
ޑީއާރުޕީ (އެންމެބޮޑު އިދިކޮޅުޕާޓީ) ގެ ޙާލު ކިހިނެއް؟!
ދެމަސްދުވަހުގެތެރޭ 40 ހާހަށް މެމްބަރުން އިތުރުކުރަން ތަސްމީނު ދަތުރުކުރާއިރު، ޢުމަރު އުޅެނީ ދުވެފައިގޮސް، އުސްފުންމުމުގެ ރެކޯޑު ހަދައި، މުލީއާގޭ ބޮޑުދޮރޯށިމަތިން އެރުމުގެ ކޯޗިންގ ކޭމްޕުގައި!
ޑީއާރުޕީ ނުވަތަ އެންމެބޮޑު އިދިކޮޅުޕާޓީ މިހާރުއޮތް ޙާލު، އެންމެ ރީތިކޮށް ސިފަވަނީ، ޑީއާރުޕީ ޢާއިލާގެ ބޮޑެއްކަމަށްވާ ޙަމްދޫން ޙަމީދު، އިހައްރޭ ހެދިގޮނޑުދޮށުގައި ދެއްކި ވާހަކައިންނެވެ. އެއީ، ވަރަށް ތެދު އަދި ވަރަށް ޙަޤީޤީ އެހާމެ ބިނާކުރަނިވި ވާހަކައެކެވެ. އެވާހަކަޔާމެދު ވިސްނީމާ ތިންނުކުތާއެއް ފާހަގަ ކުރެވެއެވެ.
ފުރަތަމަ ނުކުތާއަކީ، ހަމަ ޙަޤީޤަތުގައިވެސް، އެމްޑީޕީއަށްވުރެ ކުރިއަރައިގެން ޑީއާރުޕީއަށް ނުދެވޭނެކަމެވެ. ދެވަނަ ނުކުތާއަކީ، ޕީއޭގެ ސިޔާސަތަށް، ތަސްމީނުމެން ތާއީދުކޮށް، ޕީއޭގެ ފަހަތުން ޑީއާރުޕީއާއި، އޭގެ ކޯލިޝަން ޕާޓީތައް މުޑިނެގުން ބޭނުންކަމެވެ. ތިންވަނަ ނުކުތާއަކީ، ކާފަރުންނަށް އިބިލީސް ހިތްވަރުދީ "ފިނޑިންނަކަށް ކަމެއްނުވާނެއޭ" ބުނިހެން، ޑީއާރުޕީއާއި، ޕީއޭއާއި، އިޙްތިޖާޖާއި، އޭގެ ކޯލިޝަނަށް ސަރުކާރާ ދެކޮޅަށް ތެދުވުމަށް ހިތްވަރު ދިނުމެވެ.
ހަމްދޫނުގެ ވާހަކާގައި، ޑީއާރުޕީ ވެރިކަމުގައިއޮވެ، މައުމޫނު ރައީސުލްޖުމްހޫރިއްޔާ ކަމާއި، ޒަޢީމުކަމުގައިހުރެ، ޑީއާރުޕީގައި ރާއްޖޭގެ ހުރިހާ މޮޅުމީހުންނާއި ސަރުކާރުގެ ހުރިހާ މުއައްޒަފުންތިބެ، ބައިތުލްމާލު ހަމަ ހިތްހިތަކަށް އޮވެގެން ޑިކްޓޭޓަރޝިޕް ހިންގިއިރު ނުވިކަމެއް ދެން އަނބުރާ މިހާރަކު ނުވާނެކަމަށް ބުނެފައި ވެއެވެ. ޑީއާރުޕީ ވައްޓާލެވުނީ، އެމްޑީޕީ، ރާއްޖޭގެ ގިނަ ސިޔާސީ ޕާޓީތަކަކާއި، އެހާގިނަ މަދަނީ ޖަމާޢަތްތަކަކާ ގުޅިގެންކަން ފާހަގަކުރަމުން، އެމްޑީޕީ ވައްޓާލެވޭނީވެސް ޑީއާރުޕީ އެގޮތަށް ކަންތައް ކޮށްގެންކަމަށް ޙަމްދޫނު ބުންޏެވެ. އެކަނިމާއެކަނި، އެގޮތަށް މަސައްކަތް ކޮށްގެން، ޑީއާރުޕީއަށް އެއްވެސް ކާމިޔާބެއް ނުކުރެވޭނެ ކަމަށްވެސް ޙަމްދޫން ބުނެއެވެ.
މިވާހަކަ ދައްކާއިރު، ޙަމްދޫން ބައިވެރިވެގެން މިހިރީ، ޕީއޭއާއި، އިޙްތިޖާޖާ ދެޕާޓީގެ ބައްދަލުވުމެއްގައެވެ. ނުވަތަ ރެލީއެއްގައެވެ. މިޖަލްސާގައި، ޑީއާރުޕީގެ އެއްވެސް ބޮޑެއް ނެތްކަން ފާހަގަކުރެވެއެވެ. ހަމައެކަނި، މިބައިވެރިވަނީ ޢުމަރެވެ. ރަސްމީ ޙައިސިއްޔަތުން ބަލާއިރު ޕީއޭއާއި އިޙްތިޖާޖު މިއޮންނަނީ، ޑީއާރުޕީއާއެކު، ކޯލިޝަން ހަދައިގެންނެވެ. ސުވާލަކީ، އެރޭގެ އެރެލީގައި، ޑީއާރުޕީއާއި، އެކޯލިޝަންގެ ކުދި އެހެން ޕާޓީތަކުގެ ބޮޑުން ބައިވެރިނުވީ ކީއްވެ ހެއްޔެވެ. އެއެންމެން މިއަދު ތިބެންވީ "ޑީއާރުޕީ އަނބުރާ ވެރިކަމަށް" ގެނައުމަށް ފޫގަޅައިގެން ނޫން ހެއްޔެވެ.
އެންމެފަހުގެ ރިޔާސީ އިންތިޚާބުގައި، އެމްޑީޕީ، އެހެން ޖަމާޢަތްތަކާ ބައިވެރިވި ވާހަކަ ބުނާއިރު ޑީއާރުޕީވެސްއޮތީ ބައިވެރިވެގެނެވެ. ޑީއާރުޕީ ކޯލިޝަނުގައި، ޕީއޭއާއި ޕީޕީއާއި، ރީކޯއާއި، ރެޑްވޭވްއޮތީ ބައިވެރިވެފައެވެ. އެއިރު، ޑީއާރުޕީގައި 32 ހާސް މެމްބަރުން ތިއްބެވެ. އެމްޑީޕީގައިތިބީ އެންމެ 19 ހާސް މެމްބަރުންނެވެ. ޖުމްހޫރީއާއި، ޢަދާލަތާއި، ކޮންގްރެސްއާއި، ލިބަރަލްއާއި، އިއްތިޙާދާއި، ނިއުމޯލްޑިވްސްއާއި، ދަންނަބޭކަލުން "ވަޠަންއެދޭ ގުޅުން" އުފެއްދީމާވެސް، ޑީއާރުޕީ ކޯލިޝަނަށްވުރެ މެމްބަރުން މަދެވެ. ފައިސާވެސް މަދެވެ. ބާރާއި އާރު ކުޑައެވެ. ނަމަވެސް، ޑީއާރުޕީއޮތީ، އާ އުސްމިންތަކުން ވެއްޓިފައެވެ.
އެންމެފަހުންއޮތް ޑީއާރުޕީ ކޮންގްރެސް ނިންމުމުގެ ޖަލްސާގައި ޒަޢީމު ބުނެފައިވަނީ، ޑީއާރުޕީއަކީ ބާރުގަދަ ޕާޓީއަކަށް ވެއްޖެނަމަ، ދެވަނަބުރަށް ނުގޮސް ރިޔާސީ އިންތިޚާބު މުށްދަށު ލެވިދާނެކަމުގައެވެ. "ބާރުގަދަ" ވާންވީ ކިހާވަރަކަށް ބާވައެވެ. ދައުލަތުގެ 3 ބާރު އަންބޮޑީގައި ފިސްތޯލައާއެކު އޮތްއިރު، ނުލިބުނު "ބާރެއް" މިއަދު ވައްސަލާމު އަޅާފައިގޮސް ދުރުގައި ހުންނައިރު ލިބޭނެ ބާއެވެ. ޙަމްދޫނު އެބުނީ ތެދުވާހަކައެކެވެ.
އަންނަ ރިޔާސީ އިންތިޚާބު ޑީއާރުޕީއަށް ކާމިޔާބު ކުރެވޭނީ، ޑީއާރުޕީއާއި، ޕީއޭއާއި، އިޙްތިޖާޖާއި، އައިޑީޕީއާއި، ޕީޕީއާއި، ލޭބަރާއި، ރީކޯއާއެކު، ޤައުމީއާއި، ޖުމްހޫރީއާއި، ޢަދާލަތާއި، ކޮންގްރެސްއާއި، އިއްތިޙާދާއި، ލިބަރަލް ގޮސްގެނެވެ. އެކަމަކު، މިއީ ވާނެކަމެއްކަމަކަށް ނުފެނެއެވެ. އެއީ، އެއަށްވުރެ މާބާރުގަދަ ތާޒާ ޒަމާނުގައިވެސް އެކަންނުވީމައެވެ.
އެތާޒާކަންމަތީގައި ތިބިއިރު، ރިޔާސީ އިންތިޚާބުން ވެއްޓުމުގައި މައިގަނޑު ދެސަބަބެއް އޮތެވެ. އެއްސަބަބަކީ، ޒަޢީމު މައުމޫނުގެ ޚުދުމުޚްތާރު ސިޔާސަތުގެ ސަބަބުން ޤައުމު ޚަރާބުވުމެވެ. އަނެއް ސަބަބަކީ، ޕީއޭއާއެކު ކޯލިޝަން ހަދައި، ޓޫރިޒަމަށް ޔާމީނު ގެންގޮސް، އިހުގެ ޚުދުމުޚްތާރިއްޔާގެ އާޗެޕްޓަރެއް ހުޅުވާލުމެވެ. ޒަޢީމުގެ ހިތްމޮޅުކަމާއި ބޮޑާކަމާއި ކޮރަޕްޝަނާއި އިސްރާފާއި ދޯހަޅިކަމާއި ޢަޖޫޒުކަން ދިވެހިންނަށް އެނގޭއިރު، ޔާމީނުގެ ޓްރޭޑް މިނިސްޓަރުކަމުގައި ޤައުމުގެ ފޮރިން އިންވެސްޓްމަންޓްތަކަށް ވީގޮތާއި، ސަރުކާރުގެ މާލީ އަދި ވިޔަފާރި ކުންފުނިތައް ބަނގުރޫޓްވެގެން ދިޔަގޮތް ދިވެހިންނަށް އެނގެއެވެ. ރިޔާސީ ހަވަނަދައުރު ނިމުނުއިރު، ރާއްޖޭގެ އިޤްތިޞާދު އޮތްޙާލު، އެންމެ ކުޑަކުއްޖާވެސް ދަނެއެވެ. މައުމޫނާއި ޔާމީނު ސިޔާސަތުން ފޭލިވީ މިހެންވެއެވެ. ޤާސިމް އިބްރާހީމް "ހުތްފެލާލި ތޮށިގަނޑަކަށް ހަދާލަން" އުޅެގެން ފެލުނީ ޔާމީނެވެ.
މިއަދު، ޢުމަރު ގޮވައިގެން ހެދިގޮނޑުދޮށަށްގޮސް، ސަރުކާރު ވައްޓާނަމޭ، ރާއްޖެ މިއޮތީ ވަރަށް ދަތިޙާލުގައޭ ޔާމީނު ގޮވިޔަކަސް، އެވާހަކަ ގަބޫލުކުރާނެ އާދަމުގެ ދަރިއަކު ނުހުންނާނެއެވެ. ސިޔާސީގޮތުން ތަޞައްރަފުފުދޭ ޝަޚްޞިއްޔަތަކު، އައިޑީޕީ ޢުމަރު ގޮވައިގެން ސިޔާސީ މައިދާނަށް ނުކުންނާނެ ހެއްޔެވެ. ޢުމަރަކީ ދިހައަހަރު ނުފުރޭ ކުޑަކުއްޖަކަށް ވުރެންވެސް، ސިޔާސީގޮތުން ކޮހެއްކަން މިއަދު ހުރިހާ ދިވެހިންވެސް ދަންނާނެއެވެ. ޔާމީނު ހެދިގޮނޑުދޮށުގައި ދެއްކި ވާހަކަޔާ، ޙަމްދޫނު ދެއްކި ވާހަކަޔާ، އުއްމީދާއި ބާރުގެގޮތުން ހަމަ އެއްގޮތެވެ. ޔާމީނުގެވެސް ވާހަކައަކީ، އެމްޑީޕީއަށް ޑީއާރުޕީ ވައްޓާލެވުނީ، އެހެން ހުރިހާ ޕާޓީ ބައިވެރިވެގެން ކަމުގައެވެ. އެމްޑީޕީ ފިޔަވާ ދެންހުރި ހުރިހާ ޕާޓީތައް ޕީއޭއާ ގުޅެނިކޮށް، ޔާމީނަށް ރައީސުލްޖުމްހޫރިއްޔާކަން ލިބިދާނެ ކަމުގައެވެ. ދެބެންގެ ވާހަކައިން ދޭހަވަނީ، ދެބެން މިއަދު އެތިބީ ސިޔާސީގޮތުން އަރާގެ ހުސްވެ، ކަރުތާފެނަށް ގޮސްފައި ކަމުގައެވެ. ދެބެން ސަލާމަތްކުރަން އެހެން އެންމެން ދާންވެއްޖެ ކަމުގައެވެ. ޑީއާރުޕީ، ހަމައަށް ދެބައިވެއްޖެ ކަމުގައެވެ.
މިކަން މިދިމާވީ، ޑީއާރުޕީގެ ކޮންގްރެހުގެ ސަބަބުންނެވެ. މުސްކުޅި ޒަޢީމު، މަޖުބޫރުވެގެން ދީލައިލީއެވެ. ތަސްމީނު އެހެރީއޭ ބުނެފައެވެ. ދެންއޮތީ ރިޔާސީ ޕުރައިމަރީއެއް ބޭއްވުމުގެ މައްސަލައެވެ. އެކަންދިޔައީ ތަސްމީނަށް ތާއީދު ކޮއްފައެވެ. ފާތިން ޙަމީދު ކެންސަލްވީއެވެ. މަޢުސޫމާއި، އަފްރާޝީމުކަހަލަ ޢިލްމުވެރިން ޑަސްބިނަށްލައި ޢަލީ ވަޙީދާއި އިލްޙާމުކަހަލަ ކުދިން ފިނިކުރިގޮނޑިއަށް ދިޔައިރު މަވޯޓާއާއި ޢުމަރު ކުރިދެމީއެވެ. ޕީއެޗްޑީތަކަށްވުރެ "ވައްޓާނަމޭ" ގޮވުން ރަނގަޅުވީމައެވެ. އެހިސާބަކީ، ޙަމްދޫނު ކައިރީގައި ބައިންދައިގެން، އޭނާގެ ޚިޔާލާ ދެކޮޅަށް، ޒަޢީމު މައުމޫނު އަތްއުފުލި ހިސާބެވެ. ކޮންގްރެސް ޖަލްސާއަށް، ޕީއޭގެ އެއްބޭކަލަކުވެސް ނުދެއެވެ. ނިމުނުއިރު، ތަސްމީނުއޮތީ، ޒަޢީމުކަމާއި، ރިޔާސީ ކެންޑިޑޭޓްކަން އަތުލާފައެވެ.
ކަމުގެ ސީރިއަސްކަމުން، ޔާމީނަށް ކެތްނުވެގެންގޮސް، ރައީސުލްޖުމްހޫރިއްޔާ ކަމަށް ކުރިމަތިލާނެކަން އިޢުލާނުކޮށް، މައުމޫނު ކުރިމަތިލައިފިއްޔާ ކުޑަކޮށް ވިސްނާނަމޭ ގޮވައިފިއެވެ. ހަމައެއާއެކު އެއްލައްކަ ޑޮލަރުގެ މައްސަލާގައި ތަސްމީނު ގޮވައިގެން ފަނޑިޔާރުގެއަށްގޮސް ދަޢުވާކޮށް، އަމިއްލައަށް އެކަން ހަމަޖައްސައިވެސް ހަދައިފިއެވެ. އެކަމަކު، ޒަޢީމު ބުނަނީ ތިމަން ތާއީދުކުރާނީ ތަސްމީނަށް ކަމުގައެވެ.
މިހާރު މިފެންނަނީ، ވެރިކަން ވައްޓާލުމުގެ ރެލީގައި ޢުމަރު ގޮވައިގެން ޔާމީނާއި ޙަމްދޫނު ޙަރަކާތްތެރިވަމުންދާ ތަނެވެ. އެކަމަކު، ތަސްމީނު ބުނެފައިވަނީ، އިޙްތިޖާޖާއި ޑީއާރުޕީއާ ބެހޭކަމެއް ނޫންކަމުގައެވެ. މިއިން ދޭހަވަނީ، ޑީއާރުޕީ މިއޮތީ ދެފަޅިވެފައިކަމެވެ. ކޮންމެބަޔަކުވެސް ރައީސްކަން ބޭނުންވާކަމެވެ. ޑީއާރުޕީން ތަސްމީނެވެ. ޕީއޭއިން ޔާމީނެވެ. ޢުމަރު ހަދާނީ ކިހިނެއްބާވައެވެ. އުމަރުވެސް އެހާވަރަށް ރައީސްކަން ބޭނުންވާނެއެވެ. ވީއިރު ލޭބަރުގެ ފަރާތުން މުނައްވަރު، ޤައުމީ ޕާޓީގެ ފަރާތުން ޑރ. ޙަސަނު ރައީސްކަން ހޭބަލިވާވަރަށް ބޭނުމެވެ. ދެން، މިއެންމެން "އެއް ކެނޑިޑޭޓަކު ނެރެން" އެއްމޭޒުދޮށަށް ދާނީ ކިހިނެއްހެއްޔެވެ. ވެރިކަން ކުރާހިތުން އަނބިމީހާގާތު ރޭކުރެވޭވަރުވެސް ނުވާ ބޭކަލުން އަނެކަކަށް ސަޕޯޓްކުރާނެގޮތެއް އޮންނާނެ ބާއެވެ.
ވީއިރު ޑީއާރުޕީ އެދަނީ، ގިރާ ތުނޑިއެއްހެން މެމްބަރުން މަދުވަމުންނެވެ. ޒަޢީމު އެހެރީ "ލަޤަބު" ހިފައިގެން ފޮނިކަނޑަކަނޑައެވެ. ނައިބުޒަޢީމު ޢުމަރުއުޅެނީ މުލީއާގޭ ދޮރޯށިމަތިން 10 ސިކުންތުގެ ތެރޭ އަރަންވެގެންނެވެ. ޕީއޭގެ ރައީސް ޔާމީނު އުޅެނީ، ޢުމަރު ލައްވާ ވެރިކަން ވައްޓާލައި އެއަށް ސަވާރުވާން ވެގެންނެވެ. ތަސްމީނު ރެޔާދުވާލު މަސައްކަތްކުރަނީ، މެމްބަރުންގެ އަދަދު 40 ހާހަށް އެރުވުމަށެވެ. ޚަބަރުތައް ބުނާގޮތުންވިއްޔާ، ޔާމީނުގެ ރަނިންމޭޓަކީ ޣައްސާނު މައުމޫނެވެ. ދެން އިދިކޮޅު އެންމެބޮޑު ޕާޓީގެ ސިޔާސީ ޙާލު ހުންނާނީ ކިހިނެއް ހެއްޔެވެ. މިއީ، ޒަޢީމު މައުމޫނު މަކަރުން ރޭވިގޮތޭ މީހުން ކިޔައެވެ.
މުރާސިލް ހޯމްޕޭޖް އަށާއި ފީޗަރޑް ބަޔަށް ލިޔުން އެރުވުމުގައި ކިޔުންތެރިން ލިޔުމަށް ދޭ ތަރުހީބަށް ބެލޭނެ އެވެ.
Posted on 2010-03-08 23:09:09 |
Report this Comment
Posted on 2010-03-08 23:51:45 |
Report this Comment
Posted on 2010-03-09 00:44:36 |
Report this Comment
Posted on 2010-03-09 03:49:59 |
Report this Comment
Posted on 2010-03-09 07:54:01 |
Report this Comment
Posted on 2010-03-09 11:50:40 |
Report this Comment
Posted on 2010-03-09 17:20:12 |
Report this Comment
ނަން:
ވެބްސައިޓް:
ހިޔާލު:
ކެޓަގަރީތައް
މުޙައްމަދު ނަޞީރު އއ.މާޅޮސްގެ ލިޔުންތައް
"މުރާސިލްގައި ޝާއިޢު ކުރެވިފައިވާ ލިޔުންތަކަކީ ލިޔުންތެރިޔާގެ އަމިއްލަ ހިޔާލާއި ފިކުރެވެ. މިއީ މުރާސިލްގެ ހިޔާލާއި ފިކުރެއް ނޫނެވެ. " މުރާސިލް ބޭނުންކުރުމުގެ އުސޫލުތައް ބައްލަވާ. މުރާސިލް ގެ ކުރިއެރުން ބިނާވެގެންވަނީ ކިޔުންތެރިންގެ ވިސްނުމުގެ މައްޗަށެވެ. އަޅުގަނޑުމެންނާއި ގުޅުއްވާ.
ބައެއް ޙައްގުތަކަކީ މުރާސިލްގެ މިލްކެއް 2009
