
ރައީސުލް ޖުމްހޫރިއްޔާ އަށް
ވެދުންސަލާމަށްފަހުދަންނަވަމެވެ.
އަޅުގަޑުމެން މަނިކުފާނު މިޤައުމުގެ ރައީސްކަމަށް ގެނައީ މަނިކުފާނުގެ ކުރިން މިޤައުމުގައިވެރިކަންކުރެއްވި ބޭފުޅާގެ ވެރިކަމުގައި ޤައުމުގެ މަސްލަހަތުގެ މައްޗަށް އަމިއްލަ މަސްލަހަތު އިސްކުރެއްވުމާއި، މަކަރާއި ޚިޔާނާތް އާއްމު ވުމުގެ އިތުރުން މާތްވެގެންވާ އިސްލާމްދީނުގެ ހުކުމްތަކަށް އިންކާރުކުރެއްވުމާއި، މިޤައުމުން، އިސްލާމްދީން ފޮހެލައްވަފާނެ ކަމުގެ އަލާމާތްތައް ފެންނަން ފެށީމައެވެ. ނަމަވެސް މިހާރު މަނިކުފާނުގެ ކިބައިން މީގެތެރެއިން ބައެއްއަލާމާތްތައް ފެންނަންވަނީ ފަށާފައެވެ.
ރައީސް އެވެ. މަނިކުފާނުވަނީ ދިވެހި ރައްޔިތުންނަށް ނުހަނުގިނަގުނަ ވައުދުތަކެއްވެފައެވެ. ހެޔޮވެރިކަމެއް ކުރައްވާނެކަމުގައެވެ. ނަމަވެސް މިހާރު މިފެންނަނީ ދިވެހިންނަށް ހެޔޮވުމުގެ ބަދަލުގައި ހުޅަގުގެ ފަރަންޖީންނަށް މަނިކުފާނުގެ ވެރިކަން ހެޔޮވަމުންދާތަނެވެ. މަނިކުފާނުގެ ވެރިކަމުގެ ކިއްލާތެރެއިން ހުޅަގުގެ އާރުކާޓީން ފެނުންދަނީ އާއްމުވަމުންނެވެ. ނަމަވެސް މަނިކުފާނު މިޤައުމުގެ ވެރިކަމަށް ގެނެސްދެއްވުމުގައި އެބައެއްގެ ޖާނާއި މާލުން ހޭދަކުރި މީހުން ވަނީ އެކަހެރި ކުރެވިފައެވެ. އެއީ އެމްޑީޕީ ކޯލިޝަންގެ ބައިވެރިންނެވެ. ސަރުކާރުން ބޮޑުހިއްސާއެއް ދެއްވާނެ ކަމަށް އެބައިމީހުނަށް މަނިކުފާނުވެވަޑައިގެންނެވި ވައުދު އެއީ މަނިކުފާނުގެ ސަރުކާރުން އެންމެފުރަތަމަ ފުއްދަންޖެހޭނެ ވައުދެވެ.
ރައީސްއެވެ. ތަކެތީގެއަގު އަތްފޯރާފަށަށް ތިރިކޮށްދެއްވުމަށް މަނިކުފާނު ވެވަޑައިގެންނެވި ވަޢުދު ފުރިހަމަވާ ތަނެއް އަދި ނުފެނެއެވެ. ފަހަރެއްގައި މަނިކުފާނު ވިދާޅުވި ބަސްފުޅު އަޅުގަޑުމެނަށް ފަހުމްނުވީކަމަށްވެސް ވެދާނެއެވެ. އެއީ ތަކެތި ބަހައްޓާ ހަރުތައް ތިރިކޮށްފިއްޔާ އަގުހުންނާނީ އަތްފޯރާފަށުގައި ކަމަށް ވެދާނެތީ އެވެ. މަނިކުފާނުގެ ކެމްޕެއިން ތެރޭގައި ދެއްކެވި ނަނާ ހުވަފެނަށް އަޅުގަޑުމެނަށް އިތުބާރު ކުރެވުނީއެވެ.
މަނިކުފާނުގެ އަނެއްޥަޢުދަކީ ބޯހިޔާވަހިކަމެވެ. އެކަމަކަށް އަޅުގަޑުމެން އެންމެބޮޑަށް ބޭނުންވެފައިވާ އެއްކަމަކީވެސް އެއީ އެވެ. ނަމަވެސް އެއިގެ ހިލަމެއްވެސް އަދި ނުވެއެވެ. ގޯތިގެދޮރުގެ ދަތިކަން ފޯރާފައިވާ މީހުންނަށް ގޯތިގެދޮރު ހޯދައިދިނުމުގެނަމުގައި ކުރީގެ ސަރުކާރުންފެއްޓި ހުޅުމާލެ މަޝްރޫޢު ވެފައިއޮތީ ގޯތިގެދޮރުގެ ދަތިކަންފޯރާފައިވާ ތަނަވަސް މީހުނަށް ގޯތިގެދޮރު ލިބިދޭ މަޝްރޫޢަކަށެވެ. އަޅުގަޑުމެން ހީކޮށްގެން ތިބީ މަނިކުފާނުގެ ވެރިކަމުގައި މިކަންތައް ހައްލުވެގެންދާނެ ކަމަށެވެ. ނަމަވެސް ފެންނަމުން މިދަނީ މިކަމުގައި މައުމޫނުގެންގުޅުނު ސިޔާސަތު މަނިކުފާނުވެސް ހިންގަވާތަނެވެ. ކްލަބެއް ހިންގަން ބިންދެއްވުމާއި ބީލަމުގެ އުސުލުން އެންމެބޮޑު އަގެއް ހުށަހަޅާ ފަރާތްތަކަށް ބިންވިއްކެވުމެވެ. އަތްނުފޯރާފަށުގައިވާ ބިމުކުލިދެއްކޭ ވަރުގެ މީހުނަށް އަނެއްކާވެސް މޮޅުގޮތެކެވެ. ފަގީރު ރައްޔިތުމިހާ ނިކަމެތި ހާލުގައެވެ.
ދަތުރުފަތުރުގެ ނިޒާމަކުން މުޅިޤައުމު ގުޅުވާލުމަކީ މަނިކުފާނުގެ ވައުދުތަކުގެ ތެރެއިން އަމަލީސިފަ އަންނަންފަށާފައިވާ ވައުދެކެވެ. ނަމަވެސް ދަތުރުފަތުރު ކޮށްއުޅެވޭނެ މާހައުލެއް މިޤައުމުގައިނެތެވެ. މީހުން މެރުމައި ފޭރުން އަދި އަދިވައްކަމުގެ އިތުރުން ރަހީނުކުރުންވަނީ ޤައުމުގެ އިރުންހުޅަގަށް، އުތުރުން ދެކުނަށް ވަނީ ފެތުރިފައެވެ. މިކަންތައްތަކަކީ މަނިކުފާނު މިޤައުމުގެ ވެރިކަމަށް އައުމުގެ ކުރިންވެސް މިޤައުމުގައި އޮތްކަންތައްތަކެއްކަން އަޅުގަޑުވެސް ޤަބޫލުކުރަމެވެ. ނަމަވެސް މިކަންތަކަށް އަވަސް ހައްލެއް ހޯއްދަވައި ދެއްވުމަކީވެސް މަނިކުފާނުގެ އެއްވައުދެވެ. ނަމަވެސް މިކަންތައް އަދިވެސް ދަނީ ކުރިއަށެވެ. ރައްޔިތުންތިބީ ބިރުވެރިކަންމަތީގައެވެ. "ބާރަކާ މީހަކުގެ ނުމެލާ އާރަކަށް މަމުއި ފެތޭ ' ތަނުގެ ބަދަލުގައި އަޅުގަޑުމެނަށް މިފެންނަނީ "ބާރަކާ މީހަކުގެ ނުމެލާ ކޯރަކަށް ލޭގެ" އަމިއްލަ ނަފްސް ފެތޭތަނެވެ.
މަސްތުވަތަކެއްޗަށް ހުޅުވިދޮރުތައް ބަންދުކުރެއްވުމަކީ މަނިކުފާނުގެ ވައުދު ތަކުގެތެރެއިން އަޅުގަޑުމެން އެންމެ ޝައުގުވެރިކުރުވި އެއްވައުދެވެ. ނަމަވެސް މިހާރު ފެންނަ މަންޒަރުތަކާއި އިވޭ އަޑުތަކަށްބަލާއިރު ހީވަނީ މަނިކުފާނުގެ ސަރުކާރުން ބަންދުކުރައްވަން ބޭނުންފުޅުވަނީ މައުމޫނުގެ ސަރުކާރުން މަސްތުވާ ހިކިއެއްޗެއްސަށް ހުޅުވިދޮރުހެން ނެވެ. އަތްފޯރާފަށަށް ގެންނަތަކެތީގެ ތެރޭގައި ބަނގުރާ ހިމެނިދާނެކަމުގެ ބިރުވެރިރަނގަބީލުގެ އަޑުވަނީ ގުގުމާފައެވެ. މަނިކުފާނުގެ ވާހަކަފުޅުތަކުން އަބަދުވެސް އިވެނީ ބާރުގަދަ މަސްތުވާތަކެތީގެ ވާހަކައެވެ. އެއެއްޗެއް ބޭނުންކުރުމުން މަސްތުގެ ހާލަތަށްމީހާ ގެންދާ ކޮންމެ އެއްޗަކީ މަސްތުވާތަކެތިކަން މަނިކުފާނަށް އެނގިވަޑައި ނުގަންނަވަނީވެސް ކަންނޭގެއެވެ.
ރައީސްއެވެ. މައުމޫނުގެ ވެރިކަމުގައި ނިމުމުގެ ސިއްކަޖެހުމުގައި އެންމެ އިސްދައުރެއް އަދާކުރި އެއްބަޔަކީ މިޤައުމުގައި ތިއްބެވި އިސްލާމްދީނަށް ވަފާތެރި ދީނީ ޢިލްމުވެރިންނާއި ދީނަށް ލޯބިކުރާ ދިވެހިންނެވެ. ނަމަވެސް މަނިކުފަނުގެ ބައެއް ޢަމަލުފުޅުތަކުގެ ސަބަބުން އެބައިމީހުންދަނީ މާޔޫސްވަމުންނެވެ. މިއަހަރު މަނިކުފާނު ދެއްވި ރިޔާސީ ބަޔާނުގައި އިސްލާމްދީނުގެ ވާހަ އެއްވެސް ވަރަކަށް ޒިކުރު ކުރައްވާފައި ނުވާކަން ދޭހަކޮށްދެނީ މަނިކުފާނުގެ ހިތްޕުޅުގައި އިސްލާމްދީނަސް އެއްވެސްމިންވަރެއްގެ ކުލުނެއް ނެތްކަމެވެ. އެހެންނޫނީ ދިވެހިންގެ ރުހުމަށްވުރެން ހުޅަގުގެ ރުހުމަށް މަނިކުފާނު އިސްކަންދެއްވާ ކަމެވެ.
ولحمد اللّه ، ވަރަށްބޮޑަށް ޝުކުރިއްޔާ!
ރައްޔިތުމީހާ