ކަމެއް އެންމެރަގަޅަށް ކުރެވޭނީ އެކަމެއްގެ ފަންނުވެރިންނަށެވެ. އެކަމެއްގެ ޢިލްމާއި ހުނަރު ހުންނަމީހުންނަށެވެ. މަތިންދާބޯޓު ދުއްވުމުގެ ޢިލްމުނެތް، ދަނޑުވެރިއަކަށް މަތިންދާބޯޓު ދުއްވާކަށް ނޭގޭނެއެވެ. އަދި މަތިންދާބޯޓު ދުއްވާމީހަކަށް މަސްއައިނަކަށްއަރާ ދޮށިއަޅާކަށް ނޭގޭނެއެވެ. ކޮންމެ ކަމަކީވެސް ތަފާތު ފަންނެކެވެ. ތިމާއަށްނޭގޭ ކަމެއްކުރަން އުޅެންހަދައިގެން ކިތަންމެބޮޑު ގޯހެއްވެސް ހެދިދާނެއެވެ.
ދިވެހާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 10 ވަނަމާއްދާގައި ވަނީ: (ހ). ދިވެހި ދައުލަތުގެ ދީނަކީ އިސްލާމްދީނެވެ.އަދި އިސްލާމްދީނަކީ ދިވެހިރާއްޖޭގެ ޤާނޫނުގެ މައިގަނޑު މަޞްދަރެވެ. (ށ).ދިވެހިރާއްޖޭގައި އިސްލާމްދީނުގެ އަޞްލަކާ ޚިލާފު އެއްވެސް ޤާނޫނެއް ނުހެދޭނެއެވެ. ވީއިރު ޤާނޫނު ހަދާމަޖިލީހުގައި އިސްލާމްދީނުގެ ޢިލްމުވެރިން ތިބެން ކޮންމެހެންވެސް ޖެހެއެވެ. ހަމައެކަނި ދީނީ ނަޒަރުން ބަލާފައެއްނޫނެވެ. ޤާނޫނީ ގޮތުންވެސް މެއެވެ. އިސްލާމްދިން ނޭގޭބަޔަކު ޤާނޫނު ހަދަންވެއްޖެއްޔާ އިސްލާމްދީނާއި ފުށުއަރާ ޤާނޫނުތައް ހެދޭތަން އަންނާނެއެވެ. ދީންނޭގޭ ބަޔަކަށް ދީނާއި ޚިލާފުވެވުނަސްނޭގޭނެއެވެ. މިކަމުގެހެކި ދާދިފަހުން ރައްޔިތުންގެ މަޖިލިސްތެރެއިން ވަނީ ފެނިފައެވެ. މަޖިލީހުގެ ޤަޥާޢިދު އިސްލާހު ކުރެވުނުއިރު އަންހެންމެމްބަރުން މަޖިލީހަށް ވަދެވަޑައިގަންނަވަން ޖެހިވަޑައިގަންނަވާނީ ބުރުގާ ތުރުކުރައްވައިގެން ކަމަށް ހުށަހެޅުނު ހިނދު، ބުރުގާއެއީ އަޅަންޖެހޭއެއްޗެއްނޫން ކަމަށާއި، އިސްލާމްދިނުގެ ޢިލްމުވެރިންގެ މެދުގައި އިޚްތިލާފު ހުރި މަސްއަލައެއްކަމަށް ބައެއް މެމްބަރުން ވިދާޅުވެ، އިސްލާމްދީނުގެ ނަމުގައި ބޮޑުވެގެންވާ ބުހުތާންތައް ހައްދަވަމުން ގެންދެވިއިރު އެއާއިދެކޮޅަށް ހެއްކާއި ދަލީލުދެއްކެވޭފެންވަރުގެ ދީނީ ޢިލްމުވެރިއެއް އެމަޖިލީހުގައި ނެތެވެ. ނަތީޖާއެއްގެ ގޮތުން ޤައުމުގައިހުރި އެންނެމުހިންމު އެއް މުއައްސަސާއަށް ބަރަހަނާކޮށް ތިބޭ އަންހެނުންނަށް ވަނުމުގެ ފުރުޞަތު ލިބިގެންދިޔައެވެ.
ސިޔާސީ ވާހަކަދެކެވޭ ތަންތަނުގައި ދީނީ ވާހަކަދެއްކުމަށް އިންކާރު ކުރައްވާ ބޭފުޅަކު، ރާއްޖޭގެ ސިޔާސި ތިންބާރުން އެއްބާރުކަމުގައިވާ ރައްޔިތުންގެ މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވެފައިވަނީ ތިމަންނަވެސް ދީން ދަންނަކަމުގައެވެ. އަދި އިސްލާމްދީނުގައި ބުރުގާއަޅަން ލާޒިމު ނުކުރާކަމުގައެވެ. އަދި އެއީ އިޚްތިލާފީ މަސްއަލައެއްކަމުގައި ވިދާޅުވެ އިސްލާމްދީނުގެ ޙުކުމް ތަކާއި ދެކޮޅަށް ފަތުވާދެއްވީ ފިލްމުސްޓާރެކެވެ. ޤާނޫނުހަދާ މަޖިލީހުގައި އިސްލާމްދިނުގެ ޢިލްމުވެރިން ތިބެންޖެހެނީ މިފަދަ ލާދީނީ ފިކުރުތަކުން މިޤައުމާއި ޤައުމުގެ ރައްޔިތުންގެ އިތުރުން ޤާނޫނުއަސާސީ ރައްކާތެރި ކުރުމަށެވެ. ދިންނުދަންނަޖާހިލުންގެ ކިބައިން ރައްޔިތުން ސަލާމަތް ކުރުމަށްޓަކައެވެ.
Posted on 2010-04-30 00:48:03 |
Report this Comment
Posted on 2010-05-03 19:44:13 |
Report this Comment