މުޙައްމަދު ނަޞީރު އއ.މާޅޮސް
މުޙައްމަދު ނަޞީރު އއ.މާޅޮސް
  • ޝާއިޢުކުރި ތާރީޚް: 20 04 2010
  • މިލިޔުން ކިޔާފައިވާ އަދަދު: 269

މުރާސިލްގައި ޝާއިއުކުރެވޭ ލިޔުންތަކަކީ އެންމެން ބަލައިގަންނަ ލިޔުންތަކަކަށް ހެއްދެވުމަށް އެހީތެރިވެދެއްވާ!
މިލިޔުމަކީ މުރާސިލްގައި ޖަހަން އެކަޝީގެން ނުވާ ލިޔުމެއްނަމަ އަޅުގަނޑުމެނަށް އަންގަވާ!
މިލިޔުން ރިޕޯޓުކުރެއްވުމަށް

ލާމަރުކަޒީގެ ވާހަކަ – ބޮޑުޖޯކެއް

ޔޫއެސްއޭ. ގެ އާބާދީ 263.3 މިލިއަނަށްވުރެ މައްޗެވެ. ޤައުމުގެ ބޮޑުމިނަކީ 9،372،610 އަކަ ކިލޯމީޓަރެވެ. ލާމަރުކަޒީ 50 ސްޓޭޓެވެ. އިންޑިޔާގެ އާބާދީ 1.03 ބިލިއަނަށްވުރެ މައްޗެވެ. ޤައުމުގެ ބޮޑުމިނަކީ 3،287،590 އަކަކިލޯމީޓަރެވެ. ލާމަރުކަޒީ 28 ސްޓޭޓެވެ. ދިވެހިރާއްޖޭގެ އާބާދީ ތިންލައްކައެވެ. ޤައުމުގެ ބޮޑުމިނަކީ ތިންސަތޭކަ އަކަ ކިލޯމީޓަރެވެ. ލާމަރުކަޒީ 21 ސްޓޭޓެވެ. އެންމެ ރަނގަޅު ދޯއެވެ!
- - - - - - - - - - - - - - - - - - - -

ކުދީންނަށް ކަންކަން ދަސްވަނީ، މައިންބަފައިންގެ ފަރާތުންނެވެ. ބޮޑެތިވަމުން އަންނަ ކުދިންގެ ކިބައިގައި އަށަގަންނަނީ، ގޭތެރޭގެ މާޙައުލުގައި ހުންނަ ކަންކަމެވެ. އަހަރުމެން ދިވެހިރާއްޖޭގެ ސިޔާސީ ކުޑަކުދިން ބޮޑެތިވީ "ލަސްކޮއްލައި" – "ދައްމާލައި" ސިޔާސީ އަނދުން އެޅުވުމުގެ މާޙައުލުގައެވެ. އެކަހަލަ ސިޔާސީ މައިންބަފައިންގެ އުނގުތެރޭގައެވެ. 30 އަހަރުން ޤުރުއާން ތަރުޖަމާ ކުރުމާއި، 20 އަހަރުން ރާއްޖޭގެ ޗާޓުކުރަހައި ނުނިމުމާއި، 17 އަހަރުން ނަމޫނާ ޤާނޫނުއަސާސީ ހެދިހެދުން ހަނދާންކޮށްލަމާ ހިނގާށެވެ. އެއަށްފަހުގައި، މިހާރު މިތިބަ މީހުން (އޭރުގެ ސިޔާސީ ކުޑަކުދިން) "ލަސްކޮއްލައި" – "ދައްމާލައި" ހަދަން އުޅޭ އުޅުމުގެ ވާހަކަ ދައްކާނީއެވެ.

އިތުރަށް އަދި ބުނަމެވެ. މިހާރު މިއޮންނަ މިޤާނޫނުއަސާސީ އަލުންބަލުން އުފައްދަން އެއްކުރި ޚާއްޞަމަޖިލީހުގެ ޤަވާޢިދު ހަދައިނިމުނީ ބަރާބަރު އެއްއަހަރުންނެވެ. އެހިސާބުން މަޖިލިސް ގަލުއަޅައިފިއެވެ. "ޤާނޫނީ ބިނާ" ހިފައިގެން، ރައީސާއި ނައިބުރައީސް، އިތުބާރު ނެތްކަމުގެ ވޯޓުގެ ދުނިޔޭގައި މަޖިލިސް ލަސްކޮއްލައި ދައްމާލީ ހާދަ ސަޅިކޮށެވެ. މަޝްހޫރު 29 މަދުކުރުމާއި، 18 އަހަރުވީ މީހުނަށް ވޯޓްދެވޭ ގޮތް ހެދުމާއި، ރެފަރެންޑަމް ވޯޓް ނެގުން ކުރިޔަށް ގެންދިއުމަކީ، ކުރުން ހެޔޮނުވާވަރުގެ ކަމެއްކަމަށް ރިޔާސަތުން އިޢުލާން ކުރަމުން ގެންދިޔައީ ކިހާ ދުވަހަކު ކަން (ފާޑުކިޔާ މީހުން) އަދި ހަނދާންނެތޭހައެއް ނުވާނެއެވެ. ޤާސިމް އިބްރާހީމް ރިޔާސަތާ ހަވާލުވެފައި، ޤާނޫނީ ބިނާ ފުށުން ޖަހާލައި، ޤާނޫނުއަސާސީ އަލުންބަލުން ހަދައި ނިންމާލިކަންވެސް އެނގޭނެއެވެ. ކަންކަން ލަސްކޮއްލައި ދައްމާލުމުގެ ސިޔާސީ އަނދުން އެޅުން ވުޖޫދަށް ގެނައީ ކޮންބައެއްކަން އެނގޭދޯއެވެ.

މިހާރު މިއޮތީ، ޅެންހަދާ މީހުންގެ ދަރީންނަށް ޅެންހަދަން ދަސްވާގޮތަށް، ލަސްކޮއްލައި ދައްމާލުމުގެ ޙިކުމަތްތެރި މައިންބަފައިންގެ ސިޔާސީ އުނގުގައި ބޮޑުވެ ކިޔަވައިގެން ނުކުތް ސިޔާސީ ދަރީން ލަސްކޮއްލައި ދައްމާލާ ދުވަސް އައިސްފައެވެ. މިއަދު، ސިޔާސީ ދަރީން އެއުޅެނީ، މައިންބަފައިން ދިން ތަރުބިއްޔަތާ އެއްގޮތަށެވެ. އެހެންވީމާ، އެކަމަކާ ދެރައެއް ވާނެކަމެއް ނެތެވެ. މިހާރު މިތިބީ، އޭރުގެ މާޙައުލުގައި ތަރުބިއްޔަތުވި ޒުވާނުންނެވެ. ހިނގާމަގަށް އަލިފާން އަޅަމުން 30 އަހަރު ހިނގީމާ ތިއޮތީ، އެނބުރިއައިސް، އަލިފާނަށް އެރުވިފައެވެ. ފޭހުނު އިލޮށި އަމިއްލަ ލޮލަށް ހެރިފައެވެ. ލާމަރުކަޒީވެސް މިއުޅެނީ އެކަހަލަ އުސޫލެއްގައެވެ.

އަހަރުމެންގެ ސިޔާސީ މައިންބަފައިން ލާމަރުކަޒީ ހެދީ، ނަމޫނާ ދީމުޤްރާޠުގެ ނަމޫނާ އެއްގެ ގޮތުގައެވެ. ސިގެއްލާ ރޯގާ އެރީ، މާލޭގައި ގިނަމީހުން ދިރިއުޅޭތީ ކަމަށް ބަލައި، ލާމަރުކަޒީ ކުރުމަށް ސަރުކާރުން އަވަސްވެގަތެވެ. އޭރަކު މިރާއްޖޭގައި ލާމަރުކަޒީ އާއި އާބާދީއާ ތަރައްޤީ އެއްފަސްކުރުމަކީ ކޮން އެއްޗެއްކަން އެނގޭ މީހަކު (ޒަޢީމު ނޫނީ) ނޫޅޭނެއެވެ. ޒަޢީމުގެ ލާމަރުކަޒީ އޮތްގޮތް ވަރަށް ގިނަފަހަރަށް ބަޔާންކޮށްފީމެވެ. އެއީ، ޅ.މާފިލާފުށިން ގޯތިނަގައިދީ ހައެއްކަ ގޭގައި މީހުން އާބާދުވުމާއި، ރާއްޖޭގެ ބޮޑެތި ރަށްރަށުން "ލާމަރުކަޒީ އުސޫލުން ގޯތިނަގައި ދިނުމެވެ." އެރަށްރަށުގެ ތެރޭގައި، ހއ.ކެލާ، ހދ.ނޮޅިވަރަންފަރު، ކ.ކާށިދޫ، އއ.ތޮއްޑޫ، ލ.ގަން ފަދަ ބޮޑެތި ރަށްރަށް ހިމެނެއެވެ. ގޯތިނަގައި، ކަޑަޖަހައި ވަކިކޮއްލީމާ އެނިމުނީއެވެ. ލާމަރުކަޒީވެސް އެހިސާބުން ނިމުނީއެވެ. ނިމުނުއިރު، މާލެއަތޮޅު ވިލިނގިލި އޮތީ ތޮއްޖެހިފައެވެ.

މިއީ ނަމޫނާ ލާމަރުކަޒީއެވެ. މިގޮތަށް ލާމަރުކަޒީ ހަދައި ނިންމުމަށްފަހު، ދެންފެށީ އެހެން އަނދުނެއް އަޅުވާށެވެ. އެއީ "އާބާދީ އާއި ތަރައްޤީ އެއްފަސްކުރުން" ނަމަކަށް ކިޔުނު ލާމަރުކަޒީއެވެ. މިލާމަރުކަޒީ މިނާފައިވާ މިންގަނޑަކީ ހެއްވާ ކަމެކެވެ. ރަށެއްގެ ބަނދަރު ހެދުމުގެ މަސައްކަތް ފެށި ރަސްމިއްޔާތުގައި، ކަމާބެހޭ މިނިސްޓަރު ވިދާޅުވެފައިވަނީ "މިރަށު ބަނދަރު މިހެދެނީ، އާބާދީއާއި ތަރައްޤީ އެއްފަސްކުރުމުގެ މަޝްރޫޢުގެ ދަށުން" ކަމުގައެވެ. ދެން އެރަށުގެ ބަނދަރު ހަދައި، އެއްގަމުތޮށި ޖަހައި، އަޑިތަނަށް ފަސްފަތުރަމުން ދިޔައިރު އެރަށު ފިރިހެނުން ކީ ކަމަށްވަނީ "އާބާދީއާއި ތަރައްޤީ އެއްފަސްކުރަނީ" ކަމުގައެވެ. އާބާދީއަކީ، އެރަށުގެ އަވަށުތެރެއެވެ. ތަރައްޤީއަކީ ބަނދަރެވެ. އެއްފަސް ކުރުމަކީ، ކަޅުފަހާއި ދޮންފަސް އެއްކޮށް ބަނދަރުސަރަޙައްދު ހެދުމެވެ.

މިގޮތަށް، މި ލާމަރުކަޒީގައި، އުނގުލާއި ގާއުނޑޫދޫ މީހުން ހުޅުދުއްފާރަށް، ތޮޅެންދޫ މީހުން ކުޅުދުއަށް، މާކަނޑޫދޫ މީހުން މިލަންދުއަށް ބަދަލު ކުރެވުނެވެ. އަދި، ބެރިންމަދޫ މީހުން ހޯރަފުއްޓަށް، ހޮނޑައިދޫ މީހުން ހަނިމާދުއަށް، ފިރުނބައިދޫ މީހުން، ފަރުކޮޅުފުނަދުއަށް، ބަދަލުކުރެވުނެވެ. މިއީ 30 އަހަރުގެ ދެވަނަ ލާމަރުކަޒީއެވެ.

ލާމަރުކަޒީ މިކިޔަނީ، އެއްމަރުކަޒަކުން މަދަނީ ތަރައްޤީ ހިންގުމަށްވުރެ، ގިނަ މަރުކަޒު ތަކަކުން، އެޙަރަކާތް ހިންގީމާ، ޚިދުމަތް ފޯރުކޮށްދެވޭވަރު އަވަސްވެފައި ފަސޭހަވުމުން، މައިސަރުކާރު ފިޔަވައި، އެތެރޭގެ ކުދި ލޯކަލް ސަރުކާރުތަކެއް އުފައްދައިގެން، ސަރަޙައްދުތައް ތަރައްޤީ ކުރުމަށް ކަމަށް، ދަންނަމީހުން ބުނާއަޑު އަހަމެވެ. މިޤާނޫނު އަސާސީގައި މިކަމާބެހޭ ގޮތުން އައިސްފައިވަނީ "230- (ހ) ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ހިންގަންވާނީ ލާމަރުކަޒީ އުޞޫލުންނެވެ." މިފަދައިންނެވެ. މިބުނާ "އިދާރީ ދާއިރާ" އަކީ ކޮބައިކަން ބަޔާންކޮށްދީ، ޖަދުވަލު 2 ގައި، ރާއްޖޭގެ 20 އަތޮޅާއި، މާލެ ހިމެނޭ ލިސްޓެއް ގެނެސްފައިވެއެވެ. މިގޮތަށް "އިދާރީ ދާއިރާތައް ހިންގާން ވާނީ ލާމަރުކަޒީ އުސޫލުންނޭ" އޮވެފައި، އެއިދާރާ ދާއިރާއަކީ 20 އަތޮޅާއި މާލެކަމަށް ޤާނޫނުއަސާސީގެ (ބޭނުން ހުސްވެފައިވާ) އިންތިޤާލީ ބާބުގައި އޮތީމާ، ސަރުކާރާ އިދިކޮޅު ފަރާތްތައް މާނަކުރަނީ، 21 ލާމަރުކަޒީ ސަރުކާރު އޮންނާން ޖެހޭނެ ކަމުގައެވެ. މިގޮތަށް މާނަ ކުރަންޏާ، "އިސްލާމީ އުއްމަތަކީ ކިތަންމެ ދުރަށް ފެތުރިފައި އޮތަސް އެއް އުއްމަތޭ" އޮންނަ ބަސްފުޅާ ގުޅުވައި، މުޅި އިސްލާމީ ހުރިހާ ޤައުމެއްގައި ހުންނާން ވާނީ އެންމެ ވެރިއެއް ކަމަށްވެސް މާނަކުރެވިދާނެއެވެ. ނުވަތަ ކޮށްފާނެއެވެ. ރަނގަޅަށް ފުންކޮށް ވިސްނާނަމަ އެނގޭނީ، އިދާރީ ކޮންމެ ދާއިރާއެއް (ކޮންމެ އަތޮޅެއް) މައިސަރުކާރާ ނުގުޅި ލޯކަލް ގަވަރުމެންޓް އުސޫލުން ހިނގާ ހިނގުމަކީ ލާމަރުކަޒީ އުސޫލުކަމާއި، ދެއަތޮޅެއް ނުވަތަ ފަސް ހައަތޮޅު އެއްކޮށް އެއް ޔުނިޓަށް (ލޯކަލް އެއް ސަރުކާރަށް) ހިންގިޔަސް އެއިން ކޮންމެ އަތޮޅެއްމެ އެހިނގަނީ (މައިސަރުކާރާ ނުގުޅި) ލޯކަލް ގަވަރުމެންޓްގެ ނިޒާމުގެ ދަށުން، ލާމަރުކަޒީކޮށް ކަމެވެ. ޤާނޫނުއަސާސީ ގައި "ކޮންމެ އިދާރީ ދާއިރާއެއްގައި ވަކި ސަރުކާރެއް ހިންގަން ވާނެއޭ" ކަނޑައަޅައި ބުނެފައި ނުވާތީއެވެ. އެހެން ނަމަވެސް ލަސްކޮއްލައި، ދައްމާލުމުގެ ނިޒާމުގެ ދަށުންނާއި، ސަރުކާރު ޒިއްމާދާރު ކުރުވުމުގެ ޕްރޮގްރާމުގެ ދަށުން، ދެއަތަށް ދެބައިމީހުން ދަމަދަމާ ތިބެވިދާނެއެވެ. ހަނދާން ކުރަންވީ އެއްޗަކީ އިންތިޤާލީ ބާބުގައިވާ 298 ވަނަ މާއްދާގައި، ލާމަރުކަޒީ ކޮށް ނިންމާން ބުނެ ކަނޑައަޅާފައިވާ ތާރީޚަކީ 2009 ޖުލައި ފުރަތަމަ ދުވަސް ކަމެވެ. ނަމަވެސް، ލާމަރުކަޒީ އަދި އޮތީ އޮންދަވޭ ގައެވެ.

ސަރުކާރުން ހަމަޖައްސާފައި މިއޮތީ، ލާމަރުކަޒީ 7 ދާއިރާ ހަތް ޕްރޮވިންސުގެ ނަމުގައި ހިންގުމަށެވެ. ސަބަބެއްކަމަށް ބުނަނީ 21 ލާމަރުކަޒީ ދާއިރާ ހިންގުމަކީ، ޚަރަދުގެ ގޮތުން ބަލާއިރު ކުރެވޭނެ ކަމަކަށް ނުވާކަމެވެ. އިދިކޮޅު ފަރާތްތަކުން ބުނަނީ، 7 ޕްރޮވިންސް ހަދަނީ، ތަރައްޤީގެ ޚިދުމަތްތައް ރައްޔިތުންނަށް އަތްނުފޯރާ ފަށަށް ގެންދިއުމަށް ކަމަށެވެ. ރައްޔިތުންނާ ވީހާވެސް ގާތުން ޚިދުމަތް ދެވޭނީ 21 ލާމަރުކަޒީ ދާއިރާ ހިންގައިގެން ކަމުގައެވެ.

މިކަމާމެދު އަހަރެން ވިސްނާލީމެވެ. އަހަންނަށް ފެނުނީ، އިދިކޮޅު މީހުން އެދައްކަނީ ވަރަށް ހޭޖެހޭ ވާހަކައެއް ކަމުގައެވެ. އެއީ، ލާމަރުކަޒީ ކުރަނީ، ރަށްރަށާ ވީހާ ގާތަށް ޚިދުމަތް ގެންދިއުމަށެވެ. އެހެންވީމާ، ލާމަރުކަޒީ ސަރުކާރު ގިނަވި ވަރަކަށް، ލާމަރުކަޒީ ފޮނިމީރު، ރަށްރަށާ ގާތްވާނެ އވެ. މިމަފްހޫމުން ބަލާއިރު، ކޮންމެ އަތޮޅެއްގައި ލާމަރުކަޒީ އެއް ހިންގުމަށްވުރެ، ކޮންމެ ރަށެއްގައި ލާމަރުކަޒީއެއް ހިންގުން މާރަނގަޅުވާނެ ކަމަށް ފެނެއެވެ. އެއީ، ރަށްރަށުގެ ރައްޔިތުންނަށް ތިބިތާ ތިބެގެން ލާމަރުކަޒީގެ ފޮނިމީރު ލިބޭނެތީއެވެ. މިއަށްވުރެވެސް ރަނގަޅީ، ކޮންމެ އަވަށެއްގައި ލާމަރުކަޒީއެއް ހެދުމެވެ.

ނ. ކެނދިކޮޅުދޫ، މ.ކޮޅުފުށިވާރެޔާފުށި، ލ.އިސްދޫކަލައިދޫ، ސ.ހުޅުދޫ އަކީ އެއް ފަސްގަނޑުގައި އޮންނަ ދެރަށެވެ. މިއިން ކޮންމެ ރަށެއްގައި ނުވަތަ އަވަށެއްގައި ލާމަރުކަޒީއެއް ހިންގީމާ އަދި މާބޮޑަށް ފަސޭހަވާނެއެވެ. މިނޫނަސް، ބޮޑުތަފާތު ހިމެނޭ ދެއަވަށަށް މީހުން އުޅޭ ރަށްރަށް ހުރެއެވެ. މިސާލަކަށް އއ.ތޮއްޑުއާއި ރަސްދޫ އެވެ. މިއިން ކޮންމެ ރަށެއްގައިވެސް އުތުރު އަވަށަކާއި ދެކުނު އަވަށެއް އޮވެއެވެ. އާބާދީގެ ޖުމްލައަކީ ހާހެއްހާ ބޮލެވެ. އެކަމަކު، ދެއަވަށުގައި ލާމަރުކަޒީ ދެސަރުކާރު ހިންގީމާ، ރައްޔިތުންނާ ގާތަށް ޚިދުމަތް ދާލެއް ބޮޑުވާނެއެވެ. ފޮނިމީރު ގަދަވާނެއެވެ.

އއ.ރަސްދޫގައި އެއަތޮޅުގެ ލާމަރުކަޒީ، އދ.މަހިބަދޫގައި އެއަތޮޅުގެ ލާމަރުކަޒީ ހުންނަންޏާ އއ.ހިމަންދުއާއި މާޅޮހު މީހުން ދާނީ އދ. މަހިބަދޫއަށެވެ. އެއީ، ރަސްދުއަށްވުރެ އެދެރަށަށް މަހިބަދޫއާ ގާތްވީމައެވެ. މިހެންވުމުން، އިދިކޮޅު މީހުން އެބުނާ ގޮތަށް، ރަށްރަށާ ވީހާ ގާތަށް ލާމަރުކަޒީގެ ފޮނިމީރު ގެންދެވޭނީ ކޮންމެ އަވަށެއްގައި، ލާމަރުކަޒީ "އިދާރީ ދާއިރާއެއް" ގެ ފޮނިމީރު އުފައްދައިގެން ކަމަށް ދެކެމެވެ. ބޮޑުދެޕާޓީންކުރެ ކޮންމެ ޕާޓީއެއްވެސް ބުނަނީ "މިއީ ރައްޔިތުން ބޭނުންވާ ގޮތް" ކަމުގައެވެ. މިހެންވީމާ، ލާމަރުކަޒީ ހެދުމާމެދު، ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގަން އަހަންނަށް ވަރަށް ބޮޑަށް ފެނެއެވެ.

މުރާސިލް ހޯމްޕޭޖް އަށާއި ފީޗަރޑް ބަޔަށް ލިޔުން އެރުވުމުގައި ކިޔުންތެރިން ލިޔުމަށް ދޭ ތަރުހީބަށް ބެލޭނެ އެވެ.

Posted on 2010-04-20 16:08:09 | Report this Comment
މޯޑް:

މިލިޔުން ވަރަށް ފުރިހަމަ ވީސް ރާއްޖޭގެ ކޮންމެ 5000 މީހަކަށް މެމްބަރެއް ހުން ވާހަކަ ލިޔުނު ނަމަ އަދި އިންޑިޔާގައި ކިތަށް ހާސް މީހުނަށް ކަން މެމްބަރެއް ހުންނީ އަދި އެމެރިކާ ގައިވެސް ކޮންމެ މެބްރަކަށް ކިތައް ހާސް މީހުން ކަންހުން ނަނީ ހާމަ ކޮށްދިން ނަމަ.

Posted on 2010-04-20 18:14:15 | Report this Comment
އިއްޒަތް ތެރި އަހަރެން:

މަށަށް ވެސް ފެނޭ ރެފަރަންޑަމަކަށް ދާން މިކަމުގައި

Posted on 2010-04-20 19:30:51 | Report this Comment
އެކުވެރިޔާ:

ތަންކޮޅެއް އިލްމީކޮށް ވިސްނުމުގެ ނަޒަރިއްޔާ ގެންގުޅުނުނަމަ ރަގަޅު ވީސް ނަމަވެސް މިލިޔުމުގައި މިވަނީ ތިމާނޫން އެހެން މީހުނަށް ވިސްނޭ ކަންކަމީ ބޮޑު ޖޯކަކަށް ސިފަކޮށްފަ ، އެހެން މީހުންގެ ވިސްނުމަށް އިހުތިރާމް ކުރުމާއި އެކު ތަންކޮޅެއް އިލްމީ ކޮށް ވިސްނެވުމަށް އެދެން.

Posted on 2010-04-20 19:38:14 | Report this Comment
ނަޠާޝާ:

މީ ހަމަ ވަރަށް ފައްކާ ލިޔުމެއް ސަޅި އިނގޭ، އެކަމަކު މައުނޫނަށް ނުވަތަ ޒައީމު އަށް އެބައޮތް އަޅާލައިފަ މިލިޔުމުގައި ވެސް

Posted on 2010-04-21 05:27:12 | Report this Comment
މީމު :

މި ލިޔުމަށް ތާއީދު ކުރަމެވެ. މި ލިޔުމުގައި އައިސްފައިވަނީ (އެންމެ ޕޮއިންޓެއް ފިޔަވައި) މުޅީންވެސް ރަގަޅު ވާހަކަ ތަކެކެވެ. ތާއީދު ނުކުރެވޭ ހަމައެކަނި ޕޮއިންޓަކީ ލިޔުންތެރިޔާގެ އަންނަނިވި ބަހެވެ. "..... މިގޮތަށް މާނަ ކުރަންޏާ، "އިސްލާމީ އުއްމަތަކީ ކިތަންމެ ދުރަށް ފެތުރިފައި އޮތަސް އެއް އުއްމަތޭ" އޮންނަ ބަސްފުޅާ ގުޅުވައި، މުޅި އިސްލާމީ ހުރިހާ ޤައުމެއްގައި ހުންނާން ވާނީ އެންމެ ވެރިއެއް ކަމަށްވެސް މާނަކުރެވިދާނެއެވެ. ނުވަތަ ކޮށްފާނެއެވެ." އިސްވެދިޔަ ޢިބާރާތްތަކުން ދޭހަވާން އުޅެނީ މުޅި އިސްލާމީ އުއްމަތް އެއް ވެރިކަމެއްގެ ދަށުގައި އެއް ދައުލަތަކަށް އޮތުމަކީ ލިޔުންތެރިޔާ ދެކެވަޑައިގަންނަވާ ގޮތުގައި ކޮންމެހެން ޙަޤީޤަތުގެ ދުނިޔެގައި އެކަން އޮންނަން ޖެހޭނޭ ގޮތް ނޫން ކަމަށެވެ. ތެދެކެވެ. މި އަދު ކަން އޮތް ގޮތަކީ އިސްލާމީ އުއްމަތް ކުދކުދި ދައުލަތް ތަކަކަށް ބައިބައި ވެފައި ވުން ކަން ކޮންމެ މީހަކު ވެސް ގަބޫލު ކުރާނެއެވެ. އަދި އެއް ވެރިކަމެއްގެ ދަށަށް މުޅި އިސްލާމީ އުއްމަތް ދިޔުމަކީ ދުރު ހުވަނެއް ކަން ވެސް ގަބޫލު ކުރަން ޖެހެއެވެ. އެކަމަކު އެއް ވެރިކަމެއް ގެ ދަށަށް އިސްލާމީ އުއްމަތް ދާނޭކަން އަދި އެއްދައުލަތެއްގެ ގޮތުގައި މުޅި އިސްލާމީ އުއްމަތް އެކަތިގަޑަކަށް ވާނޭކަން އެއީ ކަޑައެޅިގެން ޔަޤީން ކަމެކެވެ. އިސްލާމީ އުއްމަތް އެއްދައުލަތަކަށް އޮވެފައި ބައިބައިވެ ރޫޅުނީ 1924 ގައެވެ. އޭގެ ފަހުން އަދި މިވީ ކިރިޔާ 86 އަހަރެވެ. ވީމާ މިކަން ނުވެގެން މާޔޫސް ވާކަށް ނުޖެހެއެވެ. ޔަހޫދީން އެމީހުން ގެ ބާޠިލު ގޮތުގައި ތިބެގެން އެމީހުންގެ އަނިޔާވެރި ދައުލަތް ޤާއިމް ކުރުމުގެ ހުވަފެން ދެކޭތާ ތިންހާސް އަހަރު ހޭދަ ކުރިއެވެ. ވީމާ ޙައްޤު ދީނުގައި ޙައްޤު ގޮތުގައި ތިބި މުސްލިމުން ކީރިތި ﷲ ގެ ވަޖްހުފުޅައްޓަކާ ކުރަން އުޅެ ކަމެއްގައި އަށްޑިހަ އަހަރު، ނުވަދިހަ އަހަރު، ނުވަތަ ތިންހާސް ނުވަތަ ހަތަރުހާސް އަހަރުވިޔަސް މާޔޫސް ވާކަށް ނުޖެހެއެވެ. ..... ކޮންމެއަކަސް ދަންނަވަމެވެ. އ އ މާޅޮސް މުޙައްމަދު ނަޞީރު ގެ ލިޔުންތަކަކީ ވަރަށް މަޢްލޫމާތު ލިބިދޭ އަދި ރީތި ދިވެހި އުސްލޫބަކުން (ސްޓައިލަކުން) ލިޔެވިފައި ހުންނަ ކިޔާ ހިތްވާ ލިޔުންތަކެކެވެ. ލިޔުންތެރިޔާ އަށް ދަންނަވަން ބޭނުންވާ ހަމައެކަނި ވާހަކައަކީ ބައެއް ލިޔުއްވުންތަކުގައި ދީނާ ސީދާ ގޮތަކަށް ގުޅުން ހުންނަ ބައެއް މައްސަލަތަކުގައި ދީނުގައި އޮންނަ ގޮތާ ބީރައްޓެހި ގޮތަކަށް ޚިޔާލު ފާލުކުރެވިފައި ހުންނަކަން އަޅުގަޑަށް ފާހަގަ ކުރެވޭ ވާހަކައެވެ. މި ކަމާ މެދު ކުޑަކޮށް ނަމަވެސް ވިސްނައިވަޑައިގަތުމަށް ދަންނަވަމެވެ. މިހެން މިދަންނަވަން ޖެހެނީވެސް ދިވެހި ނޫސްވެރިކަމުގެ މައިދާނުގައި ފާހަގަ ކުރެވޭ ފަދަ ގަދަ ފަހުލަވާނެއް ކަމުގައި އ އ މާޅޮސް މުޙައްމަދު ނަޞީރު ވާތީއެވެ.

Posted on 2010-04-21 09:48:17 | Report this Comment
ޖަލީލު:

ހާދަފުރިހަމަ މަޢުލޫމާތް ހިމެނޭ ލިޔުމެއް، ބޭނުން މިލިޔުންތެރިޔާއާއި ބައްދަލު ކޮށްލަން އަޅުގަނޑުގެ ނަމްބަރަކީ 3317580 ޖަލީލު، މުރާސިލްގެ ވެރިން އަޅުގަނޑަށް މިކަން ކޮށްދެއްވާނެކަމަށް ހީކުރަން

Posted on 2010-04-21 10:08:14 | Report this Comment
ޖަލީލު:

މަޢުލޫމާތު ފުރިހަމަ ލިޔުމެއް، ބޭނުން ލިޔުންތެރިޔާއާއި ބައްދަލުވެލަން އަޅުގަދުގެ ނަމްބަރަކީ 3317580 ޖަލީލު، މުރާސިލްހިންގާފަރާތްތަކުންވެސް މިކަން އަޅުގަޑަށް ކޮށްދެއްވާނެކަމަށް ހީކުރަން

ނަން:

ވެބްސައިޓް:

ހިޔާލު:

  • - ލިޔުންތަކަށް ހުށަހެޅޭ ކޮމެންޓް ތައް ޝާއިއު ކުރާނީ ލިޔުންތެރިޔާ އެވެ.
  • - މި ގޮޅީގައި ލިޔުއްވާއިރު ކޮމްޕިއުޓަރގެ ރީޖަނަލް / ލެންގުއޭޖް ސެޓިންގްސް އިން ދިވެހި އިޙްތިޔާރު ކުރައްވާކަށް ނުޖެހޭނެ.
  • - އާއްމުކޮށް ބަލައިގަނެވޭ އަޙްލާގީ މިންގަޑަށް ނުފެތޭ ލިޔުންތައް ޝާއިއު އެއް ނުކުރެވޭނެ ވާހަކަ ދަންނަވަން.