
މާދަމާއަކީ މީލާދީ ގޮތުން 1 މާރޗް 2010 އެކެވެ. ދިވެހިރާއްޖޭގެ ސިޔާސި ތާރީހުގައި އައު ސޮފްހާއެއް ހުޅުވިގެންދާ ދުވަހެކެވެ. މުޅިން އައު އަޑުތަކަކާއި، މަންޒަރުތަކަކަށް މިގައުމުގެ ސިޔާސި ޖައްވު މަރުހަބާ ކިޔާނޭދުވަހެކެވެ. ތަފާތު އުދާސްތައް ބަންޑުވެ ކެކި އަރައިގަންނަން ފަށާނެދުވަހެކެވެ. މާދަމާ ހާއްސަވަނީ ދިވެހިރާއްޖޭގައި އައު ގާނޫނު އަސާސީގެ ދަށުން، އެންމެ ފުރަތަމަ ފަހަރަށް ހުވައު ކުރެވުނު ރައްޔިތުންގެ މަޖްލީހުގެ 2010ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާކަމުގައި ވީތީއެވެ. މިޖަލްސާގައި ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ރައީސް ނަސީދު ރިޔާސީބަޔާން އިއްވަވާނެއެވެ.
މިހާރު އެއްކުރެވިފައިވާ ރައްޔިތުންގެ މަޖުލީހަކީ ތަފާތު އެތައްގޮތަކުން ކުރީއާއި ތަފާތު މަޖުލީހެކެވެ. މިއި ދިވެހިރާއްޖޭގެ ސިޔާސީ ހަޔާތުގައި މިގޮތަށް އެކުލަވައި ލެވިފައިވާ ފުރަތަމަ މަޖުލީހެވެ. އެގޮތުން އާބާދީގެ ނިސްބަތުން ތަފާތު ދާއިރާތަކަކަށް ބަހައިލެވި އެދާއިރާއަކުން ވަނީ މެންބަރަކު އިންތިހާބު ކުރެވިފައެވެ. އަދި ސިޔާސީ ޕާޓީ ތަކުގެ ފުރިހަމަ ތަމްސީލްވުމެއް މަޖުލީހުގެ ތެރެއިންދަނީ ފެންނަމުންނެވެ. އަދި ބިނާކުރަނިވި ބަހުސްތަކާއި ނިންމުނަތައް މަޖުލީހުގައި ތަޅަމުގައި ދަނީ ސިޔާސީ ޕާޓީތައް ސާމިލްވާ ގޮތެއްގައި ފެންނަމުންނެވެ.
މަޖުލިސް އިންތިހާބުވެ މަސައްކަތްތައް ފެށިދުވަސްވަރުގައި ފެންނަމުންދިޔަ އަޑުތަކާއި މަންޒަރުތައް މިއަދާއި މުޅިންތަފާތެވެ. މިއަދު ފެންނަމުން މިދަނީ މުޅިން ތަފާތު ކުލަވަރުތަކެކެވެ. ރައްޔިތުން މަޖުލީހުގެ އިންތިހާބް ނިމި ނަތީޖާތަށް އިއުލާން ކުރުން ވެގެންދިޔައީ އެމްޑިޕީގެ މެންބަރުނަށް ކޮންމެވެސް ވަރެއްގެ ނުތަނަވަސް ކަމެއްލިބިގެން ދިޔަކަމަކަށެވެ. ޑީއާރުޕީ ކޯލިސަންވަނީ މަޖުލީހުގެ އަގުލަބިއްޔަތު ހޯދުމުގައި އެމްޑީޕީއަށް ވުރެ ކުރީގައެވެ. އަގުލަބިއްޔަތުގެ ބޭނުން ކޮށް ޑީއާރުޕީން ގެންދިޔައީ ތަފާތު ގޮތްގޮތުން ސަރުކާރު ޒިންމާދާރު ކުރުވުމުގެ ނަމުގައި ފިއްތުންތައް ކުރިމަތިކުރުވަމުންނެވެ. މި މަސައްކަތްތަކުގެ ސަބަބުން ޕާޓިގެ އެތެރޭގައި ހިޔާލު ތަފާތުންވުންތައް އުފެދި ޕާޓީގެ ސިޔާސީ ފޭރާން ބަލިކަށިވަމުންދިޔައެވެ. އަދި ޕާޓިގެ އިސްސަފުގައި ތިއްބެވި ޒުވާން މެންބަރުން ޕާޓީން އެއްފަރާތްވުމަށް މަޖުބޫރު ކުރުވިއެވެ. އެގޮތުން އަލްހާން ފަހުމީ ޕާޓީން ވަކިކުރެވުނެވެ. ދުވަސް ކޮޅެއް ފަހުން ޕާޓިގެ ޒައީމް ކަމުން މައުމޫން އަމިއްލަފުޅަށް އެއްފަރާތްވެ ވަޑައިގަތެވެ. އެހާ ހިސާބުން ޑީއާރުޕީއަށް އިތުރު ގޮންޖެހުންތަކަކާއި ކުރިމަތިވިއެވެ. ޑީއާރުޕީ ކޯލިސަން ރޫޅުމުގެ އޮޔެވަރެއް ހިލިގެން ދިޔައެވެ. އެއާއި އެކު ފެނި ގެން ދިޔައީ މައުމޫންގެ ކޮށްކޯފުޅު ޔާމީންގެ ލީޑް ކުރަށްވަމުން ގެންދަވާ ޕީއޭ ޑީއާރުޕީ ކޯލިސަނުން ވަކިވިތަނެވެ. މިހާހިސާބުން ޑީއާރުޕީ އިސްވެ އޮވެ އުފެއްދި ކޯލިސަންގެ ނިމުން އައެވެ. މަޖުލީހުގައި އޮތް ޑީއާރުޕީގެ މެޖޯރިޓީ އެހެން އަތަކަށް ދީލައިލިއެވެ.
އެމްޑީޕީ ވެރިކަމަށް އައީ ފަސްވައުދަކާއި އެކުއެވެ. މިފަސް ވައުދު ފުއްދުމަށް ޓަކައި ގާނޫނީ ބާރު ބޭނުން ވާ ވާހަކަޔަކީ އެމްޑީޕީން އަބަދުވެސް ދައްކަމުން އަންނަ ވާހަކައެކެވެ. އަދި މިކަން ހާސިލް ކުރުމަށްޓަކައި މަޖުލީހުގެ އަގުލަބިއްޔަތަކީ މުހިންމު ކަމެއް ކަމުގައި އެމްޑިޕީން އަންނަނީ ބުނަމުންމެނެވެ. މިކަން ހާސިލްކުރުމަށްޓަކައި އެމްޑިޕީން ތިބީ ދަޑިވަޅަކަށް ބަލަބަލައެވެ. ޑީއާރުޕީގެ އެތެރޭގެ ހަމަނުޖެހުމުގެ ފައިދާ ކިތަންމެ ހާވެސް ރަނގަޅަކަށް އެމްޑީޕީން ނެގިއެވެ. އަލްހާން އާއި އަދިވެސް ބައެއް މިނިވަން މެންބަރުން އެމްޑިޕީއަށް ސޮޔެކުރުވިއެވެ. ރައްޔިތުންގެ ހިތުގައި މިކަމުން އުފެދިދާނޭ އެއްވެސް ސުވާލަކަށް ފަރުވާލެއް ނުބަހައްޓައެވެ. އެމްޑީޕީގެ މައްޗަށް މިއަދު ރިސްވަތުގެ ނުބައި މުއާމަލާތުގެ އިގިލި ދަނީ ދިއްކުރެވެމުންނެވެ. އެހެނަސް އެމީހުންގެ މަގުސަދު ކަމުގައިވާ މަޖުލީހުގެ އަގުލަބިއްޔަތު ހޯދުމުގައި ޑީއާރުޕީގެ މައްޗަށް ފުރިހަމަ ކާމިޔާބެއް ހޯދައިފައެވެ. އަދިވެސް އިތުރު މެންބަރުން ތަކެއް އެމްޑިޕީއަށް ސޮޔެ ކުރާނެކަމުގެ ފެހިސިގްނަލް ދަނީ ލިބެމުންނެވެ.
މާދަމާ އަކީ އެމްޑިޕީއަށް ނަސީބުރަނަގަޅު އުފާވެރިދުވަހަކެވެ. އެހެނަސް ޑީއާރުޕީއަށްމާދަމާ އަކީ ހިތި ހަގީގަތެއް ގަބޫލުކުރަން މަޖުބޫރުކުރުވާނޭ ދުވަހެކެވެ. އެމްޑިޕީން މިއަދު އެވަނީ ހާލަތު ބަދަލްކޮށް އެމީހުންގެ ކޮޅަށް ތަގުދީރު ބަދަލްކޮށްފައެވެ. މާޒީގައި އެހެން ބައެއްގެ އަތުގައި އޮތް ނިޔަމިކަން ތިމާމެންގެ ފުރިހަމަ ބާރުގެ ދަށައްގެނެސްފައެވެ. ރައްޔިތުން އެދި އެދި ތިބީ ފޮނި ހުވަފެންތަކަކަށް ނޫނެވެ. ރައީސް އެ ކުރައްސަވައި އަނެއް ދިވެހިރާއްޖޭގައި ހަގީގީ ކުލަވަރު ޖެހިގެން އަންނާނޭ ދުވަހަކަށެވެ. ރައްޔިތުންގެ ޖީބަށްވަންނަ ފައިސާ އިތުރުވާނޭ ދުވަހަކަށެވެ. ބޭސްފަރުވާއަށް ސަލާންޖެހުމުގެ އާދަ ނިމުމަކަށް އަންނާނޭ ދުވަހަކަށެވެ. މަސްދުވާ ތަކެއްޗަށް ހުޅުވި ދޮރުތައް ބަންދުކުރާނޭ ދުވަހަކަށެވެ. ތަކެތީގެ އަގު އަތްފޯރާ ފަށައް ތިރިވާނެ ދުވަހަކަށެވެ. މިހުވަފެންތައް ނަނާ ހުވަފެންތަކަކަށް ނުވެ ހަގީގަތަކަށް ހަދައިދިނުމުގައި ރައްޔިތުން މަޖުލީހުގެ ދައުރަށް އިންސާފުކުރާނީ މިގައުމުގެ ތިޔަ ލޮބުވެތި ރައްޔިތުންނެވެ.
Posted on 2010-03-02 09:47:00 |
Report this Comment