ނަސްރުﷲ އަލީ

  • ޝާއިޢުކުރި ތާރީޚް: 01 01 2010
  • މިލިޔުން ކިޔާފައިވާ އަދަދު: 745

މުރާސިލްގައި ޝާއިއުކުރެވޭ ލިޔުންތަކަކީ އެންމެން ބަލައިގަންނަ ލިޔުންތަކަކަށް ހެއްދެވުމަށް އެހީތެރިވެދެއްވާ!
މިލިޔުމަކީ މުރާސިލްގައި ޖަހަން އެކަޝީގެން ނުވާ ލިޔުމެއްނަމަ އަޅުގަނޑުމެނަށް އަންގަވާ!
މިލިޔުން ރިޕޯޓުކުރެއްވުމަށް

ނުދައްކާހުރި ވާހަކަ: ކަރަންޓުފީ ބޮޑުކުރުމާއި ދެކޮޅަށް ފުއައްމުލަކު ރައްޔިތުންކުރި އިހުތިޖާޖު

އެއީ މީގެ 14 އަހަރު ކުރިއެވެ. މައުމޫނުގެ ވެރިކަމުގެ އާރާއި ބާރާއި، ޝާނާއި ޝައުކަތުގެ އެންމެ ގަދަ ދުވަސްވަރެވެ. 1 ޖެނުއަރީ 1996 ވީ ހޯމަ ދުވަހެވެ. ޔުނިޓަކަށް 1.50 ލާރީގެ ފީއެއް ނަގައިގެން ދެމުންއައި ކަރަންޓުގެ އަގު 1 ޖެނުއަރީ 1996 އިން ފެށިގެން ޔުނިޓަކުން 4 ރުފިޔާ ނަގަން ހަމަޖައްސައި ސަރުކާރުން އެކަން އިއުލާނުކުރުމާއި ގުޅިގެން، އެއަގަކީ ފުއައްމުލަކުގެ ރައްޔިތުންނަށް އަތްފޯރާ އަގަކަށް ނުވާތީ، އެވާހަކަ ސަރުކާރުގައި ދަންނަވައި ދެއްވުން އެދި އަތޮޅުއޮފީސް ދޮށަށް ރައްޔިތުންގެ ތެރެއިން ބަޔަކު އެއްވިއެވެ. އަތޮޅުވެރިޔާ ހާމިދު ޔުސުފް ޗުއްޓީއެއްގައި ހުރުމުގެ ސަބަބުން އޮފީސް ހިންގުމާ ހަވާލުވެ ހުންނެވި އަތޮޅުވެރިޔާގެ އެހީތެރިޔާ ހުސެން ޝަރީފް، ރައްޔިތުންނަށް ދެއްވި ޖަވާބާއި ގުޅިގެން ބޮޑު މުޒާހަރާއަކަށް ބަދަލުވެގެން ދިޔަ ދުވަހެވެ. ހުސެން ޝަރީފް ވިދާޅުވީ "ތިކަމަކީ އަތޮޅު އޮފީހާ ބެހޭ ކަމެއްނޫނޭ. ތިކަމާ ބެހޭ ބަޔަކީ އިންޖީނުގޭ މީހުންނޭ. އިންޖީނުގޭ ދޮށަށް ދާށޭ" އެވެ.

ހުސެންޝަރީފް މިގޮތަށް ވިދާޅުވީ، ބަޔަކު މީހުން ކަރަންޓުގެ މައްސަލާގައި އެއްވާން އުޅޭކަން އޭނާއަށް އެގިފައި ވާތީ، އެންއެސް އެސް އަށް އެކަން އަންގާ، ކޯސްޓް ގާޑްގެ ސިފައިންގެ ހަތަރު ބޭކަލުން އިންޖީނުގޭ ދޮށުގައި ފޯރިމަރަން ބައިތިއްބާފައެވެ. އެނާއަށް ވިސްނިފައި އޮތީ އެއްވި މަދު މީހުންކޮޅު ބިޑި އަޅުވައިގެން އުފުރާލުމުން، މީހުންތައް ބިރުން ފިލާ ރައްކާވާނެކަމަށެވެ. މަޅިފަތި ޖަހާފައި މަޅިފަތި މައްޗަށް މީހުންތައް ލެއްވީއެވެ.

ހުސެން ޝަރީފްގެ ވިސްނުމާއި ޚިލާފަށް، ކަރަންޓުގެ އަގު ބޮޑުކުރުމާއި ގުޅިގެން ކަންބޮޑުވުން ފާޅުކުރުމަށް އެއްވި މަދުމީހުން ކޮޅުގެ އަދަދު އެތައް ސަތޭކައަކަށް ބަދަލުވެ، ކަރަންޓުގެ މައްސަލައިގެ އިތުރުން ސަރުކާރާމެދު އުފެދިފައިވާ ހިތްހަމަނުޖެހުން ބަންޑުން ކޮށްލި، ބޮޑު މުޒާހަރާއަކަށް އެކަން ބަދަލުވެގެން ދިޔައެވެ. އިންޖީނުގެއަށް ދިޔަ މީހުންގެ ތެރެއިން ތިން މީހުންގެ އަތުގައި ބިޑި އެޅުވިނަމަވެސް އެތައް ސަތޭކަ ބައެއްގެ ކުރިމަތީގައި ހަތަރު ސިފައިން އަމާންދީ ފުރައިގެން ދާން މަޖުބޫރުވިއެވެ. އަގު ބޮޑު ކަރަންޓު ބޭނުމެއްނުނޭ ބުނެ ޖެނެރޭޓަރުތައް ނިއްވާލާ، މުޅި ރަށުން ކަރަންޓު ކަނޑާލުމަށްފަހު، މުޒާހަރާގެ ބައިވެރިން ފުއައްމުލަކު އަތޮޅު އޮފީސް ދޮށަށް އެއްވެ، އޮފީހުގައި އެވަގުތު ތިބި މުވައްޒަފުން ގެއަށް ފޮނުވާލާ، އޮފީސް ހިސާރުކުރިއެވެ. އިންޖީނުގޭގެ ތަޅުލުމަށްފަހު ހަވީރު ހައެއްޖެހުމުން ދައުލަތުގެ ދިދަ ބާލައި، ކަޅު ދިދައެއް ނެގުމަށް ފަހު އިމާރާތް ބެލެހެއްޓުމަށްޓަކައި ބޭތިއްބީ އެރަށު ގަންޖާމިގޭ ބޭބެއާއި ކަޅުމަރިޔާގެ މުހައްމައިދީ އެވެ.

އެވަގުތު ރައީސް މައުމޫނު ހުންނެވީ އުމްރާގެ އަޅުކަމުގައި މައްކާގައެވެ. ސިފައިންގެ އެސްއޯއެސް ޓީމެއް ޖެހިގެން އައިދުވަހުގެ އިރުއެރި ވަގުތު ފުވައްމުލަކަށް އެރިއެވެ. މުޅި ޓީމުގައި ޖުމްލަ 40 ވަރަކަށް ބޭކަލުން ހިމެނެއެވެ. ގެނައި ހަތިޔާރުގެ ތެރޭގައި ކަރުނަގޭހާއި ދުންބަޑި ހިމެނެއެވެ. ޝައްކެއްނެތް ގޮތުގައި ވީޑިއޯ ކެމެރާ ގެނެސް ވީޑިއޯ ކުރިއެވެ. މާނޭރު ނެރުން ފައިބަން އުޅުމުގެ ތެރޭގައި ބޮއްކުރާ ބަންޑުން ޖަހާލުމުގެ ސަބަބުން ކެމެރާތައް ލޮނުގައި ޖެހުނު ކަމަށްވެއެވެ. ކޯސްޓު ގާޑުގެ އިތުރުން މިފްކޯގެ ކަލަމިންޖާ ބޯޓެއްވެސް ސިފައިންނާއެކު އައެވެ. ބުނެވޭ ގޮތުގައި އޭގައި ހުރީ އަސްލު ހަތިޔާރާއި އެމޯއެވެ. އޭރު ކަތިވަޅި ފޯސްގެ މެމްބަރު ކެޕްޓަން ޝިޔާމްގެ ކޮމާންޑަރު ކަމުގައި އައި ފައުޖުގެ އޯޑަރަކީ ތިން ދުވަސް ތެރޭގައި ރައްޔިތުން މައިތިރިކޮށް އަތޮޅުއޮފީހާއި އިންޖީނުގެ ނުހުޅުވިއްޖެނަމަ ހަތިޔާރުގެ ބޭނުންކުރުމަށް ކަމަށް އެދުވަހު ދިޔަ ޓީމުގެ ބޭކަލަކު ވިދާޅުވިއެވެ.

ކަރަންޓު މުޒާހަރާ ތިންދުވަހަށް ދެމިގެން ގޮސް ހަތަރުވަނައަށް ވީދުވަހު ސަރުކާރުން ނެގޯޝިއޭޓް ކުރަން ފޮނުއްވި ވައިޖެހޭ ރަޝީދުގެ މިލިޓަރީ ސްޓައިލް ނެގޯސިއޭޝަނުން ޖެނެރޭޓަރުތައް ހިންގާ، މުޒާހަރާ ރޫޅާލީ ބާރުގެ ބޭނުންނުކޮށް ބިރުދައްކައިގެންނެވެ. ނަމަވެސް އެހިސާބުން އަދި އެކަން ނިމުނީއެއްނޫނެވެ. ދެންއައީ މީހުން ހައްޔަރުކޮށް ދޫނިދޫ ކުޑަގޮޅިއަށް ގެންދިއުމުގެ ތޫފާނެކެވެ. އެންމެ ފުރަތަމަ ހައްޔަރުކޮށްގެން ދޫނިދޫއަށް ގެންދިޔައީ އަތޮޅުވެރިޔާގެ އެހީތެރިޔާ ހުސެން ޝަރީފެވެ. އެއަށްފަހު އެކިދުވަސް މަތިން އެކިމީހުން މާލެ ގެންދިޔައެވެ. އަތޮޅު އޮފީހަށް ގެންގޮސް މީހުންނަށް އަންގަނީ އެޓޯލްސް މިނިސްޓްރީގެ ބޭނުމަކަށް މާލެ ދިއުމަށެވެ. ބައެއް މީހުންނަށް މަތިންދާ ބޯޓު ޓިކެޓް އަދި ބައެއް މީހުންނަށް ކަނޑު ބޯޓު ފެސެޖެވެ. 11 މާޗް 1996 ވަނަ ދުވަހު އަޅުގަނޑަށް ލިބުނީ މަތިންދާ ބޯޓު ޓިކެޓެކެވެ. މަތިންދާ ބޯޓުން ހުޅުލެއަށް ފޭބުމާއެކު އަޅުގަނޑާ ހަވާލުވީ ސަފާރީ ޔުނިފޯމުގައި ހުރި ސިފައިންގެ ބޭކަލެކެވެ. ސިފައިންގެ ދޯންޏެއްގައި މާލެއަށް ފޭބިއިރު ހަވާލުވާން ހުރީ އުންބެ ސަލީމު ކިޔާ ބޭކަލެކެވެ.

މުޒާހަރާ ރޭވުމުގައި އަޅުގަނޑު ބައިވެރިއެއް ނުވަމެވެ. އަދި ބަޔަކު އެއްވާން ރޭވިކަމެއްވެސް ނުދަނެ ހުރީމެވެ. މުޒާހަރާގައި ބައިވެރިވިކަމުގެ ތުހުމަތުގައި ސައްބީހަށްވުރެ ގިނަ ފުއައްމުލަކު މީހުންނާއި، ކަރަންޓުގެ އަގު ބޮޑުވި ޚަބަރު ލިޔުނު "ހަވީރު" ނޫހުގެ ލިޔުންތެރިޔާ އަބްދުއް ސަލާޙް ޙަސަން އާއި، ސަރުކާރަށްވުރެ ހެޔޮ އަގުގައި ކަރަންޓު ދެވޭނެކަމަށް "ހަވީރު" ނޫހަށް އިންޓަވިއުދިން އައްޑޫ ހިތަދޫ ޕްލާޒާ ޒާހިރު ހައްޔަރުކޮށް ދޫނިދޫގައި ބަންދުކުރެވުނެވެ. މީގެ ތެރެއިން ސަރުކާރަށް ފެނުނު ބަޔަކު ދޫކޮށް، 13 މީހުންގެ މައްޗަށް ދައުލަތުން ދައުވާކުރީ މައުމޫނުގެ ވެރިކަމުގައި، ޑރ. މުހައްމަދު މުނައްވަރުގެ ބަންޑާރަ ނައިބުކަމުގައެވެ.

ބުނެވިދިޔަ 13 މީހުންގެ ތެރެއިން 5 މީހެއްގެ މައްޗަށް ދެދައުވާ، ބާކިތިބި މީހުންގެ މައްޗަށް އެއް ދައުވާ ދައުލަތުން ކުރިއެވެ. އެއީ 5 މީހުންގެ މައްޗަށް، ޣައިރުގާނުނީ އެއްވުމެއްގައި ބައިވެރިވުމުގެ ކުށުގެ ދައުވާއާއި ގާނޫނީގޮތުން އުފެދިފައިވާ ސަރުކާރު ވައްޓާލުމަށް އުޅުނުކަމުގެ ދައުވާއެވެ. އަނެއް 8 މީހުންގެ މައްޗަށް ކޮށްފައިވަނީ ޣައިރުގާނުނީ އެއްވުމެއްގައި ބައިވެރިވުމުގެ ކުށުގެ ދައުވާއެވެ. ދައުލަތުގެ ފަރާތުން ވަކާލާތުކުރީ މަޝްހޫރު ރޭނިސް ސަލީމެވެ. ކޯޓުގައި ޝަރީއަތް ހިގަމުން ދިޔައިރު ތަހުގީގު ޓީމުގެ ބޭކަލުން ސިފައިންގެ ޔުނިފޯމުގައި ތިބެއެވެ. މީގެތެރެއިން ސަރުކާރު ވައްޓާލުމަށް އުޅުނުކަމަށް ކުރި ދައުވާ ސާބިތު ނުވާކަމަށް ގާޒީ ހުކުމް އިއްވިއެވެ. ޣައިރުގާނުނީ އެއްވުމެއްގައި ބައިވެރިވުމުގެ ކުށް ސާބިތުވިކަމަށް ނިންމައި، 2 އަހަރު ދުވަހުގެ މުއްދަތަކަށް ދައުލަތުން ކަނޑައަޅާ ރަށަކަށް އަރުވާލުމަށް 13 މީހުންގެ މައްޗަށް ގާޒީ ހުކުމް އިއްވިއެވެ.

ހައްޔަރުކުރުމާ ހަމައިން ފެށިގެން މައްސަލައިގައި ހުކުމް އިއްވުމާއި ހަމައަށް ގާނުނީ ވަކީލެއް ހޯދުމުގެ ހައްގު ދީފައެއް ނުވެއެވެ. ޝަރީއަތްކޮށް ހުކުމް އިއްވާފައިވަނީ ދޫނިދޫއާއި ގާމާދޫގައި ބަންދުކޮށްފައި ބައިތިއްބައިގެން ގަދަކަމުން ނަގާފައިވާ ބަޔާންތަކުގެ މައްޗަށް ބަލައިގެންނެވެ. ބައެއް ގައިދީން ދުނިދޫގެ އަލިފާން ގޮޅީގައި ހަމަހަށްވުރެ ގިނަދުވަސް ހޭދަކުރިއެވެ. ގޭގެ ބަންދުގައި، ދައުވާކުރުމެއްނެތި އަހަރުދުވަސް ވީނަމަވެސް ހުކުމުގެ ތެރެއިން އެންމެ ދުވަހެއްވެސް އެދުވަސްތަކަށް ކަނޑާފައެއް ނުވެއެވެ. އަރުވާލުމުގެ ހުކުމުގައި އެންމެ ގިނަ ދުވަސް ކޮށްފައިވަނީ އަބްދުއް ސަލާހު ހަސަނެވެ. އޭނާ ފަނަރަ މަސްދުވަސް ހޭދަކުރިއެވެ. މިވާހަކަ ތަކަކީ އޭރު އެއްވެސް ނޫހެއްގައިވެސް ނުލިޔާ އަދި ސަރުކާރުގެ މީޑިއާއިންވެސް ނުދައްކާހުރި "ސިއްރު" ވާހަކަ ތަކެކެވެ. އޭރުގެ ސަރުކާރުގެ މިނިސްޓަރަކު ހިންގާ މަޝްހޫރު ނޫހެއްގައި އެދުވަހުގެ ޚަބަރު ލިޔަން އުޅުނުކަމަށްވެއެވެ. ނަމަވެސް "މަތިން" އައި އޯޑަރަކާ ގުޅިގެން އެކަން ހުއްޓާލީ ކަމަށްވެއެވެ.

ނޯޓް: ކަރަންޓު މުޒާހަރާގެ ބައިވެރިންނަށް ދިން އަނިޔާތަކަކީ މިކަހަލަ ކުރު ރިޕޯޓެއްގައި ލިޔެވޭ ވަރަށްވުރެ މާދިގު، އަސަރުން ފުރިގެންވާ ވާހަކަތަކެކެވެ. މިމައްސަލައިގެ ތަފްސީލީ ރިޕޯޓް ފޮތެއްގެ ސިފައިގައި އެކުލަވާލުމުގެ މަސައްކަތް ކުރަމުން އަންނަ ވާހަކަ ދަންނަވަމެވެ.

މުރާސިލް ހޯމްޕޭޖް އަށާއި ފީޗަރޑް ބަޔަށް ލިޔުން އެރުވުމުގައި ކިޔުންތެރިން ލިޔުމަށް ދޭ ތަރުހީބަށް ބެލޭނެ އެވެ.

Posted on 2010-01-01 16:43:05 | Report this Comment
ހަސީބު:

ކާފަ ކިޔާނުދީ ހުރި މިކަހަލަ ވާހަކަތަށް އަޅުގަނޑުމެން ހުރިހާ ރައްޔަތުންނަށް ވެސް އެގެން ޖެހޭނެވެ.
ހުސައިން: މިހާރު މިއޮތީ މިފަދަ ދެވަނަ މުޒާހަރާއަކަށް ނިކުންނަންވެފައި. ކަރަންޓުވަނީ އަތްފޯރާވަރަށްވުރެން މާމަތީގައި. ރާއްޖޭގެ އެންމެރިޒޯޓަކުންވެސް ދިވެހިންނަށްބޭނުންވާ އަސާސީ ޚިދުމަތްތައް ހިލޭދެވެންޖެހޭނެކަމަށް ބުނަމުން ވެރިކަމަށްއައިމީހުން މިހާރު ވަނީ ކަރަންޓު އަތްނުފޯރާވަރަށް މަތިކޮށްފައި. އާއްމުގެއަކުން 1000 ރުފިޔާބޮޑުވި.
އަހުމަދު: ހުސައިން: މިހާރު ކަރަންޓު ފީ ނަގަނީ ގެއަކަށް ވަކިވަރަކަށްތަ؟ ޔުނިޓަކުން ނޫންބާ؟ އަގު ބޮޑުކުރީ މުޅި ރާއްޖެއަށްތަ ނޫނީ މާލެއަށްތަ؟
ޙަސީބު: ލިޔުންތެރިޔާ މި ލިޔުމުގައި ފާހަގަކުރަން ބޭނުން ވާ އެންމެ މުހިއްމުކަމަކީ ކާފަ ބަސްނާހާ ކުދިން ކަމަށް ބުނެ ޤާނޫނުއަސާސީގައި އަތް އަޅާގެން އޮވެ ދިވެހި ދަރިން ތަކަކަށް ދިން އަނިޔާތަކެއްގެ ވާހަކަ، އެ ދަރިންގެ އުމުރުން ނަގާލި ދުވަސްތަކުގެ ވާހަކަ، ކާފަގެ މިފަދަ ކަންކަމުގެ ހަދާން ކާފަ ފުރަތަމަވެސް އިޙުސާސް ކޮށް ފައިވަނީ 28 އޮކުޓުބަރ 2008 ގައި ކަން ފާހަގަ ކުރެވޭނެ ހުރިހާ ރައްޔަތުނަށްވެސް .

Posted on 2010-01-01 16:53:48 | Report this Comment
އެލްވިސް:

ރައީސް ނަށީދަށް ވެސް އަދި އެހެން މީހަކަށް ވެސް މައުމޫނަށް ވުރެ އަނިޔާ ވެރި އެއް ނުވެވޭނެ އެވެ،ތިޔަ ލިޔުމުގައި ވަނީ ތެދު ހަގީގަތެވެ،ތިދުވަސް ވަރު އަޅުގަނޑުވެސް މަސައްކަތް ކުރަމުން އައީ އެން އެސް އެސް ގައެވެ، ތިޔަ އެސް އޯ އެސް ޓީމުގައި އަހަރެން ގެ ވަރަށް ގާތް މީހުން ހިމެނޭ،އެމީހުން ގެ ފަރާތުން ތި ކަން ތައް ރޭވިފައި އޮތީ ތި ގޮތަށް ކަމަށް މައުލޫމާތު ލިބުނު، މައުމޫނުގެ ތިކަހަލަ ވަރަށްގިނަ އަނިޔާ ތަކުގައި ރޭނިސް ސަލީމާއި މުނައްވަރު ބައިވެރި ވެފައި ވެއެވެ.

Posted on 2010-01-01 16:58:50 | Report this Comment
ސައުދު:

ނަސްރު ވަރަށް ވެސް ފުރިހަމަ ލިޔުމެއް. އަހަރެމެން ހަނދާން އެބަހުރި އެދުވަހުގެ ކަންތައް ވަރަށް ވެސް ރަގަޅަށް. މައުމޫނު ނިމިގެން ދާނީ ފުވައްމުލަކުގެ މީހުންނަށް އޭނަދިން އަނިޔާ މިދުނިޔެމަތީގާއި އޭނާ އަށް ލިބިފައި.

Posted on 2010-01-01 17:06:35 | Report this Comment
ކިއުންތެރިއެށް:

ވަރައްފުރިހަމަ ލިއުމެއް .... އެކަމަކު ދެރައީ މި ދިވެހިންގެ ބައެށް މީހުންނަށް ތިކަހަލަ ކަންތަށް ގަބޫލްނިކުރެވޭކަން ...

Posted on 2010-01-01 18:01:28 | Report this Comment
އިއްބެ:

ނަސްރު ފޮތް ނެރޭނެ ދުވަހަކަށް އިންތިޒާރު ކުރަން

Posted on 2010-01-01 19:41:20 | Report this Comment
އާޢިލާގެ 10 މީހުން މިކަމުގައި ހައްޔަރުކުރި ޢާއިލާއެއްގެ މީހެއް.:

ނަސްރުގެ ލިއުން ވަރައް ފުރިހަމަ. ވަރައް އަސަރުކޮއްފި.
ނޫމާނު: އެއީވާ ބިރުވެރި ދުވަސްކޮޅެކެވެ. މުޅި ރަށުގައި ދެކެވެނީ ގެންދާ މިހުންގެ ލިސްޓެއް އޮތްވާހަކައެވެ. ބައެއް މީހުން ބުނެފައިވާގޮތުގައި އެލިސްޓް ހެދީ ހުސެން ޝަރީފެވެ. ކޮންމެ ދުވަހަކު އިރުއަރާ އިރު އޮއްސިގެންދަނީ ރަންނަމާރިއަށް ހަވާލުކުރާ ބިކުރުވެރި އަންހެން ކުއްޖާ ހޮވާފަދައިން ދެން ޖަލަށް ގެންދާނީ ކާކުތޯ ބަހުސްކުރުމުގެ ތެރެއިންނެވެ. މިއަނިޔާގައި ބޮޑެތި އެތައް އައިލާތަކެއް ބިކަވެގެންދިޔަ. ދެއަހަރު ވަންދެން މަސައްކަތެއް ނުކޮށް ތިބެން ޖެހުމުގެ ސަބަބުން ބައެއް އާއިލާތަކުގެ ކުޑަކުދިން ބަނޑުހައި ހޫނުކަމުގައި އުޅެންޖެހުނު. އަޅުގަނޑުމެން ގޭދޮށު "ބަންގި" ގެ އާއިލާ އުޅުނީ ވަރަށް ހިތްދަތިކަމުގައި. އޭނާ ހައްޔަރުކުރީ ދަމާކެނޑުމުގެ ވިޔަފާރިކުރަން ރަށުން ތަކެތި ހިފައިގެން މާލެ އައިސް ފޭބިތަނުން. އުންބެ ސަލިމު މަސް މާރުކޭޓް ކައިރިން ވަރަށް ސަޅިކޮށް ގޮވާލާފައި ބުންޏޯ ހިގާށޭދާން. އެތަނަކަށް ދެވުނުއިރު ވަދެވުނީ ފުލުހުންގެ މަރުކަޒަށޯ ބަންގިބުނީ. ހެޔޮވާނީ ކިހިނެތް.

Posted on 2010-01-02 01:35:32 | Report this Comment
ރިއަލިޓީބައިޓްސް:

އިޙްތިޖާޖް ކުރުމުން ފުވައްމުލަކުގެ ނިކަމެތި ރައްޔިތުންނަށް ލިބުނު އަނިޔާއަށް ހަމްދަރުދީ ފާޅު ކުރަމެވެ. ހިތާމައަކީ މައުމޫނު ކަމެއް ކުރުމުން ގޯސްވެފައި ނަޝީދު ކުރުމުން ގޯސްނުވާ ކަމެވެ. ކުޑަކުޑަ މިސާލެކެވެ. ކަރަންޓް އަގު ބޮޑުކުރުމުގެ ބަދަލުގައި ނަޝީދު ކަރަންޓްގެ އަގު ހަމައަގަށް ގެނައެވެ. ވަކި ބައެއް މުވައްޒިފުންނަށް (އާއިލާތަކަށް ލިބެމުން އައި އާމުދަނީ) ކުޑަކުރަން ދެއްކެވީ ގައުމުގެ ހާލަތުގެ ބަހަނާއެވެ. މަސްވެރިކަމަށް ލިބެމުން އައި އަގު އިންޓަނޭޝަނަލް އަގަށް ނަން ބަދަލުކުރެއްވީއެވެ. ހަކުރުގެ ބަދަލުގައި ބަނގުރަލާއި ތެޔޮ ތިޔާގި ކޮށްދެއްވީ އެވެ. މީޑިއާ މިނިވަން ކޮށް (މިހާރުގެ) ސަރުކާރަށް ހިބަކޮށް ދެއްވީ އެވެ. އޭރުވެސް އަދި މިހާރުވެސް އިޙްތިޖާޖް ކުރަން ވީއެވެ. އަނިޔާ އާއި ވޭން ތަޙައްމަލް ކުރަން ތިބިބަޔަކީ ހަމަ އަޅުގަޑުމެންނެވެ.

Posted on 2010-01-02 02:14:17 | Report this Comment
އަލީ:

ތިގޮތަށް މައުމޫނުގެ ސަރުކާރުގަ ތިނަދޫ އަށް ވެސް އެރި. ކުދިން އޯލެވެލް ހަދަން ތިއްބާ ސުޓާ ފޯސް ސުކޫލް ކުރިމަތިން ދުންޖަހާފަ ވެސް ދިޔަ. ގޭ ގެޔަށް ރޭގަޑު ބޫޓާ އެކު ގޭގެ ހުރުމަތް ކަޑާފަ މުޅި ރަށުތެރޭ އެބުރުނު ތި ބުނި ގޮތަށް ލިސްޓް ވެސް ލިޔުނު.. މިކަންތައް ތަށް މީ ތަހުގީގު ކުރަން ޖެހޭ ކަން ތަށް ތަށް
މުސާފިރު: މައުމޫނުގެ ވެރިކަމުގެ ފަހުކޮޅު މިފަދަ ކަންތައް ވަރަށް ގިނަ ރަށްރަށުގައި ހިންގަމުން ދިޔަ. އަބަދުވެސް އިވެނީ ކޮންމެވެސް ލިސްޓެއް ތައްޔާރުކޮށްގެން ކޮންމެވެސް ބަޔަކު މާލެގެންދަން އުޅޭ ވާހަކަ. އެތައް ބައެއްގެ ވަޒީފާވެސް ގެއްލިގެން ދިޔަ. މަވެސް އަބިދަރިންނާއެކު ރަށުގައި ވަޒީފާ އަދާކޮށްގެން އުޅެއުޅެ ހުއްޓާ ޓަސްލާފަ ވަޒީފާއިން ކަނޑާލައިފި. އެމްޑީޕީ މީހެކޯ. ޚާއިނެކޯ. މިހާރު ރަށްދޫކޮށް މާލެ ހިޖުރަކޮށްގެން މިއުޅެނީ. އަނބިދަރިން އުޅެނީ ރަށުގައި. 365 ދުވަހުގެ ތެރެއިން އެންމެ ފަންސަވީހަކަށް ދުވަހު އެމީހުން ކައިރީ މިއުޅެވެނީ. މިހާރު ފަސް އަހަރުވީ މިހެން އުޅޭތާ.
: އެމް.ޑީ.ޕީ އުފެދުނުފަހުންވެސް އަދި ފަސްއަހަރު ނުވޭ
އ: އެމްޑީޕީގެ ހަރަކާތް ހިންގާތާ ލައްކަ ދުވަސް ވެށެޖެ

Posted on 2010-01-02 11:22:14 | Report this Comment
މާނު:

ވަރަށް ފުރިހަމަ އަސަރުގަދަ ލިޔުމެއް.ނަސްރު ހަމަ ސާބަސް...

Posted on 2010-01-02 21:05:42 | Report this Comment
ބަންގި:

ދައުވާނުކޮށް ދޫކޮށްލީ މައްސަލާގައި ހައްޔަރުކުރި ސަރުކާރުގެ މުވައްޒަފުން. އޭގެތެރޭގައި ގިނައިން ތިބީހު ރަށުގެ ކަތީބުންނާއި އަތޮޅު އޮފީހުގެ އިސް މުވައްޒަފުން. މިމީހުން ދޫކޮށްލުމަށްފަހު ތިބި ވަޒީފާތަކަށް އަބުރާ ފޮނުވާލީ. ހުކުމްކޮށް އަރުވާލި ބައެއް މީހުން ޕާޓީ ނިޒާމު އުފެދުމުން ޑީއާރުޕީއާއި ގުޅިގެން މައުމޫނަށް ކެމްޕޭނު ކޮށްދިނުމުގައި އަވަދިނެތި އުޅުނު. ބަދަލުނުވެ ދެމިހުރީ ހޯދަޑު ކަތީބު.

Posted on 2010-01-06 12:24:18 | Report this Comment
ސަޢާދާ:

ކަރަންޓްގެ ޖަރީމާއާއިމެދު ކުރެވެންހުރި ދަޢުވާއެއްވިޔަސްކުރަންވީ.އަދި ހުސެއިން ޝަރީފުމެންގެ ވަޒީފާގެދިގު ތާރީޚްގައި މިރަށުގެ ވަކިވަކި ފަރުދުންނާއިމެދު ހިންގާފައިވާ ލާއިންސާނީކަންތަކާ އަދި ކޮބައިތޯ އޯގާތެރި ސަރުކާރުގެ ޚައިރުޤާނޫނީ ކައުންސެލަރުން މިހާރުހިންގަމުންގެންދާ ރުއްގަހުގެކަންތަކާ ،ބިންދިނުމާއި އަދި ކޮންޓް ރެކްޓް މަސައްކަތްތައް ވީމާ ރައީސުވިދާޅުވާހެން މާޒީފަހާދުވެގެންކޮންމޮޅެއްވީ.ވިއްޔާވާނީ ބަރަހަނާ

ނަން:

ވެބްސައިޓް:

ހިޔާލު:

  • - ލިޔުންތަކަށް ހުށަހެޅޭ ކޮމެންޓް ތައް ޝާއިއު ކުރާނީ ލިޔުންތެރިޔާ އެވެ.
  • - މި ގޮޅީގައި ލިޔުއްވާއިރު ކޮމްޕިއުޓަރގެ ރީޖަނަލް / ލެންގުއޭޖް ސެޓިންގްސް އިން ދިވެހި އިޙްތިޔާރު ކުރައްވާކަށް ނުޖެހޭނެ.
  • - އާއްމުކޮށް ބަލައިގަނެވޭ އަޙްލާގީ މިންގަޑަށް ނުފެތޭ ލިޔުންތައް ޝާއިއު އެއް ނުކުރެވޭނެ ވާހަކަ ދަންނަވަން.