
އެމްޑީޕީގެ ސަރުކާރެއްގައި ދިވެހި ރައްޔިތުންނަށް ފޯރުކޮށްދޭނެ އިންޝުއަރެންސް ސްކީމަކީ ކޮންމެ ރައްޔިތެއްގެ ސިއްހީ މައްސަލަތައް ކަވަރުކުރެވޭނެ ސްކީމަކަށް ވާނެކަމުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ވިދާޅުވެއްޖެއެވެ.
ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދު (އަންނި) މިހެން ވިދާޅުވީ “ބޭސްފަރުވާއަށް ސަލާންޖެހުން ހުއްޓުވާނެ”ކަމަށް އެބޭފުޅާވެފައިވާ ރިޔާސީ ވަޢުދު ފުއްދުމަށް ގެންގުޅުއްވާނެ ސިޔާސަތު ހާމަކުރުމަށް 2 ސެޕްޓެމްބަރުވީ އަންގާރަ ދުވަހު އެމްޑީޕީ ހަރުގޭގައި ބޭއްވި ނޫސްކޮންފަރެންސްގައެވެ. ދިވެހި ރައްޔިތުން ބޭސްފަރުވާއަށްޓަކައި ސަލާންޖެހުން ހުއްޓުވުމަށްޓަކައި އެމްޑީޕީގެ ސަރުކާރަކުން ކުރައްވާނެ އެންމެ އިސްކަމަކީ ހެލްތު އިންޝުއަރެންސް ސްކީމެއް ގާއިމްކުރުން ކަމުގައި ނަޝީދު ވިދާޅުވެފައިވެއެވެ. މިސްކީމް ބިނާވެފައިވާނީ އެކަށީގެންވާ އާމްދަނީ ލިބޭ ރައްޔިތުންގެ އަތުން ނެގޭ ޕްރީމިއަމްއަކާއި ފުދުންތެރިކަމެއް ނެތް ރައްޔިތުންނަށް ސަރުކާރުން އެހީވާގޮތަށްކަމުގައި ނަޝީދު ހާމަކުރެއްވިއެވެ.
ނަޝީދު ހާމަކުރެއްވި ގޮތުގައި ދިވެހި ރައްޔިތުންނަށް ސިއްހީ ގޮތުން ތަހައްމަލު ކުރަންޖެހިފައިވާ މައްސަލަތައް ދެބަޔަކަށް ވަނީ ބެހިފައެވެ. މިގޮތުން އެއްބައިގައި ހިމެނިފައިވަނީ ޚިދުމަތުގެ އަގާއި ޚިދުމަތާއި ހަމަޔަށް ދިޔުމުގެ އަގު ބޮޑުވުން، ޒިންމާދާރު ހިންގުންތެރިކަމެއް ނެތުން، ތަމްރީން ލިބިފައިވާ ސިއްހީ މީހުން މަދުވުމެވެ. ދެވަނަ ބައިގައި ހިމެނެނީ ފެން ތަޣައްޔަރުވުމާއި ތާޒާ ވައި ނުލިބުމާއި ކުނި ނައްތާލާނެ ރަގަޅު ނިޒާމެއް ނެތުމާއި ނަޖިހާއި ނަރުދަމާގެ ރަގަޅު ނިޒާމެއް ނެތުމެވެ.
ސިއްހީ ހިދުމަތާއި ހަމަޔަށް ރައްޔިތުން ފަސޭހަކަމާއި އެކު ފޯރުކޮށްދިނުމަށްޓަކައި ރަގަޅު ދަތުރުފަތުރުގެ ނިޒާމެއް އެމްޑީޕީން ގާއިމްކުރާނެކަމުގައި ނަޝީދު ވިދާޅުވިއެވެ. ގިނަވެގެން ބައިގަޑިއިރުގެ ތެރޭގައި ކޮންމެ ރައްޔިތަކަށްވެސް ފެންވަރު ރަގަޅު ސިއްހީ ޚިދުމަތާއި ހަމަޔަށް ވާސިލުވެވޭނެ ގޮތް ހަދައިދިނުމަކީ އެމްޑީޕީގެ އަމާޒުކަމުގައި ނަޝީދު ވިދާޅުވިއެވެ. އަދި ޚިދުމަތުގެ އަގު ހެޔޮކުރުމަށް ބޭނުންކުރާނީ އިންޝުއަރެންސް ސްކީމްކަމުގައި ނަޝީދު ވިދާޅުވިއެވެ.
ސިއްހީދާއިރާ ޒިންމާދާރުކަމާއި އެކު ހިންގުންތެރިކުރުވުމަށްޓަކައި ޑޮކްޓަރުންނާއި ނަރުހުންގެ މުއައްސަސާތައް މިނިވަންކުރެއްވުމަށާއި ސިއްހީ ހިދުމަތް ފޯރުކޮށްދިނުމަށްޓަކައި ބައިނަލްއަގްވާމީ ސިއްހީ ޖަމާއަތްތަކަށް ހުޅުވާލައްވާ ވާދަވެރި ބާޒާރެއް އުފައްދެވުމަށް އިސްކަންދެއްވާނެކަމުގައި ނަޝީދު ހާމަކުރެއްވިއެވެ.
ތަމްރީން ލިބިފައިވާ ސިއްހީ ދާއިރާގެ މީހުން އިތުރުކުރުމަށްޓަކައި ޔުނިވާސިޓީ ހޮސްޕިޓަލެއް ގާއިމްކުރައްވާނެކަމުގައި ނަޝީދު މިއަދު ހާމަކުރެއްވިއެވެ. މިކަންތައް ކުރުމަށްޓަކައި ބައިނަލްއަގްވާމީ ޖަމާއަތްތަކާއި އެކުވެރި ދައުލަތްތަކާއި މިހާރުވެސް ވާހަކަތައް ދެކެވިފައިވާކަމުގައި ނަޝީދު ވިދާޅުވިއެވެ. މިކަމާއި ބެހޭގޮތުން އިތުރަށް މައުލޫމާތު ދެއްވަމުން އެމްޑީޕީގެ ސިއްހަތާއި ބެހޭ ޓެކްނިކަލް ޓީމުގެ އިސްބޭފުޅެއްކަމުގައިވާ ޑރ. އައިމިނަތު ޖަމީލު ވިދާޅުވީ މި ޔުނިވާސިޓީ ހޮސްޕިޓަލް ގާއިމްކުރެވޭނީ މާލެނޫން ކޮންމެވެސް އެހެން ރަށެއްގައިކަން ޔަގީންކަމުގައެވެ.
ފެންތަޣައްޔަރުވުމާއި ނަޖިހާއި ނަރުދަމާގެ މައްސަލައަކީ ރާއްޖޭގެ ރައްޔިތުންނަށް ދިމާވެފައިވާ ބޮޑު ސިއްހީ މައްސަލައެއްކަމުގައި ހާމަކުރައްވަމުން ނަޝީދު ވިދާޅުވީ ސާފު ބޯފެން އުފައްދާ ރައްކާކުރާ ނިޒާމު ގާއިމްކުރެވޭނެކަމުގައެވެ. އެމްޑީޕީގެ ސިއްހަތާއި ބެހޭ ސިޔާސަތުގައި ދިގު މުއްދަތުގައި ކުރާނެ ކަންތަކުގެ ތެރޭގައި ރައްޔިތުން ބަލިމަޑުކަމުން ރައްކާތެރި ކުރުމަށްޓަކައި އެކަށޭނެ ނަރުދަމާ ނިޒާމެއް ގާއިމުކޮށް ހިންގުން ހަރުދަނާކުރާނެކަމުގައި ބުނެފައިވެއެވެ.
މީގެ އިތުރަށް ކުނި ނައްތާލުމާއި ވައި ނުސާފުވުމުގެ މައްސަލައަށް ހައްލުގެނައުމަށް ކުނި ނައްތާލުމުގެ މަސައްކަތް ވިޔަފާރީގެ އުސޫލުން ދޫކޮށް މިހާރު ގެންގުޅޭ ސިޔާސަތުތައް ބަދަލުކުރައްވާނެކަމުގައިވެސް ނަޝީދު ވިދާޅުވިއެވެ.
މީގެ އިތުރަށް ނޫސްކޮންފަރެންސްގައި ނަޝީދު ވިދާޅުވީ ރާއްޖޭގައި ގިނަވަމުން އަންނަ “ގައިން ގައަށް ނާރާ ބަލިތަކަށް” ރަގަޅު ފަރުވާ ލިބޭނެ ގޮތްތައް ހައްދަވާނެކަމަށާއި އަވަށްޓެރި ގައުމުތަކުގައި ފެތުރެމުން އަންނަ އެއިޑްސް ބައްޔާއި މެދު ހޭލުންތެރިކުރުވުމަށް ހެޔޮ ލަފާ ނަސޭހަތްދޭނެކަމުގައި ވިދާޅުވިއެވެ. މީގެ އިތުރަށް ރާއްޖެ އެތެރެވާ ބިދޭސީ މަސައްކަތްތެރިން ހަދަންޖެހޭ މެޑިކަލް ސްކްރީނިން ރާއްޖެ އައުމުގެ ކުރިން ހަދާގޮތަށް ގަވައިދުތައް ބަދަލުކުރައްވާނެކަމުގައި ޑރ. އައިމިނަތު ޖަމީލު ހާމަކުރެއްވިއެވެ.
ނޯޓް: މިއީ ސަރުކާރު ޒިންމާދާރުކޮށް ސަރުކާރުން ވެފައިވާ ވައުދުތައް ވެރިންނާއި ރައްޔިތުންގެ ހިތްތަކުގަ ތާޒާކޮއްލުމަށް ގެނެސްދޭ ލިޔުމެކެވެ.