
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ބޭރުގެ ބޭންކްތަކުގައި 80 މިލިއަން ޑޮލަރު ފޮރުވާފައިވާ ކަމަށާއި މީގެ ތެރެއިން 40 މިލިއަން ޑޮލަރަކީ ޤަތަރުގެ އަމީރު ސުނާމީގެ އެހީގެ ގޮތުގައި ދެއްވި ފައިސާ ކަމަށް، ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދުގެ ޚާއްސަ މަންދޫބު އިބްރާހިމް ހުސައިން ޒަކީ އަނެއްކާ ވެސް ތުހުމަތު ކުރައްވައިފި އެވެ. މި ފަދަ އިލްޒާމެއް މީގެ ކުރިން، ކުރީގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު އަދި މިހާރު ރައީސުލްޖުމްހޫރިއްޔާގެ ސިޔާސީ މުޝީރުކަމުގައި ހުންނެވި ހަސަން އަފީފު ވެސް މައުމޫންގެ އިސްތަށިފުޅުގައި އެޅުވިއެވެ. ނަމަވެސް ޒަކީ ވިދާޅުވީ އޭނާ ހަމައެކަނި އެ ވިދާޅުވީ، ގްލޯބަލް ޕްރޮޓެކްޝަން ކޮމިޓީ (ޖީޕީސީ) އާ ކޮށްފައިވާ އިންޓަވިޔުތަކަކާ ގުޅިގެން އިނގިރޭސި ވިލާތުގެ ނޫސްތަކުގައި ޝާއިއުކޮށްފައިވާ ތުހުމަތުތަކެއްގެ ވާހަކަ ކަމަށެވެ. ޖީޕީސީ އަކީ “ހިލޭސާބަހަށް މަސައްކަތް ކުރާ ބައިނަލްއަގުވާމީ ޖަމިއްޔާ”އެއް ކަމަށް ޒަކީ ސިފަ ކުރެއްވި އެވެ.
މައުމޫންގެ ހިއްސާވާ ބޭރުގެ ބޭންކް އެކައުންޓްތަކުގައި ހުރި ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ. މީގެ ތެރެއިން ބައެއް ފައިސާ އަކީ ސުނާމީ އެހީ ކަމަށް އެނގިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވެފައިވެ އެވެ.މި އެކައުންޓްތަކާއި އެކައުންޓްތައް ހުރި ގައުމުތަކުގެ މައުލޫމާތު ހާމަ ކުރުމަށް މިނިވަން ނޫހުން އެދުމުން ލޯޑް-ކާސްލް ވިދާޅުވީ “ތަހުގީގު ކުރިއަށް ދާތީ ބައެއް ކަހަލަ މައުލޫމާތު ސިއްރު ކުރަން ޖެހޭ” ކަމަށެވެ.
ޒަކީ ވިދާޅުވީ މިއީ އަބުރާ ބެހުން ކަމަށް ދެކިވަޑައި ނުގަންނަވާ ކަމަށާއި، ނަމަވެސް މައުމޫންގެ އަބުރާ ބެހެނީ ކަމަށް ފެނިވަޑައިގަންނަވާ ނަމަ، ޖީޕީސީ އާ ދެކޮޅަށް ދައުވާ އުފުލުން ރަނގަޅު ވާނެ ކަމަށެވެ.
ޒަކީ ވިދާޅުވީ ޖީޕީސީގެ ތުހުމަތުތަކަކީ ތެދު ކަމަށް ސާބިތުވެއްޖެ ނަމަ، އެ ކަމުން ދޭހަވާނީ ދިވެހި ދައުލަތުގެ ޚަޒާނާއިން ފައިސާ ނެގި ކަމަށާއި އެ ފައިސާ އަކީ ސުނާމީގައި ހާލުގައި ޖެހުނު މީހުންނަށް ލިބެން ޖެހޭ އެހީ ކަމަށާއި އަދި އިތުރު ފައިސާ ވެސް ފޮރުވާފައި ވެދާނެ ކަމަށް ބެލެވޭނެ ޖާގަ ހުޅުވިގެންދާނެ ކަމަށެވެ.