
ފާއިތުވީ ދޮޅު އަހަރެއްހާ ދުވަހުގެ ތެރޭގައި ރާއްޖޭގެ ސަރުކާރަށް ބޭރުގެ އެއްވެސް އެހީއެއް ނުލިބޭ ކަމަށާއި ލިބޭނެކަމަށް ސަރުކާރުން ހާމަކުރާ އެއްވެސް އެހީއެއް ލޮލަށް ނުފެންނަކަމަށް ބައެއް ސިޔާސީ ފަރާތްތަކުން ހާމަކުރަމުންގެންދާތީ މިކަމުގައި ފެންނަން ހުރި ބައެއް ކަންކަމަށް ބަލައިލުމަކީ އެންމެ ރަނގަޅުކަމެކެވެ.
ތެދުފުޅެކެވެ. އެހީ) ގެ ގޮތުގައި ބޭރުން ލިބޭ ފައިސާ ނަޤުދުގެ ގޮތުގައި އަލުގަނޑުމެންނަކަށް ނުފެނެއެވެ. އެކަން އެނގެނީ އަދި ފެންނަނީ އެމްއެމްއޭ އަށެވެ. ފިނޭންސް މިނިސްޓްރީ އަށެވެ. އެހެން އެންމެންނަށް ފެންނަމުންދަނީ އެކަމުގެ ހެކިތަކެވެ.
އިންޑިއާ ސަރުކާރުން ދެއްވި 100 މިލިއަން ޑޮލަރުން ރައްޔިތުންނަށް ފައިދާތަކެއް ކުރިކަން އެބައެނގެއެވެ. އެއްވެސް އުޞޫލެއް، ހަމައެއްނެތި އެމްއެމްއޭ އިން ފައިސާ ޗާޕުކުރަމުން އައިސްފައިވާތީ ސަރުކާރަށް ވާރުތަވެފައިއޮތް ބޮޑު ދަރަނުން ބައެއް އަދާކުރިއެވެ.
ބޭރުފައިސާ ނުލިބި އެކަމުގެ ދަތިކަން އިހްޞާޞްކުރަންޖެހިފައި ތިބި ވިޔަފާރިވެރިންނަށް ބޭރު ފައިސާ ލިބޭނެ އިންތިޒާމުހަމަޖެހި އިންޑިއާ އިން ތަކެތި އެތެރެވޭނެ އިންތިޒާމު ހަމަޖެހުނެވެ. ނަމަވެސް މިއިން އެއްވެސް ވިޔަފާރިވެރިއަކަށްވެސް ނަޤުދު ޑޮލަރުތަކެއް އެމީހުންގެ ލޮލަށް ފެނުކަން އެނގޭކަށް ނެތެވެ. ނަމަވެސް އެމީހުން ބޭންކަށް ދިވެހި ރުފިޔާ ދެއްކުމުން އޭގެ އަގަށްވާ ޑޮލަރަށް މުދާ ލިބޭކަން އެމީހުންނަށް އެނގެއެވެ. އެފައިސާއަށް ލިބޭ މުދާ އެމީހުންނާއި ރައްޔިތުންގެ ލޮލަށް ފެނެއެވެ.
މިހުރިހާކަންކަމުގެ އިތުރުން އިތުރަށް ޗާޕުކޮށްގެން ޚަރަދުކުރި ދިވެހިރުފިޔާތަކުގެ ސަބަބުން އެމްއެމްއޭގައި ތޮއްޖެހިފައިހުރި ދިވެހިރުފިޔާތަކުގެ ތެރެއިން 100 މިލިއަން ޑޮލަރުގެ ޗާޕުކުރި ފައިސާ ބޭރުފައިސާއަށް ބަދަލުކުރެވި ރައްޔިތުންނަށް ބެރު ފައިސާ ލިބުން އިތުރަށް ފަސޭހަވިކަން ރައްޔިތުންނަށާއި ވިޔަފާރިވެރިންނަށް އެނގުނެވެ. ބޮޑު އަގުގައި ވިކެމުން އައި ޑޮލަރުގެ ކަޅު އަގު ދަށަށް ޖެހުމުން އެކަމުގެ ފައިދާ ކުރިކަން ރައްޔިތުންނަށާ ވިޔަފާރިވެރިންނަށް އެނގުނެވެ.
މިކަންކަމުގެ އިތުރުން މިދިއަ އަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެން އެމްއެމްއޭ އިން ފައީސާ ޗާޕްކުރުވައިގެން ސަރުކާރުގެ ޚަރަދުތައް ކުރުން ހުއްޓާލެވިފައިވާކަން އެމްއެމްއޭ އާއި ސަރުކާރުން ވަނީ ކަށަވަރުކޮށްދެއްވާފައެވެ.
ޑްރަގާއި ދެކޮލަށް ހަނގުރާމަކުރުމަށް އީޔޫ އާއި ޔޫއެންޑީޕީ އިން ދެއްވި ފައިސާއިން ޚަރަދުކުރެވިގެން ބައެއް މަޝްރޫޢުތައް މިހާރުވެސް ވަނީ ހިންގަން ފެށިފައެވެ. މި މަޝްރޫއުތަކުން އެހީތެރިކަންލިބޭ ފަރާތްތަކަށް ވެސް އެ ފައިސާ ޑޮލަރުން ފެންނަކަމަކަށް ޤަބޫލެއް ނުކުރެވެއެވެ. ނަމަވެސް އެމީހުންނަށް ބޭނުންވާ އެހީތެރިކަން އެމީހުންނަށް ލިބެމުންދާކަން އެމީހުންނަށް އެނގެއެވެ.
އެމްއެމްއޭ އިން ފައިސާ ޗާޕުކުރުވައިގެން ދައުލަތުން ޚަރަދުކުރުން ހުއްޓަވާލެއްވިނަމަވެސް ސަރުކާރުން ކުރަންޖެހޭ ކަންތައްތައް ގެންދަނީ ކުރަމުންނެވެ. އެހެންކަމުން ދައުލަތަށް ފައިސާ ލިބި އެކަމުގެ ފައިދާ ރައްޔިތުންނަށް ކުރަމުންދާކަންވެސް އެބައެނގެއެވެ.
މިބަލައިލީ ދެލޯ ހުޅުވައިގެން ބެލީމާ ރައްޔިތުންނަށް ހާމައަށް ފެންނަން ހުރި ބައެއް ކަންކަމެވެ. ސަރުކާރުގެ އެތެރެއެތެރެއިން ކަންކަން ރޭވެމުންދާގޮތް ނުވަތަ ކުރެވެމުންދާ ކަންކަމެއްނޫނެވެ.
ކަންކަން މިގޮތަށް ހާމައަށް ފެންނަން ހުއްޓައި ސަރުކާރަށް ލިބޭ ކަމަށްބުނާ އެއްވެސް އެހީތެރިކަމެއް ނުވަތަ ފައިސާއެއް ލޮލަށް ނުފެންނަކަމަށް ސިޔާސީ ބޭފުޅުން ވިދާޅުވެ ކަމުގެ ހަޤީޤަތް ރައްޔިތުންނަށް އޮޅުވާލަން މަސައްކަތްކުރުމަކީ އެންމެ ރަނގަޅުގޮތް ކަމަކަށް ޤަބޫލެއް ނުކުރެވެއެވެ.
ސިޔާސީ ފަރާތްތަކުންވެސް ޒިންމާދާރުގޮތުގައި ވާހަކަދައްކައި ސަރުކާރުގެ ހިންގުން އިތުރަށް ހަރުދަނާކުރުވައި ޒިންމާދާރުކުރުވަން މަސައްކަތްކުރަންޖެހޭނެއެވެ. ނަމަވެސް އެފަދަ މަސައްކަތްތައްވެސް ވާންޖެހޭނީ ތެދުވެރިކަމާއިއެކު ބުނެވޭ ބަސްތަކަކަށެވެ.
އިދިކޮޅު ސިޔާސީ ފަރަތްތަކުން ޒިންމާދާރުކަމާއިއެކު އެފަރަތްތަކުގެ މަސްއޫލިއްޔަތު އަދާކުރުމަކީ ޤައުމުގެ ތަރައްޤީއަށް އެންމެ ފައިދާހުރި ގޮތެވެ. ދުނިޔޭގައި ތަރައްޤީވެފައިވާ ޤައުމުތައް ތަރައްޤީވެ ފުދުންތެރިވެފައިވަނީ އިދިކޮޅު ޕާރޓީތަކުން ޒިންމާދާރުކަމާއިއެކު އެ ފަރާތްތަކުގެ ވާޖިބު އަދާކޮށްގެންނެވެ.
މިއަދު މިއީ އިދިކޮޅު ފަރާތްތަކުގެ އެހީތެރިކަން ޤައުމަށް އެންމެ ބޭނުންވާ ވަގުތެވެ.ދައުލަތުގެ ޚަަރދުތަކުގެ ހިސާބު ބެލެހެއްޓުމެއްނެތި ބޭނުންވަރަކަށް ޚަރަދުކުރަމުންގެންދިއުމާއި ކޮރަޕްޝަން އިންތިހާއަށް އޮތް މާޒީއަކަށްފަހު ޒިންމަދާރުކަމާއިއެކު ސަރުކާރު ހިންގުމަށް ފަށައިގެނެވިފައިވާތީއެވެ. ވައްކަމާއި މަކަޜާއި ހީލަތުގެ އަމަލުތައް ފާޅުގައި ހިންގިނަމަވެސް ސަރުކާރުން ކުރާ އެއްވެސް ކަމަކަށް ފާޑުކިޔައިފިނަމަ އެމިހަކަށް އަދަބުދިނުން ހުއްޓައި ސަރުކާރު ޒިންމާދާރުކުރުވުމުގެ ފުރުޞަތު ހުޅުވާލެވިފައިވާތީއެެވެ.
ވީމާ މިފަދަ މުހިއްމު ވަގުތު އެންމެންވެސް ބަލަންވީ އެމީހެއްގެ ޤައުމީ ޒިންމާ އަދާކުމަށެވެ. ސަރުކާރަށް ޒިންމަދާރުކަމާއިއެކު ފާޑު ކިޔައި ކަންކަން ރަނގަޅުކުރަން މަސައްކަތްކުރުމަށެވެ. ކަންކަމުގެ ހަޤިޤަތް ހާމަކޮށްގެންނެވެ. ދޮގުވާހހަކަތައް ފަތުރައި ފިތުނަވެރިކަން އާއްމުކުރުމަކަށް ނޫނެވެ.
ނޯޓް: މިއީ މިއަދު ނޫހުން ނަގާފައިވާ ލިއުމެއް
Posted on 2010-04-04 10:29:37 |
Report this Comment
Posted on 2010-04-05 00:13:17 |
Report this Comment
Posted on 2010-04-05 10:19:20 |
Report this Comment
Posted on 2010-04-06 22:53:55 |
Report this Comment