
ފަނޑިޔާރުންގެ ޖަމްޢިއްޔާއިން، އުއްތަމަ ފަނޑިޔާރަށް ސިޓީއެއްފޮނުވައި، މަސްއޫލިއްޔަތު އުފުލޭހާ ގައިބާރު ނެތްނަމަ، ގެއަށް ދިއުމަށް އިލްތިމާސް ކޮށްފައިއެވަނީ، ޤާޟީން ފަނޑިޔާރުން ނިޔާވެރިންގެ އިތުބާރުގެއްލި ބަދުނާމުވެ ގިރިޓީފިލައި ސެންޓްވަސް ކެނޑި، މުޖުތަމަޢުގައި ދަމާކަނޑާ މީހުންގެ ސަފަށް ފައިބަންޖެހޭހެން ހީވާތީއެވެ. ކުރާނެކަމެއް ނެތެވެ. "ގިތެޔޮއެޅި ގުޅިއަކުން ވަހެއް ނުކެނޑޭނެ" އެވެ. "އަލަތު ލޯތްބަކީ ޢަޖޫޒުވިޔަސް ކެނޑިގެންދާނެ އެއްޗެއް ނޫނެވެ." ހަމައެފަދައިން "ބޯށި ފޮނީގެ ރަހަ އެނގުނުވާލެއް އެބޯއްޓަކާ ދުރަކަށް ނުދާނެ" އެވެ. "ކާންދީ ކިޔަވައިދީ ބޮޑުކޮށް ވަޒީފާދިންމީހާ އެނގޭނެ" ނޫންހެއްޔެވެ. "ސިންގާވެސް ހެޔޮކަންތައް ކޮށްދިންމީހާ ދަނެއެވެ." ދެޤުއްލަ ހަމަނުވާ ފެނަށް ކިތަންމެ ކުޑަނަމަވެސް ޢަފޫނުވަނިވި ނަޖިހެއް އެޅިއްޖެނަމަ، އެފެން ނަޖިސްވާނެއެވެ. ޖެހޭނީ އެވަޅު ދިޔަ ހިއްކާށެވެ. ޑިކްޓޭޓަރޝިޕްގެ ރަހަ ފޮނިމީރު ލައްޒަތުގައި އުނގުޅި ޖަރީވެ މަސްތުވެ އަޖުމަވެފައިވާ މީހުންނަށް، ޑިމޮކްރަސީގެ ހަމަހަމަ އިންސާފު ދުވަހަކުވެސް އިޙްސާސެއް ނުކުރެވޭނެއެވެ.
އަމުދުން މިހާރު މިއޮތީ، ޝަރުޢީ ނިޒާމުގެތެރޭގައިވާ ޤަޟިއްޔާ ފައިޞަލާކޮށް އިންސާފުމަގުން ޙައްޤާއި ޢަދާލަތު ޤާއިމްކުރުމުގެ އުސޫލު، މިރާއްޖޭގެ ޤަޟާއީ މާޙައުލުގައި އޮޅުންއަރާފައެވެ. އެއީ، ޝަރުޢީ ދާއިރާގެ އިސްވެރިންގެގޮތުގައި ތިބި ވެރިންގެ ފެންވަރުހުރި ގޮތުންނެވެ. ޖިނާއީ މަރުޙަލާ ކަމަށްވިޔަސް، މަދަނީ މަރުޙަލާ ކަމަށްވިޔަސް، ޢާއިލީ މަރުޙަލާ ކަމަށްވިޔަސް ހަމަ އެއްގޮތެވެ. ކުރިމަތިވާ ޤަޟިއްޔާގެ ޙަޤީޤަތަށް ވާޞިލުވެ، އިންޞާފުވެރި ނިޔާއެއް ނެރުމުގެ ފިކުރު، މިއަދުގެ ޖުޑިޝަރީ ދާއިރާ ދޫކޮށްވަނީ ގޮސްފައެވެ. ގާތްގަނޑަކަށް ފަނަރަވަރަކަށް އަހަރު ވަންދެން ދެވުނު ޤަޟާއީ ތަޢުލީމާއި ޝަރުޢީ ތަރުބިއްޔަތުގެ ދޯހަޅިކަމާއި ލުއިކަމުންނެވެ. ޖިނާއީ މައްސަލަތައް، ފުލުހުން ތަޙްޤީޤުކޮށް، ހެކި ޤަރީނާއާ އެއްކޮށް ހުށަހެޅީމާ، ކޯޓު މަރުޙަލާގައި ދެވަނަ ފަހަރަށް ތަޙްޤީޤުކުރަން ޤާޟީ މަސައްކަތްކުރާ ކުރުމަށް ހަމައެކަނި ބެލިޔަސް، ޝަރުޢީ ނިޒާމުގެ ހުރި ހޮއިހަނާކަން އެނގޭނެއެވެ.
މިކަހަލަ ތާކުންތާކުނުޖެހޭ ހަމައެއްގައި ޤަޟާއީ ނިޒާމު އޮތްއިރު، އޭގެތެރެއަށް "ކާންދީ ބޮޑުކޮށް ކިޔަވައިދީ ވަޒީފާދިންމީހާ އެނގޭ" އުޞޫލު ވަނީމާ ދެންވާނެގޮތްއޮތީ ވިސްނާލުމެވެ. އެއީ، ރައްޓެހިކަން ކަމަށްވިޔަސް، އެހީކަމަށްވިޔަސް، ހަދިޔާ ކަމަށްވިޔަސް، ކޮފީކަމަށްވިޔަސް ފަރުވާލެއް ނެތެވެ. ތިމާއަށް ތިމާ ނޭނގުނީމާ ދެން ތިބެގެން މިގޮވަނީ އުއްތަމަ ފަނޑިޔާރަށެވެ. ގެއްލުނު އަބުރު އަނބުރާ ހޯދައިދިނުމަށެވެ. ވީއިރު، އުއްތަމަ ފަނޑިޔާރަށް އޮންނަނީ، ނިޝާންޖެހި ކާރުކޮޅާއި، ބޭރާއި އެތެރޭގެ މަހާސިންތާތަކުގައި ޝަރުޢީ ދާއިރާ (ޤަޟާއިއްޔާ ނުވަތަ ޖުޑިޝަރީ) ވާހަކައިން ތަމްސީލުކޮށް ދިނުމެވެ. މިހާރު ރަސްމަތިފުށު ބޭފުޅުން ފެންމައްޗަށް އަރުވައިގެން މިއުޅޭ "އަބުރުފުޅު ގެއްލުމުގެ މައްސަލާ" ތަކުގައި، އެއްވެސް ފައިޞަލާއެއް، އެއްވެސް ތަޙްޤީޤެއް، އެއްވެސް ހޯދުމެއްނެތި "ބޭފުޅެއްގެ އަބުރުފުޅަކަށް 5 ހާސް ރުފިޔާ" ނަގައިދޭ މަދަނީ އިޖްރައާތުގެ މައްޗަށް ނަޒަރެއްދިނަސް "ކާންދީ ބޮޑުކުރިމީހާ އެނގޭކަން" ރަނގަޅަށް ހާމަވާނެއެވެ. އެކަމަކު، ދެޤުއްލަ ހަމަނުވާ ފެނަށް ނަޖިސް އެޅިގެން ތަޣައްޔަރުވީ ކަމަށްވިޔަސް، އެވަޅު ދިޔަ ހިއްކައިލެވޭކަށް ނެތެވެ. އެވަރުގެ މިނިވަން ފަނޑިޔާރުގެއެއް ނެތެވެ.
މިޤާނޫނުއަސާސީ ހެދިއިރު، ޑުރާފްޓިންގ ކޮމިޓީގެ ފިކުރުގައިހުރީ، މައުމޫނުގެ "ދިގުއަތުން" ޝަރުޢީ ނިޒާމުގެތެރެއަށް ދަނޑިދިގު އުނދުޅި ބާނައި ދޮންރިހަގަނޑެއް ހަލުވާގޮތަށް ހަލުވަމުން ދާތީވެ، އެބަލާއިން ސަލާމަތްކުރެވޭނެ ހުރިހާ ގޮތެކެވެ. އެގޮތަށް ޑްރާފްޓް ކޮށްގެން ("ތްރީ ވިޕްލައިނުން" ނަޖާވެގެން) ޝަރުޢީ ދާއިރާއާބެހޭ ބާބު ފާސްވެ ޤާނޫނުއަސާސީ ތަޞްދީޤު ވިއިރު މިއޮތީ، ފުށްފުރޭންޏެއް ހެނެވެ. ވެރިޔަކު ނެތިފައެވެ. ޤަޟާއީ ދާއިރާ ވަޔާބުރުއްސާގޮތަށެވެ. އެންމެމަތީ ތަނަކީ، ޖުޑީޝަލް ކޮމިޝަނެވެ. އެތާގެ ރައީސްމީހާ ނިދާފައި އޮއްވާ، ދެފަނޑިޔާރަކު ކަޅެއްޖަހާލަން ކަނޑައަކަށް ގޮއްސާ، ލިޔެލި ޤަރާރަކުން އެރައީސްމީހާ ކެންސަލް ވެއްޖެއެވެ. އެކޮމިޝަނުން ޖިނާއީ ކޯޓުގެ އިސްޤާޒީ ވަކިކުރަން އުޅޭތާ ހަތަރުއަހަރު ހަތަރުމަސް ދިހަވެއްޖެއެވެ. ޝަރުޢީ ދާއިރާގެ ވެރިކަންއޮތީ މިފެންވަރުގައެވެ. އެކަމަކު، ޒައީމުގެ ސުވަރުގޭގައި، ސުވިމިންގޕޫލާއި، ބިންގަރާހާއި، ޓެލެސްކޯޕްގެ ފަޚުރުވެރި ރަންސަނދުވާ ތެރޭގައި މަތީކޯޓްތަކަށް އެބަ އުޅެވެއެވެ. އެއީ، އުފަލެކެވެ. ފަޚުރެކެވެ. އަނެއްބަޔަކުތިބީ ކޮޓަރިކޮޅު ކުޑަވެގެން "ކަކުންޏަށް ހަރަށް ނުވަދެވިފައެވެ."
ކަނޑި ގެންގުޅެގެން 5 އަހަރުގެ ޖަލުޙުކުމެއް ކޮއްލި ކޯޓުން، ދެވަނަ ފަހަރަށް ކަނޑީގެ މައްސަލަ ހުށަހެޅުނީމާ އެކަން ޤާނޫނެއްގައި ނެތިގެން ކުށަކަށް ނުވިއެވެ. ކައުންޓަރފީޓް ކުރުމުގެ ޗެޕްޓަރުގައި "ވަގުޑޮލަރު" ވަކިން ލިޔެފައިނުވާތީ، ވަގުޑޮލަރުގެ މައްސަލަ ބެލެން ނެތްކަމަށް ޙުކުމްކުރީ، ހަމަ އެކޯޓުން ވަގު ޑޮލަރުގެ ހާސް މައްސަލާގައި މީހުން ކުށްވެރި ކޮށްފައެވެ. މިހިރީ، ހެއްވާ ކަންކަމެވެ. ކުޑަކުދިން ކުޅޭއިރު ކުރާކަހަލަ ސަރިއަތެވެ. ފުޅާދާއިރާގައި މަސްތުވާތަކެތި ވިއްކާ ހަމީހުންކުރެ އެކަކުގެ 5 މިލިޔަންރުފިޔާ އެނދު ތަންދޮށުން ނެގިއިރު، އޭނާއާއި އެފައިސާ އެއީ އެއްވެސް ގޯހެއް ނޫންކަމަށް ޙުކުމް ކުރުމަކީ ޖޯކެކެވެ. "ކާންދީ ބޮޑުކުރި މީހާ" ދަންނަ އުސޫލުންނެވެ. "ގިތެޔޮއެޅި ގުޅިން ވަސް ނުކެނޑޭނެ" ތީއެވެ. މިމީހުނަށް، ޝަރުޢީ ޙުކުމްތަކާއި ޢަދުލު އިންސާފާއި އިންސާނީ ހަމަހަމަ ކަމާއި ޤާނޫނީ ޙައްޤުތަކާއި، އަދި ތިމާގެ އަމިއްލަ ނަފުސާއި ތިމާގެ ނިމިދިއުން އިޙްސާސް ކުރެވޭނަމަ، އަމިއްލައަށް ބަދުވާނެ ކަންކަމެއް ނުކުރީހެވެ. އެކަމަކު، ތަޢުލީމާއި ތަރުބިއްޔަތު އެއީ، މީހާއަށް މަގުދައްކާ އާރުކާޓީއެވެ.
ތިމާމެން އުފަންވެ، ބޮޑުވެ، ހޭވަރިވެ، ކިޔަވައި، ވަޒީފާއަށް ނުކުތީ ކޮން ދުވަސްވަރެއްގައި ހެއްޔެވެ. "ރާހަދާ މީހާއާއި، ރާ އެތެރެކުރާ މީހާއާއި، ރާ ވިއްކާ މީހާއާއި، ރާ ބޯމީހާ އެއްވަރޭ" ބުނެފައި، ރަލުން ސޭލުއަޅުވައި މުޅި ޤައުމު ރަލުން ތެންމާލި ދައުރުގައެވެ. ވަގަށް ފިސްތޯލަ އެތެރެކޮށް އެކުވެރިންގެ އަތަށްދީ، ތިމާގެ އަންބޮޑިއަށް ބޮޑުފިސްތޯލަ ލައިގެން ހުރެ ﷲގަންދީ ހުވާކޮށް، ތިމާގެ ދުލުން އެވާހަކަބުނެ، އެއަށްފަހު، އެވާހަކަ ނުބުނަމޭބުނެ ބުހުތާން ދޮގު ހަދާފައި، ޓެރަރިޒަމްގެ ޤާނޫނުހަދައި އޭގެކުރިން ޓެރަރިޒަމް ހިންގި މީހުންނަށް ކޯޓްމެދުވެރިކޮށް އަދަބުދީ (ތިމާއަށް އަދަބުނުލިބި) އެމާއްދާ އުވާލި ދައުރުގައެވެ. އެފްޕީއައިޑީގެ މައްސަލާގައި ޅިޔަނުމެންގެމަތީ ހަންދުއްވާލައި، އޭޓީސީގެ މައްސަލައާއި، އެއަރމޯލްޑިވްސްގެ މައްސަލައާއި، އެމްއެސްއެލްގެ މައްސަލައާއި، އެސްޓީއޯގެ މައްސަލައާއި، ސްޓެލްކޯގެ މައްސަލައާއި، މިފްކޯގެ މައްސަލައާއި، އަލިފުށީ ބޯޓުޔާޑުގެ މައްސަލައާއި، ގާމެންޓް ފެކްޓަރީތަކުގެ މައްސަލައާއި، ހެލްތު އިންޝުއަރެންސް ސްކީމުގެ މައްސަލައާއި، މަޖިލިސް މެމްބަރުން ސިންގަޕޫރާއި ބެންކޮކަށް ވެލްފެއަރގެ އެހީގައި ފޮނުވި މައްސަލައާއި، ކޫއްޑޫ ތިޖޫރި ވަގުނޫޓު ވިހޭ މައްސަލަ ހިންދާލައި ޗުއްޕުވެސް ނުބުނެ ދޫކޮއްލި ދައުރުގައެވެ. ފީކަރުދާސް ހޮވައިގެން މީހުންގެ ކުރިމަތީގައި ގެންދިއުމުން، އެއީ ބޭނުމެއްނެތް އެއްޗެކޭ ބުނެފައި ވަނިކޮށްވެސް "މަތިން އަންގަވައިގެން" ވައްކަމަކަށް ހަދައި ކުށްވެރިކޮށް، ހަތުރުވެރިޔާ ފުރުވާލީމާ، ޤާޟީއަށް މިނިސްޓަރުކަން ދިން ދައުރުގައެވެ. ޖިނާއީ މައްސަލާގައި ތަޙްޤީޤެއްނެތި "އަވަސްކުރަން ވެގެން" ޖަލުގައި ބަންދުކޮށް ޢަދާވާތްތެރިޔާ ސަރިއަތަށް ދަމަމުން ތަޙްޤީޤު ކުރަމުންދިޔަ ދައުރުގައެވެ. ކޮންކްރީޓް ދަގަނޑު ބުރިކުރާތީ، ސަރުކާރު ވައްޓާލާނެކަމަށް ބަލައި، ހަރުގެ ރޫޅަން ފަތުވާނެރުނު ދައުރުގައެވެ. ޑިމޮކްރަސީއަށް ގޮވާލައި، "ޓިއަނަމަން މައިދާނަށް" އެއްވި ރިފޯމިސްޓުން ކުޑަގޮޅިއަށް އަޅާފައި، ޤައިދީއަކު ބަލިވެގެން އަމިއްލަ ޚަރަދުގައި ފަރުވާކުރުމަށް ބޭރަށްދާން އެދުމުން، އޭނާގެ މުޅިމުދާ ސަރުކާރުގައި ރަހުނުކުރަން ޖެހުނު ދައުރުގައެވެ. ޢިއްޒަތްތެރި ރައީސާއި، ޢިއްޒަތްތެރި މިނިސްޓަރު ނޫން އެއްޗެއް މަޑުމަޑުން އޮޅިގެން ބުނެވުނަސް ސިޔާސީ ކުށްވެރިވެ، ތަޅާ އަނިޔާކޮށް ހޭނައްތައި، ބަޔާނުގައި ސޮއިކުރުވައި، އެބަޔާނުގެ މައްޗަށް ސަރިއަތްކުރުވައި، ޢުޤޫބާތްދިން ދައުރުގައެވެ.
ދަސްވީ އެކަންތަކެވެ. ތަމްރީނުވީ އެގޮތެވެ. ކިޔެވީ އެ އެއްޗިއްސެވެ. ހަދަންޖެހެނީވެސް އެހެނެވެ. ހެލިޕޭޑުގައި އިށީންދެލައިގެން އިންމީހާ ނަގައި އުރާލައިގެންގޮސް ކުޑަގޮޅިއަށް ވައްޓާލީ، އޭނާގެ ސަލާމަތަށްޓަކައެވެ. މަޖިލިސް މެމްބަރު މީހާގެ ގޯތި ދެބުރިކޮއްލަން ސުޕްރީމް މަރުޙަލާއިން ނިޔާނެރުނީ، އިއްލަބެއަށް ރިޔާސީ ވޯޓު ދިނީމައެވެ. ދަރިން ނުގަބޫލުވާތީ، އެކަކަށްވެސް ނުވިއްކުނު ގޯތި، ވިއްކޭނެގޮތްވީ، ޝާހީ ބޭފުޅަކު ބޭނުންފުޅު ވީމައެވެ. ހަތިޔާރު ނަގަން ބުނިމީހާ، އުމުރަށް ޖަލަށްލުމަށް ޙުކުމްކޮށް، ފިނިކޮޓަރީގައި ބާއްވާފައި، މަތީކޯޓުން ކުށެއްނެތް މަޢުޞޫމެއްކަމަށް ޙުކުމްކުރީ، ރޭވުމެއް އޮތީމައެވެ. ކަންހުރީ މިހެނެވެ. އައްޑޫ ގަމު މެނޭޖަރުގެ މައްސަލާގައި ސަރިއަތްކުރަން އުޅުނު ޤާޟީ ހަމީދުސޯ ބުނެގެން އައްޑުއަށް ދިޔައީ ކީއްކުރަން ހެއްޔެވެ. މިއަދުވެސް ކަންހުރީ އެގޮތަށެވެ. ބޮޑުދިދަތަކާއި، ބަނދަރު ބައްތިތަކުގެ މައްސަލަ، ޖިނާއީކޯޓަށް ބަލައިގަތީ ތިންވަނަ ފަހަރު ހުށަހެޅީމައެވެ. މައްސަލަ ކޮބައިބާވައެވެ!
މިއަދު، އިދިކޮޅު ޕާޓީއޭ، ސަރުކާރު ޒިއްމާދާރު ކުރުވާ މީހުނޭ، ކޮރަޕްޝަނޭ، މާލިއްޔަތޭ، އަބުރުފުޅޭ ކިޔައިގެން ނުކުމެ މޭފުއްޕަމުން ތިދުވަނީ، މިހުރިހާ ނުބައިނުލަފާ ކަންކަން، ޙައްދެއްނެތި ޑިކްޓޭޓަރޝިޕްގައި ތިބެގެން ހިންގައި، މިޤައުމު ޚަރާބުކޮށް ސުންނާފަތި ކުރި ކަލާސީނުންނެވެ. އޮންނާނީ، ކޮން އިތުބާރެއް ހެއްޔެވެ.
Posted on 2010-03-14 03:01:11 |
Report this Comment
Posted on 2010-03-14 08:15:21 |
Report this Comment
Posted on 2010-03-14 09:09:05 |
Report this Comment