ރައްޔިތުންގެ މަޖިލީހަކީ ރިޔާސީ ވެރިކަމެއްގައި ނުވަތަ ޖުމްހޫރިއްޔާއެއްގައި އޮންނަ ތިން ބާރު ތެރެއިން ރައްޔިތުންގެ ބާރުކަމުގައި ބުނެވޭ ތަނަށް ކިޔާނަމެކެވެ. އެތަނުގައި ތަމްސީލްކުރަމުންގެންދަނީ ރައްޔިތުން ހޮވާފައިތިބޭ ބައެކެވެ. ރީތިކޮށްލަން އެބައިމީހުންނަށް ‘މެމްބަރުން” މިހެން ކިޔަނީއެވެ. މިމަޖިލީހުގެ ބޭނުމަކީ އެޤައުމެއްގައި ކަންތައްތައް ކުރަންވީ ގޮތުގެ ޤާނޫނުތައް ހެދުމާއި ސަރުކާރު ހިންގާ ފަރާތްކުރާ ކަންތައްތަކާއި މެދު ފާރަލުމާއި އެކު ހަމަމަގުން ރައްޔިތުންނަށް ވެރިކަންކުރުމަށް އެފަރާތަށް އަންގައިދީ ގިނަގުނަ ފައިދާތަކެއް ރައްޔިތުންނަށް ލިބޭނޭގޮތަށް ވެރިކަންކުރުމަށް މަގުފަހިކޮށްދިނުން ކަމުގައި ތިޔަ ބޭފުޅުން ދެކޭނެކަމީ ޝައްކެތް އޮތް ކަމެއް ނޫން.
ރާއްޖޭގައި މިމަޖިލިސް ތަމްސީލް ކުރަމުންގެންދާ ގިނަ މީހުންނަކީ ވިޔަފާރީގެ ގޮތުން އިސް ސަފުގައި ތިބި މީހުންނާއި ކިޔަވައިގެން އެބައިމީހުންގެ އިލްމީ ހަޒާނާ މުއްސަނދިކޮށްގެން ތިބި މީހުންނާއި ސިޔާސީ ގޮތުން ހަރަކާތްތަކެއްގައި ބައިވެރިވެ ތަޖްރިބާ ލިބިފައި ތިބި މީހުންކަން ފާހަގަކުރެވެއެވެ. މިއީ ރަގަޅު މަޖިލިސް އެއްކަމުގައި މިގޮތުން ބަލާއިރު އަޅުގަނޑަށް ވިސްނެއެވެ. މިހުރިހާ ސިފައެއް އެއްކޮށްގެން ޤައުމަށް ރަގަޅުގޮތެއް ހޯދުމަށް މި މެމްބަރުންތައް އެކުގައި މަސައްކަތްކޮށްފިނަމަ ނުހަނު އަވަސް ކަމާއިއެކު މިބަދަލު ރައްޔިތުންނަށް ފެނިގެންދާނެއެވެ. އެހެންކަމުން މިމެމްބަރުންނަށް މިކަންތައްތައް މިގޮތަށް ކުރުމަށްޓަކައި ނުހަނު ބޮޑު މުސާރަ އާއިއެކު އިނާޔަތްތައްވެސް ރައްޔިތުންވަނީ ދީފައެވެ.
ނަމަވެސް މިއަދުގެ ރައްޔިތުންގެ މަޖިލިސްގައި ތިބި މެމްބަރުން މިސިފައިގާ މަސައްކަތްކުރާތަން ފެންނަނީ ވަރަށް މަދުފަހަރެއްގައެވެ. ގިނަފަހަރަށް އޮންނަނީ ބޭކާރުކަންތައްތަކާއި މެދު މަޖިލީހުގެ ވަގުތު ދުއްވާލުންކަމުގައި ބުނުމަކީ ގޯހަކަށް ނުވާނެއެވެ. އެއީ ވަކި ޕާރޓީއަކުން ކުރާކަމެއް ކަމުގައި އަޅުގަނޑު ބުނާކަށް ބޭނުމެއް ނޫނެއެވެ. އެހެނީ މަޖިލިސްގެ އަގުލަބިއްޔަތު އޮތީ ޑީ.އާރ.ޕީ އަށް ކަމުގައި ވީނަމަވެސް އެޕާރޓީގެ މެމްބަރުންނަށްވެސް އަގުލަބިއްޔަތުން ކުރެވޭ ކަމެއް ނުފެންނާތީއެވެ. މިފަދަ ކަމަކާއި ދެބަސް ވާންވެއްޖެނަމަ ހުރިހާ މެމްބަރުންވެސް ނުހަނު ފޯރީގައި ހިތުހުރި އެއްޗެއް ގޮވަމުންދާތަން މިއަދު އަޅުގަނޑުމެންނަށް ދަނީ ފެންނަމުންނެވެ.
އެގޮތުން ބަލާލާކަންތައްތަކުގެ ތެރޭގައި ސަރުކާރުން ވަކިކަމެއް ކުރުމުން މިސާލަކަށް އަތޮޅު އޮފީސް ބަދަލުކުރުމުން ކުއްލި މައްސަލައެއް ނަގައިގެން ދުވަހެއްގެ ހަތަރުދަން ދުއްވާލުމުގައި މެމްބަރުން އަވަދިނެތި އުޅޭ އިރު އެފަދަ ވާހަކަ ދެއްކި ކަމުގައި ވިޔަސް އެކަމުން ރައްޔިތުންނަށް ލިބޭ އެއްވެސް ފައިދާއެއް އޮވޭބާއޭ އަޅުގަނޑު ހިތަށް އަރައެވެ. އެފަދަ ވާހަކަދެއްކިދާނެއެވެ. ނަމަވެސް އެކަން އެގޮތަށް ކުރުން މަޖިލީހުން މަނާކުރެވޭނެ ގޮތެއް އޮތީ ބިލެއް ހުށަހަޅައި އެބިލް ފާސްވެ ގާނޫނަކަށް ވެގެންނެވެ. އެހެން ވީއިރު އެކަން ނުކޮށް ބޭކާރު ވާހަކަ ދެއްކުމުގެ ބޭނުމެއް އެބައޮތްތޯއެވެ.
ނަމަވެސް މިކަން މިހެންކުރާ އިރު މިފަދަކަންތައް ވަމުންދަނީ މިމެމްބަރުންގެ ޒިންމާގެ ދަށުން ކުރަންޖެހޭ ކަންތައް ނުކުރުމުން ކަމެއް މިމީހުންނަކަށް ނުވިސްނެއެވެ. އެފަދަ ކުށްތައްކުރާ މީހުންގެ މައްސަލަ ޝަރީއަތަށް ފޮވުމުން މިވެނި އެވެނި ގާނޫނެއް ނެތޭ ބުނެ އެމީހުން ދޫކޮށްލަމުން އެދަނީ މިފަދަ ޤާނޫނު ތަކާއި އެފަދަ ކަންތައްތަކަށް މަގުފަހިވާ އެތަކެއް ދޮރު ބަންދުކުރެވެން މަޖިލިސް މެމްބަރުންނަށް އޮތް އިރު އެކަންނުކުރުމުން ކަން ނުވިސްނެނީތޯއެވެ؟ ވާހަކައެއް ދެއްކުމަކުން ކޮންމެ ކަމެއްގެ ހައްލެއް ނުފެންނާނެއެވެ. ވާހަކަޔާއި އެކު އަމަލުވެސް އިތުރުކުރަން ޖެހެއެވެ.
Posted on 2010-02-22 17:51:49 |
Report this Comment
Posted on 2010-02-22 20:49:42 |
Report this Comment