
ޤައުމު އިސްލާހު ކުރުމުގެ ނަމުގައި ސިޔާސީ ޕާޓީތައް މި ގައުމުގައި އުފެދުނަސް ޕާޓީތައް އޮޕަރޭޓްކުރާނެ މާހައުލެއް މި ގައުމަކު ނެތެވެ. ސިޔާސީ ޕާޓީތަކަށް ބޭނުންވާ ހިމާޔަތް މި ގައުމަކު ނެތެވެ. ސިޔާސީ ޕާޓީ އަށް ބާރު ދޭ ގާނޫނުތަކެއް އޮތަސް ސިޔާސީ ޕާޓީތައް ހަރަކާތްތެރިވާނީ ކިހިނެއްތޯއެވެ؟ އޮންނަނީ ފިއްތާ ބާރު ކޮށްފައެވެ. ދެން މިޤައުމު އިސްލާހު ވާނީ ފަހެ ކިހިނަކުންތޯއެވެ؟
ކަންކަން ރަނގަޅު ނުވަނީ ސަރުކާރަށް ޕްރެޝަރު ކުރަން ނޭނގޭތީ ކަމަށް ބައެއް ފަރާތްތަކުން ދެކޭއިރު ، ސަރުކާރަށް ޕްރެޝަރު ކުރެވޭނީ ވެސް އެކަންކުރާނެ ގޮތްތަކެއް ހުރެގެނެވެ. އަދި ޕްރެޝަރު ކުރިޔަސް އެކުރާ ޕްރެޝަރަކީ ރަނގަޅު ޕްރެޝަރެއް ކަމަށް ސަރުކާރުން ބަލައިގަނެ އެއަށް އިސްލާހީ ފިޔަވަޅުތަކެއް އެޅިއްޔާއެވެ.
ސަރުކާރަށް ޕްރެޝަރު ކުރުމަށް ދުނިޔޭގެ އެހެން ގައުމުތަކުގައި މިކަމަށް ބޭނުންކުރަނީ އިންޑިޕެންޑެންޓް މީޑިއާ އެވެ. ދިވެހިރާއްޖޭގައި މިހާރު އޮތީ މިފަދަ މީޑިއާ އެކެވެ. ބައެއް މީޑިއާތައް އެއްކޮޅަށް ޖެހިފައިވީނަމަވެސް ޖުމްލަ ގޮތެއްގައި މީޑިއާ އޮތީ ވަރަށް މިނިވަން ކޮށެވެ. ސިޔާސީ ޕާޓީތައް ބޭނުންވާ ވާހަކަތައް ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަށް މިހާރު ފޯރުކޮށްދެވެއެވެ. ސިޔާސީ ޕާޓީ އުފެދުމުން ރައްޔިތުންނަށް ފައިދާތަކެއްވެސް ކޮށްފިއެވެ. ގެއްލުންތަކެއް ވެސް ވެއްޖެއެވެ.
ސިޔާސީ ޕާޓީތަކެއް އުފެދި ހަރަކާތްތެރި ވަމުން އަންނަ އިރު ރާއްޖެ އަށް އެއްވެސް ޕާޓީއެއް ބޭނުން ނުވާކަމަށް ޤަބޫލް ކުރާ ކިތަންމެ ރަށްޔިތުންނެއް މިހާރުވެސް ރާއްޖޭގައި އެބަތިއްބެވެ. ޕާޓީ ސިސްޓަމް ބޭނުން ނުވާ ފަރާތްތަކުން ބުނަމުން ގެންދަނީ އަޅުގަނޑުމެންނަކީ ތަންދޮރު ދަންނަ ބައެއް ނޫން ކަމަށެވެ. ދެން މިވަރުގެ ބަޔަކަށް ސިޔާސީ ޕާޓީތައް ހިންގޭނީ ކިހިނެއްތޯއެވެ؟ ޕާޓީތައް ހިންގިޔަސް ރާއްޖެއަށް އަންނަ އިސްލާހެއް ހަރާމް ކަމަށް ވެސް އެމީހުން ބުނެއެވެ. މުޅިޔަކުން އެއީ ތެދެއްވެސް ނޫނެވެ. ޕާޓީތައް އުފެދުމާއި ގުޅިގެން އަޅުގަނޑުމެންނަށް ނުހަނު ގިނަ ފައިދާތަކެއް ވެސް ވެއްޖެއެވެ. މިކަން ކަން އެނގޭނީ ފުންކޮށް ވިސްނާލީމައެވެ.
ރާއްޖެއަށް ދިމާވެގެން މިއުޅޭ މައްސަލައަކީ ޕާޓީ ސިސްޓމްގެ މައްސަލައޭ ބުނެވޭނެ ޖާގައެއްވެސް މުޅިޔަކުން ނެތެވެ. ޕާޓީ ސިސްޓަމް ތަޢަރާފްވެ ޤައުމު ހަލަބޮލި ވެފައިވާ ދަނޑިވަޅެއްގައި ގައުމު އިސްލާހްކުރަން މަސައްކަތްކުރުމަކީ ހުރިހާ އެންމެންގެ ވާޖިބެކެވެ. އަޅުގަނޑުމެންނަށް ދިމާވެގެން މިއުޅޭ މައްސަލައަކީ ޤައުމު ހިންގުމުގެ އިސް ސަފުގައި ތިބި މީހުންގެ ފަރުވާ ކުޑަ ކަމެވެ. އިޚްލާސްތެރި ކަމެއް ނެތުމެވެ. ސަރުކާރުން ރަށްޔިތުންނަށް ހެޔޮ އެދިގެންނޭ ކިޔައިގެން މި ދައްކާ ވާހަކައިގެ ތެދުވެރިކަމާ ދޭތެރޭ މިހާރު ސުވާލު އުފެދެއެވެ.
ގައުމެއް އިސްލާހުކޮށް ރައްޔިތުންނަށް ފައިދާހުރި ގޮތްތަކަށް ކަންތައްކުރެވޭނީ ސަރުކާރު ހިންގާ ޕާޓީންނާއި ގައުމުގެ އެންމެ އިސްވެރިޔާ އެކަންކަމަށް ބޭނުންވާނަމަ އެވެ. ޕާޓީތައް ނެގިނެގިފަ ޖެހިގެން ކަމެއް ވަންޏާ މިހާރު ވެއްޖީހެވެ. ޕާޓީތަކުގަޔާއި ޖަމްޢިއްޔާ ޖަމާއަތްތަކުގައި ތަންދޮރުފިލާ ތައުލީމީ މީހުން ކިތަންމެ ގިނައިން ތިބިނަމަވެސް ، އެއްކަމެއް ވެސް ހައްލުވާނީ ވެރި މީހާ ބޭނުންނަމަ އެވެ. މިއުޅެނީ އެ އިޚްލާސްތެރިކަން ރާއްޖޭގައި ނެތިގެންނެވެ. ހައްތަހާވެސް ދައްކަނީ މޮޅެތި ވާހަކައެވެ. އަމަލީ ގޮތުން އުޅެވެނީ ސުމެއްގައެވެ.
ކަން މިހެން ހުރިއިރު އަޅުގަނޑުމެން ވެއްޓިފައިވާ އަނދަވަޅުން އެރޭނެ ގޮތް މިހާރު މިވަނީ ހޯދަން ޖެހިފައެވެ. ރައްޔިތުންގެ މާލީ ހާލަތު ރަނގަޅުކުރަން މިއަދު މިވަނީ ވިސްނަން ޖެހިފައެވެ. ޕާޓީ ސިސްޓަމާއި ކުށްވެރިންގެ ކަންކަމަށް އިސްކަންނުދީ މިރާއްޖެއިން ކޮރަޕްޝަން ނައްތާލައި ރައްޔިތުންގެ ރިހުން ކުރިއަށް ނެރެ ލިބިފައިވާ ތަދުތައް ނިކަން ފިލުވައިދީ ބަލާށެވެ.