ދައުލަތުގެ އޮޑިޓަރ ޖެނެރަލް އިބްރާހީމް ނަޢީމް މަޤާމުން ވަކިކުރީ ސިޔާސީ ނުފޫޒުގެ އޮއިވަރެއްގާ ކަމަށާއި މަޖިލީހުން އިބްރާހީމް ނަޢީމް މަޤާމުން ވަކިކުރެއްވިނަމަވެސް ހަމަ އެފަދަ އިބްރާހީމް ނަޢީމެއްގެ ނަން މަޖިލީހަށް ހުށަހަޅުއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ޑޯނަރސް ކޮންފަރެންސް ނިންމަވައިލެއްވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ ދައުލަތުގެ އޮޑިޓަރ ޖެނެރަލް މަޤާމުން ވަކިކުރެއްވުމުން ކޮންފަރެންސްގައި ވެސް އެކަން މައްސަލަކަށްވިކަމަށެވެ. ނަމަވެސް ބައިވެރިންނަށް ވެސް އެކަން މަޖިލީހުން އެކުރީ ސިޔާސީ މަޤްސަދެއްގައިކަން އެނގިވަޑައިގަންނަވާތީ އެކަން މާބޮޑު މައްސަލައަކަށް ނުވީކަމަށެވެ.
ރައީސް ނަޝީދު ވިދާޅުވީ އެމީހުންގެ ވެރިކަމުގައި އެމީހުން މަގާމު ދިން މީހަކު އެމީހުން ނުރުހޭ ގޮތްތަކަށް ރިޕޯރޓުތައް ނެރެން ފެށުމުން އެކަމާއި އެމީހުން ނުރުހި މަޤާމުން ވަކިކުރީ ވެސް އެމީހުންކަމަށްވުމުން އެކަން އެވީގޮތް ބައިނަލްއަޤްވާމީ މުޖުތަމައުއަށް ވަރަށް ރަނގަޅަށް އެނގޭ ކަމަށެވެ.
ސްވިސް ބޭންކާއި ސިންގަޕޫރު ބޭންކްތަކާއި އެނުންވެސް ތަންތަނުގައި ރައްޔިތުންގެ ފައިސާ ޖަމާކޮށްފައިހުރިކަމުގެ ތުހުމަތުތަކެއް ކުރެވި، އަދި އެކަން ދައުލަތުގެ އޮޑިޓަރ ޖެނެރަލް ކަށަވަރުކޮށްދެއްވާފައިވަނިކޮށް މަޤާމުން ވަކިކުރިނަމަވެސް އެކަމަކީ ހަޤީޤަތް ހިމެނޭ ކަމެއް ނަމަ ރައްޔިތުންގެ ހައްޤު ރައްޔިތުންނަށް އަނބުރައި ލިބޭނެކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
އަދި ރައްޔިތުންނަށް ވަރަށް މުހިއްމު ވަގުތަކު ދައުލަތުގެ އޮޑިޓަރ ޖެނެރަލްގެ ހައިޞިއްޔަތުން އިބްރާހީމް ނަޢީމް ކޮށްފައިވާ މަސައްކަތްތަކަށް ޝުކުރު އަދާކުރައްވާކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.
Posted on 2010-03-30 19:59:07 |
Report this Comment