުރެއްވިއެވެ.
• 3 ފަރާތުން އެކުލެވޭ ޢުދުވާނި ހަމަލާ:
އިގިލޭސީންނާއި ފަރަންސޭސީންނާއި އިޒްރޭލު ގުޅިގެން މިޞްރަށް ދިން ޢުދްވާނީ ޙަމަލާ ދިނުމަށް މެދުވެރިވި ސަބަބަކަށްވީ ފަރަންސޭސީންނަށް ބޮޑު ފައިދާތަކެއް ލިބިލިބިހުރި ސުވޭސްކެނަލް ހިންގަމުން ގެންދިޔަ ކުންފުނި، ޖަމާލު ޢަބްދުއް ނާޞިރު ދައުލަތަށް ނަންގަވައި ދައުލަތުގެ އެސެޓެއްކަމުގައި ހެއްދެވުމެވެ.
މި ޢުދުވާނީ ޙަމަލާ ފެށިގެން ދިޔައީ އިޒްރޭލުން ދިން ވަރުގަދަ ޙަމަލާތަަކަކުންނެވެ. ދެފަރާތުގެ ދެމެދުގައި ބަދަލު ކުރެވުނު ވަރުގަދަ ޙަމަލާތަކަށްފަހު ރޫސީން ހަގުރާމައިގެ މައިދާނަށް ވަނުމުން ، 22/12/1956 ގައި އިގިރޭސީނާއި ފަރަންސޭސީން މިސްރުގެ ބިންތަކުން ފައިބާން ފެށިއެވެ. އަދި އެއަށްފަހު އިޒްރޭލު ސިފައިންވެސް ފައިބާން ފެށިއެވެ. މިހަގުރާމައަށްފަހު ޖަމާލު ޢަބްދުއްނާޞިރުގެ މަޤުބޫލުކަން މިސްރުގެ އެތެރެއާއި ބޭރުގައި ވެސް ވަރަށް ބޮޑަށް މަތިވެގެން ދިޔަ އެވެ.
• 1967 ގެ ބަލި:
1967 ވަނަ އަހަރު އަރަބީންނާއި އިޒްރޭލާއި ދެމެދު ހިގި ކުރިމަތިލުންތަކުގައި އަރަބީންނަށް ނާކާމިޔާބުވެ ޖޫލާން ގެ ބިންތަކާއި މިޞްރަށް ނިސްބަތްވާ ސައިނާއާއި ފަލަސްތީނުގެ ހުޅަގު އައްސޭރިއާއި ޤުދްސުއް ޝަރްޤިއްޔާ އިޒްރޭލުގެ އަތްދަށަށް ދިޔައެވެ. އެހެންކަމުން ޖަމާލު ޢަބްދުއްނާޞިރު ނިންމެވީ އެކަމުގެ މަސްއޫލިއްޔަތު އުފުއްލަވައި އިސްތިއުފާ ދެއްވުމަށެވެ. އަދި އެކަން އިޢުލާން ކުރެއްވިއެވެ. އެހެން ނަމަވެސް މިޞްރުގެ ރައްޔިތުން މަގުމައްޗަށްނިކުމެ އިސްތިއުފާދެއްވުމާ ދެކޮޅަށް މުޒާހަރާކޮށް އެކަން އަބުރާގެންދެވުމަށް އެދި ގޮވާލިއެވެ. ރައްޔިތުންގެ އެދުމުގެ މަތީން ދެވަނަ ފަހަރަށް މިޞްރުގެ ރައީސްކަމަށް އެބުރި ވަޑައިގެންނެވެިއެވެ. އަދި ޢަސްކަރިއްޔާ އަލުން އެކުލަވާލައި ހަރުދަނާ ކުރެއްވިއެވެ
• އަވަހާރަ ވުން:
އެމަނިކުފާނު އަވަހާރަވިކަމަށް ރަސްމީކޮށް ޢާންމުކޮށްފައިވަނީ 2 ވަނަ ފަހަރަށް ހާޓްޓޭކެއްޖެހިގެންކަމަށް ވެއެވެ. ނަމަވެސް ޤާހިރާގައި ހުންނަ އެމެރިކާގެ އެމްބަސީ ތެރޭގައި ޖަމާލު ޢަބްދުއްނާޞިރު ގެ ކިބައިން ތަޚައްލުޞްވުމަށްޓަކައި ވިހަ ދިނުމަށް ނުވަތަ ބަލިމަޑުކަމެއް ޖެއްސުމަށް ދެކެވުނު ވާހަކަތަކުގެ އަޑު މިސްރުގެ ސިއްރު މައުލޫމާތު ތަކާބެހޭ އެޖެންސީއަށް ލިބިފައިވާކަމުގެ ހެކިތަށް 2009 ވަނަ އަހަރުގެ ތެރޭގައި ޢާންމުވެފައެވެ. އަދި އެ ވާހަކަތަކުގެ ރެކޯޑް ޖަމާލު ޢަބްދުއް ނާޞިރު އަޑު އެއްސެވިކަމަށްވެސް ވެއެވެ. އެމްބަސީގައި ވާހަކަތައްދެކެވުނުތާ 10 މަސްފަހުން ޖަމާލު ޢަބްދުއް ނާޞިރު އަވަހާރަ ކޮށްލެވުނެވެ. އަވަހާރަވީތޯ ނުވަތަ އަވަހާރަ ކޮށްލެވުނީތޯ ކުރެވޭސުވާލުގެ ޖަވާބު ގުޅިފައިވަނީ އޮޓޮޕްސީ ޓެސްޓާއެވެ. ނަމަވެސް އާއިލާގެ ފަރާތުން އެކަމަށް އެއްބަސް ނުވުމުގެ ސަބަބުން އޮޓޮޕްސީ ޓެސްޓް ހަދާފައެއްނުވެއެވެ.
• ނިންމާލުން:
ދެރަކަމަކީ އިޒްރޭލާ ދެކޮޅަށް މަސައްކަތްކުރައްވައި މުޅި ޙަޔާތްޕުޅު ނުރައްކަލެއްގެ ތެރެއަށް ހުށަހަޅުއްވައިގެން ހުންނެވި ޖަމާލު ޢަބްދުއް ނާޞިރަށް، ތަނެއް ދޮރެއް ނުބަލައި ފަރަންޖީ މަޞްދަރުތަކުން މައުލޫމާތު ނަގައިގެން ޑިކްޓޭޓަރެކޭ ކިޔައި އިގިލި ދިއްކުރާކަމެވެ. ދަންނާންވީ އެއްވެސް މީހަކީ މައުޞޫމު ކުށެއްނުކުރެވޭނެ މީހެއް ނޫންކަމެވެ.
މައުލޫމާތު: އަލްޖަޒީރާ ވެބްސައިޓުން އަދި އަހްރާމް ނޫހުން
Posted on 2010-02-20 23:00:16 |
Report this Comment
Posted on 2010-02-20 23:03:31 |
Report this Comment
Posted on 2010-02-21 09:12:35 |
Report this Comment
Posted on 2010-02-21 12:18:04 |
Report this Comment
Posted on 2010-02-21 16:58:33 |
Report this Comment