
މިނިވަން ލިބަރަލް ޑިމޮކްރަސީއެއްގެ ހަތަރުވަނަ ބާރަކީ، މިނިވަން މީޑިޔާއާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން އޮތުންކަމަށް ދަންނަބޭކަލުން ބުނެއެވެ. އެހެންވުމާއެކު، މިހާރު މިއޮތީ އެދުވަސް ގެނެސްފައިކަމަށް އެބަވެއެވެ. ކުރީގައިއޮތީ، ޑިކްޓޭޓަރޝިޕްގެ އަންބޮޑީގައިކަމަށް ވުމާއެކުގައެވެ. މިކަމަށްޓަކައި ސަރުކާރުން ދެފިޔަވަޅެއް އެޅިއެވެ. އެއްފިޔަވަޅަކީ، އަބުރާބެހުމުގެ ކުށް، މަދަނީ ކުރުމެވެ. އަނެއް ފިޔަވަޅަކީ، ދައުލަތުގެ މިލްކިއްޔާތު ކަމަށްވާ، ރޭޑިޔޯއާއި ޓީވީ (އޭގެ ޢިމާރާތްތަކާއި މުދަލާއި އިކްއިޕްމެންޓާއި، ފަރުނީޗަރާއި އެސެޓާއެކު) ކުންފުންޏަކަށް ހިލޭ ހަދިޔާކުރުމެވެ. މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭޝަން (އެމްބީސީ) އަށެވެ. މިދެކަންތައް ކުރުމުން، މީޑިޔާ މިނިވަންވީއެވެ.
މިނިވަން މީޑިޔާއަކީ، ވަރަށް ބޭނުންތެރި ވަސީލަތެކެވެ. ޤައުމެއްގެ ކުރިއެރުމާ ތަރައްޤީއަށް ވަރަށްބޮޑު ޙިއްޞާއެއްދޭ މަޞްދަރެކެވެ. ރައްޔިތުންގެ މެދުގައި ޢަދުލު އިންޞާފާއި ހަމަހަމަކަމާއި، ހޭލުންތެރިކަން އިތުރުކޮށްދޭ ކަމެއްމެއެވެ. އަމުދުން ޑިމޮކްރަސީ އެއްގައެވެ. މިއީ، ޙަޤީޤަތްކަމަށްވިޔަސް، މިކަމުގައިވެސް ޙުދޫދަކާއި އިމަކާއި ގޮތަކާއި އުޞޫލެއް އޮންނާން ޖެހެއެވެ. ޑިމޮކްރަސީގެ އަނެއް ތިންބާރުގައިވެސް އޮންނަ ފަދައިންނެވެ.
މިސާލަކަށް، ސަރުކާރުން ކުރާ ކަންކަމާމެދު، ރައްޔިތުންގެ މަޖިލީހުން ފާރަވެރިވެއެވެ. ޤާނޫނީ ހިފެހެއްޓުމެއްގެތެރެއިން ނޫނީ، ސަރުކާރަކަށް އެއްވެސްކަމެއް ނުކުރެވެއެވެ. ރައްޔިތުންގެ މަޖިލީހަށް ޤާނޫނެއް ހެދެނީ، ޤާނޫނުއަސާސީއާ ތަޢާރުޒުނުވާ ގޮތަށެވެ. ޤާނޫނުތައް ތަޠްބީޤު ކުރުމުގެ އިޚްތިޔާރު ޝަރުޢީ ކޯޓްތަކަށް އޮންނައިރު، މަޖިލީހުން ފާސްކުރާ ޤާނޫނު، ތަޞްދީޤުނުކޮށް އަނބުރާ ފޮނުވާލުމުގެ ބާރު، ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވެއެވެ. ޝަރުޢީ ކޯޓްތަކުގައި މައްސަލަތައް ފައިޞަލާކޮށް ޙުކުމް ކުރެވެނީ، ސަރުކާރުން އެކުލަވައި، މަޖިލީހުން ފާސްކުރާ ޤާނޫނުތަކެއްގެ ދަށުންނެވެ. އެއްކޯޓުން ކުރާކަންކަން އަނެއްކޯޓަށް އެބަ އިސްތިއުނާފު ކުރެވެއެވެ. އެކަމަކު، ހަތަރުވަނަ ބާރަކަށް، މިކަހަލަ އެއްވެސް އިމެއް ނެތެވެ. ހިތްހިތަކަށް އުޅެންވީއެވެ. އޭގެ ސަބަބުން، ޤައުމު ފިތުނަވެރިވެ، ބައިބައިވެ، ވެރީންގެ އަބުރާއި ޢިއްޒަތް ގެއްލި، ޚުދު އެމީޑިޔާއެއްގެ އިތުބާރު ގެއްލުނަސް ވަރިހަމައެވެ. މީޑިޔާއާބެހޭ ޤާނޫނު އަބަދުވެސް މިހަދަނީ، މީޑިޔާއަށް މިނިވަންކަން އިތުރުވާހާ ގޮތަކަށެވެ. އެމިނިވަންކަމުގެ ސަބަބުން، އިޖްތިމާޢީ ގޮތުންނާއި، ޤައުމީގޮތުން، ޢާއްމު ފަރުދީގޮތުންނާއި، ޢާއިލީގޮތުން، އަދި ޤައުމީ ޝަޚްޞިއްޔަތަށް އަތުވެދާނެ ގެއްލުމެއްގެ ރޮނގުން، އެއްވެސް ފިކުރެއް ގެންގުޅެފައެއް ނުވެއެވެ. މުލީއާގޭދޮށަށް އެއްވިރޭ، މީޑިޔާއަކުން ކުޅުނު ރޯލާއި، އޭގެ ތަޙްޤީޤުއޮތް ހިސާބަށް ނަޒަރެއް ދޭށެވެ.
މިކަންއޮތީ މިހެންކަމަށްވާއިރު، މީޑިޔާއޭމިކިޔާ އެއްޗެއް ނުވަތަ ޚަބަރުފަތުރާ ވަސީލަތް ކޮންމެ ޤައުމެއްގައިވެސް އޮންނަނީ ދެބަޔަކަށެވެ. އެއީ، ޕްރައިވެޓް މީޑިޔާއާއި، ގަވަރުމެންޓް މީޑިޔާއެވެ. މިދެބައިގައި، މީޑިޔާ ތަމްސީލުކުރަނީ ވަރަށް ތަފާތު ދެދައުރެކެވެ. ގަވަރުމެންޓް ނުވަތަ ސަރުކާރުގެ މީޑިޔާއިން އަބަދުވެސް މަސައްކަތްކުރަނީ، ޤައުމުގައި ޞުލްޙަ މަސަލަސްކަން ދަމަހައްޓައި، ސަރުކާރުން ކުރާ ކަންކަން ރައްޔިތުންނަށް ހާމަކޮށްދިނުމަށެވެ. ޕްރައިވެޓް ނުވަތަ އަމިއްލަ މީޑިޔާއިން އަބަދުވެސް މަސައްކަތްކުރަނީ، ސަރުކާރު ޒިއްމާދާރު ކުރުވުމަށާއި، ސަރުކާރުންހަދާ ގޯސްތައް ދައްކައި ދިނުމަށެވެ. މިދެބަޔަކީ، އެއްވެސް ޑިމޮކްރަސީއެއްގައި އެކުވާނެ ދެބައެއްނޫނެވެ. އެކުވެއްޖިއްޔާ ވާނީ ޚުދުމުޚްތާރިއްޔާ އަށެވެ.
މިނިވަން މީޑިޔާއެއް ޤާއިމްކުރުމަކީ، އަމިއްލަ މީޑިޔާތަކަށް، ޚިޔާލު ފާޅުކުރުމުގެ ފުރުޞަތު ހުޅުވާފައި ބޭއްވުމާއެކު، މަޢުލޫމާތު ހޯދުމާއި ލިބިގަތުމާއި ހާމަކުރުމުގެ މިނިވަންކަން ދިނުމެވެ. ސަރުކާރުގެ މީޑިޔާއިން، އިދިކޮޅު ޕާޓީތަކަށް ޖާގައޮތުމާއެކު، ހަމަހަމަ ފުރުޞަތެއް އޮތުމެވެ. އަދި، އަމިއްލަ މީޑިޔާ އިމުން ބޭރުނުވާހާހިނދަކު، އެމީހުނާ ނުބެހުމެވެ. ފަހަރެއްގައިވެސް، މިނިވަން މީޑިޔާއަކީ ދޮގު ޚަބަރު ފެތުރުމާއި، ފިތުނަ އުފެއްދުމާއި، މަޞްލަޙަތު ނަގާލުމާއި، ފުރައްސާރަ ކުރުމާއި، އަބުރާއި ކަރާމާތް ނަގާލުމުގެ ޕްރޮޕެގެންޑާގެ ކެމްޕޭނެއް ހިންގުމެއް ނޫނެވެ. އަމިއްލަ ޒާތީ ތަޢައްޞަބާއި، ހިތުގެ ރުޅިއާއި، ބަދަލުހިފުން، މީޑިޔާއާ ގުޅުވައިގެން އިންތިޤާމުގެ ޖިހާދެއް ކުރުމެއްނޫނެވެ. މިހެންހަދާއިރު ވިސްނަންވީ އެއްޗަކީ، މިއަދު އިދިކޮޅަށްތިބި މީހުން މާދަމާ ވެރިކަމަށް އަތުވެދާނެ ކަމެވެ. އެހެންވާދުވަހު "ރޯލު އަނެއްފަރާތަށް ޖެހީމާ" ބާރުކުރާނީ "ކަށްގަލަށް" ކަން ދަންނަން ޖެހެއެވެ. ގެއްލޭނީ ޤައުމުގެ މަޞްލަޙަތެވެ. ހަލާކުވާނީ، ރައްޔިތުންގެ އިޖްތިމާޢިއްޔަތެވެ. އެއިރުން، މިނިވަން ޑިމޮކްރަސީގެ ރޫޙާއި ބާރުކަމަށް ފޮނިކަނޑާ މިނިވަން މީޑިޔާވާނީ، މިނިވަން ޑިމޮކްރަސީގެ ބަލާ ބަލިމަޑު ކަމަށެވެ. މިއަދު މިރާއްޖޭގައި މިކަން މިދަނީ ހާމަވަމުންނެވެ.
ޕްރައިވެޓް މީޑިޔާ، ސަރުކާރު ޒިއްމާދާރު ކުރުވުމަށްޓަކައި، ތިމާމެންގެ އަގުވެއްޓި އިތުބާރު ގެއްލި ބޭޒާރުވިޔަސް، ބުހުތާން ދޮގުޚަބަރު ފެތުރުންވަނީ އާދަކޮށްފައެވެ. އެއީ، ބަދަލުހިފުމާއި، އިންތިޤާމާއި، ޒާތީ ތަޢައްޞަބުގެ އަނދައަނދާހުރި އަލިފާނުގެތެރެއަށް މިނިވަން މީޑިޔާ ވައްޓާލައިގެންނެވެ. ވީއިރު، ސަރުކާރުގެ މީޑިޔާއޮތީ ސަރުކާރާ "މުނާފިޤު" ކޮށެވެ. ހަމައެކަނި، ކިޔު އެންޑް އޭ ޕްރޮގްރާމާއި، ވަޒީރު މަނިކުފާނުގެ ޕްރޮގްރާމަށް ބެލިޔަސް އެންމެ ރަނގަޅެވެ. ރައީސުލްޖުމްހޫރިއްޔާގެ ދަތުރުފުޅުތަކާއި، ސަރުކާރުގެ ޚަބަރުތައް ކަވަރުކުރުމަށް ބެލިޔަސް ވަރިހަމައެވެ. އަންނަންއުޅޭ "މާކަނާ ޝޯވ" އަށް ވިސްނާލިޔަސް މައްސަލައެއް ނެތެވެ. ޓިވީއެމްގައި ނަގާކިޔަންހުރި މީހާގެ މާޒީއަށް ފިކުރު ހިންގާލުމަށް ފަހުއެވެ.
ސުވާލަކީ، ޕްރައިވެޓް މީޑިޔާއާ އެއްހަމައަށް، ސަރުކާރުގެ މީޑިޔާ ދަށަށް ފައިބަނީ ކީއްވެ ހެއްޔެވެ. މިނިވަން މީޑިޔާއަކަށްޓަކައި، ސަރުކާރުގެ ޓީވީއާއި ރޭޑިޔޯ، ކުންފުންޏެއްގެ އުސޫލުން (ދަރަންޏަށް ޒިއްމާވެ) ހިންގާގޮތަށް ހަމަޖެއްސުމުގެ މާނައަކީ، އެދެ ދާއިރާ "ކަޑަވެ، ބަޑިވުން" ހެއްޔެވެ. ދިވެހި ދައުލަތުގެ މިލްކިއްޔާތުތަކެއްގެ ބޭނުން ހިފައިގެން ދިވެހި ދައުލަތުގެ ޝަޚްޞިއްޔަތު ނަގާލުމުގެ ކެމްޕޭނެއް ހިންގަންވީ ކީއްވެ ހެއްޔެވެ. އެއާރޓައިމާއި، ވިޔަފާރި އުސޫލުން ގަޑިވިއްކުން ބަހަނާއަކަށް ހަދައިގެން، އިދިކޮޅު އަމިއްލަ މީޑިޔާއަށް ސަރުކާރުގެ މީޑިޔާ އަޅުވެތިވާންވީ ކީއްވެ ހެއްޔެވެ.
މިހިސާބަށް މިކަންދާއިރު، ރައްޔިތުން މަޖިލިސްވެސް އެބައޮތެވެ. ރައީސުލްޖުމްހޫރިއްޔާވެސް އެބަހުއްޓެވެ. އިންފޮމޭޝަން މިނިސްޓަރުވެސް އެބަހުއްޓެވެ. އިންފޮމޭޝަން ޑިޕާޓްމަންޓަކާއި، އެމްބީސީ ބޯޑެއް، އަދި އޭގެ ޗެއަރމަނެއްވެސް ވެއެވެ. ޤައުމު ފަސާދައިގެތެރެއަށް ވައްޓާލަން އެފަރާތްތަކަށް ލިބެނީ ކޮން ހުއްދައެއް ހެއްޔެވެ.
އެމްބީސީގެ އިސްވެރިޔާއަކީ، ހޭޔަންބޯ ހަދައިގެން މިޤައުމުގެ ޒަޢީމު ހިތްހަމަޖައްސައިދިން މީހާއެވެ. އޭގެފަހުން ދެން ޚިދުމަތްކުރި ދާއިރާއާއި، މިއަދު އެދާއިރާ ކުޅޭ ރޯލާއި، އެ ޓީވީއާއި، ޤައުމީ ޓީވީގެ ގުޅުން، ކުޑަކުދިންނަށްވެސް އެނގެއެވެ. ސުވާލަކީ، މާކަނާޝޯވ ދެއްކީމާ، ވިލާޓީވީއަށް އެއްވެސް އިޝްތިހާރެއް، ސްޕޮންސަރެއް ނުލިބުނުއިރު، ޓީވީއެމުން ދައްކަން ފަށާ ވާހަކަ އިޢުލާން ކުރާއިރަށް، އިޝްތިހާރާއި، ސްޕޮންސަރު މަތިމައްޗަށް އޮހެނީ ކީއްވެހެއްޔެވެ. ޙަޤީޤަތްއޮތީ، ހޭޔަންބޯ އަރަތެއްގެގޮތުގައެވެ. "ސަތޭކަ މިލިއަން ރުފިޔާއަށް، ޓީވީއެމް ހުރި ބިން، ދިޓީވީއަށް ގަންނަންއުޅޭ ކަމަށާއި، ޓީވީއެމްގައި އެއްވެސް އެސެޓެއް އިކްއިޕްމެންޓެއް އަދި މޭޒުގަނޑެއްގެ ހިސާބުވެސް ނެތްކަމަށާއި، އޮތީ ބިންކޮޅު ކަމަށާއި، ވަގުތުން ދިޓީވީގެ ސީއީއޯ، ސަތޭކަ މިލިއަން ރުފިޔާ، އެމްބީސީގެ އެމްޑީއާ ހަވާލުކޮއްފައި، ޓީވީއެމް އެހުރި ބިމާ ހަވާލުވާން ގާތްވެއްޖެކަމަށް" މިދާދިފަހަކުން ބޮޑު ނޫހެއްގައި ލިޔެފައިވެއެވެ.
Posted on 2010-02-19 14:17:14 |
Report this Comment
Posted on 2010-02-19 14:26:18 |
Report this Comment
Posted on 2010-02-19 18:43:51 |
Report this Comment
Posted on 2010-02-19 23:29:38 |
Report this Comment
Posted on 2010-02-19 23:32:06 |
Report this Comment
Posted on 2010-02-20 14:08:32 |
Report this Comment
Posted on 2010-02-23 08:38:22 |
Report this Comment